އަމިއްލަ އަބުރު ރައްކާތެރިކުރަން ޖެހޭނީ އަމިއްލައަށް ކަމަށާއި، އިހުތިރާމު އިތުރުކުރުމުގެ ގައުމީ މަޝްރޫއެއްގެ ނަމުގައި މި ސަރުކާރުން ހިންގާ ހަރަކާތްތަކާއެކު މި ސަރުކާރު މިހާރު ވެފައިވަނީ ކާޓޫނަކަށް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނަޝީދު ވަނީ މި ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއަށް ނުސީދާކޮށް އިޝާރާތްކުރައްވާ އެމަނިކުފާނުގެ ވެރިކަމުގައި ރައީސް އޮފީހުގައި އެފަދަ ވާހަކަތަކެއް ނުދެކެވޭ ކަމަށް ވިދާޅުވެފަ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އަބުރު ރައްކާތެރިކުރުމާއި އިހުތިރާމު ދިނުމުގެ ނަމުގައި މި ސަރުކާރުން ދައްކަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާ ވާހަކަތަކެކެވެ. އަދި މިފަދަ ކަންކަން ފޮރުވުމަށް އެތައް ހުއްޖަތެއް ދައްކައިގެން ބޮޑެތި ޖަލްސާތައް ބޭއްވިޔަސް އެއީ ރައްޔިތުން ގަބޫލުކުރާނެ ކަންކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"ދާދި ފަހުން އަޅުގަނޑު ނެރުނީ ކުރު ވާހަކައެއް. އޭގައި އޮންނާނެ ގައުމީ މަޝްރޫއެއްގެ ވާހަކަ. އަޅުގަނޑު ނެރުނު ފަހުން އަޅުގަނޑަށް މި އަންނަނީ ކާޑެއް، އިހުތިރާމު އިތުރުކުރުމުގެ ގައުމީ މަޝްރޫއެއް އެކުލަވާލުމުގެ ވާހަކަ. އަޅުގަނޑު ދަންނަވާނީ މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު މިސާލު ޖެއްސެވީ އެމަނިކުފާނުގެ ވާހަކައާ ސަރުކާރުގެ ސިޔާސަތު އެއްގޮތްވެފައިވާ މިންވަރާ މެދުގަ އެވެ. މިފަދަ ކަންކަމަކީ ހަގީގަތް އޮޅުވާލުމަށް ކުރާ ކަންކަން ކަމަށް ވެސް އެމަނިކުފާނާދު ސިފަކުރެއްވި އެވެ.
މީގެ އިތުރުން، ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންގެ ތާއީދާއެކު އަމިއްލަ ބާރުގައި ނޫން ކަމަށް ވނަޝީދު ތުހުމަތުކުރެއްވި އެވެ. މިގޮތުން ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހުސް ގޮނޑި ދައްކަވައިގެން ނަމަވެސް ވެރިކަން ލިބުމުން ރައީސް ޔާމީން އެއްކައިރިކޮށް، ކެބިނެޓުން ވެސް ތަޖުރިބާކާރު ބޭފުޅުން ވަކިކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.








