ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ނުދިން ތިން ވަޒީރުން އަލުން ވަޒީރުންގެ މަޖިލީހަށް އައްޔަނުކޮށްފި އެވެ.
އަލުން އައްޔަނު ކުރީ ރުހުން ނެތް ކަމަށް މަޖިލީހުން ފާސް ކުރި ބަންޑާރަނައިބު އަހުމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.
ވަޒީރުންގެ މަޖިލީހަށް ބަންޑާރަ ނައިބު އުޝާމް އައްޔަނު ކުރުމަށްފަހު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ވެސް އޭނާ ވަނީ އަލުން އައްޔަނުކޮށްފަ އެވެ.
ވަޒީރުންނަށް ރުހުން ދޭން ދައުރުން ބޭރުގައި ބޭއްވި ޖަލްސާ ބޭއްވުނީ އިއްޔެއިން ފެށިގެން ޖަލްސާ ބާއްވަން މަސައްކަތްކޮށް، އެތައް ފަހަރެއްގެ މަތިން ފަސްކުރުމަށް ފަހުގަ އެވެ. މިކަމެއް ހިނގީ މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް ކުރާ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްއިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އުފެދުނު ހިޔާލު ތަފާތުވުމުގެ ތެރޭގައި މަޖިލީހުގެ ތެރޭގައި އަރައިރުންވެ، މެމްބަރަކަށް އަނިޔާތަކެއް ވެސް ލިބުނެވެ. އަދި އިދިކޮޅު ސަޕޯޓަރުން ވަނީ މަޖިލިސް ބޭރުގައި އިހުތިޖާޖުކޮށް އެމްޑީޕީ އާއި ޑިމޮކްރެޓުންގެ މެމްބަރުންނަށް ރުޅިވެރިކަން ދައްކާފަ އެވެ.

ރުހުން ދޭން މިއަދު ބޭއްވި ޖަލްސާގައި އުޝާމަށް ރުހުން ނުދޭން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 64 މެމްބަރުންގެ ތެރެއިން 44 މެމްބަރުން އެގޮތަށް ވޯޓު ދެއްވައިގެންނެވެ. ޑރ. ޝަހީމަށް ރުހުންދޭން ނުފެންނަ ކަމަށް، 31 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ހައިދަރަށް ރުހުންދޭން ނުފެންނަ ކަމަށް 46 މެމްބަރަކު ވޯޓު ދެއްވި އެވެ.
ބައެއް ވަޒީރުންނަށް ރުހުން ނުދޭން މަޖިލީހުން މިއަދު ފާސްކުރީ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން އެގޮތަށް ނިންމައިގެންނެވެ.












