ލިބޭ ޑޮލަރު ފަހާ ނުދުވެ، އައު ޑޮލަރު ހޯދަންވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ސަރަހައްދުގައި ޓޫރިސްޓުންތަކެއް މަޑުކޮށްލައިގެން: ދައުލަތަށް ޑޮލަރުން ލިބޭ އާމްދަނީ ސީދާ ގުޅެނީ ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތެރިކަމާ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ސަރަހައްދުގައި ޓޫރިސްޓުންތަކެއް މަޑުކޮށްލައިގެން: ދައުލަތަށް ޑޮލަރުން ލިބޭ އާމްދަނީ ސީދާ ގުޅެނީ ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތެރިކަމާ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރާއްޖޭގައި ޑޮލަރުގެ ބޮޑު ދަތިކަމެއް އޮތްކަމާމެދު ޝައްކެއްނެތެވެ. ސަރުކާރުގެ ސިޔާސަތުން މުޅިންވެސް ފެންނަނީ މިހާރު އިގުތިސާދުގައި ދައުރުވަމުންދާ ޑޮލަރު ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމަށް ބައްޓަންކުރާތަނެވެ. ނަމަވެސް ގައުމުގެ އިގްތިސާދުގެ އެއް ދާއިރާއިން އަނެއް ދާއިރާއަށް ޑޮލަރު ބަދަލުކުރުމަކުން، ގައުމަށް ވަންނަ ބޭރު ފައިސާ އިތުރެއްނުވާނެ އެވެ.

މިވަގުތު އަމާޒަކަށްވާންވާނީ ރާއްޖެއަށް ވަންނަ އާ ޑޮލަރު އިތުރުކުރުމެވެ. މިކަމަށް އޮތް އެންމެ އަވަސް ރާސްތާއަކީ ފަތުރުވެރިކަމެވެ. ރާއްޖޭގައި މިކަން ކުރުމުގެ ގާބިލުކަން އެބަހުއްޓެވެ. މިވަގުތު ބެޑް ޝޯޓޭޖެއް ފަތުރުވެރިކަމުގެ ދާއިރާއަކު ނެތެވެ. ބޭނުންނުކުރާ ބެޑް ކެޕޭސިޓީ ފަތުރުވެރިކަމުގެ ދާއިރާއިން ސާފުކޮށް ފެނެ އެވެ. މިދިޔަ އަހަރުގެ އެވަރެޖް ޓޫރިޒަމް އޮކިއުޕަންސީއަކީ 58 ޕަސެންޓެވެ. ފަތުރުވެރިކަމުގެ ހައި ސީޒަނުގައިވެސް، ފުރަތަމަ ތިން މަހު އެވަރެޖް އޮކިއުޕަންސީ ހުރީ 72 ޕަސެންޓުގައެވެ. ފަތުރުވެރިކަން ދަށް ދުވަސްވަރު 40 ޕަސެންޓަށް ވެސް މިއެވަރެޖް ވެއްޓެ އެވެ.

އެހެން ނަމަވެސް ރިސޯޓްތަކާއި ގެސްޓްހައުސްތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ކަންމިހެން ހުރުމުން، ކުރަންވީ ކަންތައްތައް ވަރަށް ސާފެވެ. އަދިވެސް ކެޕޭސިޓީ އިތުރުކުރުމަށް އަތުގައި ހުރި މަދު ޑޮލަރުކޮޅު ހަރަދުކުރުމަށްވުރެ، ބަލަންވީ އަތުގައި ނުވިކި ހުންނަ އެނދުތައް ވިއްކާ އާމްދަނީ އިތުރުކުރެވޭތޯ އެވެ. ވިއްކޭ ނުވަތަ އޮކިއުޕައި ކުރެވޭ ކޮންމެ އިތުރު ކޮޓަރިއަކުން، އެވަންނަނީ ޑޮލަރެވެ. މި އާ ޑޮލަރު ހޯދުމަށް އިތުރު ކޮޓަރިއެއް އަޅާކަށް ނުޖެހެ އެވެ.

ރާއްޖެއަށް 2025 ގައި 2.25 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވާއިރު، ފަތުރުވެރިކަމުން 5.57 ބިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. އެއީ ބޮލަކަށް ގާތްގަނޑަކަށް 2,480 ޑޮލަރެވެ. ނުވަތަ 7 ދުވަހުގެ ދަތުރަކަށް، ދުވާލަކަށް ބޮލަކަށް 350 ޑޮލަރެވެ. ދުވާލަކަށް ބޮލަކަށް ލިބޭ އަދަދަކީ 450 ޑޮލަރު ކަމުގައި ގައުމީ ޓާގެޓެއް ކަނޑައަޅަންވީ ނޫންތޯ އެވެ؟ މިހާރު ފަތުރުވެރިން އަންނަ އަދަދާއި ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދަށް ބަލައިފިނަމަ، ފަތުރުވެރިކަމުގެ އާމްދަނީ މިކަމުން އެކަނިވެސް 7 ބިލިއަން ޑޮލަރަށް އިތުރުވާނެ އެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ، ހަމައެކަނި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ލަނޑުދަނޑިއަކަށް ހެދުމުގެ މާބޮޑު ފައިދާއެއް ނުފެންނާނެ އެވެ.

ރާއްޖޭގެ ލަނޑުދަނޑިއަކަށް ވާންވީ، އޮކިއުޕަންސީ އިތުރުކޮށް، ފަތުރުވެރިން ރާއްޖޭގައި މަޑުކުރާ ދުވަސް އިތުރުކޮށް، ކޮންމެ ފަތުރުވެރިއެއްގެ ފަރާތުން ވަންނަ ބޭރު ފައިސާ އިތުރުކުރުމެވެ. މާލެއާ ގުޅިފައިވާ ބައިނަލްއަގުވާމީ ވައިގެ ބަނދަރުން ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނައިރު، މާލެއަށް އެއްވެސް ޑޮލަރެއް އެފަތުރުވެރިންގެ އަތުން ނުވަދެ އެތައް ފަތުރުވެރިންނެއް އެއާޕޯޓުން ރިސޯޓަށް ގޮސް އެނބުރި އެއާޕޯޓަށް އާދެ އެވެ. މާލެއަށް އިތުރު އާ ފަތުރުވެރިންތަކެއް ހޯދާކަށް ނުޖެހެއެވެ. މާލެއަކީވެސް ފަތުރުވެރިން އައިސް މަޑުކޮށްލާ ހިތްވާ ތަނަކަށް ހެދުމުން ވަރަށް ބޮޑު ބަދަލެއް ފެނިގެންދާނެ އެވެ. މާލޭގައި ހިތްހަމަޖެހިލައިގެން ތިން ގަޑިއިރު، ފަސް ގަޑިއިރު މަޑުކޮށްލެވޭ ގޮތަށް ފަސޭހަ އެއާޕޯޓް ޓްރާންސްފަތަކާއި، ލަގެޖް ހެންޑްލިންއާއި މިފަދަ ހިދުމަތްތައް ތަރައްގީ ކުރެވެންޖެހެ އެވެ. އަދި ފަތުރުވެރިންނަށް އެއްތާކުން ހިދުމަތް ލިބޭނެ ރެސްޓޯރަންޓްތަކާއި، ވިޔަފާރިކުރެވޭނެ ގޮތްތަކާއި، މާކެޓްތަކާއި، ތާރީހީ އަދި ސަގާފީ ތަޖުރިބާތައް ކުރެވޭނެ ތަންތަން ގާއިމްކުރެވެންޖެހެ އެވެ. އޭރުން މާލެއަކީ ވެސް ފަތުރުވެރިން ރާއްޖެއިން ފުރައިގެންދިއުމުގެ ކުރިން ބަލައިލަން ނުވަތަ މަޑުކޮށްލަން މަގުބޫލު މަންޒިލަކަށްވާނެ އެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 10 ޕަސެންޓު ފަތުރުވެރިން އިތުރު 100 ޑޮލަރު ހަރަދުކުރާ ކަމުގައި ވަނީނަމަވެސް އިގްތިސާދަށް އިތުރު 22 މިލިއަން ޑޮލަރު ވަންނާނެ އެވެ.

މި މޮޑެލް ރިސޯޓްތަކާ ކައިރީގައި ހުރި މީހުން ދިރިއުޅޭ ރަށްރަށަށްވެސް ފުޅާކުރެވިދާނެ އެވެ. ފަތުރުވެރިން މާލެ އާއި އެހެން ރަށްރަށުގައި މިގޮތަށް ހަރަދުކުރާ ފައިސާ ލިބޭނީ ސީދާ ރެސްޓޯރަންޓާއި، ފިހާރައާއި، ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށެވެ. އަދި ޓުއާ ގައިޑުންނާއި އެކި ކުދި ވިޔަފާރިތަކަށެވެ. ފަތުރުވެރިކަމުގެ ލޯ ސީޒަންގައި އަގުތައް ކުޑަކުރެވިދާނެ އެވެ. އޮކިއުޕަންސީ 40 ޕަސެންޓާ ހަމައަށް ވެއްޓެންދާއިރު، ހުސް ކޮޓަރިއަކުން އެއްވެސް އާމްދަނީއެއް ނުލިބޭނެ އެވެ. ފަތުރުވެރިކަން އެންމެ ދަށް މަސްތަކުގައި، އެ ދާއިރާގެ ބައެއް ޓެކްސްތަކާއި އެއާޕޯޓް ޗާޖްތައް ކުޑަކުރެވިދާނެ އެވެ. އަދި ލޯ ސީޒަނަށް ހާއްސަ ޕެކެޖްތައް ވިއްކުމަށް އެކި އެއާލައިންތަކާއެކު މަސައްކަތްކުރެވިދާނެ އެވެ.

މިގޮތަށް އަގު ކުޑަކުރުމުގެ މަގުސަދަކަށް ވާންވާނީ ބުކިންތައް އިތުރުކުރުމާއި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަސްތައް އިތުރުކުރުމެވެ. ޓެކްސްގެ ގޮތުން ނެގޭ ފަންސާހެއްހާ ޑޮލަރު ސަރުކާރަށް މަދުކޮށްގެން ރާއްޖޭގެ އިގުތިސާދަށް 500 ނުވަތަ 1000 ޑޮލަރު އިތުރުކުރެވޭނަމަ އެއީ ލިބޭ ގެއްލުމެއްނޫނެވެ. ވިސްނުމުގައި ބަހައްޓަންވީ ކޮންމެ ފަތުރުވެރިއެއްގެ ކިބައިން ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރުމަކަށް ނޫނެވެ. ވިސްނަންވީ މުޅި ގައުމަށް ލިބޭ ބޭރު ފައިސާ އިތުރު ކުރެވޭނީ ކިހިނެއްތޯއެވެ.

ބޭރު ފައިސާގެ ދަތިކަމެއް ކުރިމަތިވަމުން އަންނައިރު ދައުލަތުގެ ކޮންމެ ބޮޑު އިންވެސްޓްމަންޓަކާމެދު ބޭރު ފައިސާއަށް ވާނެގޮތާމެދު ސުވާލުތައް ކުރަންވާނެއެވެ. މިކަމަށް ބޭނުންވަނީ ކިހާ ބޭރު ފައިސާއެއްތޯ؟ މިއިންވެސްޓްމަންޓުން ލިބޭނީ ކިހާ ބޭރު ފައިސާއެއްތޯ؟ އަދި މިފައިސާ ލިބޭނީ ކިހާ މުއްދަތެއްގެ ތެރޭގައިތޯ؟

މީގެ މާނައަކީ ތަރައްގީގެ މަޝްރޫއުތައް ނުހިންގުމެއްނޫނެވެ. ނަމަވެސް ބޮޑެތި މަޝްރޫއުތަކަށް ކުރަންޖެހޭ އިމްޕޯޓްތައް ގިނަވުމާއި، ބޭރުގެ ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކަންޖެހުމާއި، ލޯނުނެގުން ފަދަ ކަންކަމުން މިއަދު ބޭރު ފައިސާ ގައުމުން ބޭރުވާހިނދު، އެމަޝްރޫއުތަކުގެ މަންފާ ލިބޭނީ އަހަރުތަކެއް ފާއިތުވާ ފަހުންނެވެ. މިއަދުވެސް ހުސްކޮށް ހުރި ކޮޓަރިއެއް އޮކިއުޕައިކުރުމަށް މަސައްކަތްކުރުމަކީ މިހާރުން މިހާރަށްވެސް ފެށޭނެ، އަދި ވަގުތުން ޑޮލަރު ވަންނާނެކަމެކެވެ. ބޭރު ފައިސާގެ ދަތިކަން ކުރިމަތިވާހިނދު އިންވެސްޓްމަންޓްތައް ފަރުމާ ކުރެވެންވާނީ ބޭރު ފައިސާ ނުގެއްލި، ބޭރު ފައިސާ އިތުރުކުރެވޭނެ ގޮތްގޮތް ބަލައިގެންނެވެ. މިއީ ގައުމުގައި ހުރި މަދު ޑޮލަރުކޮޅު ފަހާ ސަރުކާރުން ދުވަންވީ ވަގުތެއް ނޫނެވެ. އިގްތިސާދުގައި ދައުރުވަމުންދާ ގިނަ އަދަދެއްގެ ބޭރު ފައިސާ ކުރު މުއްދަތެއްގެ ތެރޭގައި ބޭންކުތަކަށް ވައްދަން މަސައްކަތްކުރުމަކީވެސް ނުރައްކާތެރިކަމެކެވެ.

އިގުތިސާދުގައި ހުރި ބޭރު ފައިސާއަކީ ބޭނުންނުކޮށް ހުންނަ ފައިސާއެއްނޫނެވެ. އެއީ ވިޔަފާރިތަކުން މުދާ އެތެރެކުރުމަށާއި، ސަޕްލަޔަރުންނަށް ފައިސާ ދެއްކުމަށާއި އެހެނިހެން އިގުތިސާދީ ހަރަކާތްތަކަށް ހަރަދުކުރެވެމުންދާ ބޭރު ފައިސާއެވެ. ފަތުރުވެރިކަމަކީވެސް އިމްޕޯޓަށް ނުހަނު ބަރޯސާވާ ދާއިރާއެކެވެ. މިފަދައިން އެކި ތަފާތު ދާއިރާތައް ހިންގުމަށްވެސް ބޭރު ފައިސާ ބޭނުންވެއެވެ. ބޭންކުތަކުން ޑިމާންޑާ އެއްވަރަށް ބޭރު ފައިސާ ފޯރުކޮށްނުދެވޭނިސް މިވަގުތު ގައުމުގައި ހުރި ބޭރު ފައިސާ ހިފަހައްޓައިފިނަމަ، ވިޔަފާރިތަކަށް އިންތިހާއަށް ދަތިތަކާ ކުރިމަތިވާނެ އެވެ.

ތަކެތީގެ އަގު އުފުލި، އެކި ބާވަތުގެ މުދާ ލިބުން ދަތިވެ، ވިޔަފާރިތަކާއި އަދި އެކި މުދަލާއި ހިދުމަތްތައް ބޭނުންކުރާ އާންމު ރައްޔިތުންނަށް މިކަމުގެ ސަބަބުން ތަކުލީފު އުފުލަން ޖެހޭނެ އެވެ. ސަރުކާރުގެ ސިޔާސަތަކީ ބޭރު ފައިސާ ބޭންކުތަކަށް ވެއްދުންކަމުގައި ވަނީނަމަ، އެ ކުރެވޭ މައިގަނޑު ކަމަކީ ބޭރު ފައިސާގެ ދަތިކަން އެއްދާއިރާއަކުން އަނެއް ދާއިރާއަށް ބަދަލުކުރުމެވެ. މިއިން ބޭރު ފައިސާ ދަތިވުމުގެ މައްސަލައަށް ހައްލެއްނުވެ އެވެ.

ސަރުކާރުން ކުރަންވީ ކަމަކީ ބޭރު ފައިސާ ވަންނާނެ ގޮތްތައް ފަހިކޮށްދިނުމެވެ. ޑޮލަރު ތިޔާގިވާނެ ސިޔާސަތުތައް ކަނޑައަޅައި އެކަންކަމަށް އިސްކަން ދިނުމެވެ. އެއީވެސް ތަރައްގީގެ މަޝްރޫއެކެވެ. ތަރައްގީއަކީ ހަމައެކަނި ކޮންކްރީޓް ނޫންކަން އަޅުގަނޑުމެން އަބަދުވެސް މިއަންނަނީ ކިޔަމުންނެވެ. މިއީ ދެމެހެއްޓެނިވި ގޮތަކަށް އިގްތިސާދީ ތަރައްގީގެ ވިސްނުންތައް ކުރިއަށްނެރެ، ބޭރު ފައިސާ ހޯދޭނެ އިތުރު ގޮތްތައް ހޯދަންވީ ވަގުތެވެ. ރާއްޖެއަށް މިލިއަނުން ފަތުރުވެރިން އައިސް ބިލިއަނުން ހަރަދުކުރަނީއެވެ. މާލެއަށް އަދި ރިސޯޓުތައް ކައިރީގައި ހުރި މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ގޮސް ބޭރު ފައިސާ ހަރަދުކުރާނެ ގޮތްތައް ހޯދުމަކީ މިހާރުވެސް ކުރަން ފެށޭނެ މަސައްކަތެކެވެ.

ފަތުރުވެރިން އައިސް ކުރާ ހަރަދު އިތުރުވާނެ ގޮތާއި، ހޭދަކުރާ ދުވަސް އިތުރުވާނެ ގޮތް ހޯދައި، މިހާރު ހުރި ޓުއަރިޒަމް އިންފްރާސްޓްރަކްޗަރގެ ބޭނުން އެންމެ ފުރިހަމައަށް ހިފަން އެބަޖެހެއެވެ. ރާއްޖޭގައި ހުރި ޑޮލަރު އެކި ގޮތްގޮތަށް ހިފެހެއްޓުމަކުން، ބޭރު ފައިސާ އިތުރެއްނުވެ އެވެ. މިކަމުން ކުރިމަތިވަނީ އިތުރު ދަތިތަކެކެވެ. ސަރުކާރަށް އެޅޭނެ އެންމެ ހަރުދަނާ ފިޔަވަޅަކީ މިވަގުތު ބޭރު ފައިސާ އިތުރަށް ވަންނާނެ ގޮތްތައް ހޯދައި އެކަންކަން ތަންފީޒުކުރުމެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

މާލެއިން ވޮޝިންޓަނަށް؛ 'ވިޔާނުދާ' ނޫސްވެރިންގެ އަސަރާއި ނަތީޖާ

އެމެރިކާގެ ރައީސް ޓްރަމްޕް ވަކި ނޫސްވެރިންތަކެއް ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން، އެކަށީގެންވާ އިޖުރާއާތެއް ނެތި އެފަދަ ނިންމުންތައް ނުނިންމޭނެ ކަމަށް އެ ގައުމުގެ ކޯޓުން ވަނީ ކަނޑައަޅާފައެވެ. ހަމައެފަދައިން، ރާއްޖޭގެ ރައީސް އޮފީހުން ވެސް "އަދަދު" ނޫހުގެ ނޫސްވެރިން ބައްދަލުވުންތަކަށް ވަނުން މަނާކޮށްފައިވަނީ، ރައީސް މުއިއްޒާ ކުރިމަތިކުރި އުނދަގޫ ސުވާލަކާ ގުޅިގެން އެއްވެސް ލިޔުމެއް ނުވަތަ ޖަވާބެއް ދިނުމަކާ ނުލައެވެ.

Newsletter

Get the latest news delivered straight to your inbox