ހދ. އަތޮޅުގައި، ޚާއްޞަކޮށް ކުޅުދުއްފުށި ސިޓީގައި ސިމްޑީ ގްރޫޕުގެ ވިޔަފާރި ފުޅާކުރުމަށްޓަކައި، އެ ކުންފުނިން "މިތުރު" ކުންފުންޏާއެކު ސަބް ޑިސްޓްރިބިއުޝަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ސިމްޑީގެ މުދާ ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކޮށް، އިތުބާރު ހުރި ރަށު ފެންވަރުގެ ސަބް ޑިސްޓްރިބިއުޓަރެއް މެދުވެރިކޮށް އެ އަތޮޅުގައި ކުންފުނީގެ ޚިދުމަތްތައް އިތުރަށް ވަރުގަދަކުރުމެވެ.
މި އެއްބަސްވުމުގައި ސިމްޑީ ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޔޫޝައު ސަޢީދެވެ. އަދި މިތުރު ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޒުބައިރެވެ. މި އެއްބަސްވުމަކީ މުޅި ރާއްޖެއަށް މުދާ ފޯރުކޮށްދިނުމުގެ ނިޒާމު ފުޅާކޮށް، ސިމްޑީން އެތެރެކުރާ ތަފާތު ބާވަތްތަކުގެ އުފެއްދުންތައް ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ވެސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިއަށްގެންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.
މި ޕާޓްނަޝިޕްގެ ސަބަބުން ހދ. އަތޮޅުގައި މުދާ ސަޕްލައިކުރުމުގެ ނިޒާމު ހަރުދަނާވެ، އެ އަތޮޅުގެ ރީޓެއިލް ވިޔަފާރިތަކަށާއި، ފަތުރުވެރިކަމުގެ ދާއިރާއަށް އަދި ޢާންމު ކަސްޓަމަރުންގެ ބޭނުންތަކަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
ސިމްޑީ ސީޕީޑީ (SIMDI CPD) މެދުވެރިކޮށް އެ ކުންފުނިން ދަނީ ކާބޯތަކެއްޗާއި، ގޭތެރެއަށް ބޭނުންވާ ސާމާނާއި، އަމިއްލަ ސާފުތާހިރުކަމަށް ބޭނުންވާ ތަކެތީގެ އިތުރުން ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ބައިނަލްއަޤްވާމީ މަޤްބޫލު ގިނަ ބްރޭންޑްތަކެއް ރާއްޖެއަށް ތަޢާރަފުކުރަމުންނެވެ. އޭގެ ތެރޭގައި ދިލްމާ ސައި، ދުނާރު ބާސްމަތީ ހަނޑޫ، މެންޓޯސް، ކެޑްބަރީ، ބޭބީ ޝެރަމީ، ޕެންޓީން، ހެޑް އެންޑް ޝޯލްޑާސް، ޖިލެޓް، އޭރިއަލް، ޓައިޑް، ޕެމްޕާސް، ވެލްވެޓް، ހޮލްސްޓަން، ވިސްޕާ، ގޯލްޑް، ވިކްސް، ސަންޓަން، މައި ބިސްކަޓް އަދި އައިކެފޭ ފަދަ ދުނިޔޭގެ ނަންމަޝްހޫރު އުފެއްދުންތައް ހިމެނެއެވެ.
މީގެ މައިގަނޑު އަމާޒަކީ މިފަދަ ފެންވަރު ރަނގަޅު އުފެއްދުންތައް ރާއްޖޭގެ ފިހާރަތަކަށާއި، ރިސޯޓުތަކަށާއި، ހޮސްޕިޓާލިޓީ ދާއިރާގެ ވިޔަފާރިތަކަށް އަދި ޢާންމު ފަރުދުންނަށް ދަތިކަމެއް ނެތި ފޯރުކޮށްދިނުމެވެ.
ހދ. އަތޮޅުގައި ސިމްޑީގެ މުދަލަށް އޯޑަރު ދިނުމާއި، އުފެއްދުންތަކާ ގުޅޭ މަޢުލޫމާތު ހޯދުމާއި، މުދާ ފޯރުކޮށްދިނުމުގެ އެންމެހައި ޚިދުމަތްތައް ބަލަހައްޓަމުންދާނީ ސަބް ޑިސްޓްރިބިއުޓަރެއްގެ ގޮތުގައި ހަމަޖެއްސި މިތުރު ކުންފުނިންނެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް މިތުރު ކުންފުނީގެ ނަންބަރު 7977722 އަށް ގުޅުއްވުމުން ނުވަތަ އެ ކުންފުނީގެ އީމެއިލް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.






