ދ. ތިންހުރާގައި ފާނައާއި ހުއިފިލަނޑު އަދި އިހީގެ އިތުރުން ކަނޑުފެހި އާލާކުރާ ފާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށަން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އަށް ހުށަހަޅައިފި އެވެ.
މެގަޓަން ކިޔާ ދިވެހި ކުންފުންޏަކުން ހުށަހެޅި މި ޕްރޮޕޯސަލުގައި ވަނީ އެއް އަހަރުގެ ތެރޭގައި ވަސީލަތްތައް ގާއިމުކޮށް، ފަސް އަހަރު ނުވަތަ އެއަށް ވުރެ ދިގު މުއްދަތަކަށް އެ މަސައްކަތް ހިންގުމަށެވެ. މި މަޝްރޫއު މިހާރު އޮތީ އީއައިއޭ ހެދުމުގެ މަރުހަލާގަ އެވެ. އަދި އަމަލީ މަސައްކަތް ފެށުމުގެ ހުއްދައެއް އަދި ނުދެ އެވެ.
ހުށަހެޅުމުގައިވާ ގޮތުން މި މަޝްރޫއަށް ތިންހުރާގެ 5.5 ހެކްޓަރުގެ މުޅި ބިމާއި އެ ރަށު ފަޅުން ކަނޑައަޅާ ސަރަހައްދެއް ބޭނުންކުރާނެ އެވެ. އެގޮތުން އެއްގަމުގައި ހެޗަރީ އާއި، ޕްރޮސެސިން އަދި ކޯލްޑް ސްޓޯރޭޖުގެ އިތުރުން މުވައްޒަފުންގެ އެކޮމޮޑޭޝަނާއި އޮފީސް އަދި ތަމްރީނު މަރުކަޒު ގާއިމުކުރަން ވަނީ ހިމަނައިފަ އެވެ. އަދި ފަޅުތެރޭގައި ފާނަ ކޮށިތަކާއި، އިހި ގެންގުޅޭ ރޭސްވޭތަކާއި ހުއިފިލަނޑު އާލާކުރާ ގޮޅިތައް ހަދަން ވަނީ ރާވައިފަ އެވެ.
މި ފާމުގައި ދިރުވަން ރާވާފައި ވަނީ ރާއްޖެއިން ބޭރަށް ދިރިހުރި މަސް އެކްސްޕޯޓްކުރާ ފާނަ އާއި، 12 މަހާއި 18 މަހާ ދެމެދު ބޮޑުވާ ސޭންޑްފިޝް ހުއިފިލަނޑާ އެވެ. ހުއިފިލަނޑާ ބޭރުކުރަން ކަނޑައަޅާފައިވަނީ ޗައިނާ އާއި ހޮންގްކޮންގް އަދި ސިންގަޕޫރު ފަދަ މާކެޓުތަކަށެވެ. މީގެ އިތުރުން 90 ދުވަހާއި 120 ދުވަހުން ބޮޑުވާ އިއްސާއި، ކާބޯތަކެއްޗާއި ކޮސްމެޓިކްސް އުފެއްދުމަށް ބޭނުންކުރާ ކަނޑުފެހި އާލާކުރަން ވެސް ހުށަހެޅުމުގައި ހިމަނާފައިވެ އެވެ.
މި މަޝްރޫއުގެ ފަސް އަހަރުގެ ޕްލޭންގައިވާ ގޮތުން ފުރަތަމަ އަހަރު ތިމާވެށީގެ ހުއްދަތައް ހޯދައި، ވަސީލަތްތައް ގާއިމުކޮށް 30 ޒުވާނުންނާއި އަންހެނުން ތަމްރީނުކުރާނެ އެވެ. ދެ ވަނަ އަހަރު ހެޗަރީ ހަދައި، އަންހެނުންގެ ޕްރޮސެސިން ޔުނިޓެއް ގާއިމުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. ތިން ވަނަ އަހަރު ފުރަތަމަ ފަހަރަށް އުފެއްދުންތައް ބާޒާރަށް ނެރެ، ހަތަރު ވަނަ އަހަރު އުފެއްދުންތެރިކަން ދެގުނަކޮށް އަވިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމުކުރާނެ ކަމަށް ހުށަހެޅުމުގައިވެ އެވެ. އަދި ފަސްވަނަ އަހަރު ރިސާޗް ސެންޓަރުތަކާ ގުޅިގެން ފުރިހަމަ ވިޔަފާރިއަކަށް މި މަސައްކަތް ބަދަލުކުރާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މި މަޝްރޫއު ހުށަހެޅި މެގަޓަން މެނޭޖިން ޑިރެކްޓަރަކީ މުހައްމަދު އާދަމް ކިޔާ މީހެކެވެ. އަދި، އަބްދުﷲ އަލީ އަކީ ކުންފުނީގެ ޑިރެކްޓަރެއްގެ އިތުރުން ހިއްސާދާރެކެވެ. މި ކުންފުނިން މި އަހަރު ވަނީ "ތިންހުރާ" ނަމުގައި ވިޔަފާރި ނަމެއް ރަޖިސްޓްރީކޮށްފަ އެވެ. އެ ކުންފުނިން ކުރާ އެހެން ވިޔަފާރިއެއް އާންމުކޮށް އެނގެން ނެތް ނަމަވެސް ތިލަފުށިން ތިން ބިމެއް އެ ކުންފުނިން ގަނެފައިވެ އެވެ.
ތިންހުރާ މެރިކަލްޗާ މަޝްރޫއުގެ ބައެއް ތަފުސީލުތައް އެނގުނަސް މި މަޝްރޫއަށް ހިނގާނެ އިންވެސްޓްމަންޓުގެ ޖުމްލަ އަދަދާއި، އެ ރަށް އެ ކުންފުންޏަށް ކުއްޔަށް ނުވަތަ އެއްވެސް އުސޫލަކުން ދޫކޮށްފައިވޭތޯ އަދި ސާފެއް ނުވެ އެވެ.
މެރިކަލްޗާ ސިނާއަތަކީ ރާއްޖޭގައި އަދި ވަރަށް ޅަފަތުގައި އޮތް ސިނާއަތެކެވެ. ނަމަވެސް ވޭތުވި ސަރުކާރުތަކާއި މި ސަރުކާރުން ވެސް ވަނީ މި ސިނާއަތް ކުރިއަރުވަން ސިޔާސަތުތަކެއް އެކުލަވާލާފަ އެވެ. އަދި، މިއީ އިގުތިސޯދު ސިންދަފާތުކުރަން އިސްކަންދޭ ދާއިރާއެކެވެ.
މި ސަރުކާރުން ވަނީ އްޖޭގައި މެރިކަލްޗާ ވަކި ސިނާއަތެއްގެ ގޮތުގައި ފުޅާކުރުމަށްޓަކައި ސަރުކާރުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުން 13 ޒޯނެއް ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ދ. އަތޮޅުގެ ދެ ސަރަހައްދެއް ހިމެނޭއިރު، މި ޒޯންތައް ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުޅުވާލަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި، ކޮމާޝަލް ސްކޭލެއްގައި ފާނަ އާލާކުރަން މާލެއަތޮޅު ދެކުނުން 73 ހެކްޓަރުގެ ފަރުގެ ސަރަހައްދެއް ވަނީ ކަނޑައަޅައިފަ އެވެ.
މީގެ އިތުރުން މެރިކަލްޗާ ދާއިރާއިން މީހުން ބިނާކުރުމަށް ހާއްސަ ތަމްރީނު ޕްރޮގްރާމުތައް ވެސް ސަރުކާރުން އަންނަނީ ހިންގަމުންނެވެ.








