ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް މެދުވެރިކޮށް ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި، ހއ. ބާރަށް، ކުއްޅަވައްގެ، އަލީ ޖުމާން (26އ) ގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަހުގީގުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން މި މަސައްކަތް ފެށީ އޭނާގެ ފޯނުގެ ޕާސްވޯޑް ނުދިނުމުންނާއި ލޮކްކޯޑް ކްރެކް ނުކުރެވިގެންނެވެ. މިކަން ހާމަވީ މި މަހުގެ 19 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އޭނާގެ ބަންދު މަޖިލީހުގަ އެވެ.
ކޯޓުގައި އިންވެސްޓިގޭޓިން އޮފިސަރު (އައިއޯ) ވިދާޅުވީ، ޖުމާން ފޯނުގެ ޕާސްވޯޑް ދޭން ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި ފޯނު އަދިވެސް ހުޅުވިފައި ނުވާތީ، ތަހުލީލުތައް ފުރިހަމަކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައިއޯ ވިދާޅުވި އެވެ.
މީގެ އިތުރުން އެކްސްގައި އޭނާ ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ އެކައުންޓުގެ ރަސްމީ މައުލޫމާތު ހޯދުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ ގުޅިގެން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ކޯޓު އަމުރުގައި ބުނެފައި ވަނީ ފުލުހުން ހުށަހެޅި އިންޓެލިޖެންސް ދެ ރިޕޯޓަކުންނާއި، ޕޯސްޓްތަކުގެ ރިޕޯޓުން އެ އެކައުންޓާއި ޖުމާންއާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އެ އެކައުންޓުން ކޮށްފައިވާ ޕޯސްޓްތަކުގައި ހިމެނެނީ ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދިނުމުގެ އަމަލުތައް ހިންގަން ހިތްވަރުދޭ ޒާތުގެ ވާހަކަތަކެކެވެ. މި ކަންކަން ހިންގާފައިވަނީ މުޖުތަމައުގެ ހަމަޖެހުން ގެއްލޭ ގޮތަށް ކަމަށް ވެސް ކޯޓުން ފާހަގަކުރި އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ތުހުމަތުކުރެވޭ ޖުމާން ބަންދުގައި ބަހައްޓަން ނިންމީ، ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ފެންނާތީ އެވެ. އެހެންވެ އޭނާ ބަންދުކުރަން އަމުރުކުރީ ކަސްޓޯޑިއަލް ޖަލެއްގަ އެވެ. އެއީ ތަހުގީގު މަރުހަލާ ކުރިއަށްދާއިރު ހެކިބަސް ދޭ ފަރާތްތަކަށް ނުފޫޒު ފޯރުވިޔަ ނުދިނުމަށް ވެސް ބަލާފަ އެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު ހައްޔަރުކުރި ޖުމާންގެ ބަންދަށް މީގެ ކުރިން 12 ދުވަހާއި 15 ދުވަސް ދީފައިވެ އެވެ. އަދި އެންމެ ފަހުން ބޭއްވި މަޖިލީހުގައި ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިދީފަ އެވެ. މިއާއެކު އޭނާ ބަންދުގައި ހުންނަތާ މިހާރު ވަނީ މަހަކަށް ވުރެ ގިނަ ދުވަސް ވެފަ އެވެ.







