ވައުދު ނުފުއްދާތީ ފީފާގެ ރައީސް އިންފަންޓީނޯ އަށް ޔުއެފާގެ އިތުބާރު ގެއްލިއްޖެ

Aug 1, 2026, 5:54 PM
ފީފާގެ ރައީސް އިންފަންޓީނޯ އާއި ޔުއެފާގެ ރައީސް ކެފެރިން.

ފީފާގެ ރައީސް އިންފަންޓީނޯ އާއި ޔުއެފާގެ ރައީސް ކެފެރިން.

ޒިއުރިކް، ސްވިޒަލެންޑް (އޮގަސްޓް 1) - ފީފާގެ ރައީސް ކަމަށްވާ މީގެ 10 އަހަރު ކުރިން ޖިއާނީ އިންފަންޓީނޯ އިންތިހާބުވިއިރު، ވައުދުތައް ވީ ގޮތަށް ކަންކަން ހިނގާފައިނުވާ ކަމަށް ބުނެ، ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އިން އިންފަންޓީނޯ އަށް އިތުބާރެއް ނެތް ކަމަށް އިއުލާނުކޮށްފި އެވެ. 

އަމިއްލަ އިންވެސްޓަރުންނަށް ފީފާގެ މުބާރާތްތަކުގެ ކޮންޓްރޯލް ލިބޭ ގޮތަށް، ފީފާ ވޯލްޑް ކަޕްގެ ހިއްސާއެއް ވެސް ވިއްކާލެވޭ ގޮތަށް ފަށަން ފީފާ އިން މަސައްކަތް ކުރަމުން އައި، ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ މަސައްކަތް ގޮތް ހުސްވެގެން ހުއްޓާލަން ފީފާ އިން ވަނީ ނިންމައިފަ އެވެ. އެ ނިންމުމާ ދެކޮޅަށް އެންމެ ފުރަތަމަ އަޑުއުފުލި، ފެޑެރެޝަނަކީ ޔުއެފާ އެވެ. ޔުއެފާ އިން ނިންމީ އެ ގޮތަށް ފީފާ އިން ނިންމައިފިނަމަ، ވޯލްޑް ކަޕް ބޮައިކޮޓް ކުރާށެވެ. 

އިންފަންޓީނޯ އަށް ގޮތް ހުސްވެ ވޯލްޑް ކަޕްގެ ހިއްސާ ވިއްކާ ޕްލޭން ނިމުމަކަށް

އަމިއްލަ އިންވެސްޓަރުންނަށް ފީފާގެ މުބާރާތްތަކުގެ ހިއްސާ ވިއްކުމަށް "ފީފާ ފޯވާޑް އެންޓަޕްރައިސް" (އެފްއެފްއީ) ގެ ނަމުގައި ރައީސް އިންފަންޓީނޯ ގެންގުޅުއްވި 20 ބިލިއަން ޑޮލަރުގެ ޕްލޭން، ގިނަ ގައުމުތަކެއްގެ ދެކޮޅުވެރިކަމާ ހުރެ ހުއްޓާލައިފި. މި ޕްލޭނަށް ޔުއެފާ އާއި އޭއެފްސީ ފަދަ ބޮޑެތި ކޮންފެޑަރޭޝަންތަކުން ދެކޮޅު ހެދި

ފީފާ އިން އެފްއެފްއީ ހުއްޓާލަން ނިންމި ނިންމުމަށް މަރުހަބާ ކިޔުމަށް ޔުއެފާ އިން ނެރުނު ބަޔާނުގައި ވަނީ އިންފަންޓީނޯ އަށް ފާޑުކިޔައިފަ އެވެ. އެ ގޮތުން، ޔުއެފާ އިން ބުނެފައިވަނީ، ފީފާގެ މި ނިންމުމަކީ، މުޅި ފުޓްބޯޅަ އަށް ލިބުނު ކާމިޔާބެއް ކަމަށެވެ. 

އިންފަންޓީނޯ، ހަތަރު ވަނަ ދައުރަކަށް ފީފާގެ ރައީސް ކަމަށް ކުރިމަތިލާނެ ކަމަށް ބެލެވޭއިރު، ޔުއެފާ އިން ބުނީ، އެ ފެޑެރޭޝަނުގެ އިތުބާރެއް އޭނާ އަށް ނެތް ކަމަށެވެ. 

"އެންމެ ފުރަތަމަ 2016 ގައި ފީފާ ރައީސަކަށް ވުމަށް ފަހު ދިން ސްޕީޗުގައި ކަންކަން ކުރާނެ ކަމަށް ވައުދުވި އެއްވެސް ކަމެއް އެގޮތަކަށް ނުވި. މިހާރު އެ އޮތް ފީފާގެ ލީޑަޝިޕަށް ގެއްލިފައި އޮތީ ހަމައެކަނި ޔުއެފާގެ ގައުމުތަކުގެ އިތުބާރެއް ނޫން. ފުޓްބޯޅަ އާއިލާގެ ވަރަށް ގިނަ މެމްބަރުންގެ އިތުބާރު އޮތީ ގެއްލިފައި،" ޔުއެފާ އިން ބުނެފައިވެ އެވެ. 

އިންފަންޓިނޯ، ފީފާގެ ރައީސަކަށް އިންތިހާބުވިއިރު، ވަރަށް ބޮޑަށް ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން އެ ފެޑެރޭޝަން ހިންގާނެ ކަމަށް އަޑުހަރުކޮށް ވިދާޅުވި އެވެ. އެކަމަކު، ޔުއެފާ އިން ބުނީ، ކަންކަން ވަމުން އައީ ވަކި އެޖެންޑާއެއްގެ ތެރެއިން ކަންކަން ކުރާ ގޮތަށް ކަމަށެވެ. 

"ފީފާ އަށް ފުޓްބޯޅަ ޑިވެލޮޕްކުރަން ލިބޭ ފައިސާ އަށް ވެސް އެންމެ ރަނގަޅަށް ކަންކަން ކުރެވުނު ތަނެއް ނުފެނޭ. ފިފާގެ މެމްބަރުންނަށް ރަނގަޅު މައުލޫމާތެއް ވެސް ނުދެވޭ. މި ދެ ކަމުގައި ވެސް އޮތީ ފެއިލްވެފައި،" ޔުއެފާ އިން ބުނެފައިވެ އެވެ. 

ޔުއެފާގެ ރައީސް ވޯލްޑް ކަޕް ފައިނަލް ބޮއިކޮޓްކުރީ ފީފާއާ ދެކޮޅަށް ހަޅުތާލެއް ކުރަމުންދާތީ

ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗާއި ނިންމުމުގެ ރަސްމިއްޔާތު ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން ބޮއިކޮޓްކުރީ، ފީފާގެ ނިންމުންތަކަށް އެމެރިކާ ސަރުކާރުގެ ސިޔާސީ ނުފޫޒު ފޯރުވާފައިވާތީ އެކަމާ ދެކޮޅަށް ހަޅުތާލު ކުރުމަށް.

ފީފާގެ ރައީސްގެ މަގާމަށް ޔުއެފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިންފަންޓީނޯ، އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގަތީ، ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ފެށުމާ އެކު ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ 2015 ވަނަ އަހަރު އިސްތިއުފާ ދެއްވުމުން ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. ބްލެޓާ ވަނީ ފީފާގެ ރައީސްގެ މަގާމު 17 އަހަރު ވަންދެން ފުރުއްވައިފަ އެވެ.

ސްވިޒަލެންޑުގެ ޔުނިވާސިޓީއެއްގެ އެޑްމިނިސްޓްރޭޓިވް ރޯލަކުން ފާހަގަވެ، އެ ޔުނިވާސިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މަސައްކަތް ފެށި އިންފަންޓީނޯ، ޔޫރަޕްގެ މައި ފުޓްބޯޅަ ޖަމިއްޔާ، ޔުއެފާއާ ގުޅުނީ 2000 ވަނަ އަހަރު އެވެ.

ޔުއެފާގެ ޑިރެކްޓާ އޮފް ލީގަލް އެފެއާޒްގެ މަގާމާއި ކްލަބް ލައިސަންސިން ޑިވިޝަންގައި މަސައްކަތް ކުރެއްވުމަށް ފަހު 2007 ވަނަ އަހަރު ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމު އިންފަންޓީނޯ އަށް ލިިބިވަޑައިގެންނެވި އެވެ. އޭގެ ފަހުން، ޔުއެފާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގެން ޔުއެފާ ނޭޝަންސް ލީގު ތައާރަފް ކުރެއްވުމުގައި ވެސް އިސް މޭސްތިރިއަކީ ވެސް އިންފަންޓީނޯ އެވެ.

ފީފާގެ ރައީސަކަށް ތިން ވަނަ ދައުރު ހުންނެވުމަށް، 2022 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި އިންފަންޓީނޯ އަށް އެންމެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވާން ފެށީ، މި އަހަރުގެ ފީފާ ވޯލްޑް ކަޕާ ދިމާކޮށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ ގުޅުން ބަދަަހިކުރަން ފެށި ހިސާބުންނެވެ. 

އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ޖޫން/ޖުލައިގައި ބޭއްވި ވޯލްޑް ކަޕްގެ މަސައްކަތްތަކުގެ ތެރެއިން، ޓްރަމްޕްގެ ނުފޫޒު އިންފަންޓީނޯ އާއި ފީފާ އަށް ވަރަށް ބޮޑަށް ފޯރި ކަމުގެ ތުހުމަތު ފީފާ މެމްބަރު ގައުމުތަކުން އަންނަނީ ކުރަމުންނެވެ. 

ފީފާ އަށް ނާކާމިޔާބުވި، ޖުމްލަ އެކު، 20 ބިލިއަން ޑޮލަރުގެ އެފްއެފްއީ އިންވެސްޓްމަންޓް ޕްލޭނަކީ، އިންފަންޓީނޯ އާއި، ޑޮނާލްޑް ޓްރަމްޕްގެ ބައިވެރިވުން އޮތް ކަމެއް ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ތުހުމަތުކުރެ އެވެ. އެއީ، ފީފާގެ ވިސްނުން ހުރީ، އެފްއެފްއީގެ މައިގަނޑު ހިއްސާދާރެއްގެ ގޮތުގައި، ޓްރަމްޕާ ގުޅުން އޮތް ކުންފުންޏެއް ކަމަށްވާ ތުރައިވް އެޓާނަލް އަށް ދޭ ގޮތަށެވެ. މިއީ، އިންފަންޓީނޯ އަށް ވެސް ކޮންމެ މަހަކު، އެތައް މިލިއަން ޑޮލަރު ފައިދާއެއް ވާނެ ޑީލެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޔުއެފާގެ އިތުރުން، އެފްއެފްއީ އަށް ފާޅުގައި ދެކޮޅު ހެދި އަނެއް ދެ ފެޑެރޭޝަނަކީ، އޭޝިއާގެ ފުޓްބޯޅަ އިދާރާ، އޭއެފްސީ އާއި އުތުރު/ސެންޓްރަލް އެމެރިކާގެ ފުޓްބޯޅަ ވުޒާރާ، ކޮންކަކަފް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox