ހިއްކަން ފެށިތާ ދެ އަހަރު ފަހުން ރަސްމާލޭގެ 50 ޕަސެންޓު ހިއްކައިފި

ހޯމަ ދުވަހު ރަސްމާލެ މަތިން ނަގާފައިވާ މަންޒަރެއް: ރަސްމާލޭން 516 ހެކްޓަރު ހިއްކާ ނިމިއްޖެ --- ފޮޓޯ: ކޮޕާނިކަސް

ހޯމަ ދުވަހު ރަސްމާލެ މަތިން ނަގާފައިވާ މަންޒަރެއް: ރަސްމާލޭން 516 ހެކްޓަރު ހިއްކާ ނިމިއްޖެ --- ފޮޓޯ: ކޮޕާނިކަސް

މީގެ ދެ އަހަރާ ހަތަރު މަސް ދުވަސް ކުރިން ފެށި ރަސްމާލޭ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ރަސްމާލެއަށް ބޭނުންވާ ބިމުގެ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ސަރަހައްދެއް ހިއްކާ ނިމުނު ކަން ސަރުކާރުން މިއަދު އިއުލާންކޮށްފި އެވެ. 

މިކަން އިއުލާންކުރައްވަމުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވިދާޅުވީ، ފުށިދިއްގަރު ފަޅުން 504 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ. 

"ރަސްމާލެ މަޝްރޫއުގެ 50 އިންސައްތައަށް ވުރެ ބޮޑު ބަޔެއް މިހާރު ވަނީ ހިއްކިފަ. އެއީ 504 ހެކްޓަރު. އެއީ ނިސްބަތުން ބަލާ ކަމުގައި ވަންޏާމުން ހުޅުމާލޭގެ ދެ ފޭސް އެއްކޮށްލީމަ، އެ ވަރުގެ ބިމެއް ގާތްގަނޑަކަށް ހިކިފަ އެއޮތީ." އޭނާ ވިދާޅުވި އެވެ.

ރަސްމާލޭގެ 50 ޕަސެންޓަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކާ ނިމުނު ކަމުގައި ވިޔަސް، މިދިޔަ އަހަރުގެ ތެރޭގައި "ޓްރިޕްލް ސްޕީޑް" އަށް ދުވެލި މަތިކުރި ޕްރޮޖެކްޓުގެ ދުވެލި އަނެއްކާ ވެސް މަޑުޖެހިދާނެ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، އިރާނު ހަނގުރާމައިގެ ސަބަބުން ދިމާވެފައި ގޮންޖެހުންތަކެވެ.

ނޫސްވެރިންގެ ބައްދަލުވުން ފަށަމުން މުއްތޮލިބު ވަނީ އިރާނު ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގު އުފުލުމުންނާއި، ކޮންސްޓްރަކްޝަން ސާމާނު ތަދުކަމުން ޕްރޮޖެކްޓުތަކުގެ މުއްދަތު އިތުރުކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މި އުނދަގޫތައް ހުރުމާ ގުޅިގެން ރަސްމާލޭ ޕްރޮޖެކްޓު އެއްކޮށް ނުހުއްޓުނަސް، ޕްރޮޖެކްޓުގެ ތާރީހުތަކަށް ވެސް ބަދަލުތަކެއް އައިސްދާނެ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ސަރުކާރުގެ މިހާރުގެ އަމާޒަކީ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ރަސްމާލޭން ދޫކުރާ ގޯތިތައް ހަވާލުކުރެވޭނެ މަގުފަހި ކުރުމެވެ. 

މުއްތޮލިބު ވިދާޅުވީ، ބިމަށް އެދެން ހުޅުވާލާފައިވާ ފުރުސަތު އަންނަ މަހުގެ 31 ގެ ނިމި، ބިން ލިބޭ ބަޔަކު ހޮވެންވާއިރަށް ބިން ހިއްކާ ނިމި، ގޯތި ހަވާލުކުރެވޭ ވަރު ކުރެވޭނެ ކަމަށެވެ. އެކަމަކު ބިން ލިބޭ ބަޔަކު ކަނޑައެޅޭނެ ތާރީހެއް ނޫނީ މުއްދަތެއް އޭނާ ވިދާޅެއް ނުވެ އެވެ.

"އަޅުގަނޑުމެން މިހާރު ހުޅުވާލާފައިވާ އެޕްލިކޭޝަން ޕްރޮސެސް ނިމި، އެ ފަރާތްތައް ހޮވެންވާއިރަށް އިރާދަކުރެއްވިއްޖެއްޔާ ބިންތައް ހިއްކާ ނިންމާ، އެ ފަރާތްތައް ކަނޑައަޅާ، އެ ފަރާތްތަކާ ބިން ހަވާލުކުރެވޭނެ މިންވަރަށް ގެންދެވޭނެ،" މުއްތޮލިބު ވިދާޅުވި އެވެ.

"މާނައަކީ އަޅުގަނޑުމެން ކަނޑުން، ނުހިއްކާ ތަނަކުންނެއް ބަޔަކަށް ގޯތި ކަނޑައަޅާފައެއް ނުދޭނަމޭ،" 

ރަސްމާލޭ 50 ޕަސެންޓު ހިއްކިއްޖެ ކަމަށް ސަރުކާރުން ބުނާއިރު، ރަސްމާލޭގެ ސައިޒު ކަމަށް ފުރަތަމަ އިއުލާންކުރި 1153 ހެކްޓަރަށް ބަލާ ކަމުުގައި ވަނީ އަދި ދެ ބައި ކުޅަ އެއް ބައި ނުހިކެ އެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ފަހުން ދެ ފަހަރެއްގެ މަތިން ހިއްކާ ސަރަހައްދަށް ބަދަލު ގެނެސްފަ އެވެ.

ބިން ހިއްކުމުގެ ޕްލޭނަށް ފުރަތަމަ ބަދަލު ގެނައި ފަހަރު ހިއްކާ ސަރަހައްދު 1008 ހެކްޓަރަށް ކުޑަކުރި އެވެ. އެންމެ ފަހުގެ އީއައިއޭ ރިޕޯޓުގައި އޮތީ 1040 ހެކްޓަރު ހިއްކާ ގޮތަށް ސައިޓެއް އިތުރުކޮށްފަ އެވެ. މުއްތޮލިބު 50 ޕަސެންޓު ހިއްކިއްޖެ ކަމަށް އެ ވިދާޅުވަނީ ގައުކުނޑި އަޅައިގެން ހިއްކާ ގޮތަށް މި ފަހުން އިތުރުކުރި ސައިޓު ނުހިމަނާ ކަމަށް ބެލެވެ އެވެ. 

ރަސްމާލެ ޕްރޮޖެކްޓު ހިންގަން ސަރުކާރުން ހަވާލުކޮށްފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އެވެ. ތިރީގައިވާ ތާވަލުގައި އެ ވަނީ އެޗްޑީސީން ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުންނާއި މި މަހުގެ 4 ވަނަ ދުވަހާ ހަމައަށް ހިއްކާ ނިމުނު މިންވަރެވެ.

ސައިޓުހިއްކަން ހުށަހެޅި ސަރަހައްދުހިއްކާ ނިމުނު ސަރަހައްދުކޮންޓްރެކްޓަރު
އޭ138 ހެކްޓަރު144 ހެކްޓަރުއެމްއޭސީއެލް
ބީ154 ހެކްޓަރު54 ހެކްޓަރުއެމްއޭސީއެލް
ސީ190 ހެކްޓަރު143 ހެކްޓަރުސީއެޗްއީސީ
ޑީ281 ހެކްޓަރު49 ހެކްޓަރުއެމްއެމްއީ
އީ77 ހެކްޓަރުހިއްކަން ނުފަށާސީއެޗްއީސީ
އެފް24 ހެކްޓަރު24 ހެކްޓަރުއެމްއެމްއީ
ޖީ31 ހެކްޓަރުހިއްކަން ނުފަށާއެމްއެމްއީ
އެޗް12 ހެކްޓަރު12 ހެކްޓަރުއެމްއޭސީއެލް
އައި18 ހެކްޓަރު18 ހެކްޓަރުއެމްއޭސީއެލް
ޖޭ29 ހެކްޓަރު29 ހެކްޓަރުސީއެމްސީ
ކޭ25 ހެކްޓަރުހިއްކަން ނުފަށާއެޗްޑީސީ
އެލް58 ހެކްޓަރު41 ހެކްޓަރުއެމްއެމްއީ
ޖުމްލަ1040 ހެކްޓަރު516 ހެކްޓަރު

ރަސްމާލެ ޕްރޮޖެކްޓު ފިނި ހަކަ ދުވެލީގައި ދަނިކޮށް، އެ ޕްރޮޖެކްޓުގެ ދުވެލި ބާރުވެ، 50 ޕަސެންޓު ހިއްކޭ ވަރުވީ އެމްއޭސީއެލްއިން ޕްރޮޖެކްޓަށް ވަން ހިސާބުންނެވެ. އެ ކުންފުނިން ވަނީ ދުނިޔޭގެ އެންމެ ބޮޑު ދެ ޑްރެޖަރު ކުއްޔަށް ނަގައިގެން ގެނެސް، ރަސްމާލެ ހިއްކަން  ބޭނުންކޮށްފަ އެވެ.  

އެމްއޭސީއެލްއިން ވަނީ މަސައްކަތާ ހަވާލުވެގެން ހަތަރު މަސް ދުވަހުގެ ތެރޭގައި 228 ހެކްޓަރުގެ ބިން ހިއްކާފަ އެވެ. މިއީ ދުވާލަކު ގާތްގަނޑަކަށް 1.8 ހެކްޓަރުގެ ބިމެވެ. 

ރަސްމާލޭގެ ބިން ހިއްކުމުގެ ޕްރޮޖެކްޓަކީ މި ރާއްޖޭގައި މިހާތަނަށް ހިންގޭ އެންމެ ބިޔަ، ބޮޑު ބިން ހިއްކުމުގެ މަޝްރޫއެވެ. މި މަޝްރޫއު ނިމުމުން މި ރާއްޖޭގައި ބިމުގެ ޖާގަ އެންމެ ތަނަވަސް ރަށަކަށް ވާނީ ރަސްމާލެ އެވެ.

ސަރުކާރުން ބުނާ ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކަށް ރައްކާތެރިކޮށް ކަނޑުގެ ލޮނުގަނޑުން 2-3 މީޓަރު އުސްކޮށް ތަރައްގީކުރާ މި ރަށް ވެގެން ދާނީ،  ރާއްޖޭގެ ފުރަތަމަ "އިކޯ ސިޓީ" އަދި ބޯހިޔާވަހިކަމުގެ މައްސަލައިގެ ދާއިމީ ހައްލަށެވެ.

މިއީ ފަށާތާ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ބުނެ ފެށި ޕްރޮޖެކްޓެއް ނަމަވެސް، އެކި ދުވަސްވަރު އެކި ކަންކަން ލައިގަނެ ޕްރޮޖެކްޓު ހިންގުމަށް ދަތިވެފައިވާތީ، މި އަހަރުގެ ބާކީ އޮތް އަށް މަސް ދުވަހުގެ ތެރޭގައި ވެސް ބިން ހިއްކުމުގެ ބައި ނިމޭނެ ކަމަކަށް މިހާރު ނުބެލެވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox