އިސްލާމީ ދަރުބާރުތަކުގައި ޒިނޭގެ ތުހުމަތު

އުމައްޔަތު ޒަމާނުގެ އިސްލާމީ ދަރުބާރު

އުމައްޔަތު ޒަމާނުގެ އިސްލާމީ ދަރުބާރު

އެއީ މުއާވިޔަތު ބިން އަބީސުފްޔާނެވެ. މުސްލިމުންގެ ހަވަނަ ޚަލީފާއެވެ. އިސްލާމީ އުންމަތުގެ ވެރިކަން އެއްދަރިކޮޅެއްގެ އަތްމައްޗަށް ފުރަތަމަ ނަގުލުވެ އުމައްޔަތު ދަރިކޮޅުގެ ވެރިކަން އެބޭކަލެއްގެ އަތްމަތިން ފެށުނު ވެރިކަމުގެ އިލްމުގެ އެފަދަ ދެވަނައެއް ނެތް ސިޔާސީ މުޙައްނިކެވެ. އުމައްޔަތު ދަރިކޮޅުގެ ވެރިކަމުގެ ބާނީ މުއާވިޔަތުގެފާނަކީ އިސްލާމީ ތާރީޚުގެ އިތުރުން، މުޅި އަރަބިކަރައިގެ ތާރީހުގައިވެސް އަރަބީންގެ އެންމެ ބޮޑެތި ބުއްދިވެރިންގެ ތެރޭގައި ގުނޭ ބޭކަލެކެވެ.

މުސްލިމުންގެ ދެވަނަ ޚަލީފާ އުމަރުގެފާނުގެ ޒަމާނުން ފެށިގެން މުއާވިޔަތުގެފާނުގެ ނުފޫޒުގެ ބޮޑުކަމާއި އިސްލާމީ އުންމަތުގައި އެކަލޭގެފާނަކީ ކޮން ދަރަޖައެއްގެ ބޭކަލެއްކަން  މި ލިޔުމުން ވެސް އެނގިވަޑައިގަންނަވާނެއެވެ. އެފަދަ ނުފޫޒު ހުރި ބޭކަލަކު އަދި ފަހުން އިސްލާމީ އުންމަތުގެ ޚަލީފާއެއްގެ ގޮތުގައި ހުންނަވާއިރު އެކަލޭގެފާނުގެ ދަރުބާރުގެ ހައިބަތުގެ ބޮޑުކަން ދެން ހިތަށް ގެންނަވާށެވެ!

މުއާވިޔަތުގެފާނު ދަރުބާރުގައި އިންނަވަނިކޮށް އައިސް ވަތް މީހަކު މުއާވިޔަތުގެފާނުގެ މަންމާފުޅު ހިންދު ބިންތު ޢަތަބާއަށް ނިސްބަތްކޮށް ވަރަށް ހުތުރު ވާހަކަތައް ދައްކަން ފެށިއެވެ. ބޭނުމަކީ މުއާވިޔަތުގެފާނު ރުޅިއަރުވާލުމެވެ. އިސްލާމީ ތާރީހުގެ އެތައް މަސްދަރަކުން ސާބިތުވާ މި ރިވާޔަތުގައި އޮންނަ ގޮތުން އެމީހާ މުއާވިޔަތުގެފާނުގެ މަންމާފުޅަށް ހަޑިހުތުރު ބަސްތައް ރައްދުކުރީ އާދައިގެ ގޮތަކަށް ނޫނެވެ. އެތައް ބަޔަކާ ޒިނޭކުރަމުން އުޅުނު ނުބައި އަންހެނެއްގެ ގޮތުގައި މުއާވިޔަތުގެފާނުގެ މަންމާފުޅު އެ ދަރުބާރުގައި އޭނާ ސިފަކުރިއެވެ.

Advertisement

ހިނިތުންވެވަޑައިގެން އިންނެވި މޫނަކާއެކު ޚަލީފާ މުޢާވިޔަތު އެމީހާއަށް ވިދާޅުވިއެވެ. "ބޭފުޅާއެވެ! ހިންދަކީ ވެސް ޤުރައިޝް ވަންހައިގެ ކަނބަލެކެވެ. ޤުރައިޝް ވަންހައިގެ ކަނބަލުންވީ ޖާހިލިއްޔަ ޒަމާނުގައި ވެސް ހާއްސަ މަތިވެރިކަމެއް ލިބިފައިވާ ބަޔަކަށެވެ. އަދި އިސްލާމްދީނަށްފަހުވެސް އެކަނބަލުންނަށް އެހެން ހާއްސަ މަތިވެރިކަމެއް ލިބިފައިވެއެވެ. ދުނިޔެއަޅާ ގޮސްފައިވާ ކަނބަލަކާމެދު ތިޔަހަރަހާ ބަސްތައް ތިޔަގޮތަށް ބުނުމުގައި ތިޔަހާވަރެއް ތިޔަވަނީ ކޮން ކަމަކާ ލައިގެންހެއްޔެވެ؟ އެކަމަނާވަނީ ކަލޭ ތިޔަ ސިފަކުރި ފަދައިންކަމަށްވާނަމަ، އެކަމަނާއަށް މާތް ﷲ ފާފަފުއްސަވާށިއެވެ! ކަލެޔަކީ ދޮގުވެރިޔަކު ނަމަ ކަލޭގެ ފާފަ މާތް ﷲ ފުއްސަވާށިއެވެ!"

އެމީހާ މުއާވިޔަތުގެފާނުގެ ދަރުބާރުން ނުކުމެފައި ބުނިކަމުގައި ވެއެވެ. ﷲ ގަންދީ ހުވާކޮށް ބުނަމެވެ. ތިމަން އެ ދަރުބާރަށް ވަތްއިރު މުއާވިޔަތުގެފާނުހާ ތިމަން ރުޅިއަރާ އަނެކަކު ނުވެއެވެ. މިހާރު ތިމަންނާ އެހާ ލޯބިވާ އަނެކަކު ނުވެއެވެ.

މުއާވިޔަތުގެފާނުގެ ވެރިކަމުގެ ޒަރީއާއިން އެފަހަށް އިސްލާމީ ވެރިކަމަކީ އެކަލޭގެފާނު ނިސްބަތްވި ދަރިކޮޅުން ކުރާ ވެރިކަމެއްގެ ގޮތުގައި އުމައްޔަތު ދަރިކޮޅުގެ ވެރިކަން އެތައް ޒަމާނަކަށް ދެމިގެންދިޔައީ މިފަދަ ވެރިކަމުގެ ހަރުދަނާ ސިޔާސަތުތަކެއް އެކަލޭގެފާނު ގެންގުޅުއްވުމުގެ ނަތީޖާއިންނެވެ.

މުއާވިޔަތުގެފާނު ދެކެވަޑައިގެންނެވި ގޮތުގައި ވެރިކަމަކީ ޒާތީ ރުޅިވެރިކަމުން ދެމެހެއްޓޭނެ އެއްޗެއް ނޫނެވެ. މުއާވިޔަތުގެފާނުގެ މޮޅު ސިޔާސަތު އެކަލޭގެފާނުގެ އެންމެ ބަސްފުޅަކުން ސިފަކުރައްވައި ވިދާޅުވެފައިވެއެވެ. "ތިމަންކަލޭގެފާނުގެ ޗާބޫކުން ފުދޭ ކަމެއްގެ ތެރެއަށް ކަނޑިކޮޅު ނުލައްވާހުށީމެވެ. އަދި ދުލުން ބުނާ ބަހަކުން ފުދޭނެ ކަމެއްގެ ތެރެއަށް ޗާބޫކު ނުލައްވާހުށީމެވެ. ތިމަންކަލޭގެފާނާއި ރައްޔިތުންނާ ދެމެދު އޮތީ އިސްތަށްޓެއް ކަމަށްވިޔަސް އެއިސްތަށި ބުރިވެގެން ދިޔަ ނުދެއްވާހުށީމެވެ. ރައްޔިތުން ދަމައިގަނެއްޖެނަމަ ދޫދެއްވާފައި، އެބައިމީހުން ދޫދެއްވާނަމަ ވާންކުރައްވާހުށީމެވެ."

ވެރިކަމަކީ މިހެން ކުރަން އޮތް އެއްޗެކެވެ. އިސްލާމީ ވެރިކަމުގެ ފަލްސަފާ ކިޔައިދެނީ ވެރިންނާއި އާންމުންނަކީ ތަފާތު ބަޔެއްކަމެވެ. ކޮންމެ ހާލަތެއްގައިވެސް އެ ހާލަތެއް އާންމު މީހަކާ ކުރިމަތިވާ ހިނދުގައްޔާއި ހަމަ އެހާލަތު ވެރިމީހާއާ ކުރިމަތިވާހިނދު އަމަލުކުރަންޖެހޭ ގޮތަކީ ތަފާތު ގޮތްތަކެއްކަމަށް އިސްލާމީ ވެރިކަމުގެ އުސޫލުތައް ބަޔާންކޮށްދެއެވެ. މުޅި ރައްޔިތުންގެ މަސްލަހަތާއި ވެރިކަމުގެ ތެރެއިން އާންމުންނަށް އިހުސާސްކޮށްދޭންޖެހޭ އަމަންއަމާންކަމާއި އަދުލުވެރިކަމުގެ އިހުސާސް ލިބެވޭނެ ގޮތްތަކެއްގެ މައްޗަށް ވެރިކަމުގެ އުސޫލުތައް ބައްޓަންކުރުމަކީ އިސްލާމްދީން ގޮވާގޮތެވެ.

އިސްވެ ބަޔާންވެދިޔަ ހާދިސާގައި، ދަރުބާރުގައި ވާހަކަދެއްކި މީހާގެ މައްޗަށް ގަޒުފުގެ ތުހުމަތުކޮށް ތަހުގީގު ހިންގައި އޭނާގެ ގައިގައި ގަޒުފުގެ ހައްދުޖެހުނީހެވެ. އެކަމަކު އެގޮތަށް އަމަލުކުރި ނަމަ، ވެރިކަމުގެ މައްޗަށް އާންމުންގެ އޮންނަ އިތުބާރަށްވާނީ ކިހިނެއްހެއްޔެވެ؟ އެހެނީ ތުހުމަތު އަމާޒުވެގެން އެދިޔައީ ވެރިކަމުގެ ހުރިހާ ބާރުވެރި ފަރާތެއްގެ މަންމާފުޅަށެވެ. މައްސަލައިގެ އެއް ޚަޞްމަކީ އެ ބާރުވެރިކަން މިލްކުކުރައްވައިގެން ހުންނެވި މަތިވެރި އިއްޒަތްތެރި ޚަލީފާއެވެ.

ގަޒުފުގެ ހައްދާގުޅޭ އާޔަތް ބާވާލެއްވުނީ އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް މުނާފިގުންގެ ބަޔަކު ތުހުމަތުކޮށް ފެތުރި ވާހަކަތަކުގެ ހުކުމްތައް ބަޔާންކުރައްވައި އެކަމަނާ ބަރީއަވެގެންވާކަން ހަތްއުޑުމަތީން އަންގަވަމުންނެވެ. ގަޒުފުގެ ހައްދު ތަންފީޒުކުރެއްވުމުގެ ގޮތުން މާތް ނަބިއްޔާ ދެފިރިހެނަކާއި އަންހެނަކު ހައްދުޖެހުމަށް އަމުރުކުރެއްވިއެވެ. ނަމަވެސް އެވާހަކަ އެންމެ ބޮޑަށް ފަތުރައި އާންމުކުރި މުނާފިގުންގެ ބޮޑުކަލޭގެ ޢަބްދުﷲ ބިން އުބައްޔު ބިން ސަލޫލްގެ ހައްދެއް ނުޖައްސަވައެވެ. އަދި އެވާހަކަ ފެތުރި ކޮންމެ މީހެއްގެ ގައިގައި ވެސް ހައްދެއް ނުޖައްސަވައެވެ. އިލްމުވެރިން އެކަމުގެ ތަފުސީލުތައް ބަޔާންކުރައްވައި އޭގެ ސަބަބުތަކާއި ހިކުމަތްތައް ފާހަގަކުރައްވާފައިވެއެވެ.

މިގޮތުން ޢަބްދުﷲ ބިން އުބައްޔު ބިން ސަލޫލްގެ ގައިގައި ހައްދުނުޖަހައި ދޫކޮށްލެއްވި ހިކުމަތްތައް ބަޔާންކުރައްވަމުން އިލްމުވެރިން ފާހަގަކުރައްވާ އެއްކަމަކީ ވެސް އެއީ މުނާފިގުންގެ ބޮޑުކަލޭގެކަމަށްވެފައި، އޭނާއަކީ މަތިމަތިން އިސްލާމްކަން ފާޅުކޮށްގެން އުޅޭ މީހަކަށްވާތީ، އޭނާގެ މައްޗަށް ހައްދު ތަންފީޒުކުރުމުން ނުކުމެދާނެ ފިތުނައިން އިސްލާމީ އުންމަތް ސަލާމަތްކުރުމެވެ. ޝަރުޢީ ސިޔާސީ އުސޫލެކެވެ. މުއާވިޔަތުގެފާނު ވެސް ރިއާޔަތް ކުރެއްވީ އެކަމަށެވެ.

މިބާވަތުން ފާހަގަކޮށްލަންޖެހޭ އެއް ވާހަކައަކީ، އުމަރުގެފާނުގެ ހިލާފަތުގައި، ބަޞަރާގެ ގަވަރުނަރަކަށް ހުރި މުޣީރަތު ބިން ޝުޢުބާއަށް އެރަށު މީހުން ޒިނޭގެ ތުހުމަތުކުރި ހާދިސާއެވެ. އެތުހުމަތުކުރި މީހުން އުމަރުގެފާނަށް ޝަކުވާ ފޮނުއްވުމުން، އެސަރަހައްދުގައި އެންމެ އިސްކޮށް އޭރު ހުންނެވި އަބޫމޫސާއަށް ބަޞަރާގެ ވެރިކަން ދެއްވައި، މުޣީރަތުގެ ކިބައިން ވެރިކަން ނަންގަވާފައި އުމަރުގެފާނުގެ ދަރުބާރަށް ތަހުގީގަށް ހާޒިރުކުރެއްވިއެވެ. ސަބަބަކީ އެއީ އާދައިގެ ކުޑަ ތުހުމަތެއްކަމަށް ނުވާތީއެވެ.

ބަޞަރާގައި ބަސްވިކޭ ބަޔަކު އެތަނުގައި ހުރި ވެރިމީހާއަށް ޒިނޭގެ ތުހުމަތުކުރީމާ އެމައްސަލަ ނުބައްލަވައި ދޫކޮށްލެއްވުމަކީ އިސްލާމީ އުސޫލުތައް ތަންދޭ ކަމަކަށް ނުވާތީ އުމަރުގެފާނު ނިންމެވީ، މައްސަލަ ބަލާ ނިމެންދެން މުޣީރަތަށް އޮތް ވެރިކަން ވެސް ވަގުތީގޮތުން ނެންގެވުމަށެވެ.

އެޔަށްފަހު މުޣީރަތު ބިން ޝުޢުބާއާއި އެކަލޭގެފާނަށް ޒިނޭގެ ތުހުމަތުކުރި ބޭކަލުން އުމަރުގެފާނުގެ ދަރުބާރަށް މަދީނާއަށް ހާޒިރުކުރައްވައި މައްސަލަ ބެއްލެވިއެވެ. ތުހުމަތު ކުރި މީހުންނަށް ހަތަރު ހެކީން ހަމަނުކުރެވުމުން، ހެކިބަސްދިން ތިން މީހުންގެ ގައިގައި ގަޒުފުގެ ހައްދުޖެއްސެވިއެވެ. އެކަމުގައި ތުހުމަތުވި އަންހެން މީހާ ފަހައި އެއްވެސް މީހަކު ދުވިކަން ތާރީހީ މަސްދަރުތަކުން އެނގޭކަށް ނެތެވެ. އިސްލާމީ ވެރިން ކަންކަން ކުރައްވާފައިހުރީ މިގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox