މި ހަފުތާއެއް ފެށުނީއްސުރެ، ސިކުނޑީގައި އެކި ކަންކަމަށް ހުޅުވިފައިހުރި ސަފުހާތަކުން އެއް ސަފުހާ ހާއްސަވެފައި އޮތީ ދިވެހި އަދީބުންނަށެވެ. ކުރިން ކިޔައި ހިތުދަސްވެފައި ހުރި ޅެންތައް ހިތުން ކިޔޭތޯ މަސައްކަތްކޮށްލައި، އައު ޅެންތަކެއް ބަލާލައި، ބައިތެއްގެ ފިލިކޯޅިއާއި ކާފިޔާ އެއްގޮތްކޮށްލާފައި އޮތްގޮތަށް ވިސްނައި، އެ ޅެމެއް ހެދި އަދީބަކަށް ހިތާހިތުން ތައުރީފުކުރުމުގައި އުޅެނިކޮށް ހަފުތާގެ ހަތް އިރު އޮއްސިގެން ދިޔައީ އެވެ. މި ހިރުވުމެއް ފިލާނީ ރަނގަޅަށް ކަހާލީމަ އެވެ. މިއަދު މިއުޅެނީ އެކަމާ އެވެ.
ފަރެސް އާމިރަކީ ރާއްޖޭގެ ޒަމާނީ އަދީބުންގެ ތެރެއިން އަޅުގަނޑަށް ފެނުނު މޮޅު އަދީބެކެވެ. ކޮންމެ ދުވަހަކު ހެނދުނު އޭނާގެ ޅެމެއް ފޭސްބުކުން ނުފެނުމަކީ އޭނާގެ ޅެންތައް މޮޅުވާ އެއް ސަބަބޭ ހިތަމެވެ. ވަރަށް ގިނަ ޅެން ހެދުމުގެ ބަދަލުގައި ހަދާ މަދު ޅެމުގެ ފޭރާން މޮޅު ކުރުމަށް ހުވައެއް ކޮށްފައި އޮތީ ނޫންބާވައޭ ހިތަށް އަރަ އެވެ.
'ފުންސަ' އެއް 'ދުންއަމު' އެއްގައި ސެހެރީ ދިގު ނުކޮށް ފަށައިގަންނާނަމެވެ. މި ޅެމުގައި ޅެންވެރިޔާގެ ބަނޑުގައި އޮތް މާނައަކީ ކޮބައިކަން އަޅުގަނޑަކަށް ނޭނގޭނެ އެވެ. އަޅުގަނޑަށް ކުރެވޭނެ މިންވަރަކީ ޅެމުގެ ބޭރު ފުށަށް ބެލީމާ ފެންނާން އޮތް ފުން މާނަ ދެނެގަތުމަށް މަސައްކަތް ކުރުމެވެ. އަޅުގަނޑު ހިތުން، ޅެންވެރިޔަކު ޅެމެއް ހަދައި ދޫކޮށްލުމަށްފަހު އެ ޅެމަކީ ޅެންވެރިޔާގެ އެއްޗަކަށް ނުވާނެ އެވެ. އެހައިރުން އެވީ މާނަކުރާ މީހާގެ އެއްޗަކަށެވެ. އަޅުގަނޑުގެ އެއްޗަކަށެވެ.
ހުސްވަތެއް ދުޅައަށް ގުނުން މަކަރަށް ވެދާށި!
ފުސްކަމާ ހުސްކަން ހަޔާތަށް ވެރިވެދާށި!
މުސްތަވާ ނަޒަރުން ދަށަށް ގޮސް ތިރިވެދާށެ!
އުސްމަގާމާ ހުރުމަތަށް ލާއިގު ނުވާށި!
ރުސްތުމަށް ހެދުނަސް ޝަރުތު ހަމައެއް ނުވާށި!
ދުނިޔެ ދައުރު ކުރަނީ ތޮށަލިދުޅައަށޭ ބުނާ އަޑު އަހަމެއް ނޫން ހެއްޔެވެ. އެ މިސާލު ބަސް އުފެދިފައި އެއޮތީ ވިޔުމުގެ ފަންނީ މަސައްކަތާ ގުޅުވައިގެންނެވެ. ވިޔުމުގައި ދުޅައަކަށް ވަނީ ފަންވަތުގެ މަތީންނާއި ތިރިން ގޮސްފައި ހުންނަ ހުރުމަށެވެ. އެއްވަތް މަތިން ގޮސް އަނެއް ވަތުގެ ތިރިއަށް ވައްދައި މައްޗަށް ނެގުމުން އެ ހަމަވީ ދުޅައެކެވެ. މިހެން އޮންނަ ކަމެއްގައި، ވިދިވިދިގެން ދެވަތް މަތިން ނުވަތަ ދެ ވަތް ތިރިން ދުއްވާލައިފިނަމަ އެ ދިޔަ ހުސް ވަތާހެދި އެއީ ދުޅައަކަށް ނުވާނެ އެވެ. ޅެންވެރިޔާ އެ ވިދާޅުވަނީ ދޫކޮށްލި ހުސްވަތް އެއީ ދުޅައެއް ކަމަށް ގުނުމަކީ ހެދޭ މަކަރެއް ކަމަށެވެ. ވިޔުމުގެ ހަމައިގެ މިސާލު އެތަނުގައި ގެނެސްފައި އެއޮތީ ފަދަ ކުރުމަށެވެ. އެ ދައްކަނީ ވިޔުމުގެ އަހުލާގުގެ ވާހަކަ ނޫންކަން އެނގެނީ އެ ބައިތުގެ ދެންހުރި ބައިތަކުންނެވެ. އެއީ ނެތްމޮޅެއް ހުރިކަމަށް ދައްކައިގެން އުޅުމުގެ ވާހަކަ އެވެ. އެފަދަ މީހެއްގެ ހަޔާތަށް އެކަމުގެ ސަބަބުން ވެރިވާނީ އުނި ކަމެވެ. އެއީ މީހުންގެ ނަޒަރުގައި ތިމާގެ އަގުވެއްޓޭނޭ ކަމެކެވެ. ތިމާގައިގައި ނެތް ގާބިލުކަމެއް ހުރިކަމަށް ދައްކައިގެން އުޅުނަސް އެމީހަކީ ބޮޑެތި މަގާމުތަކަށް ކުފޫ ހަމަވާ މީހަކަށް ނުވާނެ އެވެ. ތިމާއަކީ ރުސްތުމަށް ހެދިގެން އުޅުނަސް އެއީ އެ ހަވާލުވެގެން އުޅޭ މަގާމަށް ޝަރުތު ހަމަވާ މީހަކަށް ނުވާނެ އެވެ. މިއީ، މިއަދުގެ ހާލަތުގައި ހާދަހާ ގިނަ ބަޔަކަށް ރައްދުކުރެވޭނޭ ބައިތެކޭ ހިތަށް އަރަ އެވެ.
ރުސްތުމަކީ 10 ވަނަ ގަރުނުގެ މަޝްހޫރު ޅެންވެރިޔާ، ފިރުދޯސީގެ ޝާހުނާމާގައި ގެނެސްދީފައިވާ ޝަހުސިއްޔަތެކެވެ. އެ ވާހަކައިގައި އެއީ ޒާލްޒަރުގެ ދަރި އެވެ. އޭނާއަކީ އެ ދުވަސްވަރުގެ ބޮޑެތި ހަނގުރާމަތައް ކާމިޔާބުކުރި ވަރުގަދަ ކޮމާންޑަރެކެވެ.
އިހުތިރާމެއް ރައްދުވާ އިންސާނަކަށް
އިހު ތިމާމެން ކުރިކަމެއްގެ އިނާމަކަށް
އިހުތިފާލެއްގައި އަދާކުޅަ ޝުކުރަކަށް
ރިހުމަކަށް ތިޔަވީ ކިޔެއްވެތަ މިތުރަކަށް
ސިހުރަކާ މިކަމެއް ހިލާ މައްޗެއް ނުވާށި!
ކޮންމެ ދާއިރާއެއްގައި ނަން ހިނގި ކަމުގައި ވީ ނަމަވެސް، އެކި މީހުން ވިދާނީ އެކި ވަރަށެވެ. އެއް ދާއިރާއަކުން މަސައްކަތްކުރާ މީހުންގެ ތެރޭގައި ވެސް ތިބޭނީ އެކި ފަންތީގެ މީހުންނެވެ. އޭނާއަކީ ލިޔުންތެރިޔެކޭ ބުނުމާއި، އޭނާއަކީ 'ވެސް' ލިޔުންތެރިއެކޭ ބުނުމަކީ ތަފާތު ދެ ކަމެކެވެ. ނުސީދާ އިޝާރާތަކުން އެ ބުނެދެވުނީ، ބުނާ މީހާގެ ނަޒަރުގައި ދެ މީހެއްގެ ފަންނީ ދަރަޖަ އެވެ.
ވަކި ދާއިރާއަކުން ފާހަގަކުރެވޭ މީހުންގެ ތެރެއިން ވަކި މީހެއްގެ ކާމިޔާބީ ފާހަގަކުރުމަށް ހާއްސަ އިހުތިފާލެއް ބާއްވައި، ބަޔަކު އޭނާއަށް ޝުކުރެއް ރައްދުކޮށް، އިނާމެއް ދިނުމަކީ އާދަޔާ ހިލާފު ކަމަކަށް ވެގެން ނުވާނެ އެވެ. އެއީ ވަރަށް ވެސް އާދައިގެ ކަމެއް ކަމަށް ހިތަށް ފެންނާން ވާނެ އެވެ. އެހެން މީހަކަށް ޝުކުރު އަދާކޮށް، އިނާމު ރައްދުކުރެވޭތަން ފެނުމަކީ ތިބާގެ ހިތަށް ހިތަށް ލިބޭ ތިޔަހައި ބޮޑު ރިހުމަކަށް ވާންވީ ކީއްވެގެން ހެއްޔެވެ؟ އެކަން އެހެން ހިނގައި ދިއުމަކީ، އޭގެ ފަހަތުގައި ފޮރުވިފައިވާ ސިއްރެއް ނުވަތަ ހީލަތެއް އޮތް ކަމެއްގެ ގޮތުގައި ދެކި، އެއީ ސިހުރެއް (މަކަރެއް) ކަމަށް ވަކާލާތު ނުކުރާށެވެ. އެކަމުން ވެއްޓޭނީ ތިބާގެ އަގެވެ.
ތިޔަކުރާ ކަމަކާ މަވެއްޖޭ އަންތަރީސް
ތިޔަހުރީ ހެވި ދަތް އެނގޭހެން ބައްތިރީސް
ވިޔަވެފައި އަދަބެއް އެއަށް އޮތް ނަވަތިރީސް
ކިޔަކިޔައި ހަމަވެއްޖެ އަދަދުން ސަތުތިރީސް
ތިޔަ ހިޔާލެއް ހަމަހިލާ ކުރިއަށް ނުދާށި!
ބައްތިރީސް ދަތް އެއްކޮށް ފެންނާނޭހެން ހިނިއައިސްފައި ހުރެގެން ތިޔަ ކުރާ ކަމަކާ ނުވަތަ ކުރާން އުޅޭ ކަމަކާމެދު އަހުރެން ހަމަ އަޖައިބުވެ އަންތަރީސްވެއްޖެ އެވެ. އިންސާނުން ކުރާންވާނޭ ކަންކަމާއި، ކޮށްގެން ނުވާނޭ ކަންކަން ހުންނާނެ އެވެ. ކަމަކާ ކިތަންމެ ހިތްހަމަ ނުޖެހުނަސް، ދައްކާފައި ނުދައްކާނޭ ވާހަކަ ވެސް ހުންނާންވާނެ އެވެ. އެކަމަކު މިހާރު ތިޔަ ދަނީ އެ ހައްދުތަކުގެ އިންތައް ފަހަނައަޅަ އެވެ.
ކުރާން ތިޔަ އުޅޭކަމެއް ކުރެވޭނީ އެކަމަށް ބޭނުންވާ އަދަދު ހަމަކޮށްގެންނެވެ. އެކަން ކުރުމަށް 'ވިޔަވެފައި' ނުވަތަ އެނގި ބަޔާންވެފައި އޮތް އަދަދަކީ ނަވަތިރީހެވެ. އެހެންނަމަވެސް، އެކި މީހުން ކައިރީ ކިޔަކިޔައިގެން ވެސް މިހާތަނަށް ތިޔަ ހަމަވީ ސަތުތިރީހެވެ. އަދިވެސް އަދަދު ހަމަކުރަން ދޭއް އެބަ މަދުވެ އެވެ. އެ އަދަދު ހަމަނުކުރެވިގެން ތިޔަ އުޅެނީ، ތިޔަ ހިޔާލަކީ ހަމަ ހިލާ ކުރިއަށް ދާނޭ ހިޔާލަކަށް ނުވާތީ އެވެ.
ބަދަލަކަށް ދިން ރޫހު ގަދަ ތަރުހީބަކުން
ބަދަލުވީހިނދު ވައިޖެހުނު މިސްރާބަކުން
ގަދަވިމީހާ ގަދަވެގެން ދިޔަ ގަދަކަމުން
މަދަދަކަށް އުއްމީދު ނުވެ ދިޔަ ހިތިކަމުން
އަދަބަކަށް ނޫނީ ހިލާ އެކަމެއް ނުވާށި!
އެއްވެސް ކަމެއް ތާ އަދަބު އެއްގޮތެއްގައި ދެމި ނުއޮތުމަކީ، ހެވަސް ނުބަޔަސް، ރުހުނަސް ނުރުހުނަސް، ދުނިޔޭގެ އެންމެ އަސާސީ ގާނޫނެވެ. ބަދަލަކަށް އެދިގެން ވެސް ބަދަލު ނުކުރެވޭނޭ ގާނޫނެކެވެ. އިންސާނާގެ ތަބީއަތަކީ، ވެފައި އޮތްގޮތަށް ވުރެ ހެޔޮ ގޮތެއް ހޯދުމަށް އުއްދީމު ކުރުމެވެ. ބަދަލު ގެނައުމެވެ. އެކަމަށް އަޅުގަނޑުމެން އިހުލާސްތެރި ހިތަކުން އެދޭ މިންވަރުގެ ސަބަބުން، އެކަން ހޯދައިގަތުމަށް ދެވެނީ ވެސް މާ ބޮޑު ތަރުހީބެކެވެ. ކެނޑިނޭޅި ކުރާ މަސައްކަތުން އެ ބަދަލު ހޯދައިގަނެ، އިހަށް އިރުން ޖެހެމުން އައި ވައި، ހުޅަނގަށް ބަދަލުވެ، ވައިޖެހޭ މިސްރާބު ބަދަލުވާ ހިނދުކޮޅު އަންނާނެ އެވެ. އެ ހިނދުކޮޅުގައި ކާމިޔާބު ހޯދައި، ބަދަލުގެ ރަމުޒެއް ކަމުގައިވީ މީހާ ވަރުގަދަވެގެންދާ މިންވަރު ދެކޭށެވެ. އެ ބަދަލުގެ އޮއިވަރަކީ ކޮންމެ ފަހަރަކު އުފާވެރި ކަމަކަށް ވެސް ނުވެ އެވެ. ގެނައި ބަދަލުގެ ތެރޭގައި، އެ ބަދަލުގެ ސަބަބުން، އެ ބަދަލު ގެންނާން މަސައްކަތް ކުރި މީހުންނަށް މަދަދު ލިބޭނޭ ކަމަށް ކުރި އުއްމީދު ވިއްސިވިހާލިވެގެން ދިޔަ ތަން ފެނިފައި ހުރީ މަދެއްކޮށެއް ނޫނެވެ. އެ ހާލަތުގައި އެ ގެނެވުނު ބަދަލަކީ އަމިއްލަޔަށް ލިބިގަތް އަދަބަކަށް މެނުވީ ނުވާނެ އެވެ.
ވިސްނުމަށް ބަދަލެއް ގެނެސްފިއްޔާ މޮޅޭ
ވިސްނި ތިޔަ ގޮތަކީ ގޮތެއް ނޫން ހަމައެޅޭ
އިސްވެ ދިޔަ ތަނަކީ ތަނެއް ނޫން ފައިއެޅޭ
ވިސްނަމުން ދާންވީ ބަހާރަށް މާފޮޅޭ
އިސް އޮބައިފިއްޔާ ދެނެއް ފުރުސަތު ނުވާށި!
ތިޔަ ކުރާ ވަކާލާތު އަހުރެން ވެސް އެބަ އަޑުއަހަމެވެ. ކަމެއްގައި ވަކި އީމާނެއްގައި މިހުރީ، އެ މައުލޫގައި މައުލޫމާތާއި ހުއްޖަތު ހޯދައި، ހެކިތަކުން ހިތްހަމަޖެހިގެންނެވެ. މި ވިސްނުމަށް ބަދަލެއް ގެނައުމަކީ، ތިޔަ ބަލިކަށި ދަލީލުތަކުން ކުރެވޭނޭ ކަމެއް ނޫނެވެ. މި ކަމުގައި ތިޔަ ވިސްނާ ގޮތަކީ، އެކަމުގެ މައްޗަށް ހުއްޖަތުތަކެއް ހުރި ވިސްނުމެއް ނޫނެވެ. ދުލުގައި ކަށި ފަޅާފައި ނުހުންނާތީ ތެޅުވުނު ގޮތަކަށް ތަޅުވަނީ އެވެ. ހިތުގެ ސިކުނޑިން ވިސްނާ މީހެއްގެ ހިތުގެ ލޮލަށް މި މައްސަލަ ސާފުކޮށް ފެންނާނެ އެވެ. އިހުގައި އެވެނިކަމެއް މިވެނިހެން ހިނގާފައި އޮތޭ ބުނެ ޒުވާބު ދިނަސް، އިސްވެ ދިޔަ ތަނަކީ ދެން އަތުވާނޭ ތަނެއް ނޫނެވެ. އަޅުގަނޑުމެންނަށް އޮތީ މާޒީން އިބުރަތް ހޯދައިގެން ކުރިއަށް ދިއުމެވެ. ވިސްނުން ބަހައްޓަންވީ ދެމެހެއްޓެނިވި އުފާވެރިކަން ހޯދުމާ ދިމާލަށް ދަތުރު ކުރުމަށެވެ. މިކަމުގައި އަޅުގަނޑުމެން ފަސްޖެހެފިނަމަ މިއީ އަލުން ލިބޭނޭ ފުރުސަތެއް ނޫނެވެ.
ހަނދުވަރީ ހަނދުގައި ނުވާ ނަލަ އަލިކަމެއް
ހަނދު އިރުން ހޯދައި ބިމަށް ދޭ ނަލަކަމެއް
މަދުވަނީތަ މިއިން އިރަށް ހަމަ އެއްކަމެއް؟
ތަދުވަނީ ހިތަށް؟ ތިއީ ދެން ކޮންކަމެއް؟
ލަދު ކަމެއް ކަމުގައި ހަނދަށް މިކަމެއް ނުވާށި!
ހަނދަކީ އޭގެ ޒާތުން އަލިކަމެއް ލެއްވި މަހުލޫގެއް ނޫނެވެ. ހަނދުވަރަކީ ހަނދުގެ އަމިއްލަ އަލިކަމެއް ވެސް ނޫނެވެ. ބުރުހަމަ ހަނދުން އެ ފެންނަ އަލިކަން، ހަނދު ހޯދަނީ އިރުންނެވެ. އެއަށްފަހު ހަނދުން އެ އަލިކަން ފަތުރައިދެނީ މުޅި ދުނިޔޭގެ ބިމަށެވެ. ހަނދަކީ އަލީގެ އަސްލެއް ނޫނެވެ. އެއީ ހަމައެކަނި އަލި ފޯރުކޮށްދޭ ވަސީލަތެވެ.
ސާދަ ފަނަރައިގައި އެ ފެންނަ ބުރުހަމަ ހަނދުން ދުނިޔެއަށްދޭ ސާފު އަލިކަމުގައި، ކޮކާ ހަނދުވަރުގައި ތިބެގެން ހުރިހައި ތައުރީފެއް މި ރައްދުކުރެވެނީ ހަނދަށެވެ. ހަގީގަތާމެދު ވިސްނާ ފިކުރުކުރާ މީހަކަށް މިކަމުން ލިބޭން އިބުރަތް ނޫން އެއްޗެއް ނެތެވެ. ހަނދު، އިރުން ހޯދި އަލިކަމުގެ ސަބަބުން އިރަށް މަދުވީ ހަމަ އެއްވެސް އެއްޗެއް ނެތެވެ. ހަނދުން އެ އަލިކަން ބޭނުން ނުކުރި ނަމަވެސް އިރުން އެ އަލިކަން ފަތުރާނެ އެވެ. އެ އަލިކަން، ބިމަށް ފަތުރައިދިން ވަސީލަތަށް ނުވަތަ މެދުވެރިޔަކަށް މިވީ ހަނދެވެ. މިކަމުގެ ތައުރީފު ބަޔަކު ހަނދަށް ރައްދުކުރުމަކުން ކަމުގެ ހަގީގަތަށް އަންނަ ބަދަލެއް ނެތެވެ. މި އަލި ކަމަކީ އިރުން ހޯދާ އަލިކަމެކޭ ބުނުމަކީ ހަނދަށް ވެސް ރައްދުކުރެވޭ މަލާމާތަކަށް ނުވަތަ ބުނެވޭ ދެރަ ބަހަކަށް ނުވާނެ އެވެ.
މި ބައިތުގައި ތައުރީފު މި ރައްދުކުރެވެނީ އިލްމުވެރިންގެ އިލްމުން އިލްމު ހޯދައި ފަތުރައިދޭ އެދުރުންނާއި ދަރިވަރުންނާއި، މަޖުހަނުންގެ އަތުން މަދަދު ހޯދައިދޭ މެދުވެރީންނާއި، މި ގިންތިން ގުނޭ މިފަދަ ހުރިހައި މަދަދުގާރުނަށޭ ހިތަމެވެ. ކޮންމެ ވަސީލަތެއް ބޭނުންކޮށްގެން ވިޔަސް، އެހެން ބަޔަކަށް ފައިދާހުރި ކަމެއް ކޮށްފި ބަޔަކަށް އޭގެ ތައުރީފާއި ޝުކުރު ހައްގުވާނެ އެވެ. އެ ތައުރީފު އަޑުއަހައި ތިބާގެ ހިތަށް ތަދުވުމަކީ އަޖައިބު ކަމެކެވެ. އެކަމުން ތިބާގެ ހިތަށް އަސަރުކުރާނަމަ، ތިޔައީ ހިތުގައިވާ ބަލިމަޑުކަމެއްގެ ލިސާނަކަށް މެނުވީ ނުވާނެ އެވެ.
ގަސްތުވީ މަންޒިލަށަ އިރު އެދަނީ ހަނދާ
ފަސްމަތީ ދުނިޔޭގެ އިރުގައި ވަގުތުދާ
ދަސްނުވޭތަ ހަގީގަތުން 'ލައްމާ ބަދާ'
މަސްތުގައި ތިއޮތީ ފިލައިހޭ ބޮނދަބޮނދާ
ގަސްތަކީ ތިޔަނަމަ ހިލާ އެކަމެއް ނުވާށި!
ކާއިނާތުގައި ކަންކަން ހިނގަމުން ދަނީ ކުރިއްސުރެ އެކަން ތަރުތީބުވެފައިވާ ގޮތަށެވެ. ދުނިޔޭގެ ބިމަށް ކަނޑައެޅިފައިވާ ވަގުތު ވެއަތުވަމުންދާއިރު، އިރާއި ހަނދު ވެސް އެއަށް ކަނޑައެޅިފައިވާ މަންޒިލަށް ދަތުރުކުރަމުން އެބަދެ އެވެ. ލޯކުރިމަތިން ފެންނަ ހަމަ ކޮންމެ ކަމަކަށް ބެލި ކަމުގައި ވީ ނަމަވެސް ފެންނާނީ މި ހަގީގަތެވެ. މި ސުވާލު ކުރުމަށްފަހު ޅެންވެރިޔާ ކުރައްވަނީ ސުވާލެކެވެ. ހެކިތައް ފާޅުވެގެން އައުމުން ވެސް ތިބާއަށް ހަގީގަތް ދަސްނުވި ހެއްޔެވެ؟ ތިޔައޮތީ މަސްތެއްގައި ހޭބުއްދި ފިލައިފަ އެވެ.
ޅެމުގެ މި ބައިތުގައި މި ބުނާ 'ލައްމާ ބަދާ' ގެނެސްފައި އެވަނީ ކާފިޔާ އެއްގޮތްކޮށްލުމަށް އެކަންޏެއް ނޫނެވެ. އަރަބި ބަހުގައި 'ލައްމާ ބަދާ' ގެ މާނައަކީ 'ފާޅުވި ހިނދު، ނުވަތަ ފެނިގެން އައިހިނދު' އެވެ. لمّا بدا يتثنّى އަކީ ވަރަށް އިހުގެ އަރަބި އަންދަލުސް ޅެމެކެވެ. މި ޅެން ހެދިކަމަށް ބުނެވެނީ މީލާދުން ތޭރަސަތޭކައިގެ އަހަރުތަކުގައި އުޅުއްވި އަންދަލުސްގެ ޝާއިރު ލިސާނުއްދީން އިބުނުލް ޚަޠީބު އެވެ. އެހެންނަމަވެސް، މިއީ ތާރީހީ ގޮތުން ސާބިތުވާ ކަމެއް ނޫނެވެ. މި ޅެމުގެ ޅެންވެރިކަން އެހެން ޝާއިރުންނަށް ވެސް ނިސްބަތްކުރެވިފައި އެބަހުއްޓެވެ. ޅެމުގައި ޖުމުލަ ގޮތެއްގައި ދައްކަނީ، މީހެއްގެ ލޯބީގައި އާވާރާވެ، މަގުއޮޅި، އަމިއްލަ ދިރިއުޅުން އޮޔާ ދޫކޮށްލި އާޝިގެއްގެ ތަރާނާ އެވެ. މި ޅެމުގެ ފަހުން 'ލައްމާ ބަދާގައި އާވާރާވުން' އެއީ މިސާލު ބަހަކަށް ވެގެން ދިޔަ އެވެ. ޝަރަހަ މި ކުރެވޭ ޅެމުގައި ވެސް އިޝާރާތްކޮށްފައި އެވަނީ އެކަމަށެވެ.
އަސްލަކީ މީހާ އުފަންވާ ވެލިބިމޭ
އަސްރު ފަހުގައި އެ ބިމަކީ ނިމިދާ އިމޭ
މަސްރަހުން މި ދެމެދުގެ މީހާ އެބަ ނިމޭ
އަސްލު ދެމިއޮތްތަން އެއަށްފަހު ދާއިމޭ
ލަސްވުމާ ފަސްވުން ހިލާ މިއަކަށް ނުވާށި!
އެންމެ ފަހު ބައިތުގައި މި ވަނީ ބަދަލު ނުކުރެވޭނޭ، އަދި ގޮމެއް ޖެހެން ނެތް ހަގީގަތެވެ. އިންސާނާގެ އަސްލަކީ އޭނާ އުފަންވާ ވެލި ބިމެވެ. އޭނާ އެނބުރި ދިއުން ވެސް ވަނީ ހަމަ އެ ބިމަށެވެ. ވެލިން އުފެދި، ވެލި މަތީގައި ދިރިއުޅެ، ވެއްޔަށްވެ ނިމިގެން ދިއުމަކީ އިންސާނާއަށް މިންވަރު ކުރެއްވި ގޮތެވެ. 'އަސްރު' ގެ ލަފުޒު ގެނެސްފައި އެވަނީ މީހާގެ ހަޔާތުގެ ދައުރާ ގުޅުވަ އެވެ. މީހާގެ އުމުރުގެ މިސާލު ގެނެސްފައި އެވަނީ ދުވަހުގެ ވަގުތުތަކާ ގުޅުވައިގެންނެވެ. އަސުރަކީ އުމުރުގެ ފަހުކޮޅެވެ. ދުނިޔޭގެ ހަޔާތަކީ އެއީ އެވެ. އިންސާނީ ދިރިއުޅުމުގެ ހަޔާތޭ މި ކިޔަނީ ދާއިމީ މަންޒިލަށް ވާސިލުވުމުގެ ކުރިން، އިންސާނުން ދުނިޔޭގައި މި ހޭދަކޮށްލާ ވަގުތުކޮޅަށެވެ. އެއަށް ފަހު ދެން ދާންއޮތީ ދާއިމަށް ދެމިތިބޭނޭ ގޮވައްޗަށެވެ. މިއީ އެކަމެއް ކުރިމަތިވުމުގައި، ކަނޑައެޅިފައިވާ ވަގުތަށްވުރެ ހިނދުކޮޅެއް ވެސް ލަސްވުމެއް ނުވަތަ ފަސްވުމެއް އޮންނާނޭ ކަމެއް ނޫނެވެ.
މިއީ ފަރެސް އާމިރުގެ ޅެންތަކުގެ ތެރެއިން އާދަޔާ ހިލާފު މޮޅު ޅެމެކެވެ. ޅެމުގެ ބައިތުތަކުގެ އެންމެ ފުރިހަމަ މާނައެއް ދޭހަވާނީ ޅެމުގެ އެއްބައިތު އަނެއް ބައިތާ ގުޅުވައިގެން ކިޔައިގެންނެވެ. އަދި ޅެންވެރިޔާގެ ފިތުރަތު ވެސް ދަނެގެންނެވެ. އެކަން މޭރުންވާނީ، އެ ޝާއިރުގެ ގިނަ ޅެންތަކެއް ކިޔާފައި ހުރި މީހަކަށެވެ. ޅެމެއްގެ މާނަ އޮންނަނީ ބައިތެއްގެ ސަދުރާއި އަޖުޒުގައި ނޫންކަމާއި، ހަމަ ހަގީގަތުގައި ވެސް ޅެންވެރިޔާގެ ބަނޑުގައިކަން ސާބިތުކޮށްދޭން ބޭނުން މީހަކަށް ފަރެސް އާމިރުގެ ޅެންތަކަކީ ހެއްކަކަށް ފުދޭނެ އެވެ.



