ރަސްމާލޭގައި އެއްވެސް ވަރަކަށް ބަނގުރާ ނުވިއްކޭނެ ކަމަށާއި އެތަނުގައި ރަލެއް ނުބޮވޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި އޮއްވައި، ހުއްދަ ނަގައިގެން އެތަނުގެ ހޮޓާތަކުގައި ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ދީނީ އިލްމުވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވެއްޖެ އެވެ.
މި ބައްދަލުވުމުގެ އޯޑިއޯތައް ލީކުވެގެން އުޅޭއިރު، އޭގައި އުޝާމް ވިދާޅުވީ ރަސްމާލެ ތަރައްގީ ކުރާނީ ވަކި ރަށެއްގެ ގޮތުގައި ކަމަށެވެ. އަދި ރާއްޖޭގެ ރިސޯޓުތަކެކޭ އެއްފަދައިން އެތަނުގައި ހަދާ ހޮޓާތަކަށް ލައިސަންސް ނަގައިގެން ބަނގުރަލުގެ ވިޔަފާރި ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ގޮތުން އެތެރޭގެ ވަކި ހޮޓާތަކެއްގެ ރެސްޓޯރަންޓްތަކުގައި ބަނގުރާ ވިއްކުން މުޅިން މަނާ ނޫން ކަމަށް އޭނާ ވަރަށް ސާފުކޮށް ވިދާޅުވި އެވެ.
"އޭގެ މާނައަކީ ސަރުކާރުން ކަނޑައަޅާފައި ހުންނަ ހޮޓާތަކެއްގައި ފިޔަވައި އާންމުކޮށް [ރާ ނުވިއްކޭނޭ]. މިހާރު މިސާލަކަށް އެ އެތެރޭގައި ތަންކޮޅެއް ލިމިޓެޑް ހޮޓަލެއްގައި އިންނަ ރެސްޓޯރަންޓެއްގައި އަލްކޮހޮލް ނުވިއްކޭނެއެކޭ ނޫން. އެއީ މިހާރު ވެސް ރާއްޖޭގެ ރިސޯޓުތަކުގައި ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އެތަނަށް ދިވެހިންނަށް އެކްސެސް ނޯންނާނެ ކަމަށާއި، ގާނޫނުގައި އޮންނަ ގޮތަށް ދިވެހިންނަށް ރާ ނުވިއްކޭނެ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.
ރަސްމާލޭގައި ރަލެއް ނުބޮވޭނެ، އޫރުމަހެއް ނުކުވޭނެ، މުޅީންހެން އުޅޭނީ މުސްލިމުން: މުއިއްޒު
"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.
ރަސްމާލޭގެ ހޮޓާތަކުގައި ރާ ވިއްކޭނެ ކަމުގެ އިޝާރާތެއް އޭޖީ ދެއްވި ނަމަވެސް، އެ މަޝްރޫއުގައި ކެސިނޯ ނާޅާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފަ އެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު އެއްވެސް ކަމެއް އެތަނުގައި ނުކުރެވޭނެ ކަމަށް އޭޖީ ވިދާޅުވި އެވެ.
ނަމަވެސް މީގެ ކުރިން ރައީސް އޮފީހުން ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ރަސްމާލޭގައި ރަލުގެ އެއްވެސް މުއާމަލާތެއް ނުހިނގާނެ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރިސޯޓުތަކުގައި އޮންނަ މިނިވަންކަމަށް ވުރެ ވެސް އެތަނުގެ އުސޫލުތައް ހަރުކަށިވާނެ ކަމަށެވެ. އަދި އެތަނުގައި ރަލެއް ނުވިއްކޭނެ ކަމަށާއި، ރަލެއް ނުބޮވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރަސްމާލޭގައި ރާ ނުބޮވޭނެ ކަން ގާނޫނުގައި ލިޔެގެން ކަށަވަރު ކުރައްވާނެ ކަމަށް ވެސް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ. އެމަނިކުފާނު ވިދާޅުވީ އެތަނަށް މުޅިންހެން އަންނާނީ މުސްލިމުން ކަމަށާއި، އެ ނޫން ގޮތަކަށް އުޅެން އެތަނަށް ބަޔަކު ނާންނާނެ ކަމަށެވެ.
ފުށިދިއްގަރުފަޅު ހިއްކައިގެން ހަދާ ރަސްމާލެ މަޝްރޫއުން ބޮޑު ސަރަހައްދެއް ޔޫއޭއީގެ ވިޔަފާރިވެރިޔާ މުހައްމަދު އަލައްބާރުގެ ކުންފުންޏަކަށް ދިގު މުއްދަތަކަށް ދޭން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކަށް ހުޅުވާލާއިރު އިސްލާމީ އުސޫލުތައް ހިފެހެއްޓުމާ މެދު އާންމުންނާއި ދީނީ އިލްމުވެރިންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފަ އެވެ.






