އިސްލާމިކް ފައިނޭންސިންއަށް ހާއްސަ، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 370 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުގެ ނިމުނު އަހަރުގެ މާލީ ބަޔާނުން ދައްކައިފި އެވެ.
އެމްއައިބީން އާންމު ކުރި ބަޔާނުން ދައްކާ ގޮތުގައި، މިދިޔަ އަހަރަކީ އެ ބޭންކަށް ހުރިހާ ގޮތަކުން ފައިސާ ކާމިޔާބު އަދި ފައިދާ ބޮޑު އަހަރެކެވެ. ހަމައެކަނި، ސާފު ފައިދާގެ ގޮތުގައި އެ ބޭންކަށް ލިބުނު އަދަދަށް އެކަނި ބެއްޔަސް، އަހަރުންއަަހަރަށް ވަނީ 93 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.
މިދިޔަ އަހަރު ނިމުނުއިރު، ބޭންކުގެ އެސެޓުތަކުގެ އަގު ވަނީ 11.4 ބިލިއަން ރުފިޔާއިން 16.6 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ބޭންކުގެ އެސެޓުތައް ގިންތިކުރާ ވަކިވަކި ދާއިރާތަކަށް ބަލާކަމުގައި ވަނީ ނަމަ އެންމެ ބޮޑު އިތުރުވުމެއް އައީ ފައިނޭންސިން ހަރަކާތްތަތަކުން ލިބެން ޖެހޭ ފައިސާ (ރިސީވަބްލްސް) އަދި ޓީބިލުތަކާއި ބޮންޑުތަކާއި ޓާމް ޑިޕޮސިޓްތައް ފަދަ ފައިނޭންޝަލް އިންސްޓްރޫމަންޓުތަކުން އިންވެސްޓުކޮށްފައިވާ އަދަދަށެވެ.
އެ ގޮތުން ފައިނޭންސިންއިން ލިބެން ޖެހޭ ފައިސާ ވަނީ 2024 ވަނަ އަހަރު ނިމުނުއިރު ހުރި 5.7 ބިލިއަން ރުފިޔާއިން 7.5 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި، އިންވެސްޓުކޮށްފައި ހުރި އަދަދު ވަނީ އަހަރުންއަހަރަށް ބަލާކަމުގައި ވަނީ ނަމަ 2.8 ބިލިއަން ރުފިޔާއިން 4.5 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
އެމްއައިބީގެ ވިޔަފާރި ކުރިއެރުމާއި ޑިޕޮސިޓުތައް އިތުރުވުމާއެކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ބަހައްޓަން ލާޒިމުކުރާ ރިޒާވު ވެސް ވަނީ މިދިޔަ އަހަރުގެ ތެރޭގައި އެއް ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.
އެމްއައިބީގެ މާލީ ބަޔާނަށް ބެލުމުން، ނިމުނު އަހަރުގެ ތެރޭގައި އެ ބޭންކުގެ ޑިޕޮސިޓު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަން ފާހަގަކުރެވެ އެވެ. މިދިޔަ އަހަރު ނިމުނުއިރު އެ ބޭންކުގައި 13.6 ބިލިއަން ރުފިޔާގެ ކަސްޓަމަރުންގެ ފައިސާތައް ހުރިއިރު، އޭގެ ކުރީ އަހަރު ނިމުނުއިރު ހުރީ 9.1 ބިލިއަން ރުފިޔާ އެވެ. މިއީ 4.5 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މިދިޔަ އަހަރު އެމްއައިބީން ވަނީ ފައިނޭންސިން ހަރަކާތްތަކުން 785 މިލިއަން ރުފިޔާގެ އާމްދަނީއަށް ހޯދާފަ އެވެ. މީގެ ތެރެއިން ބޭންކުގެ ކަސްޓަމަރުންނަށް ފައިދާގެ ގޮތުގައި 207 މިލިއަން ރުފިޔާ ބަހާފައިވެ އެވެ. ފައިނޭންސިން އާމްދަނީ (31 ޕަސެންޓު) އަދި ފައިދާގެ ގޮތުގައި ބެހި އަދަދު (59 ޕަސެންޓު) ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އޭގެ އިތުރުން ފީތަކާއި ކޮމިޝަންތަކުން އާމްދަނީގެ ގޮތުގައި 214 މިލިއަން ރުފިޔާ، ހަރަދަށް ކެނޑުމަށް ފަހު 150 މިލިއަން ރުފިޔާގެ އާމްދަނީއެއް އެމްއައިބީއަށް ލިބުނެވެ. މިއާ އެކީ، އެ ބޭންކު ހިންގައިގެން ލިބުނު އާމްދަނީ ވަނީ ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ އިތުރުވެ، 897 މިލިއަން ރުފިޔާއަށް ޖެހިލާފަ އެވެ.
އެމްއައިބީ ހިންގައިގެން ލިބުނު އާމްދަނީން، އެ ބޭންކުން ހިންގަން ހަރަދުވީ 404 މިލިއަން ރުފިޔާ ކެނޑުމަށް ފަހު، ޓެކުހަށް ކެނޑުމުގެ ކުރިން 492 މިލިއަން ރުފިޔާ ލިބުނެވެ. އެ ބޭންކުގެ އާމްދަނީން ވަނީ 121 މިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ދައްކާފަ އެވެެ










