ފީފާ ކޮންގްރެސް އަށް ނާދެވުނަސް، އިރާން ވޯލްޑް ކަޕްގައި ކުޅޭނެ

May 1, 2026, 7:59 AM
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.

ވެންކޫވާ، ކެނަޑާ (މެއި 1) - ކެނަޑާގެ ވެންކޫވާގައި ކުރިއަށްދިޔަ ފީފާގެ ކޮންގްރެސް އަށް އިރާނަށް ނާދެވުނު ކަމުގައި ވިޔަސް، ޖޫން/ޖުލައި ގައި އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި އިރާން ކުޅޭނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެެވެ. 

ބުރާސްފަތި ދުވަހު އޮތް ފީފާގެ ކޮންގްރެސްގައި، އެ ފެޑެރޭޝަންގެ 211 ގައުމުގެ ތެރެއިން ބައިވެރިނުވެވުނީ އިރާންގެ އޮފިޝަލުންނަށް އެކަންޏެވެ.

އިރާންގެ މީޑިއާއެއް ކަމަށްވާ ތަސްނީމް އިން ރިޕޯޓްކުރި ގޮތުގައި، އިރާންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، މެހެދީ ތާޖު ހިމެނޭހެން އިރާންގެ އޮފިޝަލުންނަށް ކެނަޑާ އަށް އެރުމުގެ ހުއްދަ ކެނަޑާ އިމިގްރޭޝަނުން ދީފައިނުވެ އެވެ. ކެނަޑާގެ ފޮރިން އެފެއާޒް މިނިސްޓަރު، އަނިޓާ އަނަންދު ވިދާޅުވީ، އިރާންގެ އޮފިޝަލުން ކެނަޑާ އަށް އެތެރެވުމަަށް ހުއްދަ ދެވޭނެ ހާލަތެއް ނެތް ކަމަށެެވެ. 

ރިޕޯޓްތައް ބުނާގޮތުން، އިރާންގެ ފުޓްބޯޅަ ރައީސް ތާޖު އަކީ، އެ ގައުމުގެ އިސްލާމިކް ރިވުލޫޝަނަރީ ގާޑް (އައިއާރްޖީސީ)އާ ގުޅުން އޮންނަ ފަރާތެއް ކަމަށް ބުނެ، ކެނަޑާ އަށް އައުމަށް އޭނާ އަށް ފުރުސަތު ނުދިނީ، އައިއާރްޖީސީ އަކީ ކެނަޑާ އިން ލިސްޓު ކޮށްފައިވާގޮތުގައި، ޓެރަރިސްޓް ޖަމާއަތެކެވެ. 

ފެބްރުއަރީ މަހު، އިޒްރޭލާއި އެމެރިކާ އިން އިސްވެ، އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ހެދި، އިރާނުން ވޯލްޑް ކަޕްގައި ނުކުޅޭނެ ކަމަށް ބުނި ނަމަވެސް، ފީފާގެ ރައީސް، އިންފަންޓީނޯ އަންނަނީ، ތަކުރާރުކޮށް، އިރާން ވޯލްްޑް ކަޕްގައި ކުޅޭނެ ކަމަށް ބުނަމުންނެވެ. 

"ޔަގީންކަމެއް، އިރާނުން ވޯލްޑް ކަޕްގައި ކުޅޭނެ. އެމެރިކާގައި  މެޗުތައް ކުޅޭނީ ވެސް. ސަބަބު ވަރަށް ސާފު، އަހަރެމެންނަށް މިކަން ކުރެވޭނީ އެންމެ ގުޅިގެން. އެންމެން އެއްކޮށް މި ކަން ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ،" އިންފަންޓީނޯ ވިދާޅުވި އެވެ. 

އިންފަންޓީނޯގެ ވާހަކަތަކަށް އިޝާރާތް ކުރައްވައި، އެެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ، އިންފަންޓީނޯ އެ ގޮތަށް ވިދާޅުވާނަމަ، އިރާނަށް ވޯލްޑް ކަޕްގައި ކުޅެން ހުރަހެއް ނެތް ކަމަށެވެ. 

ޕްލޭން ބީ އެއް ނެތް، އިރާން ވޯލްޑް ކަޕް ކުޅޭނެ: އިންފަންޓީނޯ

އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި އަންނަ ޖޫން/ޖުލައި ގައި ކުރިއަށްގެންދާ ގޮތަށް ތާވަލުކޮށްފައިވާ ފީފާ ވޯލްޑް ކަޕްގައި އިރާން ކުޅޭނެ ކަމަށާއި އެކަމާ ގުޅޭގޮތުން، ފީފާ އިން ޕްލޭން ބީއެއް ނުގެންގުޅޭ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ވިދާޅުވެފައި.

ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު މުބާރާތް ފީފާ ވޯލްޑް ކަޕުގައި އިރާން އޮތީ ގްރޫޕް ޖީ ގަ އެވެ. އިރާނުގެ ހުރިހާ މެޗުތަކެއް ވެސް ކުޅެން ހަމަޖެހިފައި އޮތީ އެމެރިކާގަ އެވެ. އިރާނާއެކު އެ ގްރޫޕުގައި ދެން އޮތީ ބެލްޖިއަމް، އިޖިޕްޓް އަދި ނިއުޒީލެންޑެވެ. އިރާން ކުޅޭ ފުރަތަަމަ ދެ މެޗު އޮތީ ލޮސް އެންޖެލްސްގައި، ނިއު ޒީލެންޑާއި ބެލްޖިއަމާ ދެކޮޅަށް ޖޫން 15 އާއި 21 ގަ އެވެ. އަދި، މިސްރާ ދެކޮޅަށް ކުޅެން އޮތް މެޗު، ޖޫން 26 ގައި ކުޅޭނީ ސިއޭޓަލްގަ އެވެ.

އިތުރު ދައުރަކަށް ފީފާގެ ރައީސަކަށް އިންފަންޓީނޯ ކުރިމަތިލާނެ

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި، އިތުރު ދައުރަކަށް އެ ފެޑެރޭޝަންގެ ރައީސްގެ މަގާމަށް ކުރިމަތިލާނެކަން އިންފަންޓީނޯ ވަނީ އިއްޔެގެ ކޮންގްރެސްގައި އިއުލާނުކުރައްވައިފަ އެވެ. 

ފީފާގެ ރައީސްގެ މަގާމަށް ޔުއެފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިންފަންޓީނޯ، އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގަތީ، ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ފެށުމާ އެކު ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ 2015 ވަނަ އަހަރު އިސްތިއުފާ ދެއްވުމުން ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. ބްލެޓާ ވަނީ ފީފާގެ ރައީސްގެ މަގާމު 17 އަހަރު ވަންދެން ފުރުއްވައިފަ އެވެ. އިންފަންޓީނޯ ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތީ 2019 ވަނަ އަހަރު އެވެ. އެ ފަހަރު ވެސް އިންފަންޓީނޯ އިންތިހާބުވެވަޑައިގަތީ، އިތުރު ކެންޑިޑޭޓެއް ވާދަނުކުރައްވާތީ ފަސޭހަކަމާ އެކު އެވެ. މީގެ ތިން އަހަރު ކުރިން، 2023 ވަނަ އަހަރު، ތިން ވަނަ ދައުރަކަށް އިންފަންޓީނޯ އިންތިހާބުވީ ވާދަކުރާނެ ކެންޑިޑޭޓަކު ވެސް ނެތި އެވެ. 

މި ފަހަރުގެ ކޮންގްރެސްގައި، އިންފަންޓީނޯ ވިދާޅުވީ، ފީފާގެ އިލެކްޓޯރަލް ޕީރިއަޑް ފެށިގެންދާއިރު، މެމްބަރު ހުރިހާ ގައުމަކަށް އަންގައިދޭން ބޭނުންވަނީ، ދެން، އޮތް ދައުރު، 2027-2031 އަށް ފީފާގެ ރައީސަކަށް އޭނާ ކުރިމަތިލާނެ ކަމަށެވެ. 

"ތިޔަ 211 މެމްބަރު އެސޯސިއޭޝަނަށް އެންމެ ފުރަަަތަމަ އެކު އެކީގައި އިއުލާނު މި ކުރަނީ، އަންނަ އަހަރުގެ ފީފާގެ އިލެކްޝަނުގައި އަހަންނަކީ، ކެންޑިޑޭޓެއް،" އިންފަންޓީނޯ ވިދާޅުވި އެވެ. 

އޭއެފްސީގެ މިހާރު އޮތް ލީޑަޝިޕުން ވަނީ އިންފަންޓީނޯ އަށް ސަޕޯޓް އޮތް ކަމަށް ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox