ރިޝްވަތުގެ ގޮތުގައި އުމުރާ ދަތުރެއް

ގެފުޅުގެ ކުރެހުމެއް

ގެފުޅުގެ ކުރެހުމެއް

ކިޔާއުޅެއެވެ. ތަތާރުން އަރާ ބަގުދާދު ސުންނާފަތިކުރިފަހުން އެއް ދުވަހެއްގައި ހުލޭގޫހާންގެ އަންހެން ދަރިފުޅު ބަގުދާދުގައި ފަތަރާސިކަމާއެކު ރަށުތެރެ ބެލުމަށް ހިނގަމުންދިޔައެވެ. މިހެން ދިޔަދިއުމުގައި ފެނުނީ މާގިނަ ބަޔަކު މީހެއްގެ ވަށައިގެން މަޖިލިސްކުރަމުންދިޔަ މަންޒަރެވެ. މިކަމަނާ ހައިރާންވެގެން އެއީ ކޮން ކަމެއްތޯ ކައިރީގައި ތިބި މީހުންކުރެން ސުވާލުކޮށްފިއެވެ. އެމީހުން ބުންޏެވެ. އެއީ މުސްލިމުންގެ މާބޮޑު އިލްމުވެރިއެކެވެ. މީސްތަކުން އޭނާގެ ގާތަށް އެއްވެ ވަށައިގެން އެތިބެނީ އިލްމު އުނގެނޭށެވެ. 

ދެން މިކަމަނާ އަމުރުކުރީ އެ އިލްމުވެރިޔާގެ އަތްފައި ބަނދެގެން މިކަމަނާގެ ގާތަށް ހާޒިރުކުރުމަށެވެ. އޭރު އިސްލާމީ ހިލާފަތު ވެއްޓި ބަގުދާދު އޮތީ މުގޯލުންގެ އަތްދަށުގައިކަމުން އިސާހިތަކު މިކަމަނާގެ އަމުރުފުޅު ތަންފީޒުވެއްޖެއެވެ. މުސްލިމުންގެ އިލްމުވެރިޔާ އަތްފައި ބަނދެގެން މި ކަމަނާގެ ކުރިމައްޗަށް ހާޒިރުކުރެވިއްޖެއެވެ.

އެޔާއެކު އިލްމުވެރިޔާއަށް އެކަމަނާ ބުންޏެވެ. ކަލޭމެންގެ ވެރިކަލާނގެ ކަލޭމެންނަށްވުރެ އަހަރެމެންދެކެ މާ ލޯބިވެއެވެ. އެހެން ނޫންނަމަ ކަލޭމެންގެ މައްޗަށް އަހަރެމެންނަށް ގަދަކަން ނުދެއްވީސްތާއެވެ. ކަލޭމެންގެ މައްޗަށް އަހަރެމެންނަށް ނަސްރު ލިބުނީ ކަލޭމެންގެ ކަލާނގެ ކަލޭމެންނަށްވުރެ އަހަރެމެން ދެކެ ލޯބިވާތީ ނޫންހެއްޔެވެ؟

Advertisement

އިލްމުވެރިޔާ ބުންޏެވެ. ތިޔަކަމާ ގުޅިގެން އެއްވެސް އެއްޗެއް ބުނަން ބޭނުންވަނީ މިނިވަންކަމާއެކުގައެވެ. އަހަރެންގެ ކަސްތޮޅުތައް މޮހާނުލަނީހުން އެއްވެސް އެއްޗެއް ނުދަންނަވާނަމެވެ. އަހަރެން ތިޔަ ސުވާލަށް ޖަވާބުދޭނީ އަހަރެންގެ ކަސްތޮޅުތައް މޮހިފައިވާ މިނިވަން ހާލުގައެވެ. 

ދެން އިލްމުވެރިޔާގެ ކަސްތޮޅުތައް މޮހާލެވުނެވެ. އަދި ވާހަކަދައްކަން ފުރުސަތުދެވުނެވެ. އިލްމުވެރިޔާ ވިދާޅުވިއެވެ. ބަކަރިހުއިހައްޕާ މީހުން ދަންނަންހެއްޔެވެ؟ އެކަމަނާ އާއެކޭ ބުނުމުން ވިދާޅުވިއެވެ. ބަކަރިތައް ނުސިޔާނުވެގެން ފިލާ ރައްކާވާން އުޅެފިނަމަ ބަކަރިހުއިހައްޕާ މީހުން ހަދަނީ ކިހިނެއްހެއްޔެވެ؟ އެކަމަނާ ބުންޏެވެ. އެމީހުންގެ ކުއްތާތައް ބަކަރިތައް ފަހާ ފޮނުވައެވެ. އަދި ބަކަރިތައް އަތުލައިގަނެ ކިޔަމަންކުރުވައެވެ. 

ވިދާޅުވިއެވެ. ދެން ބަކަރިތައް އެނބުރި އައުމުން ހަދަނީ ކިހިނެއްހެއްޔެވެ؟ އެކަމަނާ ބުންޏެވެ. ދެން އެހިސާބުން ނިމެއެވެ. ކުއްތާތަކުގެ ނުލަފާކަމުން ފުދިދެއެވެ. ބަކަރިތައް އަލުން އޭގެ ގޮތުގައި ހުއިހެއްޕެއެވެ. ވިދާޅުވިއެވެ. އަހަރެމެންނާ ކަލޭމެންގެ މިސާލަކީ އެއީއެވެ. އެންމެ މަތިވެރި މިސާލު ލިބިވޮޑިގެންވަނީ ﷲ އަށެވެ. އަހަރެމެންނަކީ ނުކިޔަމަންތެރިވެ ފިލަންދުވާ ބަކަރިއައިނެއް ފަދައެވެ. ކަލޭމެން ގޮތެއް ފޮތެއް ނެތް ކުއްތާ ބައިގަނޑެއް ފަދައެވެ. ކަލޭމެން އަހަރެމެންގެ މައްޗަށް މާތް ﷲ ފާކުރެއްވީއެވެ. އެއީ އަހަރެމެންގެ ނުކިޔަމަންތެރިކަމަށްޓަކައެވެ. އަހަރެމެން ﷲ އަށް ނުކިޔަމަންތެރިވީކަމަށްޓަކައި އެކަލާނގެ ކުއްތާތައް އަހަރެމެންގެ މައްޗަށް ފާކުރެއްވީއެވެ.

ކުރިމަތީގައި މިއޮތީ ކައުންސިލްތަކުގެ އިންތިހާބެވެ. ރަށްރަށުގެ އެންމެންހާ ކަމެއް ސިޓީތަކުގެ އެންމެހާ ކަމެއް ބަލަހައްޓާ އިންތިޒާމުކުރުމުގެ ބުރަބޮޑު މަސްއޫލިއްޔަތާ ހަވާލުވާނެ ކައުންސިލްތަކެވެ. ހަމައެޔާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާނެ ކޮމެޓީތަކުގެ އިންތިހާބެވެ. ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ މުހިންމު ބަދަލެއްގެ ފެންނަ ނުފެންނަ ވޯޓުވެސް މިއޮތީއެވެ. 

މިހުރިހާ ވޯޓަކީ އެމައްޗަށް އެތައް ނަތީޖާއެއް ކުރިމަތިވާނެ ކަމެކެވެ. ޔަގީންވަނީ އެންމެ ކަމެކެވެ. އަހަރެމެންގެ ގިނަ މީހުން އަހަރެމެންގެ ކަންކަމާ ހަވާލުވެގެން ތިބި އިންތިހާބީ އެކި މަގާމުތަކުގައި ތިބި މީހުންނާ މެދު ކުރާ ޝަކުވާތަކަށް ނިމުމެއް ނެތްކަމެވެ. އިންތިހާބީ މަގާމުތަކުގައްޔާއި އެފަދަ މަގާމުތަކުގެ ބާރުގައި އުފެދިފައިހުރި ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ ވައްކަމާއި ކޮރަޕްޝަނުގެ ގިނަކަމެވެ. އަދި މަސްއޫލިއްޔަތު އަދާކުރުމަށް އަމުދުން ނުކުޅެދުންތެރިކަމާއި ނާގާބިލުކަމުގެ ބޮޑުކަމެވެ. މިއީ ހައްތާވެސް ކުރަމުންދާ ޝަކުވާތަކެވެ. 

އެޝަކުވާތަކަކީ އަސްލުވެސް ހަގީގަތްތަކެއްގެ މައްޗަށް އުފަންވެފައިހުރި ޝަކުވާތަކެއްކަމުން، ގައުމު ހިނގަމުންދަނީ ކުރިޔަށް ހިނގާވަރަށްވުރެ މާބާރަށް ފަހަތަށެވެ. އެއީ ގައުމުގެ އިގުތިސާދު ކަމަށްވިޔަސް އެހެން ކޮންމެ ދާއިރާއަކަށްވިޔަސްމެއެވެ. ހަގީގަތަކީ މިކަންކަން ރަނގަޅުކުރަން ލިބޭ އެންމެ މުހިންމު އެންމެ ބޮޑު ފުރުސަތަކީ އަދި ވަސީލަތަކީ އިންތިހާބުތަކެވެ. ނަމަވެސް އެ އިންތިހާބުތަކުގައި ތިމާގެ ނިންމުމަކީ ރިޝްވަތަށް ވިއްކާލެވޭ އެއްޗެއްކަމުގައި ހަދާނަމަ، ޝަކުވާކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟

ވޯޓު ގަނެވިއްކުމަކީ ހަރާން ކަމެކެވެ. ދީނީ ގޮތުން ބޮޑު ފާފައެކެވެ. އަހަރެމެންގެ މާތް ނަބިއްޔާ ގެ ދޫފުޅުން ރިޝްވަތުދޭ މީހާއަށާއި ރިޝްވަތު ހިފާ މީހާއަށް ލައުނަތްލެއްވުން އެދި ދުއާކުރައްވާފައިވެއެވެ. މާތް ނަބިއްޔާގެ ދޫފުޅުން ލައުނަތުގެ ބަދުދުއާ ހައްގުވުމަކީ ކުޑަކަމެއްނޫނެވެ. 

ރައްޔިތުންގެ ކަންކަމާ ހަވާލުވާން އެކަކަށްވުރެ ގިނަ މީހުންގެ ތެރެއިން ވަކި މީހަކު އެންމެންނަށްވުރެ ރަނގަޅުކަމަށް ބުނެ ދެވޭ ވޯޓަކީ ދޭ ހެކި ބަހެކެވެ. އެ ހެކިބަސް އޭގެ ތެދުވެރިކަމުގެ މައްޗަށް ބިނާކުރުމުގެ ބަދަލުގައި ތިމާއަށް ލިބޭ ހަދިޔާއެއްގެ މިންވަރަކަށް ބިނާކުރުމަކީ އެއީ ރިޝްވަތު ހިފުމެވެ. އަދި އެފަދަ ހަދިޔާދޭ މީހާ އެދެނީ ކަނޑައެޅިގެން ރިޝްވަތެވެ. އެދެމީހުންމެ ތިބި ނުރައްކާތެރި ހާލަތުގެ ބޮޑުކަމާއެވެ! އެހެނީ އެދެމީހުންގެ މައްޗަށްމެ މާތް ނަބިއްޔާގެ ލައުނަތުގެ ބަދުދުއާ އެވަނީ ހައްގުވެގެންނެވެ. 

އަހަރެމެންގެ ތެރޭގައި ރިޝްވަތު އާންމުވެފައިވާ މިންވަރަކީ، ރިޝްވަތުގެ ގޮތުގައި އުމުރާ ދަތުރުތައް ފަދަ އަޅުކަމުގެ ފުރުސަތުތައް ވެސް ހުށަހެޅެމުންދަނީއެވެ. ކަމާބެހޭ އިދާރާތަކާއި ދީނީ ދައުވަތުދިނުމުގެ ނަމުގައި އުފައްދާފައިހުރި މަދަނީ ޖަމިއްޔާތަކުން މިކަންކަމަށް ބަހެއް ބުނާތީއެއްވެސް ނުމެފެނޭމެއެވެ. ހިތާމައިގެ ކޮޅުނެތްކޮޅަށް ހިތާމަހުއްޓެވެ. 

ރިޝްވަތަށް ހެއްލިތިބެގެން މަދު ފައިސާކޮޅަކަށް ވިކިފައި ތިބެގެން ގައުމުގެ މުސްތަގުބަލު އެމައްޗަށް ބިނާވާ ބޮޑެތި އިންތިހާބުތަކުގައި ގޮތް ނިންމީމާ، ދެން މާތް ﷲ ގެ ކުއްތާތަކުގެ ތެރެއިން ކުއްތާއެއް އެހެންޏާ ކުއްތާތަކެއް ވެރިންގެ ސިފައިގައި ދިވެހިރާއްޖޭގެ މައްޗަށް ފާކުރެއްވިޔަސް އެކަމާ ތިޔަބޭފުޅުން ޝަކުވާކުރައްވަން ނުހައްދަވާށެވެ! 

ފުރުސަތުގެ ބޭނުން މިހާރު ހިއްޕަވާށެވެ! ރިޝްވަތަށް ހަރުއަޑުން ނޫނެކޭ ވިދާޅުވާށެވެ! އުމުރާގެ ނަމުގައި ދިނަސް ހައްޖުގެ ނަމުގައި ދިނަސް ރިޝްވަތުވާނީ ރިޝްވަތަށެވެ. އެނެގީމާ މާތް ނަބިއްޔާގެ ލައުނަތުގެ ދުއާފުޅުން ބަރީއަވެވިދާނެ ހަމަ އެއްވެސް ވަސީލަތެއް ނުއޮންނާނެއެވެ. އަދި އެފަދަ އުމުރާއަކުން ލިބޭނީ އާޚިރަތުގެ ބާއްޖަވެރިކަމެއް ނޫނެވެ. ދެދުނިޔޭގެ އަބާއްޖަވެރިކަމެވެ. 

އަލްބަޤަރާ ސޫރަތުގެ ސަތޭކަ ތޭވީސްވަނަ އާޔަތް ވިދާޅުވާށެވެ! "އެދުވަހަކުން އެއްވެސް ނަފުސަކަށް އެއްވެސް  ނަފުސެއްގެ ކިބައިން އެއްވެސް ކަމެއް ފުއްދައިނުދެވޭނޭ އަދި އެކެއްގެ ކިބައިން ފިދުޔައެއްވެސް ނުހިއްޕަވާނޭ އަދި (އެއްވެސް ފަރާތެއްގެ) ޝަފާއަތަކުން އެއްވެސް މީހަކަށް މަންފާއެއް ނުކުރާނޭ އަދި އެމީހުންނަށް (އެއްވެސް ފަރާތަކުން) ނަސްރެއް ނުލިބޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވެ ރައްކާތެރިވާށެވެ!"

އަލްމާއިދާ ސޫރަތުގެ ސަތޭކެ ވަނަ އާޔަތަށްވެސް ވިސްނާފިކުރު ހިންގަވާށެވެ! "ކަލޭގެފާނު ވިދާޅުވާށެވެ! ނުބައިކަންތަކުގެ ގިނަކަމުން، ތިބާ އަޖައިބު ކޮށްލިޔަސް، ނުބައިކަންތަކާއި، ރަނގަޅު ކަންތައް ހަމަހަމަވެގެނެއް ނުވެއެވެ. އޭ ބުއްދީގެ އަހުލުވެރިންނޭވެ! ފަހެ، ތިޔަބައިމީހުން، ﷲ އަށް ތަޤުވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ."

ކޮމެންޓް

ފަހުގެ ޚަބަރު

ސަރުކާރު ބަލިކޮށް އެމްޑީޕީން ކާމިޔާބު ހޯދައިފި: ނަޝީދު

މިއަދު ބޭއްވި އިންތިޚާބުގައި އެމްޑީޕީން ސަރުކާރު ބަލިކޮށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިޢުލާން ކުރައްވައިފިއެވެ. ބޮޑެތި ސިޓީތަކާއި ގިނަ ރަށްތަކެއްގެ ގޮނޑިތައް އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މާދަމާ އާއި ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅައިފި

މިއަދު ބޭއްވި އިންތިޚާބާ ގުޅިގެން، މާދަމާ އާއި ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ. މި ދެ ދުވަސް ބަންދުކުރަން ނިންމީ އިންތިޚާބާ ގުޅުންހުރި މުހިންމު މަސައްކަތްތައް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެދުމާ ގުޅިގެންނެވެ.

ވޯޓުލުމުގެ ވަގުތު ހަމަވެ ފޮށިތައް ބަންދުކުރަން ފަށައިފި

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލުން ނިމި، ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފިއެވެ. މައިގަނޑު ގޮތެއްގައި ސުލްހަވެރިކަމާއެކު ކުރިއަށްދިޔަ މި އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

"ރެފަރެންޑަމާ މެދު އެކަށީގެންވާ ވަރަށް މައުލޫމާތު ދެވިއްޖެ"

އިންތިޚާބުތައް އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ރެފަރެންޑަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް އެކަށީގެންވާ މަސައްކަތް ނުކުރާކަމަށް ބުނެ ކުރިމަތިވި ފާޑުކިޔުންތައް އިލެކްޝަންސް ކޮމިޝަނުން ދޮގުކޮށްފި. އެ ކޮމިޝަނުގެ ރައީސް ވިދާޅުވީ މީޑިއާ އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް، ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު އެންމެ އެކަށީގެންވާ މިންވަރަށް ފޯރުކޮށްދެވިފައިވާ ކަމަށް.

19 އަހަރު ކުރިން ދިވެހިން މާ ތަސައްރަފު ފުދޭ ނޫންތޯ: މުއިއްޒު

ރާއްޖޭގައި ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ތައްޔާރުވަމުންދާއިރު، މީގެ 19 އަހަރު ކުރިން އެފަދަ ވޯޓެއް ނެގިއިރު އަމަލުކުރި ގޮތަށްވުރެ މިހާރުގެ ކަންކަން ތަފާތުކަން ކުރީގެ ޕީޖީ އަހުމަދު މުއިއްޒު ފާހަގަކުރައްވައިފިއެވެ. އޭނާ ވަނީ 2007 ވަނަ އަހަރު ނިޒާމީ ވޯޓު ނެގުމަށް އޭރުގެ ރައީސާއި ހާއްސަ މަޖިލީހުން ކުރެއްވި މަސައްކަތްތަކަށް ބަލާއިރު، އޭރު ދިވެހިން މާ ބޮޑަށް ތަސައްރަފު ފުދިފައިވާ ކަމަށް ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox