ރަސްމާލޭގައި ވޯޓާ ފްރަންޓް އެންޑް މެރީނާއެއް ތަރައްގީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ ކޮމާޝަލް ޓާމްސް އެގްރީމެންޓާއި، އެ އެގްރީމެންޓުގައި ސޮއިކުރުމާ ހަމައަށް ދިވެހި ސަރުކާރުން އެ ކުންފުންޏާއެކު ކޮށްފައިވާ މުއާމަލާތްތަކުގެ ތަފުސީލު ނެތްކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަދަދު ނޫހުން ހުށަހެޅީ ޖުމުލަ ހަތަރު ސުވާލެއްގެ ޖަވާބު ހޯދުމަށެވެ.
އެއީ ރަސްމާލޭގައި މަޝްރޫއުއެއް ހިންގުމަށް އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރީ ކޮން އުސޫލެއްގެ ދަށުންތޯ އާއި އެ މަޝްރޫއު ހިންގުމަށް އީގަލް ހިލްސް ކުންފުނިން ޕްރޮޕޯޒަލް ހުށަހެޅީ ކޮން އުސޫލެއްގެ ދަށުންތޯ އާއި އެ މަޝްރޫއު ހިންގަން އެންމެ އެކަށޭނެ ކުންފުންޏަކީ އީގަލް ހިލްސްކަމަށް ކަނޑައެޅީ ކޮން ގޮތަކަށްތޯ އެވެ.
އަދި، ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔުމަށްޓަކައި މިހައިތަނަށް އެ ކުންފުންޏާއެކު ދިވެހި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބައްދަލުވުންތަކުގެ އަދަދާއި އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ހޯދުމަށް ވެސް އަދަދު ނޫހުން އެދިފައިވެ އެވެ.
އޭގެ އިތުރުން، އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ ކޮމާޝަލް ޓާމްސް އެގްރީމެންޓުގައި ދެފަރާތުން އެއްބަސްވެފައިވާ ކަންކަމާއި، އެ އެއްބަސްވުމުގެ ކޮޕީއެއް ފޯރުކޮށްދިނުމަށް ވެސް އަދަދު ނޫހުން އެދިފައިވެ އެވެ.
ނަމަވެސް، އެ ސުވާލުތަކުގެ ޖަވާބުގައި ހައުސިން މިނިސްޓްރީން ބުނީ، އެ މައުލޫމާތަކީ އެ މިނިސްޓްރީން ބަލަހައްޓަމުންދާ މައުލޫމާތެއް ނޫން ކަމަށެވެ.
"ދެންނެވުނު މަޝްރޫއާ ގުޅޭ މައިގަނޑު އެއްބަސްވުމުގައި މިހައިތަނަށް ސޮއިކުރެވިފައި ނުވާތީ، ތިޔަ ފަރާތުން އެދިވަޑައިގެންފައިވާ މައުލޫމާތަކީ ގާނޫނު ނަންބަރު 1/2014 ގެ 12 ވަނަ މާއްދާގެ (ނ) ގެ ދަށުން މި މިނިސްޓްރީން ގެންގުޅެ ބަލައްޓާ މައުލޫމާތުގެ ތެރޭގައި ހިމެނޭ މައުލޫމާތެއް ނޫންކަމުގައި ދަންނަވަމެވެ،" ހައުސިން މިނިސްޓްރީން ދިން ޖަވާބުގައި ބުންޏެވެ.
ހައުސިން މިނިސްޓްރީން އެހެން ބުނި ނަމަވެސް، މި ނޫހުން އެދިފައިވާ މައުލޫމާތަކީ އީގަލް ހިލްސް ކުންފުންޏާއެކު ހައުސިން މިނިސްޓްރީން ސޮއިކޮށްފައިވާ ކޮމާޝަލް ޓާމްސް އެގްރީމެންޓާއި އެ އެގްރީމެންޓުގައި ސޮއިކުރުމާ ހަމައަށް ދެ ފަރާތުގެ މެދުގައި ކުރެވިފައިވާ މުއާމަލާތްތަކުގެ ތަފުސީލުކަމަށް ވާތީ، އެ މިނިސްޓްރީގެ ޖަވާބު މި ނޫހުން ވާނީ ރިވިއު ކުރުމަށް އެދި ހުށަހަޅައިފަ އެވެ.
ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ކޮމާޝަލް ޓާމްސް އެގްރީމެންޓެއްގައި އެ ކުންފުންޏާއެކު ހައުސިން މިނިސްޓްރީން ސޮއިކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ މަޝްރޫއުއާ ގުޅޭ މާ ބޮޑު ތަފުސީލެއް ސަރުކާރުން މިހައިތަނަށް ވެސް ހާމައެއް ނުކުރެ އެވެ.
ނަމަވެސް، އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށްޓަކައި ބޭނުންވާ ގާނޫނީ އޮނިގަނޑު ފާސްކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންެގެ މަޖިލީހަށް މިހާރު ބިލެއް ހުށަހަޅައިފަ އެވެ.
އާންމުންގެ ހިޔާލަށް ހުޅުވާލައިފައިވާ އެ ބިލުގެ 89 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ހާއްސަ ޒޯނުގައިވާ އެޕާޓްމަންޓްތަކާއި ޕްރޮޕަޓީތަކުގެ ލީސްހޯލްޑް ބޭރު މީހުންނަށް 99 އަހަރަށް ވިއްކޭނެ ކަމަށެވެ. އަދި ބޭރު މީހަކު މާސްޓާ ޑިވެލޮޕަރުގެ އަތުން ތަނެއް ގަތުމުން، ލިބެނީ ކުރީގެ ލީސްގެ ބާކީ އޮތް މުއްދަތެއް ނޫނެވެ.
އޭގެ ބަދަލުގައި، ކުރީގެ ލީސް ސަރުކާރަށް ދޫކޮށްލުމުން، ގަތް ފަރާތަށް ސީދާ އާ 99 އަހަރުގެ ލީސްއެއް އޮތޯރިޓީން ދޫކުރަން ޖެހޭނެ އެވެ. ބިލުގެ 78 ވަނަ މާއްދާގެ ށ. ގައިވާ ގޮތުން، މާސްޓާ ޑިވެލޮޕަރުގެ މުއްދަތު ހަމަވި ނަމަވެސް އެ ގޮތަށް ދޫކުރާ ލީސް ދެމިއޮންނާނެ އެވެ.
މި މޮޑެލްގެ ދަށުން ގަންނަ ބޭރު މީހުންނަށް އެ ޕްރޮޕަޓީ އެހެން ފަރާތްތަކަށް އަލުން ވިއްކުމާއި، ބޭންކުތަކަށް ރަހުނުކުރުމުގެ ފުރިހަމަ އިހުތިޔާރު ލިބިގެންދެ އެވެ. އެހެންކަމުން މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް ގެނައި އިންތިޒާމެއް ކަމަށް ބެލެވެ އެވެ.
އެކަމަކު ސަރުކާރުން މިކަން ސިފަކުރަނީ މިއީ ރިއަލް އެސްޓޭޓް މާކެޓަށް ގެންނަ ވަރަށް ބޮޑު ލުޔެއްގެ ގޮތުގައި، އަދި ކޮންމެހެން ވެސް ބޭނުންވާ ކަމެއްގެ ގޮތުގައި އެވެ.
އެ ބިލުގެ 159 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވަނީ، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މާލިއްޔަތު ގަވާއިދުގެ ދަށުން އަމިއްލަ އިސްނެގުމަށް ހުށަހަޅާ ޕްރޮޕޯޒަލެއްގެ ގޮތުގައި އިޖުރާއަތުތައް ފުރިހަމަކޮށްފައިވާ ނަމަ، މާސްޓާ ޑިވެލޮޕްމަންޓް އެއްބަސްވުމެއް ހެދުމުގެ ހުރިހާ ޝަރުތެއް ފުރިހަމަވީ ކަމަށް ބެލެވޭނެ ކަމަށެވެ.
މި މާއްދާ މިހެން އޮތުމުން ބިލު ފާސްވުމުގެ ކުރިން އީގަލް ހިލްސްއާ އެކު ކުރިއަށް ގެންގޮސްފައިވާ މުއާމަލާތްތަކަށް، މި ގާނޫނުގެ ދަށުން ހުއްދަ ލިބިގެންދާނެ އެވެ. މިއީ ސީދާ މި ޕްރޮޖެކްޓަށް ހާއްސަކޮށްގެން ގާނޫނުގެ ތެރެއިން ދިން އިސްތިސްނާއެކެވެ.
އާންމު އުސޫލުން ރިއަލް އެސްޓޭޓު ޒޯނުތައް ހަވާލުކުރެވޭނެ ތިން ގޮތެއް ބިލުގެ 84 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ. އެއީ އާންމުކޮށް އިއުލާނުކޮށްގެން އެންމެ ރަނގަޅު ހުށަހެޅުމަކަށް ދިނުމާއި، އިއުލާނުކުރުމަކާ ނުލައި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރަން އެންމެ އެކަށޭނަ ފަރާތަކަށް ސީދާ ހަވާލުކުރުމުގެ އިތުރުން ދައުލަތުގެ ކުންފުންޏަކަށް ދިނުމެވެ.
މި ގޮތަށް ސަރުކާރަށް ސީދާ ހުށަހެޅުމެއް އައިސްގެން މުސްތަގުބަލުގައި ޕްރޮޖެކްޓެއް ހަވާލުކުރާނެ ނަމަ، އޭސީސީ އާއި އޮޑިޓަރު ޖެނެރަލްގެ އޮފީހަށް މައުލޫމާތު ހިއްސާކުރަން ޖެހެއެވެ. ނަމަވެސް އެއީ ކޮން ކަހަލަ މައުލޫމާތެއް ކޮން މިންވަރަކަށް ކަމެއް ބިލުގައި ހިމަނާފައެއް ނެތެވެ.
ރިއަލް އެސްޓޭޓު ވިޔަފާރި ބިލުގެ 76 ވަނަ މާއްދާ އަދި 78 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުގައި، މިފަދަ އިންޓެގްރޭޓެޑް ޒޯނުތަކަކީ މަދުވެގެން 200 ހެކްޓަރުގެ ސަރަހައްދެއް އޮންނަން ޖެހޭ އަދި މަދުވެގެން 1 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ޖެހޭ މަޝްރޫއުތަކެކެވެ.
މި ޒޯނުތައް މާސްޓާ ޑިވެލޮޕަރަކަށް ގިނަވެގެން 99 އަހަރަށް ކުއްޔަށް ދެވޭ އިރު، ދައުލަތަށް ޕްރީމިއަމްގެ ގޮތުގައި އެއްފަހަރާ ދައްކާ އަގެއް ނުވަތަ ވިއްކާ އަދި ކުއްޔަށްދޭ ތަންތަނުގެ އަގުން މަދުވެގެން 10 ޕަސެންޓު ދައްކަން ޖެހެ އެވެ. މިފަދަ ޒޯނުތައް ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު ދީފައި ވަނީ ވަޒީރުގެ ލަފާގެ މަތިން ސީދާ ރައީސުލްޖުމްހޫރިއްޔާއަށެވެ.
މާސްޓާ ޑިވެލޮޕަރަކަށް ސައްތައިން ސައްތަ ބޭރުގެ ކުންފުނިތަކަށާއި ދިވެހި ކުންފުނިތަކަށް ވެސް ވެވިދާނެއެވެ. އަދި އެ ފަރާތްތަކުގެ ކިބައިގައި މާލީ ތަނަވަސްކަމާއި، އުމްރާނީ އަދި ފަންނީ ގާބިލުކަން ހުންނަން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކުރެ އެވެ.
ޒޯނުގައި އެއްވެސް ޕްރޮޕަޓީއެއް ބޭރު މީހުންނަށް ނުވަތަ އާންމުންނަށް ވިއްކުމުގެ ކުރިން، މާސްޓާ ޑިވެލޮޕަރު ވަކި ހިދުމަތްތަކެއް ފުރިހަމަކުރަން ޖެހޭނެ ކަމަށް ބިލުގެ 90 ވަނަ މާއްދާގައި ވަނީ ކަނޑައަޅާފަ އެވެ.
އޭގެ ތެރޭގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމާއި، އެކަށީގެންވާ ވަރަށް މިސްކިތްތައް ބިނާކުރުމާއި، ވިޔަފާރި އަދި މުނިފޫހިފިލުވާ ތަންތަން ގާއިމުކުރުން ހިމެނެ އެވެ. އަދި އެތެރޭގެ ދަތުރުފަތުރާއި ރާއްޖޭގެ އެހެން ސަރަހައްދުތަކާ ގުޅުވައިދޭ ދަތުރުފަތުރުގެ ނިޒާމު ވެސް ތަންތަން ވިއްކުމުގެ ކުރިން ގާއިމުކުރުން ލާޒިމުވެ އެވެ.
އޭގެ އިތުރުން، އެ ބިލުގެ 76 ވަނަ މާއްދާގެ ބ. ގައި ބަޔާންކޮށްފައި ވަނީ، އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުގައި ހިމެނޭ ފަޅުތައް ވަކިން ހިއްކައިގެން ޓޫރިޒަމް ފެސިލިޓީތައް ތަރައްގީކުރެވިދާނެ ކަމަށެވެ. އަދި މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީ ނަމަވެސް، އެފަދަ ތަންތަނުގެ މައްޗަށް ހިނގާނީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގައިވާ އުސޫލުތައް ކަމަށް ބިލުގައި ކަނޑައަޅާފައިވެ އެވެ.
ބިލުގެ 77 ވަނަ މާއްދާގެ ނ. ގެ ދަށުން، ވަކިން ހިއްކާ ރަށްތަކަށް ޓޫރިޒަމް ގާނޫނު ހިނގާތީ، ރާއްޖޭގެ އާންމު ރިސޯޓުތަކެކޭ އެއްފަދައިން އެ ތަންތަނަށް ބަނގުރަލާއި އޫރުމަހުގެ ހުއްދަ ދޭން ހުރަހެެއް ނެތެވެ.
ނަމަވެސް އިންޓެގްރޭޓެޑް ޒޯނުގެ މައިގަނޑު ރިއަލް އެސްޓޭޓް ބައިގައި ބަނގުރަލާއި އޫރުމަސް ބޭނުންކުރުން ބިލުގެ 77 ވަނަ މާއްދާގެ ރ. ގެ ދަށުން ވަނީ ކަނޑައެޅިގެން މަނާކޮށްފަ އެވެ. އެ ތަނުގައި ތަރައްގީކުރާ ތަންތަނަށާއި، ހިންގާ ވިޔަފާރިތަކަށް އަދި ދިރިއުޅޭ އެއްވެސް މީހަކަށް އެފަދަ ތަކެތި އެތެރެކުރުމާއި، ވިއްކުމާއި ބޭނުންކުރުމުގެ އެއްވެސް ހުއްދައެއް ނޯންނާނެ އެވެ.
މިހެންކަމުން ރިއަލް އެސްޓޭޓް ޒޯނުގައި ދިރިއުޅޭ ބޭރުގެ ރައްޔިތުންނަށް ކައިރީގައި ވަކިން ހިއްކާ ޓޫރިޒަމް ރަށްތަކަށް ގޮސް މިކަންކަން ކުރެވޭނެ އެވެ. ރިސޯޓުތަކުގައި މިހާރު ވެސް ޖުވާކުޅުން ފަދަ ކަންކަމަށް މަގުފަހިވާ ވިޔަފާރިތަކާއި ކެސީނޯ ހިންގުން މަނާވުުމުން މި ގާނޫނު ނެތަސް، ރިސޯޓެއް ތަރައްގީކޮށްގެން އެ ފަދަ ހިދުމަތެއް ނުދެވޭނެ އެވެ.
ހަމައެހެންމެ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުމަކީ މިހާރު ވެސް ގާނޫނުތަކުން ކަނޑައެޅިގެން މަނާ ކަމެކެވެ.
ހާމަކަމެއް ނެތި، އާންމުންގެ ހިޔާލު ހޯދުމަކާ ނުލައި ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދަން ސަރުކާރުން ކުރަމުންދާ މަސައްކަތާމެދު ކަންބޮޑުވުން ފާޅުކޮށް ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ވެރިންނާއި ޖަމިއްޔާ ޖަމާއަތްތައް ވެސް ހިމެނެ އެވެ.
ނަމަވެސް، އެ މަޝްރޫއުއާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދަން ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ، މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.








