21 މިލިއަން ޑޮލަރުގެ ސެޓްލްމަންޓް އެއްބަސްވުމަކަށް ދިޔުމުން ސީއެމްސީއިން އާބިޓްރޭޝަނަށް ނުދާން ނިންމައިފި

ރަސްމާލެ ހިއްކުމުގެ މަޝްރޫއު ހަވާލުކުރި ސީއެމްސީގެ ވެރިޔާ ރާޖު: ސީއެމްސީން ބޮޑު ބަދަލެއް ހޯދަން ދާން އުޅޭ ކަމަށް ބުނާ ވާހަކަތައް އޭނާއާ ގާތް މީހުން ދޮގުކޮށްފައިވޭ -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ރަސްމާލެ ހިއްކުމުގެ މަޝްރޫއު ހަވާލުކުރި ސީއެމްސީގެ ވެރިޔާ ރާޖު: ސީއެމްސީން ބޮޑު ބަދަލެއް ހޯދަން ދާން އުޅޭ ކަމަށް ބުނާ ވާހަކަތައް އޭނާއާ ގާތް މީހުން ދޮގުކޮށްފައިވޭ -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ރަސްމާލެ ހިއްކަން ކެޕިޓެލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ އެކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ސޮއިކުރި އެއްބަސްވުން އުވާލި ނަމަވެސް, 21 މިލިއަން ޑޮލަރު (323 މިލިއަން ރުފިޔާ) ގެ ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށް، އެ މައްސަލައިގައި އާބިޓްރޭޝަނަށް ނުދާން ސީއެމްސީއިން އެއްބަސްވެފައިވާ ކަން "އަދަދު" އަށް އެނގިއްޖެ އެވެ.

ފުށިދިއްގަރު ފަޅުން 1153 ހެކްޓަރު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ މަޝްރޫއު އެޗްޑީސީން އެންމެ ފުރަތަމަ ހަވާލުކުރީ ސީއެމްސީއާ އެވެ. އެއީ ޑިސެމްބަރު, 2023، ގައި މަސައްކަތް ފަށައި އަށް މަސް ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ ބައި އެއްކޮށް ނިންމާލާ ގޮތަށެވެ.

ސީއެމްސީއާ އެ މަސައްކަތް ހަވާލުކުރީ ބިން ހިއްކުމުގެ މުގާބިލުގައި ހުޅުމާލޭން 10 ހެކްޓަރުގެ ބިމާއި ފުށިދިއްގަރުފަޅުން ހިއްކާ ބިމުން 60 ހެކްޓަރުގެ ބިމުގެ ޑިވެލޮޕްމަންޓް ރައިޓްސް 99 އަހަރަށް އެ ކުންފުންޏަށް ދޭ ގޮތަށެވެ. މިއީ ދައުލަތުގެ ބަޖެޓުންނާއި އެޗްޑީސީގެ ބަޖެޓުން ވެސް އެއްވެސް ފައިސާއެއް ހަރަދުނުކުރާ ގޮތަށް ހިންގާ މަޝްރޫއެއް ކަމަށް އޭރު ސަރުކާރުން ބުނެފައިވެ އެވެ.

މި އެއްބަސްވުމުގެ ދަށުން ސީއެމްސީން ވަނީ ފުރަތަމަ ހިއްކަން ފެށި "ސައިޓް ޖޭ" ގެ 29 ހެކްޓަރު އެއްކޮށް ހިއްކައި ނިންމި އެވެ. އެއަށް ފަހު އެ މަޝްރޫއުގެ މަސައްކަތް މަޑުޖެހިފައި އޮއްވައި, މިދިޔަ އަހަރުގެ ތެރޭގައި އެޗްޑީސީން ވަނީ އެއްބަސްވުން ބާތިލުކޮށްފަ އެވެ.

އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން ސީއެމްސީއިން ހަތަރު ބިލިއަން ޑޮލަރުގެ ބަދަލެއް ހޯދަން އާބިޓްރޭޝަނަށް ދާން އުޅޭ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. ނަމަވެސް އިތުބާރުހުރި މަސްދަރުތަކުން މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި ދެ ކުުންފުނިން އޮތީ އާބިޓްރޭޝަނަށް ނުދާ ގޮތަށް ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެ ގޮތުން މައުލޫމާތު ދިން މީހުން ބުނި ގޮތުގައި އެއްވެސް އިރެއްގައި އާބިޓްރޭޝަނަށް ދިޔުމުގެ ވާހަކައެއް ނުދެކެވެ އެވެ. އަދި އެންމެ ފުރަތަމަ ވެސް ސީއެމްސީން އެދުނީ އެ ކުންފުނިން ކުރި މަސައްކަތަށް ފައިސާ ދޭން ކަމަށް މައުލޫމާތު ދިން މީހުން ބުނެފައިވެ އެވެ.

ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން އެޗްޑީސީން އެއްބަސްވެފައިވަނީ "ސައިޓް ޖޭ" އިން ހިއްކާފައިވާ 29 ހެކްޓަރުގެ ބިމަށް ސީއެމްސީއަށް 21 މިލިއަން ޑޮލަރު (323 މިލިއަން ރުފިޔާ) ދައްކާ ގޮތަށެވެ. އެޗްޑީސީން މި ފައިސާ ދައްކަން އެއްބަސްވީ ބައިބަޔަށް ބަހާލައިގެންނެވެ. މީގެ ތެރެއިން 77 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދީފައިވާ ކަން މީގެ ކުރިން "އަދަދު" އިން ވާނީ ރިޕޯޓުކޮށްފަ އެވެ.

ސީއެމްސީއާ ހެދި އެއްބަސްވުން އުވާލުމަށް ފަހު, އެޗްޑީސީން ވަނީ ރަސްމާލެ ހިއްކުމުގެ ބާކީ ހުރި 11 ސައިޓު ހިއްކަން ތިން ކުންފުންޏަކާ އެކީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެޗްއީސީ) އާއި މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އެވެ.

މި ތިން ކުންފުންޏާ އެކީ ސޮއިކުރި އެއްބަސްވުންތަކުގެ ތަފުސީލެއް ސަރުކާރާއި އެޗްޑީސީން ވެސް ހާމައެއް ނުކުރެ އެވެ. އެނގޭހާ ވެސް ކަމަކީ މިހާރު މި މަޝްރޫއު ކުރިއަށް ގެންދަނީ އެޗްޑީސީން ލޯނު ނަގައިގެން މި ކުންފުނިތަކަށް ފައިސާ ދޭ ގޮތަށް ކަމަށެވެ. އެކަމަކު އެއީ ކިހާ އަދަދެއްގެ ލޯނެއް ކަމެއް އަދި މުޅި މަޝްރޫއަށް ހަރަދުވަނީ ކިހާ ފައިސާއެއް ކަމެއް ނޭނގެ އެވެ.

މި ތިން ކުންފުނީގެ ތެރެއިން މިހާތަނަށް މަސައްކަތް ފަށާފައި ވަނީ އެމްއެމްްއީއިންނެވެ. އެ ކުންފުންޏާ ހަވާލުކުރި ސައިޓުތަކުގެ ތެރެއިން އެއް ސައިޓުން 40 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް މި ނޫހުން ބެލި ސެޓެލައިޓް ފޮޓޯތަކުން ދައްކަ އެވެ. އަނެއް ދެ ކުންފުންޏާ ހަވާލުކޮށްފައިވާ ސައިޓުތަކުގައި އެއްވެސް މަސައްކަތެއް ފަށާފައިވާ ކަމަށް އެ ފޮޓޯތަކުން ނުދައްކަ އެވެ.

ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން" ކަމަށް ބުނާ ރަސްމާލެ ހިއްކުމުގެ މަޝްރޫއު ވެގެން ދާނީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު މަޝްރޫއަށެވެ. މި މަޝްރޫއުގެ ބިން ހިއްކުމާއި, ރިވެޓްމަންޓު ޖެހުމާއި, ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު, ދިރިއުޅެވޭ ފެންވަރަށް އެ ރަށް ތަރައްގީކުރަން ހަމަ އެހާ ވަރަށް ނޫނީ އެއަށް ވުރެ ވެސް ގިނައިން ހަރަދު ވާނެ ކަމަށް ލަފާކުރެވެ އެވެ.

މި އަދަދުތަކުން ހިސާބުކުރާއިރު, މުޅި މަޝްރޫއަށް 1.4 ބިިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދަކަށް ފައިސާ ހަރަދުވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox