about 5 hours 0
އަހުމަދު އާއިދު
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ފޭސް 2 ގައި އިމާރާތްކުރާ ފްލެޓުތައް: މި ފްލެޓުތަކުގެ މައިގަނޑު މަސައްކަތްތައް ނިމި މިހާރު ކުރިއަަށް ދަނީ ފިނިޝިން މަސައްކަތް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
about 5 hours 0
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ 4،000 ފުލެޓުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އެ މަޝްރޫއު ކުރިއަށް ގެންދާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފި އެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި ނޫހުން ފުލެޓު މަޝްރޫއުގެ ތަފުސީލު ހޯދުމަށް ހުށަހެޅުމުން ދިން ޖަވާބުގައި އެފްޑީސީ އިން ބުނީ ފިނިޝިން މަސައްކަތްތަކާއެކު ޝެޑިއުލާ އެއްގޮތަށް ގޮސް ފުލެޓުތަކުގެ ހުރިހާ މަސައްކަތެއް ނިމޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށް ކަމަށެވެ.
އެފްޑީސީން ދިން މައުލޫމާތަށް ބަލާއިރު ގިނަ ޓަވަރުތަކުގެ ރޭނުމުގެ މަސައްކަތް ނިމި މިހާރު ކުރިއަށްދަނީ ފިނިޝިންގެ މަސައްކަތެވެ. މި މަޝްރޫއަށް މިހާތަނަށް 229 މިލިއަން ޑޮލަރު ވަނީ ހަރަދުވެފަ އެވެ. އޭގެތެރެއިން 169 މިލިއަނަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދޫކުރި ލޯނެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތް ކުރަނީ 17 އާއި 18 ބުރި ހުންނަ ޖުމްލަ 32 ޓަވަރެކެވެ. އެއިން ކޮންމެ ޓަވަރަކަށް ޖުމްލަ އަށް މިލިއަނާއި ނުވަ މިލިއަން އެމެރިކާ ޑޮލަރާ ދެމެދު ހަރަދުކުރަންޖެހެ އެވެ. މި 4،000 ފުލެޓުގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 2،800 އެޕާޓުމެންޓާއި ދެ ކޮޓަރީގެ 1،200 އެޕާޓްމަންޓެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކުގައި ހުރި މި ޓަވަރުތަކުގައި 150 އާއި 200 އާ ދެމެދު އަދަދަކަށް ކޮމާޝަލް ޔުނިޓަކެއްވެސް ތަރައްގީކުރާނެ އެވެ. އޭގެތެރޭގައި ހިމެނެނީ ފިހާރަތަކާއި ކެފޭތަކާއި އެހެނިހެންވެސް މުހިންމު ހިދުމަތްތައް ދޭ ތަންތަނެވެ.
އެފްޑީސީން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ޓަވަރުތައް ނިމޭ ވަރަކުން ރައްޔިތުންނާ ފުލެޓުތައް ހަވާލުކުރުމަށް ކަމަށެވެ. ލިސްޓު އާންމުކުރިހާ އަވަހަކަށް އެކަން ކުރެވޭނެ ކަމަށްވެސް ބުންޏެވެ. ނަމަވެސް ފުލެޓު ލިސްޓު އާންމުކުރާނެ ތާރީހެއް އަދި ނޭނގެ އެވެ.
ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފުލެޓު ދިނުމަށެވެ.
އޭގެ ތެރެއިން އެންމެ ފުރަތަމަ ފުލެޓު ލިބޭ 4000 މީހުންގެ ލިސްޓު އިއުލާނު ކުރިފަހުން އޭސީސީއަށް ހުށަހަޅުނު މައްސަލައަކާ ގުޅިގެން ފުލެޓުތަކުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓައިލަން އެ ކޮމިޝަނުން އެންގި އެވެ.
އޭސީސީގެ ތަހުގީގަށް ފާހަގަވި ކަންކަމާއެކު ހައުސިން މިނިސްޓްރީއާ އިސްލާހުކުރި ލިސްޓެއް ހިއްސާކުރި އެވެ. އޭގެ ފަހުން އާ ލިސްޓު އިއުލާނުކުރާނެ ކަމަށް ބުނެ ތަފާތު އެކި ތާރީހުތަކެއް ސަރުކާރުން ދިނެވެ. އެއިން އެއްވެސް ތާރީހެއްގައި ފުލެޓު ލިސްޓު އިއުލާނު ނުކޮށް، މުއްދަތެއް ނެތްގޮތަށް އެކަން ފަސްކުރީ ނޮވެމްބަރު 16، ގަ އެވެ.
ލިސްޓު އާންމުކުރުން މުއްދަތެއް ނެތް ގޮތަށް ފަސްކުރި ފަހުން ތިން މިނިސްޓްރީއެއް އަނދައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން މި ލިސްޓު އިއުލާނުކުރެވޭނެ ތާރީހަށް އިތުރު ލަސްތަކެއް އައިސްދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވެ އެވެ.
Comment