ފިއުލް ސްޓޯރޭޖު ގާއިމުކުރަން މާލޭ ސަރަހައްދުން ދެ ފަޅެއް ބަލަނީ

އެސްޓީއޯއިން ތެޔޮ ރައްކާކުރަން ކުރަން ބޭނުންކުރާ ކ. ފުނަދޫ: ސަރުކާރުން ބޭނުންވަނީ ފުނަދޫގައި ރައްކާކުރެވޭ ކެޕޭސިޓީގެ 16 ގުނަ ބޮޑު ރިޒާވެއް --- ފޮޓޯ/މުހައްމަދު ޝާބިން

އެސްޓީއޯއިން ތެޔޮ ރައްކާކުރަން ކުރަން ބޭނުންކުރާ ކ. ފުނަދޫ: ސަރުކާރުން ބޭނުންވަނީ ފުނަދޫގައި ރައްކާކުރެވޭ ކެޕޭސިޓީގެ 16 ގުނަ ބޮޑު ރިޒާވެއް --- ފޮޓޯ/މުހައްމަދު ޝާބިން

ހަކަތައިގެ ބާޒާރަށް އަންނަ ލޮޅުންތަކުން ރައްކާތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން އަޅާ ފިޔަވަޅެއްގެ ގޮތުގައި އިއުލާންކުރި "ނޭޝަނަލް އޮއިލް ރިޒާވް" ގާއިމުކުރަން ބޭނުންވާ ފިއުލް ސްޓޯރޭޖުތައް ބަހައްޓަން މާލޭ ސަރަހައްދުން ދެ ފަޅެއް ބަލަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން، ތިން ސަރަހައްދެއްގައި ފިއުލް ސްޓޯރޭޖުތައް ގާއިމުކޮށް، އަހަރު ދުވަހަށް ބޭނުންވާ ތެލުގެ ރިޒާވު ގާއިމުކުރަާކަން ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ މަހުގެ ފަހުކޮޅުގަ އެވެ. 

ގައުމީ އޮއިލް ރިޒާވު ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހި ހިންގަނީ މާލޭ ސަރަހައްދުގަ އެވެ. ބާކީ ފިޔަވަހިތައް ހިންގާ ސަރަހައްދުތައް އަދި އިއުލާނެއް ނުކުރެ އެވެ. 

އިރާނު ހަނގުރާމައާ ގުޅިގެން ފިޔަވަޅުތައް އަޅަން އުފައްދާފައިވާ ކެބިނެޓު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، މި މަސައްކަތް ގޮސްފައިވާ ހިސާބު ހިއްސާކުރައްވަމުން ޒަމީރު ވިދާޅުވީ މިއީ ފިނޭންސް އާއި އިކޮނޮމިކް މިނިސްޓްރީ އާއި ސްޓޭޓް ޓްރޭޑިން އޯގަނަޒައިޒޭޝަން (އެސްޓީއޯ) ގުޅިގެން ކުރާ މަސައްކަތެއް ކަމަށެވެ. 

އެ ގޮތުން ފުރަތަމަ ކުރަމުން އަންނަ މަސައްކަތަކީ، ޒަމީރު ވިދާޅުވި ގޮތުގައި، ސްޓޯރޭޖު އަޅަން އެންމެ އެކަށީގެންވާ ތަން ކަނޑައެޅުމެވެ. އޭނާ ވިދާޅުވީ، ސްޓޯރޭޖް ގާއިމުކުރާ ތަން ވާން ޖެހެނީ އެކި ކަހަލަ މޫސުމުގައި ކައިރިކުރެވޭ އަދި އެންމެ ބޮޑެތި އުޅަނދުފަހަރަށް ވެސް ގާތްކުރެވޭ ވަރުގެ ތަނަކަށެވެ. 

"މި ވަގުތު އެސްޓީއޯއިން ދެ ރަށެއްގެ ކައިރީގައި އޮތް ފަޅުގެ ސަރަހައްދު ބަލަމުން އެބަދޭ. އެތަނަށް ބޭނުންވާ، އެ ތަނުން ކުރަން ޖެހޭ ސާވޭ ފެށޭ ހަފުތާގެ ތެރޭގައި ސާވޭ ކުރުމުގެ ކަންކަން ކުރިއަށް ދާނެ." ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވި އެވެ. 

މި ސާވޭގެ މަސައްކަތާ އެކުއެކީ، ޒަމީރު ވިދާޅުވީ، އެ ތަނުގެ ޑިޒައިންތަކާއި ފައިނޭންސިން ހޯދުމަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އަދި، މި މަސައްކަތް ނިންމާ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ފައިނޭންސިން އޮޕްޝަންތަކާ އެކީ ސްޓޯރޭޖު އަޅާނެ ތަނުގެ ޕްލޭން މުއިއްޒުއަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ގައުމީ އޮއިލް ރިޒާވުގެ ޕްލޭން އިއުލާންކުރައްވަމުން މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ތެލުގެ ރިޒާވުގެ ސްޓޯރޭޖުތައް ގާއިމުކުރުމުގެ ކޮންމެ ފިޔަވައްސަކަށް 150 މިލިއަން ޑޮލަރު މަގުން މުޅި ޕްރޮޖެކްޓަށް 450 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ.

ހަނގުރާމައިގެ ހާލަތުގެ ސަބަބުން މި ވަރުގެ އިންވެސްޓްމަންޓެއް ވަގުތުންވަގުތަށް ނުލިބުނަސް، ޒަމީރު ވަނީ، މިކަމުގެ ތައްޔާރީތައް ނިމިފައި އޮތުމުން ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ މިހާރު ހުރި ތެލުގެ ރިޒާވުން ރާއްޖެއަށް ފުދޭ ވަރު ނުވާތީ އެވެ. 

"ޔަގީނުން ވެސް އެނގޭ އެއްޗަކީ ރާއްޖޭގައި މިހާރު މިހިރަ ސްޓޯރޭޖަކުން ނުވާ ކަމަށް. އަދި ދުނިޔޭގެ މިދިޔަ ގާތްގަނޑަކަށް 10 އަހަރަށް ބަލާލާއިރު ވެސް މި އަންނަ ލޮޅުންތަކާ، އިގުތިސޯދަށް މި އަންނަ ބަދަލުތަކަށް ބަލާއިރު، ރާއްޖޭގައި ތެލުގެ އިތުރުކުރަން، ތެލުގެ ރިޒާވު ހުންނަން ޖެހޭ،" ޒަމީރު ވިދާޅުވި އެވެ.

މިހެން ވިދާޅުވުމަށް ފަހު ޒަމީރު ވަނީ އަހަރު ދުވަހުގެ ތެޔޮ ރައްކާކުރަން ވިސްނާތީ އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން ވާހަކަ ދައްކަވާފަ އެވެ. ފާޑުކިޔުންތެރިން ބުނާ ގޮތުގައި މިހާ ގިނަ ދުވަހުގެ ސްޓޯރޭޖު ހޯދުމާއި ބެހެއްޓުމަކީ ވެސް ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. 

އެއް އަހަރުގެ ތެލުގެ ރިޒާވް: ކުރަންޖެހޭ ކަމެއްތަ؟ އަދި ކުރެވިދާނެ ކަމެއްތަ؟

މި މަޝްރޫއަކީ ކަނޑުއަޑީގެ ޓަނަލް ފަދަ ސިޔާސީ "މެގަ-ޕްރޮޖެކްޓް" އެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، ރާއްޖޭގެ މާލީ ގާބިލްކަމާއި ފަންނީ ހަގީގަތްތަކަށް ބިނާވެފައިވާ މަޝްރޫއަކަށް ވާންޖެހޭ ބައިނަލްއަގުވާމީ މިންގަނޑު ކަމަށްވާ 90 ދުވަހުގެ ރިޒާވްއަކަށް އަމާޒު ހިފުމަކީ ބުއްދިވެރި ގޮތް

ޒަމީރު ވިދާޅުވީ މި ފާޑުކިތުންތައް ބަަލައިގަންނަ ކަމަށެވެ. އަދި، އޭނާ ވަނީ، ފީސިބިލިޓީ ސްޓަޑީ އާއި ފައިނަލް ޕްލޭނުގައި އެކަމަށް ރިއާޔަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.  ނަމަވެސް، ޒަމީރު ވެސް ގަބޫލުކުރައްވަނީ އަހަރު ދުވަހުގެ ތެޔޮ ބެހެއްޓުމަކީ ކުރެވޭނެ އަދި ފައިދާ ވެސް ވާނެ ކަމެއް ކަމަށެވެ.

ފައިދާ ވާނެ އެއް ގޮތަކީ، ޒަމީރު ވިދާޅުވި ގޮތުގައި، ހަ މަހުގެ ސްޓޮކް ބަހައްޓާފައި ބާކީ ހުރި ބައި ކުއްޔަށް ދިނުމެވެ. އޭނާ ވިދާޅުވީ މި ގޮތަށް އިންޑިއާ ކަނޑުގެ ތެރޭގައި ސްޓޮކް ބަހައްޓައިގެން އުޅެން ބޭނުންވާ ވަރަށް ގިނަ ތެޔޮ ކުންފުނިތައް އުޅޭކަން އެނގިފައިވާ ކަމަށެވެ.

"މިސާލަކަށް އޭގެ މޭޖާ އޮއިލް ޑިސްޓްރިބިއުޝަން ކުންފުންޏެއް ނޫނީ މިސާލަކަށް ނޭޝަނަލް އޮއިލް ކުންފުނިތައް، މެދުއިރުމަތީގެ ކުންފުނިތަކާ އެއްކޮށް، އަޅުގަނޑުމެން އަންނަ އެގްރީމަންޓެއްގެ ތެރެއިން ވެސް މިސާލަކަށް ބޮޑު ސްޓޮކެއް ބަހައްޓާފަ، އަޅުގަނޑުމެންނަށް އޭގެން ބޭނުންވާ ވަރަކަށް ނޫނީ ހަތަރު މަހަށް ކޭޝްފްލޯ އެލައު ކުރާ ގޮތަކަށް އަޅުގަނޑުމެންނަށް ގަނެވޭނެ ގޮތްތައް ވެސް ރޭވޭނެ،" ޒަމީރު ވިދާޅުވި އެވެ. 

ފިނޭންސް މިނިސްޓަރު ވިދާޅުވި ގޮތުގައި ގައުމީ އޮއިލް ރިޒާވުގެ ފަހު ޕްލޭން ރައީސްއަށް ހުށަހަޅާނީ، މުސްތަގުބަލުގައި ދިމާވެދާނެ ތެލުގެ މައްސަލައަށް ހައްލެއް ލިބޭ ގޮތަށެވެ. 

އެސްޓީއޯއާ ހަވާލުކޮށްގެން ގައުމީ ތެލުގެ ރިޒާވު ފަޅެއްގައި އަޅަން އުޅޭއިރު، ދެ އަހަރު ވެގެން ދިޔައިރު އެސްޓީއޯއަށް އުޅެނީ ފުނަދޫގައި ހުރި ފިއުލް ފާމް އެހެން ތަނަކަށް ބަދަލުނުކުރެވިގެންނެވެ. 

ފުނަދޫގައި ހުރި ތެޔޮ ރައްކާ ކުރޭ ޓޭންކުތައް އެހެން ތަނަކަށް ބަދަލުކުރަން ސަރުކާރުން އެސްޓީއޯއަށް އެންގީ، ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ފުނަދޫ ކަނޑައަޅައި އެ ރަށުގައި ބައިނައްލަގުވާމީ ފައިނޭންޝަލް ސެންޓަރެއް އަޅާށެވެ. 

އެ ގޮތުން ފުރަތަމަ ނިންމީ މާގިރިފަޅަށް ފިއުލް ފާމް ބަަދަލުކުރާށެވެ.  މިކަން ނުފެށި އޮއްވާ މާގިރިފަޅު ހިއްކުމުގެ ބަދަލުގައި ހިއްކާފައި އޮތް ތިލަފުއްޓަށް ފިއުލް ފާމް  ބަދަލުކުރާ ގޮތަށް ނިންމި އެވެ. އެއީ ނޮވެމްބަރު، 2024  ގެ ތެރޭގަ އެވެ. 

އެ ދުވަސްވަރު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވަނީ ތިން މަސް ދުވަހުގެ ތެރޭގައި ތިލަފުށީގައި، މިހާރަށް ވުރެ ކެޕޭސިޓީ ބޮޑުކޮށް، ތެޔޮ ރައްކާކުރެވޭ ޓޭންކުތައް ގާއިމުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް އެ މަސައްކަތް ނުނިމެ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox