މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް އިއުލާންކުރި ލިސްޓުގައި ހިމެނުނު މީހުންނަށް, ފްލެޓުތައް ނިމޭ ވަރަކުން ޖުލައި މަހު ހަވާލުކުރަން ފަށައި، އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 4،000 ފްލެޓު ހަވާލުކޮށް ނިންމާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުން މިހާރު ނިންމާފައިވަނީ "ޝަރުތު ހަމަނުވާ" މީހުން ލިސްޓުން އުނި ކުރުމަށްފަހު އެ ލިސްޓުގައި ބާކީ ތިބި މީހުންނަށް ފްލެޓު ދިނުމަށެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެކަން އިއުލާނުކުރެއްވީ ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުއްތަލިބު ވިދާޅުވީ 4،000 ފްލެޓުގެ މިހައިތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1،000 ފްލެޓުގެ ކަމަށެވެ. އެ ފްލެޓުތަކަށް ފެނާއި ކަރަންޓު އަދި އެހެނިހެން އަސާސީ ހިދުމަތްތައް ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެކަންކަން ޖުލައި މަސް ފެށެންވާއިރަށް ނިމޭނެ ކަމަށް ބެލެވޭ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
"އެހެންވީމަ ނިމޭ ފްލެޓުތައް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެން އެގްރީމެންޓް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން ކުރިއަށް ގެންދާނަން. އަޅުގަނޑުމެންގެ އަމާޒަކީ ޖުލައި މަހުގެ ނިޔަލަށް އިތުރު 1،000 ފްލެޓު ނިންމާ އަދި ސެޕްޓެމްބަރުގެ ނިޔަލަށް 4،000 ފްލެޓުގެ މަސައްކަތް އެއްކޮށް ނިންމައި ބޯހިޔާވަހިކަމުގެ މަސައްކަތް ނިންމުމަށް،" މުއްތަލިބު ވިދާޅުވި އެވެ.
ނޫސްވެރިން އިތުރަށް ސުވާލުކުރުމުން ވެސް ފްލެޓުތަކަށް މީހުން ވެއްދުމުގެ މަސައްކަތަށް މުއްތަލިބު ދެއްވީ އެއް ޖަވާބެކެވެ.

"އަޅުގަނޑުމެންނަށް ފްލެޓްތައް ނިމެމުންދާ ގޮތުން އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރު އަންނަން ވާއިރަށް މީހުން ވައްދާ ނިންމާލެވޭނެ ކަމަށް ގަބޫލުކުރެވެނީ. އަދި، އިރާދަކުރެއްވިއްޔާ މިހާރު ނިމިފަ ހުރި ފްލެޓުތައް ޖުލައި މަސް ތެރޭ އަޅުގަނޑުމެންނަށް އެ ފަރާތްތަކާ ހަވާލުކުރަން ފެށޭނެ ކަމަށް ގަބޫލުކުރަނީ،" ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި އަޅާ 4،000 ފްލެޓް އެޅުމުގެ މަޝްރޫއު ކުރިއަށް ގެންދާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މީގެކުރިން ބުނެފައި އޮތީ ހުރިހާ ފްލެޓެއް ޖުލައިގެ ނިޔަލަށް ނިމޭނެ ކަމަށެވެ. އެހެންކަމުން އޭރު ލަފާކުރި ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގޮސްފައެއް ނުވާކަން އެވަނީ ހާމަވެފަ އެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތް ކުރަނީ 17 އާއި 18 ބުރި ހުންނަ ޖުމްލަ 32 ޓަވަރެކެވެ. އެއިން ކޮންމެ ޓަވަރަކަށް ޖުމްލަ އަށް މިލިއަނާއި ނުވަ މިލިއަން އެމެރިކާ ޑޮލަރާ ދެމެދު ހަރަދުކުރަންޖެހެ އެވެ. މި 4،000 ފުލެޓުގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 2،800 އެޕާޓުމެންޓާއި ދެ ކޮޓަރީގެ 1،200 އެޕާޓްމަންޓެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކުގައި ހުރި މި ޓަވަރުތަކުގައި 150 އާއި 200 އާ ދެމެދު އަދަދަކަށް ކޮމާޝަލް ޔުނިޓަކެއްވެސް ތަރައްގީކުރާނެ އެވެ. އޭގެތެރޭގައި ހިމެނެނީ ފިހާރަތަކާއި ކެފޭތަކާއި އެހެނިހެންވެސް މުހިންމު ހިދުމަތްތައް ދޭ ތަންތަނެވެ.













