ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހިރާއްޖެއަށް ގެންނަން މަސައްކަތް ކުރާ އެންމެ ބޮޑު ޕްރޮޖެކްޓު އިއްޔެ ވަނީ އިއުލާނުކޮށްފަ އެވެ. އެއީ ޑުބާއީގެ އެމާރް ކުންފުނީގެ ސިސްޓާ ކޮމްޕެނީއަކާއެކު ކުރިއަށް ގެންދަން ނިންމާފައިވާ އެތައް ބިލިއަން ޑޮލަރެއްގެ ޕްރޮޖެކްޓެކެވެ.
އެ ޕްރޮޖެކްޓު އިއުލާނު ކުރުމާއެކު ގިނަ މީހުންގެ ހިތުގައި އެންމެ ފުރަތަމަ އުފެދުނު ސުވާލަކީ އެއީ އަނެއްކާ ސްކޭމެއް ނޫން ބާވަ އެވެ؟ އެއީ ތިނަދޫ އެއާޕޯޓާއި ފައިނޭންޝަލް ސެންޓަރުގެ ސްކޭމުގައި މީގެ ކުރިން މި ސަރުކާރުން ޖެހިފައިވާތީ އެވެ.
އެކަމަކު މިފަހަރު ރާއްޖޭގައި އިންވެސްޓު ކުރަން އުޅޭ ކަމަށް މި ބުނާ ޑުބާއީގެ އީގަލް ހިލްސްއަކީ ފޭކު ކުންފުންޏެއް ނޫނެވެ. އެއީ ޑުބާއީގެ ވަރަށް ބޮޑަށް ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު އަލައްބާރުގެ ކުންފުންޏެވެ.
އަލައްބާރަކީ ރިއަލް އެސްޓޭޓް ވިޔަފާރި ކުރާ ބޭފުޅެކެވެ. ޑުބާއީގެ ބުރުޖު ހަލީފާ ބިނާ ކުރުމުގައި ވެސް އޭނާ އިސް ރޯލެއް އަދާކުރެއްވި އެވެ. އަދި އެ ނޫން ވެސް ވަރަށް ބޮޑެތި ޕްރޮޖެކްޓުތައް އޭނާގެ އެކި ކުންފުނިތަކުން ދުނިޔޭގެ އެކި ހިސާބުތަކުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ނަމަވެސް އަލައްބާރުގެ އީގަލްސް ހިލްސްއާއެކު އިއްޔެ އިއުލާނު ކުރި މަޝްރޫއުގައި ވެސް މައްސަލަތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު މައްސަލައަކީ އީގަލްސް ހިލްސް އާއި ސަރުކާރުގެ އޮފިޝަލުން ދައްކާ ވާހަކަތައް ދިމާނުވުމެވެ. އަދި ސަރުކާރުގެ ދެ ވަޒީރަކު ދެ ތަނެއްގައި ދެ ގޮތަކަށް ވެސް މަޝްރޫއާ ގުޅޭ ގޮތުން ވާހަކަ ދެއްކި އެވެ.
ސޮއި ކުރީ ކޮން އެއްޗެއްގައި؟
ރަސްމާލެ ޕްރޮޖެކްޓު އިއުލާނު ކުރުމުން ރާއްޖޭގައި ބައެއް ނޫސްތަކުގައި ލިޔެފައި ހުރީ "20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި" ސޮއިކޮށްފި ކަމަށެވެ. އަދި ސަރުކާރުގެ އޮފިޝަލުން ވެސް ވާހަކަ ދެއްކި ގޮތުން މޭރުންވީ އެއްބަސްވުމެއްގައި ސޮއި ކުރި ކަމެވެ.
ނަމަވެސް ކޮންސްޓްރަކްޝަން މިނިސްޓްރީ އިން އިއްޔެ އާންމު ކުރި ނޫސް ބަޔާނުގައި ބުނެފައި ވަނީ ސޮއި ކުރީ "ކޮމާޝަލް ޓާމްސް އެގްރީމެންޓް" އެއްގަ އެވެ. ޕަބްލިކް ސާވިސް މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވެސް ފަހުން އެހެން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިފަހަރު މި ހާއްސަކޮށް މިވަރު ބޮޑު ޕްރޮޖެކްޓެއްގައި މި އިނީޝަލް ކޮމާޝަލް ޓާމްސްގައި މި ސޮއިކުރީ އާދައިގެ ބަޔަކާ އެކުއެއް އެކުއެއް ނޫން،" ޒަރީރު ވިދާޅުވި އެވެ.
ކޮމާޝަލް ޓާމްސް އެގްރިމެންޓަކީ ޕްރޮޖެކްޓުގެ އެއްބަސްވުމާ ތަފާތު އެއްޗެކެވެ. ކޮމާޝަލް ޓާމްސް އެގްރިމެންޓު ކިޔައީ ޕްރޮޖެކްޓެއް ކުރިއަށްގެންދަން އެއްބަސްވާ ގޮތެވެ. އެތަނެއްގައި ބިނާ ކުރާނެ ތަންތަނާއި ފީތަކާއި ޓެކްސްތަކާއި އެ ނޫން ވެސް ޕްރޮޖެކްޓުގެ މުހިންމު ބައިވަރު ކަންކަން އެ ކޮމާޝަލް އެގްރިމެންޓުގައި އޮވެދާނެ އެވެ.
ނަމަވެސް ކޮމާޝަލް ޓާމްސް އެގްރިމެންޓަކީ ޕްރޮޖެކްޓުގެ މައިގަނޑު އެގްރިމެންޓެއް ނޫނެވެ. ކުރު ގޮތަކަށް ބުނާ ނަމަ ކޮމާޝަލް އެގްރިމެންޓުގައި ހިމަނާފައި ހުންނާނީ ޕްރޮޖެކްޓު ކުރިއަށް ގެންދަން ދެ ފަރާތުން އެއްބަސްވާނެ ގޮތެވެ.
އިންވެސްޓްމަންޓުގެ އަގަކީ ކޮބާ؟
ކޮންސްޓްރަކްޝަން މިނިސްޓްރީ އިން އިއްޔެ ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ހުރިހާ ފޭހެއްގެ މަސައްކަތް ނިމޭއިރު ރަސްމާލެއަށް 20 ބިލިއަން ޑޮލަރު އީގަލް ހިލްސް އިން އިންވެސްޓު ކުރާނެ ކަމަށެވެ.
ފަހުން ޕީއެސްއެމް އަށް ދެއްވި އިންޓަވިއުގައި ފިނޭންސް މިނިސްޓަރު ޒަރީރު ވެސް ވިދާޅުވީ ރަސްމާލެއަށް އީގަލް ހިލްސް އިން 20 ބިލިއަން ޑޮލަރު އިންވެސްޓު ކުރާނެ ކަމަށެވެ.
"އާދެ، މި ޕްރޮޖެކްޓުގައި އައްސަވާފައިވާނެ ފަދައިން އަދި ޕްރޮޖެކްޓަކީ ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް. މި ޕްރޮޖެކްޓު މި ހިންގެނީ ރަސްމާލޭގެ އެއްބައިގައި. މުޅި ރަސްމާލެއަކީ ގާތްގަނޑަކަށް އެގާރަ ހެކްޓަރުގެ ރަށެއް ހިއްކާ ނިމޭއިރު. އެހެންނަމަވެސް އެ މި ޕްރޮޖެކްޓް މި ހިންގެނީ އެއްބައިގައި، ގާތްގަނޑަކަށް 500 ހެކްޓަރުގެ ތެރޭގަ،" ޒަރީރު ވިދާޅުވި އެވެ.
އެކަމަކު އީގަލް ހިލްސް އިން ހަމަ އިއްޔެ އާންމު ކުރި ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރަސްމާލެއަށް އެ ކުންފުނިން އިންވެސްޓު ކުރާނީ 12 ބިލިއަން ޑޮލަރު ކަމަށެވެ.
"ދިވެހިރާއްޖޭގެ ދުރު މުސްތަގްބަލަށް ވިސްނުމަށްފަހު ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ދަށުން ރަސްމާލެ ތަރައްގީ ކުރުމުގެ އެކި ފޭސްތަކުގައި އެތަނަށް 12 ބިލިއަނެއްހާ ޑޮލަރު ހަރަދުވާނެ،" އީގަލް ހިލްސް އިން އިނގިރޭސި ބަހުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
ސަރުކާރުން ބުނާ އަގާއި އީގަލް ހިލްސް އިން ބުނާ އަގުގައި އަށް ބިލިއަން ޑޮލަރުގެ ބޮޑު ފަރަގެއް ހުންނަންޖެހޭ ސަބަބެއް ނުވިސްނެ އެވެ. މިއީ ލިޔުމުގެ ކުށަކަށްވުރެ ބޮޑު ކަމެކެވެ. ޕްރޮޖެކްޓުގެ މިހާ ކުރީކޮޅު، ޕްރޮޖެކްޓުގެ "ފެކްޓުތައް" ދެ ފަރާތުން ދެ ގޮތަކަށް ކިޔުމަކީ އިތުބާރާ މެދު ސުވާލު އުފެދޭ ކަމެކެވެ.
މިއީ އެސްއީޒީ ޕްރޮޖެކްޓެއްތަ ނުވަތަ ނޫންތަ؟
މި ޕްރޮޖެކްޓު އިއުލާނު ކުރުމާއެކު އެންމެ ފުރަތަމަ ހީކުރެވުނީ މިއީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒީ) ގާނޫނުގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ. އެސްއީޒީ ގާނޫނުގެ ދަށުން ހިންގާ ޕްރޮޖެކްޓެއް ނަމަ ޑިވެލޮޕަރަށް ޔަގީންވާ ބައެއް ޓެކްސް ލުއިތައް ހުންނާނެވެ.
އޭގެ ތެރޭގައި އިމްޕޯޓް ޑިއުޓީ ނުނެގުމާއި ޖީއެސްޓީ އާއި ޓީ-ޖީއެސްޓީ ނުނެގުން ހިމެނެ އެވެ. ނަމަވެސް، ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ އެ ޕްރޮޖެކްޓުގެ ޑިވެލޮޕަރަށް އެއްވެސް ޓެކްސް ލުޔެއް ނުލިބޭނެ ކަމަށެވެ.
"މި މަޝްރޫއު ކުރިއަށް ގެންދަން އެއްބަސްވެފައި ވަނީ އެއްވެސް ޓެކްސް ހޮލިޑޭއެއް ނުވަތަ ޓެކްސް އިސްތިސްނާއެއް ނުހިމެނޭ ގޮތަށް. ރަސްމާލޭގައި ހިންގޭ ހުރިހާ ހަރަކާތްތަކުން ޓެކްސް ނެގޭނީ ދިވެހިރާއްޖޭގެ އާންމު ގާނޫނުތަކުގެ ދަށުން،" މިހާރު ނޫހަށް ދެއްވި އިންޓަވިއުއްގައި މުއްތަލިބު ވިދާޅުވި އެވެ.
އެހެންކަމުން މުއްތަލިބު އެ ވިދާޅުވަނީ އެ ޕްރޮޖެކްޓަކީ އެސްއީޒީގެ ގާނޫނުގެ ދަށުން ކުރިއަށް ގެންދާނެ ޕްރޮޖެކްޓެއް ނޫން ކަމަށެވެ. އެކަމަކު އެކަމާ ސުވާލު އުފެދޭ އެހެން ވާހަކައެއް ވެސް މުއްތަލިބު ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓު އިއުލާނު ކުރަން ދުބާއީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވި ކަމަށް ރޮއިޓާސްގައި ލިޔެފައި ވަނީ، ރަސްމާލޭގައި ޑިވެލޮޕް ކުރާ ކޮމާޝަލް ތަންތަން ވިއްކައިގެން ލިބޭ ފައިސާގެ 10 ޕަސެންޓު އަދި އެހެން ޕްރޮޕަޓީތައް ވިއްކައިގެން ހަތަރު ޕަސެންޓުގެ ފީއެއް ނެގޭނެ ކަމަށެވެ.
މުއްތަލިބު އެ ވިދާޅުވާ ފީތަކާއި ސޭލްސް ރެވެނިއުގެ ޕަސެންޓޭޖަކީ ގާނޫނުގައި މިހާރު ލިޔެފައި ހުރި ކަންކަމެއް ނޫނެވެ. ދިހަ ޕަސެންޓާއި ހަތަރު ޕަސެންޓުގެ ޓެކުހެއް ނަގާ ވާހަކަ ދައްކާފައި ވަނީ އެސްއީޒީ ގާނޫނުގަ އެވެ.
އަނެއް ކަމަކީ، ފިނޭންސް މިނިސްޓަރު ޒަރީރު ޕީއެސްއެމްގައި ރޭ ދެއްކި ވާހަކަ އެވެ. އެ ޕްރޮޖެކްޓުގެ ތެރެއިން ރަސްމާލޭގެ ބިން ނުވިއްކާލާނެ ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ އެތަން ތަރައްގީ ކުރަނީ "ޓައުންޝިޕްތަކާއި އެހެންވެސް ޕްރޮޕަޓީސްތައް" ތަރައްގީ ކުރާ އުސޫލުން ކަމަށެވެ.
"މިހާރު ވެސް އަޅުގަނޑުމެންގެ އެހެން ރިސޯޓްތައް ޑިވެލޮޕް ކުރެވިފައި ހުރި އަދި ދައުލަތުން ހިނގާ ލީސްކޮށްގެން މި ޑިވެލޮޕް ކުރެވޭ ޓައުންޝިޕްތަކާ މި އެހެންވެސް ޕްރޮޕަޓީސްތައް ޑިވެލޮޕްކުރި އުސޫލުން މި ޕްރޮޖެކްޓްގައި ވެސް ކަންތައްތައް ކުރެވޭނީ،" މިނިސްޓަރު ރޭ ވިދާޅުވި އެވެ.
މުޅި ޓައުންޝިޕުގެ އުސޫލަކީ ވެސް ހަމައެކަނި އެސްއީޒީ ގާނޫނުގައި ލިޔެފައިވާ އެއްޗެކެވެ. ދިވެހިރާއްޖޭގެ އެހެން ގާނޫނެއްގައި ޓައުންޝިޕެއްގެ ވާހަކައެއް ލިޔެފައެއް ނުވެ އެވެ. އެހެންކަމުން ޓައުންޝިޕުގެ އުސޫލުން އެއްވެސް ކަމެއް ކުރިއަށްގެންދެވޭނީ އެސްއީޒީ ގާނޫނުގެ ދަށުންނެވެ.
ތިން ވަނަ ކަމަކީ އެ ޕްރޮޖެކްޓުގެ ދަށުން އިއުލާނުކޮށްފައިވާ ކަންކަމެވެ. ސަރުކާރުން ނެރުނު ނޫސް ބަޔާނުގައި މައިގަނޑު ހަ ކަމެއް އިއުލާނުކޮށްފައި އޮތެވެ. އެއީ؛
- ވޯޓާ ފްރަންޓް އަދި މެރީނާ ޑެސްޓިނޭޝަން
- ޕްރިމިއަމް ރެސިޑެންސް އަދި ބްރޭންޑެޑް ރެސިޑެންސް
- ދުނިޔޭގެ ފެންވަރުގެ މެރީނާއެއް
- ވޯޓާ ފްރަންޓް ލެއިޝާ
- ރީޓެއިލް، ޑައިނިން، އެންޓަޓެއިންމެންޓް، ވެލްނެސް
- ސިއްހީ ހިދުމަތް
- ތައުލީމީ ހިދުމަތް
އީގަލް ހިލްސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި އޮތީ ރަސްމާލެއް ތަރައްގީ ކުރާނީ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އަދި ވޯޓާފްރަންޓް އަދި މެރީނާ ޑެސްޓިނޭޝަނެއްގެ ގޮތުގައި ކަމަށެވެ.
ސަރުކާރާއި އީގަލް ހިލްސް އިން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު އެ ޕްރޮޖެކްޓު ވައްތަރީ އެސްއީޒީ ގާނޫނުގައި ބުނެފައިވާ ސަސްޓެއިނަބަލް ޓައުންޝިޕްއާ އެވެ. ސަސްޓެއިނަބަލް ޓައުންޝިޕަކީ؛
"އެއް މެނޭޖްމަންޓެއްގެ ދަށުން ކަނޑައެޅޭ ވަކި ޒޯނެއްގައި މި ގާނޫނުގެ 1-70 ވަނަ މާއްދާގައި ބަޔާންކުރާ ވަސީލަތްތަކާއި ހިދުމަތްތަކާއެކު ގާއިމުކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓެއް އަދި/ނުވަތަ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ހިމެނޭ ގޮތުން، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް މެދުވެރިކޮށް، ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި ހިދުމަތްތަކާއި އާންމު ބޭނުންތަކުގެ ވަސީލަތްތައް ގާއިމުކުރެވިގެންވާ މީހުން ދިރިއުޅޭ ސަރަހައްދެއް."












