އަދަދު ނޫހާ ދެކޮޅަށް ހިންގަން ފަށާފައިވާ ޖިނާއީ ތަހުގީގާ ގުޅިގެން ގާނޫނީ ގޮތުން ފާހަގަކުރެވޭ ބައެއް ނުކުތާތައް

ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެ ހަރަކާތްތެރިވަނީ ---

ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެ ހަރަކާތްތެރިވަނީ ---

ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ ހަގީގަތުގައި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންވެގެންވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން، އަދި އެ އުޞޫލުތަކާ ޚިލާފުނުވާނޭ ގޮތެއްގެ މަތިން ފާސްކުރެވިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ރިޢާޔަތްކޮށް ތަންޒީމުކުރެވިފައިވާ އަސާސީ މިނިވަންކަމަކަށް ވާއިރު، ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުގެ ތެރޭގައި ހިނގާ ޤާނޫނާ ޚިލާފު  ކަންކަމާއި، އަށަގެންފައިވާ ފަސާދައިގެ ޙަޤީޤަތް ރައްޔިތުންނާއި ހަމަޔަށް މީޑިއާގެ ވަސީލަތްތަކުން ހެޔޮނިޔަތުގައި ވާޞިލުކޮށްދިނުމަކީ ދިމިޤުރާޠީ މުޖްތަމަޢުތަކުގައި ނޫސްވެރިން އަދާކުރަމުން އަންނަ މުހިއްމު މަސްއޫލިއްޔަތަކަށް ވާއިރު،  ބުނެވުނު ޑޮކިޔުމެންޓަރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފަކު، ރައީސުލްޖުމްހޫރިއްޔާއަށް ތުހުމަތުކޮށް ދައްކާފައިވާ ވާހަކަތަކުގައި ހިމެނޭ ވަޤާއިޢުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތުގެ ބޭރުން ކުރައްވާފައިވާ ކަންކަމުގައި ބެލެވޭ ހިނދު، އަދި ކިއެއްތަ! އެ ކަންކަމަކީ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގެ (1) އާއި (2) ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ޖަވާބުދާރީ ވެވަޑައިގަންނަވަންޖެހޭ ކަންކަން ކަމުގައި ބެލެވޭ ހިނދު، ޢަދަދު ނޫހުގެ ފަރާތުން ޝާއިޢުކުރި އިޝާރާތްކުރެވުނު ޑޮކިޔުމެންޓަރީ އަކީ، އެނޫން ގޮތަކަށް ޘާބިތުނުވާހައި ހިނދަކު، ނޫސްވެރިކަމުގެ ސުލޫކީ ޤަވާޢިދުތަކަށް ފެތޭ މީޑިއާ ކޮންޓެންޓް އެއްކަމަށް އުޞޫލީ ގޮތުން ބަލަންޖެހެއެވެ.

އެ ޑޮކިޔުމެންޓަރީ ޝާއިޢުކުރުމުގައި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ، ޢަދަދު ނޫހުން ޚިލާފުވެފައިވާ ކަމުގެ ޝަކުވާއެއް އޮވެއްޖެނަމަ، އެފަދަ ޝަކުވާއެއް ބެލުމުގެ ބާރަކީ ނޫސްވެރިންގެ ސުލޫކީ މައްސަލަތައް ބެލުމުމުގެ އިޚްތިޞާޞް ލިބިގެންވާ ކަމާބެހޭ މުއައްސަސާގެ ބާރެއްކަން އެނގެން އޮންނައިރު، ޢަދަދު ނޫހާ އިދިކޮޅަށް ފުލުހުން ހިންގަން ފަށައިފައިވާ ޖިނާއީ ތަޙުޤީޤާ، އަދި އެއާ ގުޅިގެން ޢަދަދު ނޫހާއި އެ ނޫހުގެ ބައެއް ނޫސްވެރިންނާ އިދިކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަކީ ދީމިޤުރާޠީ ޕްރެކްޓިސްތަކާ ބީރައްޓެހި، އަދި ދިވެހިރާއްޖޭ ބައިވެރިވާ ކަމާބެހޭ ބައިނަލްއަޤުވާމީ މުޢާޙަދާތަކާ ޚިލާފު ޕްރެކްޓިސް ތަކެއްކަން އެނގެ އެވެ.

ޖިނާއީ ތަޙުޤީޤު ބިނާކުރި އަސާސް (ޤަޛްފުކުރުން)

އަދަދު ނޫހުގެ ފަރާތުން ޝާއިޢުކުރި އިސްވެ އިޝާރާތްކުރެވުނު ޑޮކިޔުމެންޓަރީއާ ގުޅިގެން ފުލުހުން ހިންގަނީ "ޤަޛްފު" ކުރުމުގެ ކުށުގެ ތަޙުޤީޤެއްކަމަށް ފުލުހުންގެ ފަރާތުން  ބުނެފައިވާއިރު، ޤަޛުފުގެ ކުށަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގައި ތަޖްރީމުކުރެވިފައިވާ ކުށަކަށްވުމުގެ އިތުރުން އެއީ އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ކަމާއި، އަދި، އެއީ އިސްލާމީ ޝަރީޢަތުގައި ޙަރާމްކުރެވިފައިވާ ބޮޑު ފާފައެއްކަން އެނގެން އޮންނައިރު، އިސްލާމީ ޝަރިޢަތުގައި ޤަޛްފުގެ މަފްހޫމަށް ބަލާއިރު އެއީ: ޘާބިތުކުރުމަށް ޝަރީޢަތުގައި ކަނޑައެޅިފައިވާ ހެކިން ހުށަހެޅުމަކާ ނުލައި، ޢިއްފަތްތެރިއަކަށް ޞަރީޙަ ޢިބާރާތުން ޒިނޭގެ ތުހުމަތުކުރުން، ނުވަތަ ދަރިއަކުގެ ނަސަބު އެ ކުއްޖާގެ ބައްޕަގެ ކިބައިން ނަފީކުރުމެވެ.

Advertisement

މި މަފްހޫމުގެ އަލީގައި ބުނެވުނު ޑޮކިޔުމެންޓަރީގައި ވާހަކަ ދައްކާފައިވާ ކަމަށް ބެލެވޭ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުގެ ވާހަކަތަކުގައި ޤަޛުފުގެ ކުށުގެ ޢުންޞުރު ފުރިހަމަވާ ކުށަކަށް އަރައިގެންފައިވާކަން އެނގޭކަށް ނެތެވެ. އޭގައި ޒިނޭކުރިކަމަކަށް އިޢުތިރާފުވެފައި ނުވަތަ ތުހުމަތުކޮށްފައިވެސް ނެތެވެ. އޭގައި ދައްކާފައިވާ ވާހަކަތަކުގައި ތުހުމަތުކޮށްފައިވަނީ "ޖިންސީ" ގުޅުމެއް ހިނގާފައިވާ ކަމަށެވެ. ޖިންސީ ކޮންމެ ކުށަކީ ޟަރޫރީގޮތުން "ޒިނޭ" ގެ ކުށަކަށް ނުވާއިރު، ބުނެވުނު ޑޮކިޔުމެންޓަރީގައި ވާހަކަ ދެއްކި ފަރާތުން ތުހުމަތުކޮށްފައިވަނީ "ޒިނޭ" ގެ ކުށް ކުރިކަމަށް ކަމަށް ކުރިޔާލައި ނިންމައި، ޤަޛްފުގެ ކުށް ކުރިކަމުގެ ޖިނާއީ ތަޙުޤީޤެއް މި މައްސަލާގައި ފަށައިފައިވަނީ ތަޙުޤީޤީ އިދާރާތަކުން ނަގަހައްޓަންޖެހޭ މުސްތަޤިއްލުކަމާއި "ޕްރޮފެޝަނަލިޒަމް" ގެ އުޞޫލުތަކާ ޚިލާފަށްކަން ފާހަގަކުރެވެ އެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރާ މީހާ އަކީ މުޤައްދަސް އަދި މަޢުޞޫމް ޝަޚްޞެއް ނޫންކަމާއި، ޖިނާއީ ކުށެއްގެ ތުހުމަތު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހެއްގެ މައްޗަށް ކުރެވިއްޖެނަމަ އެ ކުށް މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ތަޙުޤީޤުކުރުމުގެ ބާރު ތަޙުޤީޤީ އިދާރާތަކަށް ލިބިގެންވާކަމާ، އަދި، އެފަދަ ކުށަކާ ގުޅިގެން ދަޢުވާކުރަން ޖެހިއްޖެނަމަ ޤާނޫނުއަސާސީގެ 127 ވަނަ މާއްދާގައި ކަނޑައަޅާފައިވާ "އިމިޔުނިޓީ" ނުވަތަ ރައްކާތެރިކަން ފިޔަވައި އެހެން ރައްކާތެރިކަމެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންނުވާކަން އެނގެން އޮންނައިރު، ޢަދަދު ނޫހުގެ ޙަވާލާދެވުނު ޑޮކިޔުމެންޓަރީއާ ގުޅިގެން ޖިނާއީ ތަޙުޤީޤެއް ހިންގަން ފުލުހުން ނިންމާފައިވާނަމަ، އޭގައި ޝާމިލުވާ ވަޤާއިޢުތައް ނިސްބަތްވާ އެއް ފަރާތަކީ ޚުދު ރައީސުލްޖުމްހޫރިއްޔާ ކަމުގައިވާއިރު، "ބުނެވުނު ޑޮކިޔުމެންޓަރީގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި، މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހައި ފަރާތްތަކާ ދެކޮޅަށް ދަޢުވާކުރަން އެދޭ ކަމަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވިދާޅުވުމެއްގެ މައްޗަށް އެކަނި ބިނާކޮށް، ރައީސުލްޖުމްހޫރިއްޔާ އަކީ ފުލުހުން ހިންގަމުންދާ ބުނެވުނު ތަޙުޤީޤުޤައި ޝާމިލުވާންޖެހޭ މުއްތަހަމެއްކަމަށް ނަފީކުރަންޖެހޭ  އެއްވެސް ޤާނޫނީ އަސާސެއް ނެތްކަން ފާހަގަކުރެވެ އެވެ.   

މިނިވަން މުސްތަޤިއްލު ތަޙުޤީޤަކަށް ހުރަސްއެޅިފައި ވުން

ޖިނާއީ ތަޙުޤީޤު ހިންގުމަށް ޤާނޫނުން މަތިކޮށްފައިވާ ފުލުހުންގެ އިދާރާޔަކީ ދާޚިލީ ވަޒީރުގެ ބެލުމުގެ ދަށުން ހިނގަމުންދާ މުއައްސަސާއަކަށް ވީނަމަވެސް، ފުލުހުންގެ މުއައްސަސާއިން ހިނގަމުންދާ އެއްވެސް ތަޙުޤީޤަކަށް ސީދާކޮށް ވިޔަސް އަދި ނުސީދާކޮށް ވިޔަސް ނުފޫޒު ފޯރުވުމުގެ ބާރު  އެ ވަޒީރަށް ލިބިގެންނުވެއެވެ. އެހެންކަމުން، އަދަދު ނޫހުގެ ފަރާތުން ޝާއިޢުކުރި އިސްވެ އިޝާރާތްކުރެވުނު ޑޮކިޔުމެންޓަރީއާ ގުޅިގެން ފުލުހުންގެ އިދާރާއިން ފަށާފައިވާ ތަޙުޤީޤަށް ދާޚިލީ ވަޒީރު ނޭދެވޭ ނުފޫޒު ފޯރުވުމުންދާކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އެ މަނިކުފާނު ކުރައްވާފައިވާ ޕޯސްޓުތަކުން އެނގެން އޮންނަކަމާއި، މިގޮތުން، ބުނެވުނު ޑޮކިޔުމެންޓަރީގައި ދައްކާފައިވާ ވާހަކަތަކަކީ "ދޮގު އިލްޒާމް" ތަކެއްކަމަށް ސިފަކުރައްވައި، ތަޙުޤީޤު ނިމުމުގެ ކުރިން ނަތީޖާއަކަށް ވާޞިލުވެ، "ފުލުހުން ދަނީ ޤާނޫނު ތަންފީޒުކޮށް ރައީސަށް ލިބިގެންވާ ޙައްޤުތައް ދަމަހައްޓަމުން" ކަމަށް ވަޒީރު ވިދާޅުވެފައި އޮތުމުން، ބުނެވުނު ތަޙުޤީޤު މިނިވަންކަމާއި ނަޒާހަތްތެރިކަމާއެކު ހިންގުމުގެ ކުޅަދާނަކަން ފުލުހުންނަށް ލިބިގެންވުމަކީ ދުރުކަމެއްކަން ފާހަގަކުރެވެ އެވެ.

ވެރިކަމުގެ ދައުރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް މުސްތަޤިއްލުކަމާއި ނަޒާހަތްތެރިކަމާއެކު ޖިނާއީ ތަޙުޤީޤު ހިންގުމަކީ ފަސޭހަކަމަކަށް ނުވާތީ، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުގެ ބޭރުން، މަޤާމުގައި ހުރެގެން ކުރުން އެކަށީގެންނުވާ ޒާތުގެ ޚިޔާނަތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް، ނުވަތަ އެ ނޫންވެސް ޖިނާޔަތާއި ޖުނަޙުގެ ކުށެއް ކޮށްފިނަމަ، އެފަދަ ކުށަކަށް އަރައިގަތްކަމަށް ތުހުމަތުކުރެވޭ، ރައީސުލްޖުމްހޫރިއްޔާއެއްގެ މައްޗަށް ޕާރލަމެންޓަރީ ތަޙުޤީޤެއް ހިންގައި އޭނާ މަޤާމުން ޢަޒްލުކުރުމުގެ ބާރު ރިޔާސީ ނިޒާމުތަކުގައި ޤާނޫނު ހަދާ މަޖިލިސްތަކާ މަތިކޮށްފައިވާއިރު، މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުންވެސް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއްކަން އެނގެން އޮންނައިރު، ޙަވާލާދެވުނު ޑޮކިޔުމެންޓަރީގައި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ވަޤާއިޢުތަކަކީ ރައްޔިތުންގެ މަޖިލީހުން ޕާރލަމެންޓަރީ ތަޙުޤީޤެއް ހިންގަންޖެހޭ ވަޤާއިޢުތަކެއްކަން ފާހަގަކުރެވެ އެވެ.   

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންވެގެންވާ، ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ ދިވެހި ދައުލަތުގެ ބާރުތަކުގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމުގައިވާއިރު، އަދި، ރައީސުލްޖުމްހޫރިއްޔާއަކީ ދިވެހި ދައުލަތުގެ އަދި ސަރުކާރުގެ އެންމެ އިސްވެރިޔާ ކަމުގައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހައިބަތާއި ޤަދަރު ރައްކާތެރިކުރެވިފައި އޮތުމަކީ އޭގެ ޒާތުގައި ދިވެހި ދައުލަތުގެ އަދި ދިވެހިރައްޔިތުންގެ ހައިބަތާއި ޤަދަރު ރައްކާތެރި ކުރެވެފައި އޮތުން ކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ރިޔާސަތުގެ މަޤާމުގެ ކަރާމަތަށް އުނިކަން އަންނަ ކޮންމެ ކަމަކީ ޙަޤީޤަތުގައި ދިވެހި ދައުލަތާއި ރައްޔިތުންގެ ކަރާމަތަށްވެސް އުނިކަން އަންނާނެކަމަކަށް ވީހިނދު، ޢަދަދު ނޫހުން ޝާއިޢުކުރި ޙަވާލާދެވުނު ޑޮކިޔުމެންޓަރީގައި ޝާމިލުވެގެންވާ އެންމެހައި ވަޤާއިޢުތައް ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލުކަމާ އެކު ތަޙުޤީޤުކުރުމުގެ ޤާބިލުކަން، ޤާއިމުވެގެންވާ ކަމާބެހޭ މުއައްސަސާތަކަށް ލިބިގެންނުވާނަމަ، 1998 ގައި ކްލިންޓަން-ލުވިންސްކީ ފަޟީޙަތް ތަޙުޤީޤުކުރުމަށް އެމެރިކާގައި ޚާއްޞަ އިންވެސްޓިގޭޓަރ އެއްގެ ގޮތުގައި "ކެނެތު ސްޓާ" އައްޔަންކުރެވުނު ފަދައިން، ބުނެވުނު ޑޮކިޔުމެންޓަރީގެ މައްސަލަ ތަހުޤީޤުކުރުމަށް ހާއްސަ އިންވެސްޓިގޭޓަރެއް އައްޔަންކުރުމަކީ ކޮންމެހެން މުހިންމުކަމެއްގައި ދެކެމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox