Advertisement

"ލޯ ލާރިއެއް" ވެސް ނުދާނެ ކަމަށް ބުނި ރަސްމާލެ ހިއްކަން ރާޖޫއަށް 77 މިލިއަން ރުފިޔާ

4 ޖުލައި 2024 - 12:44 0

އަހުމަދު އާއިދު

އަހުމަދު އާއިދު


"ލޯ ލާރިއެއް" ވެސް ނުދާނެ ކަމަށް ބުނި ރަސްމާލެ ހިއްކަން ރާޖޫއަށް 77 މިލިއަން ރުފިޔާ

4 ޖުލައި 2024 - 12:44 0

ދައުލަތުގެ ބަޖެޓުން އެންމެ ފައިސާ ފޮއްޗެއް ވެސް ހަރަދުނުކޮށް ހިއްކާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި "ރަސްމާލެ" ހިއްކުމަށް ހަވާލުކުރި ކުންފުންޏަށް ފައިސާ ނުހޯދިގެން ކޮންޓްރެކްޓު ބާތިލު ކުރުމަށް ފަހު، އެ މަޝްްރޫއުގެ ދަށުން ހިއްކާ ފުރަތަމަ 27 ހެކްޓަރުގެ ބާކީ ބައި ހިއްކުމަށް 77 މިލިއަން ރުފިޔާ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކޮށްފައިވާކަން "އަދަދު" ނޫހަށް އެނގިއްޖެ އެވެ.

މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސް އަށް މަސްދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ސީދާ ރައީސް މުއިއްޒު ވިދާޅުވެ ފެށްޓެވި މަޝްރޫއު ކުރިއަށް ދިޔައީ ކުޑަ ދުވަސްކޮޅެއް ވަންދެނެވެ. އެފަޅު ހިއްކުމުގެ މަސައްކަތް ކުރީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން (ސީއެމްސީ) އިންނެވެ.

ފެބްރުއަރީ މަހުން ފެށިގެން ފުށިދިއްގަރުފަޅު ހިއްކުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް، އޮތުމަށް ފަހު އަލުން މަސައްކަތް ފެށީ، 77 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ދިނުމުން މި ޖުލައި 1 ގަ އެވެ.

ފުށިދިއްގަރުފަޅު ހިއްކުމަށް ބޭނުންވާ ފައިސާ ސީއެމްސީއަށް ނުހޯދިގެން މަޝްރޫއު މަޑުޖެހިފައި އޮތުމަށް ފަހު އިތުރު ގޮތަކަށް އެ މަޝްރޫއު ކުރިއަށްގެންދެވޭތޯ ބަލަމުންދާކަން ސަރުކާރުން ހާމަކުރީ މެއި 30, 2024 ގައި އެވެ. މިއަދާ ހަމައަށް ވެސް އެކަމުގެ ތަފްސީލެއް ދީފައި ނުވެ އެވެ.

ރާޖޫއާ ވެސް ގާތް ގުޅުމެއް އޮންނަ އިތުބާރު ހުރި މަސްދަރަކުން "އަދަދު" ނޫހަށް ޔަގީން ކުރެވިފައިވާ ގޮތުގައި ފުށިދިއްގަރުފަޅު އަލުން ހިއްކަން ފެށީ ރާޖޫއަށް ގަނޑުކޮށް ގިނަ އަދަދެއްގެ ފައިސާ ދީގެންނެވެ. ނަމަވެސް އެއީ ކިހާވަރެއް ކަމެއް އޭނާ ނުބުނެ އެވެ.

"ނިމިގެން ދިޔަ ހަފުތާގައި ފައިސާ ލިބުނީ. އެހެންވެ ހިއްކަން އެފެށީ. ސައިޓު ޖޭ ނިމުމުން ރާޖޫގެ މަސައްކަތް ނުމުނީ،" އޭނާ ބުންޏެވެ،

އިތުބާރު ހުރި އެހެން މަސްދަރަކުން އަދަދު ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި ރާޖޫއަށް 77 މިލިއަން ރުފިޔާ ދިނީ ސައިޓް ޖޭ ހިއްކައި ނިންމައި، އެތަނުގެ ރިވެޓްމަންޓު ޖަހައި ގޮނޑުދޮށް ހިމާޔަތް ކުރުމަށެވެ. ނަމަވެސް، ރާޖޫއަށް ފައިސާ ދިންކަން އެޗްޑީސީން ވެސް އަދި ސަރުކާރުން ވެސް ހާމައެއް ނުކުރެ އެވެ.

މިއީ ސީދާ ރައީސް މުއިއްޒުގެ ވައުދާ ހިލާފަށް އެޗްޑީސީން ދޫކޮށްފައިވާ ފައިސާ އެވެ. އެޗްޑީސީއަކީ ސަރުކާރުގެ ބަޖެޓުން ހަރަދު ކުރާ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ދައުލަތުގެ ކުންފުންޏެކެވެ. އެކި ޕޯޑިއަމްތަކުގައި ރައީސާއި ސަރުކާރުގެ އިސްވެރިން ހިމެނޭހެން ވަނީ މި މަޝްރޫއުއަށް އެއްވެސް ފައިސާއެއް ހަރަދު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

"ކޮންމެއަކަސް ރަސްމާލެ މަޝްރޫޢު ފެށިގެން މިހާރު އެ ދަނީ ކުރިޔަށް. އެ މަޝްރޫޢު ކުރިޔަށް އެ ދަނީ ދިވެހި ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭގޮތަށް. އިރާދަކުރެއްވިއްޔާ، އެ މަޝްރޫޢު އެގޮތުގައި ކުރިޔަށް ގެންގޮސް ނިންމާލާނަން. ގަބޫލުކުރައްވާ،" ކަންގަތި އެވޯޑު ދިނުމަށް ޑިސެމްބަރު 20, 2023 ގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވެފައިވެ އެވެ.

މާލޭގެ ދެކުނުން 10 ކިލޯމީޓަރު ދުރުގައި އޮތް 1280 ހެކްޓަރުގެ ފުށިދިއްގަރު ފަޅުން 1153 ހެކްޓަރު ހިއްކަން ފެށީ މިދިޔަ ޑިސެމްބަރު 18، 2023 ގަ އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަން ރައީސް މުއިއްޒު ނިންމެވީ އެ މަޝްރޫއު ހިންގުމަށް ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ މަޖިލީހުން އުނިކޮށްފައި އޮއްވައި އެކަމަށް ޗެލެންޖު ކުރުމަށްފަހު އެވެ. އެ މަޝްރޫއު ފެށީ ހާމަކަމެއް ނެތި ކުއްލިއަކަށެވެ. އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ތެރެއިން ވެސް ވަރަށް ގިނަ ބަޔަކު އެކަމާ މެދު އޭރު ކަންބޮޑުވުން ފާޅުކުރި އެވެ.

ފުށިދިއްގަރު ފަޅު ހިއްކަން ފެށީ އެތަން ހިއްކާ ކުންފުންޏަށް ހުޅުމާލެއިން 10 ހެކްޓަރު އަދި ރަސްމާލެއިން 60 ހެކްޓަރު ލިބޭ ގޮތަށެވެ.

ފުށިދިއްގަރުފަޅު ހިއްކަން 77 މިލިއަން ރުފިޔާ ދެއްކީ، ދައުލަތުގެ ބަޖެޓުގެ ތާށިކަން އިންތިހާއަށް ބޮޑުވެ ހަރަދު ކުޑަކުރަން ވަރުގަދަ ފިޔަވަޅުތަކެއް ތަންފީޒުކުރަން ފަށާފައި ވަނިކޮށެވެ.