މާލީ ދަތިކަމުގައި ބިދޭސީންނަށް ރަށްވެހިކަމާއި ބިން ވިއްކުން: ބޮޑު ނުރައްކަލެއް!

ރަށް ތަރައްގީކުރާ ސަރަހައްދުތަކުގެ މާސްޓަރ ޕްލޭން

ރަށް ތަރައްގީކުރާ ސަރަހައްދުތަކުގެ މާސްޓަރ ޕްލޭން

އަމިއްލަ ފުދުންތެރިކަމާއި ދެކޮޅުޖެހޭ ހަމައަކުން ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހަރަދުކުރާނެ ފައިސާ ނެތް ހާލަތެއްގައި، ބޯހިޔާވަހިކަމުގެ ބިންތައްވެސް ހިމެނޭ ގޮތަށް ދުނިޔޭގެ މުއްސަނދިންނަށް ރައްވެހިކަން ދީގެން ބިން ވިއްކުމުގެ ފުރުސަތު ހުޅުވާލުމުގެ ކުރިން ކޮންމެ ދިވެއްސަކުމެ އަމިއްލަ ނަފުސާ ސުވާލުކޮށްލަންވީ އެވެ. އަހަރުމެން މި ހުށަހަޅަނީ އަހަރުމެންގެ ކޮން މުދަލެއް، ކޮން ބަޔަކަށް، ކޮން ޝަރުތުތަކެއްގެ މަތިން ހެއްޔެވެ؟ އަދި އަހަރުމެންގެ އިސްތިގުލާލުގެ ހައްގުގައި އެ އެއްޗެއް ދުވަހަކުވެސް އަނބުރާ ހޯދިދާނެ ހެއްޔެވެ؟

އަދުގެ މާލީ ހަގީގަތް

ރާއްޖޭގެ ނާޒުކު އިގުތިސާދަށް މާލީ ނުރައްކަލާއި ބޭރު ދުނިޔޭގެ ހާލަތްތަކުން ކުރާ ނުރަނގަޅު އަސަރުތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ރާއްޖެ އޮތީ ދަރަނި ނުދެއްކިދިޔުމުގެ ބޮޑު ނުރައްކަލެއްގެ ތެރޭގަ އެވެ. މި އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން މަޑުޖެހޭނެކަމަށާއި، ފަރުދީ އުފެއްދުންތެރިކަމުގެ ކުރިއެރުން 1 ޕަސެންޓަށްވުރެ ދަށްވާނެ ކަމަށް އޭޑީބީއިން ލަފާކުރާއިރު، ދައުލަތުގެ ޖުމްލަ ދަރަނި 9.5 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތީގައި އޮތުމާއެކު، ލިބޭ އާމްދަނީއަށްވުރެ ހަރަދު ބޮޑުވަމުންދާތީ ކުރިޔަށް އޮތް މުއްދަތުގައި ދަރަނި އިތުރަށް ބޮޑުވެގެންދާނެކަން ބޭރުގެ ރިޕޯޓުތަކުން އެނގބޫލުކުރެވެއެވެ.

ސިޔާސީ އެދުން ފުއްދަމުން، ދަރަނީގެ ވަބާއިން ސަލާމަތްވުމުގެ އުންމީދު

ރާއްޖޭގެ މާލީ ކުރިމަގު ދަރަނިވެރިކަމުގެ މިޔަމަތީގައި އޮތުމުން، ސަރުކާރަށް އިންތިހާއަށް ބޭރު ފައިސާ ބޭނުންވެ، ބޭރުގެ އިންވެސްޓަރުން ރާއްޖެ ގެނައުމުގެ އެދުން ބޮޑުވެފައިވާ މި ހާލަތުގައިވެސް، ބޯހިޔާވަހިކަމުގެ ނަމުގައި މާލެއާ ކައިރިން ތަފާތު ހަތަރު ދިމާލަކުން ބިންހިއްކުމުގެ ބޮޑެތި މަޝްރޫޢުތަކެއް ވަނީ ފަށާފައެވެ. ރައްކާތެރި، ދެކޮޅުޖެހޭ ރޭވުމެއް ފަންނީގޮތުން ދެނެނުގަނެ ފަށާފައިވާ މި މަޝްރޫޢުތަކުގެ މާލީ ކުރިމަގުގެ ކަށަވަރުކަމެއް ނެތެވެ.

އަދި ހާމަކުރެވިފައިވާ އުމްރާނީ ޕްލޭނެއް ނެތި، ހުޅުމާލެ ފޭސް 3 އާއި، ގިރާވަރުފަޅާއި، ގުޅީފަޅުގެ މަސައްކަތްތައް އެގޮތުގައި އޮއްވައި، ރަސްމާލޭގެ ނުހިއްކައި އޮތް ފަޅުން މުސްތަގުބަލުގައި ހިއްކާނެ ބިމުގެ 'އުއްމީދު' ވެސް އެވަނީ ވިއްކާލުމަށް ހުށަހަޅާފައެވެ. ބޭރުގެ މުއްސަނދިންނަށް އަމާޒުކޮށް ތައާރަފުކޮށްފައިވާ 'ޕާލް ރެސިޑެންސީ' ޕްރޮގްރާމްގެ ދަށުން، އަގުބޮޑު ރިއަލް އެސްޓޭޓް ޕްރޮޕަޓީއާއި ދިގު މުއްދަތުގެ ރެސިޑެންސީ ވިސާ އެކުލެވޭ ހާއްސަ އިންވެސްޓްމަންޓް މުދަލެއްގެ ގޮތުގައި މިއީ ވިއްކާ އެއްޗެއްކަން ސަރުކާރުގެ މާކެޓިން ކެމްޕޭންތަކުން ހާމަވެ އެވެ.

ގައުމީ މަސްލަހަތުގެ ކުރިއަށް ބިންވިއްކުން: ފޮރިން އިންވެސްޓްމަންޓް މަތިކުރުމަށް ގާނޫނު ބައްޓަންކުރުން

މިއަދު ފެންނަމުން މިދަނީ، ދިވެހިރައްޔިތުންގެ އިސްތިރާޖީ މުހިންމު ރަށްވެހި ތަރައްގީގެ މަޝްރޫޢުތައް މަޑުޖެހި، އެ ސަރަހައްދުތައް ބޭރުގެ ރައުސްމާލަށް ހުޅުވައިލުމަށްޓަކައި އެންމެ 18 މަސްދުވަހުގެ ތެރޭގައި ގާނޫނީ ބަދަލުތައްގެނެސް އިދާރީ އޮނިގަނޑު ބައްޓަންކުރަމުންދާތަނެވެ.

މިގޮތުން، 2024 ވަނަ އަހަރު ޢަމަލުކުރަންފެށި ފޮރިން އިންވެސްޓްމަންޓްގެ ގާނޫނު (11/2024) ގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް، އިންވެސްޓްމަންޓާއި ފައިދާ ބޭނުން މިންވަރަކަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މިނިވަންކަން ދީފައިވެއެވެ. އަދި އިންވެސްޓްކުރުމަށްފަހު އަންނަ ސަރުކާރުތަކުގެ ނިންމުންތަކުން ސަލާމަތްވުމުގެ ދާއިމީ ހިމާޔަތެއް ދިނުމުގައި، ބައިނަލްއަގުވާމީ މުޢާހަދާތަކުން ލިބިގަންނަ ހުރިހާ ހައްގުތަކެއް ގާނޫނަށްވުރެ އިސްކޮށްފައިވާއިރު، ދިވެހި ރައްޔިތުންގެ ހައްގުތަކަށް މި ގާނޫނުގައި އެފަދަ އެއްވެސް ރައްކާތެރިކަމެއް ނެތެވެ. ބޭރުގެ ފަރާތްތަކުން ހިންގާ ރިއަލް އެސްޓޭޓް މަޝްރޫއުތަކުން ދިވެހިންނަށް ބޯހިޔާވަހިކަން ދިނުން ލާޒިމުކުރާ އެއްވެސް ޝަރުތެއް، ވަޒީފާގެ ކޯޓާއެއް، ނުވަތަ ދައުލަތާއެކު ފައިދާ ހިއްސާކުރާނެ އުސޫލެއް ނެތްތާނގައި، ދޫކުރެވޭނެ ލައިސަންސްގެ އެއްވެސް ލިމިޓެއްވެސް ނެތެވެ.

މި ގާނޫނަށްފަހު، ފާސްކުރި ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނު  (16/2024) އާއި ލާމަރުކަޒީ ގާނޫނަށް (7/2010) ގެނެވުނު 13 ވަނަ އިސްލާހުން ބިންބޭނުންކުރުމުގެ ސިޔާސަތު ކަނޑައެޅުމުގެ ބާރު ރައިސުލްޖުމްހޫރިއްޔާއަށް ލިބިދިނުމަށްފަހު، ތަރައްގީގެ ހުރިހާ ބާރުތަކެއް އެއްމަރުކަޒަކަށް ޖަމާކުރާ އާބަން ޑިވެލޮޕްމަންޓް ގާނޫނު (28/2024)ގެ ދަށުން ރާއްޖޭގެ ބިމުގެ މުތުލަގު ބާރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހޯދައިދީފަ އެވެ. މި ބަދަލުތަކުން ބިދޭސީންނަށް ރާއްޖޭގެ ބިމުގެ މިލްކުވެރިކަން ސީދާ ނުދިން ނަމަވެސް، "ދިގު މުއްދަތުގެ ލީސްހޯލްޑް" (ކުލީގެ މިލްކުވެރިކަން) އާއި "ސްޓްރާޓާ ޕްރޮޕަޓީ" (ވަކިވަކި ޔުނިޓް މިލްކުކުރެވޭ) ނިޒާމުގެ ދަށުން އެ ސަރަހައްދުތަކުގެ ހަގީގީ އިގުތިސާދީ އަދި ދާހިލީ ކޮންޓްރޯލް ޖުމްލަކޮށް ފަހިކޮށްދެނީ ބޭރުގެ ފަރާތްތަކަށެވެ.

އެންމެ ފަހުން މި ގާނޫނީ ބަދަލުތަކަށް ބޮޅެއް އިތުރުކޮށްދިނީ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނަށް (24/2014) އިސްލާހެއް ގެނެސްގެން ފާސްކުރި ގާނޫނުންނެވެ. މީގެއިން އެސްއީޒެޑް މާނަކުރުން އިތުރަށް ފުޅާކޮށް، އިމްޕޯޓު އެކްސްޕޯޓު ޑިއުޓީ ދެއްކުމާގުޅޭ އުސޫލުތައް ދިވެހި ކަސްޓަމްސްގެ ޢާންމު އިހުތިސާސްސްއިން ބޭރުކޮށްލިއެވެ. އަދި އެސްއީޒެޑް ބާވަތްތަކުގެ ތެރެއަށް "ސަސްޓެއިނަބަލް ޓައުންޝިޕް" (އެއް މެނޭޖްމަންޓެއްގެ ދަށުން ރިއަލް އެސްޓޭޓް ނުވަތަ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ބިނާކޮށްގެން، މީހުން ދިރިއުޅޭ ވަސީލަތްތަކާއި ޢާންމު ބޭނުންތަކުގެ ހިދުމަތްތައް ގާއިމުކުރާ ބޮޑު ސަރަހައްދެއް) ކިޔާ މަފްހޫމެއް އިތުރުކޮށް، ޕްރޮޕަޓީ ޓްރާންސްފަރ ޓެކްސް ރޭޓް އެންމެ 4 ޕަސެންޓަށް ކަނޑައަޅައިގެންނެވެ.

ރިޔާސީ ބަސްމަގާއި، ވަޒީރުންގެ ތަސައްވުރު

ރައީސް ޑރ. މުޢިއްޒު ވަނީ 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި "ޕާލް ރެސިޑެންސީ ޕްރޮގްރާމް" އަކީ ބޭނުންތެރި އާ އިސްނެގުމެއްގެ ގޮތުގައި ތަޢާރަފު ކުރައްވައި، އެ އަހަރު ބޭއްވި މެލޭޝިއާ ބިޒްނަސް ފޯރަމްގައި، ރިއަލް އެސްޓޭޓަކީ ބޭރުގެ އިންވެސްޓްމަންޓްތަކަށް ހާއްސަ އިސްކަމެއްދޭ ދާއިރާއެއްގެ ގޮތުގައި އިޢުލާންކުރައްވާފައެވެ.

މިދިޔަ އެޕްރީލް 2026 ގައި "މޯލްޑިވްސް އިންޑިޕެންޑެންޓް" ނޫހުގައި، "ރިއަލް އެސްޓޭޓް ރާއްޖެއަށް މުހިންމުވާ ސަބަބު" ގެ ނަމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ޝާއިޢުކުރައްވާފައިވާ ލިޔުމެއްގައި، މި ދާއިރާއިން ބޭރުގެ އަދި އެތެރޭގެ އިންވެސްޓްމަންޓްތައް ބޮޑު މިންވަރަކަށް ލިބޭނޭކަމަށް ވިދާޅުވެފައިވެއެވެ. އަދި އަގުހެޔޮ ބޯހިޔާވަހިކަމުގެ އިތުރުން އިންވެސްޓަރުންނާއި މަތީ ފަންތީގެ ޕްރީމިއަމް މަޝްރޫޢުތައް' ގަންނަ ފަރާތްތަކަށް އަމާޒުކުރަންޖެހޭ ކަމަށް ބަޔާންކުރައްވާފައިވެއެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރިއަލް އެސްޓޭޓްގެ ސަބަބުން މޯގޭޖްތަކާއި، ރިއަލް އެސްޓޭޓް ފަންޑުތަކާއި، އާ މާލީ އުފެއްދުންތަކަށް ދޮރު ހުޅުވި، މާލީ ދާއިރާ ފުޅާވެގެންދާނެއެވެ. އަދި މިއީ ބޭރުގެ އިންވެސްޓްމަންޓްތަކުން ރާއްޖޭގެ ބިމުގެ މާލީ މަންފާ ހޯދުމުގެ ފުރުސަތު ދޭ ވަސީލަތްތަކެއްގެ ގޮތުގައި ހާމަކުރައްވައި، ސީދާގޮތެއްގައި ލިޔުއްވާފައިވަނީ، ރައީސް މުޢިއްޒު އެ ވުޒާރާގެ މަސްއޫލިއްޔަތުގެ އޮނިގަނޑު ބަދަލުކުރުމަކީ އިދާރީ އާދައިގެ ކަމެއް ނޫންކަމަށާއި، އެއީ 'ގަސްތުގައި ނިންމި ނިންމުމެއް' ކަމަށެވެ.

ނަމަވެސް، އެ ލިޔުމުގައި ތަސައްވުރުކުރެއްވި ކަންކަމުގެ އެއްވެސް އުސޫލެއް، ޕްލޭނެއް، އިގުތސާދީ ނުވަތަ މާލީ ތިއަރީއެއް، ނުވަތަ ގައުމީ މަސްލަހަތު ރައްކާތެރިކުރާނެ އޮނިގަނޑެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެއް ނެތްތާނގައި، ޢާންމުންނަށް ފެންނާކަށްވެސް ނެތެވެ.

ގައުމުތަކުން ހިނގިމަގާއި، އެނބުރި އައުމަށް ތެޅުނު ގަނަ

ޖުލައި 2025 ގައި ބޭއްވި ސިންގަޕޫރު ބިޒްނަސް ފޯރަމްގައި، ރާއްޖޭގައި އިންވެސްޓްކުރާ ބިދޭސީންނަށް ދިގު މުއްދަތުގެ ރައްވެހިކަން ދޭނީ "މޯލްޑިވްސް ޕާލް ރެސިޑެންސީ" ޕްރޮގްރާމްގެ ދަށުންކަމަށް އިގުތިސާދީ ވަޒީރު ހާމަކުރެއްވިއިރު، ރާއްޖޭގެ ފުރަތަމަ "ރެސިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމް" ތަރައްޤީކޮށް ތަންފީޒުކުރުމަށްޓަކައި، ބިންގަންނަ އިންވެސްޓަރުންގެ ވިސާ އޮނިގަނޑު އެކުލަވައިލުމަށް "ހެންލީ އެންޑް ޕާޓްނާސް" އާއެކު ދިވެހި ސަރުކާރުން ވަނީ ޕާޓްނަޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެމެރިކާ އަދި ކެނެޑާގެ ރެގިއުލޭޓަރީ އިދާރާތަކުން، ހެންލީ އެންޑް ޕާޓްނާސްއިން ހިންގާ ފަދަ ސިޓީޒަންޝިޕް-ބައި-އިންވެސްޓްމަންޓް ޕްރޮގްރާމްތަކުގެ ބޭނުން ވަގުވިޔަފާރިއާއި މަނީ ލޯންޑަރިންގ ފަދަ ޖިނާއީ ކަންކަމަށް މަގުފަހިވާގޮތަށް ކުށްވެރިން ހިފައިފާނެތީ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ހެންލީއަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން މާލީގޮތުން ހާލުގައިޖެހޭ ގައުމުތަކާއި ކުދި ޖަޒީރާ ގައުމުތަކުގެ ދަނޑިވަޅުބަލައި، މިފަދަ ޕްރޮގްރާމްތައް ތައާރަފުކުރުމުގެ ކަޅު ތާރީހެއް އޮތް ކުންފުންޏެކެވެ. އެހެންކަމުން، މި ވިޔަފާރިން އެހެނިހެން ގައުމުތަކަށް ލިބުނު ނަތީޖާއަށް ބަލާލުމުން ދިވެހިރާއްޖޭގެ "ޕާލް ރެސިޑެންސީ" ގެ މިސްރާބު ރީތިކޮށް ތަސައްވުރުކުރެވޭނެއެވެ.

ކުޑަ އާބާދީއެއް އޮތް ސެއިންޓް ކިޓްސް އެންޑް ނެވިސްއާއެކު އެއްބަސްވުން ހަދައިގެން ހެންލީއިން އުފެއްދި ގައުމީ ތަރައްގީގެ ފަންޑުގެ ދަށުން ހިންގި އެންމެ ބޮޑު ދެ އިންވެސްޓްމަންޓް ނާކާމިޔާބުވިއިރު، އެކަމާ އެ ކުންފުނީގެ ޗެއަރމަންއާ ގުޅުންތަކެއް އޮތްކަން ހާމަވިއެވެ. އަދި އެ ގައުމުގެ އިންތިހާބު ކެމްޕޭނުގައި އިދިކޮޅު ކެންޑިޑޭޓް މޮޅުވެއްޖެނަމަ އެ ކުންފުނިން ހިންގި ޕްރޮގްރާމްގެ ކޮންސެޝަންތައް (ހުއްދަތައް) ދަމަހައްޓައި ދިނުމުގެ މަގުސަދުގައި، އިދިކޮޅު ޕާޓީއަށް އިސްތިރާޖީ އެހީތެރިކަމާއި އިންވެސްޓަރުން ހޯދައިދޭނެ ކަމުގެ ބޮޑު ވައުދެއް އެ ކުންފުނީގެ ޗެއަރމަން ވެފައިވާ ކަމަށް އޯ.ސީ.ސީ.އާރ.ޕީ ގެ ތަހުގީގުން ތުހުމަތުކުރިއެވެ. މި މައްސަލަ ޕާލިމަންޓްރީ ކޮމިޓީއަކުން އިތުރަށް ބެލުމަށް ލަފާދީފައިވީ ނަމަވެސް، އެ ކުންފުނީގެ ނުފޫޒު އެ ޤައުމަށް އޮތް މިންވަރުން، ސީދާ އެ ކުންފުންޏަށް އަމާޒުކޮށް އެއްވެސް ޖިނާއީ ތަހުގީގެއް ހިންގިފައެއް ނުވެއެވެ.

މޯލްޓާއިން ޔޫރަޕްގެ އިއްތިހާދުގެ ރައްވެހިކަމުގެ އަގުވައްޓާލި މައްސަލައިގައި 2020 ގައި ޔޫރަޕިއަން ކޮމިޝަނުން ގާނޫނީ ފިޔަވަޅުއެޅި 'އިންޑިވިޖުއަލް އިންވެސްޓަރ ޕްރޮގްރާމް' ފަރުމާކޮށް ހިންގީވެސް ހެންލީއިންނެވެ. ސައިޕްރަސްއަކީ މި ޕްރޮގްރާމްގެ އެންމެ ނުރައްކާތެރި މިސާލެވެ. 2007 ވަނަ އަހަރު އެ ގައުމުން ތައާރަފުކުރި މަޝްރޫއު، 2013 ވަނަ އަހަރު ބަނގުރޫޓުވުމުގެ ތުންފަތްމައްޗަށް ގައުމު ވެއްޓުނު ދަނޑިވަޅުގައި، އިންތިހާއަށް ފުޅާކޮށްގެން އާމްދަނީ އިތުރުކުރިއިރު، ހެންލީއަކީ މަޝްރޫޢަށް ލަފާދިނުމާއި ވިއްކުމުގައި ޝާމިލުވި އެއްކުންފުންޏެވެ. ނަމަވެސް، މުޅި މަޝްރޫޢު ކޮރަޕްޝަނުގެ ތެރެއަށް ގޮސް، އެ ގައުމުގެ އެތައް ބިންތަކެއް ގަވާއިދާ ހިލާފަށް ބޭރު މީހުންނަށް ދޫކުރެވިފައިވާކަން ފަޅާއެރިއެވެ.

ކުށްވެރިއެއްގެ ރެކޯޑު އޮތް ފަރާތަކަށް ރައްވެހިކަން ދިނުމަށް އެހީތެރިވާން އެ ގައުމުގެ އެންމެ މަތީ ފަންތީގެ ވެރިން (މަޖިލީހުގެ ރައީސް ހިމެނޭ ގޮތަށް) އެއްބަސްވާ މަންޒަރު އަލްޖަޒީރާއިން ސިއްރުން ފިލްމުކޮށް އާންމުކުރުމާ ގުޅިގެން 2020 ނޮވެމްބަރުގައި މި މަޝްރޫޢު މުޅިން އުވާލިއެވެ. ތަހުގީގުތަކުން އެނގުނުގޮތުގައި 2007 އިން 2020 އާ ދެމެދު ދޫކުރި ޕާސްޕޯޓުތަކުގެ 51 ޕަސެންޓު ދޫކޮށްފައިވަނީ މާޒީގެ ރެކޯޑުތައް އެއްވެސްވަރަކަށް ނުބަލައި، ރަބަރު ތައްގަނޑު ޖަހާލައިގެންނެވެ. މީގެ ސަބަބުން މިއަދާހަމައަށްވެސް ސައިޕްރަސްއިން ދަނީ އެ ސިޓިޒަންޝިޕްތައް ބާތިލްކޮށް އަތުލަމުންނެވެ.

2010ގައި ފެށި ލެޓްވިއާގެ މަޝްރޫއުންވެސް ފެންނަން އޮތީ ހަމަ އެ ކުންފުނީގެ ނިޝާނެވެ. ލެޓްވިއާގެ ނާކާމިޔާބީއަކީ ގެދޮރުގެ އަގުތައް މައްޗަށްދިއުމުގެ މައްސަލައެއް ނޫނެވެ؛ އެއީ ބިންތައް ގަންނަމުންދިޔައީ ކޮން ބައެއްތޯ އުފެދުނު ސުވާލެވެ. މި ޕްރޮގްރާމްގެ ކުރީކޮޅު އެ ގައުމުން ބިންތައް ގަނެ ކޮންޓްރޯލް ހޯދަމުންދިޔައީ ރަޝިޔާގެ ރައްޔިތުން ކަމަށްވުމުން ދިމާވި ދާހިލީ އަދި ބައިނަލްއަގުވާމީ މައްސަލަތަކުގެ ސަބަބުން، ބިމާ ގުޅުވައިގެން ރައްވެހިކަން ވިއްކުމަކީ ހަމައެކަނި އިގުތިސާދީ މުއާމަލާތެއް ނޫންކަމާއި، އެއީ ހަތުރުވެރި ބާރެއްގެ ރައްޔިތުންނަށް ގައުމުގެ ސަރަހައްދުތަކުން ބައެއް ދޫކޮށްލުން ފަދަ، ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްކަން ގަބޫލުކުރަންޖެހުނެވެ. އެންމެ ފަހުން 11 ޖޫން 2026 ގައި ލެޓްވިއާގެ ގާނޫނުހަދާ މަޖިލީހުން ވަނީ މި މަޝްރޫޢުގެ ދަށުން ރިއަލް އެސްޓޭޓް ވިއްކައިގެން ވިސާދޭމަގު އުވާލަން ވޯޓުދީފައެވެ.

ޕޯޗުގަލް، ސްޕެއިން އަދި ގްރީސްއިން މާލީ ކާރިޝާއަށްފަހު އެ ގައުމުތަކުގެ ގޯލްޑަން ވިސާތައް ފެށީ ހެންލީގެ ބައިވެރިވުމެއް ނެތިއެވެ. ނަމަވެސް، އެ ކުންފުނި ވެގެންދިޔައީ އެ ޕްރޮގްރާމްތައް ދުނިޔޭގެ މުއްސަނދިންނަށް ރޭންކްކޮށް، އިޝްތިހާރުކުރި އެންމެ ބޮޑު ފަރާތަށެވެ. އެހެންނަމަވެސް މި ތިން ގައުމުގެ ޕްރޮގްރާމަށްވެސް ޖެހުނީ އެއް ދަތުރެކެވެ. ޕޯޗުގަލްއިން 2023 އޮކްޓޫބަރުގައި ރިއަލް އެސްޓޭޓް މެދުވެރިކޮށް ވިސާދޭ ގޮތް އުވާލިއިރު، ސްޕެއިންއިން ބޯހިޔާވަހިކަމަކީ ވިޔަފާރީގެ ނަފާ ހޯދާ މުދަލެއްގެ ބަދަލުގައި ރައްޔިތުންގެ ހައްގެއް ކަމަށް އިއުލާންކޮށް، 2025 އެޕްރީލްގައި މުޅި ޕްރޮގްރާމް އެއްކޮށް ހުއްޓާލިއެވެ. އަދި ގްރީސްއަށް ޖެހުނީ އަސާސީ ބޯހިޔާވަހިކަމަށް ލިބެމުންދިޔަ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން އިންވެސްޓް ކުރަންޖެހޭ އެންމެ ދަށް މިންވަރު އެތައްގުނައެއް ބޮޑުކުރާށެވެ.

ހެންލީ އެންޓް ޕާޓްނާސްއާއި، އިސްރާއީލް މާކެޓް

ހެންލީ އެންޑް ޕާޓްނާސްއިން ޢިބްރާނީ (ހިބްރޫ) ބަހުން ހާއްސަ އިންވެސްޓްމަންޓް ޕްލެޓްފޯމެއް ދަމަހައްޓަމުންދާއިރު، އިސްރާއީލް ޕާސްޕޯޓު ގެންގުޅޭ ފަރާތްތައް ރާއްޖެ އެތެރެވުން މަނާކުރަން ސަރުކާރުން ނިންމެވިފަހުން، އިފްތިތާހުކުރެވުނު "ޕާލް ރެސިޑެންސީ" ޕްރޮގްރާމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި "ހެންލީ" ގުޅިގެން ނެރުނު ބަޔާން، "ޕީ.އާރް ނިއުސްވަޔަރ" ގެ އިސްރާއީލް ސަރަހައްދީ ޕްލެޓްފޯމް މެދުވެރިކޮށް ވަނީ ފަތުރާފައެވެ. މިކަން އެނގެނީ އެ ބަޔާނުގައި އިސްރާއީލްގެ ސަރަހައްދީ ކޯޑާއި އެ ގައުމުގައި މުއާމަލާތްކުރާނެ ނިޒާމުތައް ސީދާ ހިމަނާފައިވުމުންނެވެ.

އިސްރާއީލްގެ ރައްޔިތުންނަށް ރާއްޖެއިން ރެސިޑެންސީ ލިބޭނެކަން މި ހަގީގަތުން މިވަގުތަށް ސީދާ ސާބިތުނުވިނަމަވެސް، ގްރީސްގައި ހެންލީއިން މާކެޓްކުރި ޕްރޮގްރާމްގެ ތެރޭގައި އިސްރާއީލުގެ ރައްޔިތުން ވެގެންދިޔައީ އެންމެ ހަލުވިކަމާއެކު އިތުރުވި އިންވެސްޓަރުންގެ ގްރޫޕަށެވެ. އަދި ހެންލީގެ އިސްރާއީލު އެޑިޝަނާއި ޢިބްރާނީ ބަހުގެ ޕްލެޓްފޯމްގައި 'މޯލްޑިވްސް ޕާލް ރެސިޑެންސީ' ސީދާ އެ ބާޒާރަށް މާކެޓްކޮށްފައިވެއެވެ. އިސްރާއީލުގެ ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ ދަށުން ރާއްޖެ އެތެރެވުން މަނާކޮށްފައި އޮތްނަމަވެސް، އަދި ފޮރިން އިންވެސްޓްމަންޓް ގާނޫނުން ޝަރުޠު ހަމަނުވި ނަމަވެސް، ރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ހިޔަނީގައި، ގާނޫނުގެ ފަރުދާގެ ފުރަގަހުން ކަންކަން ކުރުމުގެ ފުރުސަތު އޮވެއެވެ. ކުރިއަރާފައިވާ ޔޫރަޕްގެ ގައުމުތަކުގައިވެސް ހުއްދަނުކުރާ ފަރާތްތައް ވިޔަފާރީގެ ތެރެއަށް ވެއްދުމުގެ ބޮޑު ތާރީހެއް މި ކުންފުންޏަށް އޮތުމުން، ރާއްޖޭގެ ބަލިކަށި އިދާރީ އިންތިޒާމުގެ ތެރެއިން އެފަދަ މަގެއް ފަހިވެގެންދިއުމުގެ ބިރު އިންތިހާއަށް އެބައޮތެވެ.

މިއަދުގެ ނުރަނގަޅު އަމަލުތަކުން މުސްތަގުބަލުގެ ޖީލުތައް ސަލާމަތްކުރުން

ރާއްޖޭގެ މާލީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތްނަމަވެސް، މިއީ ބުއްދިވެރި އަދި އިހުލާސްތެރި ނިންމުންތަކުން ހައްލުނުކުރެވޭނެ ހާލަތެއް ނޫނެވެ. ނަމަވެސް ސަރުކާރުގެ ވިސްނުން ހުރީ ގާނޫނުތަކަށް ބަދަލު ގެނެސްގެން ނަމަވެސް ރާއްޖޭގެ ސަރަހައްދުތައް ރައްވެހިކަމުގެ ވިސާއާއި އަޅުވައި ދިގުމުއްދަތަށް ދޫކުރުމަށްކަން ގާނޫނުތަކަށް ގެނައި ބަދަލާއި، ވެރިންގެ ބަސްމަގުން ސާބިތުވެއެވެ.

ބޭރު ފައިސާގެ ތާށިކަން ދުވަހުން ދުވަހަށް ބޮޑުވަމުންދާ މި ދަނޑިވަޅުގައި، ކުރު މުއްދަތުގެ މާލީ ހައްލެއް ހޯދުމުގެ ނިޔަތުގައި ބޭރުގެ ފަރާތްތަކަށް ގައުމުގެ ބިންތަކުގެ މައްޗަށް ދިގު މުއްދަތުގެ އިގުތިސާދީ ބާރުވެރިކަމާއި ކޮންޓްރޯލް ސީދާގޮތުން ދޫކޮށްލުމަކީ ގައުމީ ފެންވަރުގައި ވަރަށް ފަރުވާތެރިކަމާއެކު ވިސްނަންޖެހޭނެ ކަމެކެވެ. ރާއްޖެއަކީ އެންމެ 298 އަކަ ކިލޯމީޓަރުގެ ކުޑަ ބިންކޮޅެއް އޮތް ގައުމަކަށް ވާއިރު، ދިވެހި ބިމަކީ ހަމައެކަނި ވިޔަފާރި މުދަލެއް ނޫނެވެ. އެއީ ގައުމުގެ ސިޔާދަތާއި، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ރައްކާތެރިކަމާއި، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާ ސީދާ ގުޅިފައިވާ އަސާސެކެވެ. މުސްތަގުބަލުގެ ޖީލުތަކުގެ ހައްގުތައް ހިމާޔަތްކޮށްދެވޭނޭފަދަ، މާލީ އިންތިޒާމާއި، ގާނޫނީ އޮނިގަނޑެއްނެތި، ވަގުތީ ހައްލަކަށްޓަކައި ގައުމީ މަސްލަހަތު ގެއްލުވާލައި، ރާއްޖޭގެ އިސްތިގުލާލަށް ބުރޫއަރުވާ ފަދަ ކަންކަން ކުރާ ބައެއްގެ އަތްމައްޗަށް ދިވެހި ބިންތަކުގެ ބާރު ދޫކޮށްލައިގެން ނުވާނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox