މާލެ ސިޓީ ކައުންސިލުން ބާއްވަން ނިންމާފައިވާ އަގުބޮޑު ޕާކް ވޮލީބޯޅަ މުބާރާތް، 33 ޓީމާ އެކު މިރޭ ފަށާ ގޮތަށް ނިންމައިފި އެވެ.
މުބާާރާތުގައި ބައިވެރިވި ޓީމުތަކުގެ އަދަދު އެންމެ ފުރަތަމަ 26 ޓީމު ކަމަށް ބުނި ނަމަވެސް ފަހުން އެ އަދަދު ވަނީ 33 ޓީމަށް އިތުރުވެފަ އެވެ.
އެއީ އަންހެން ޑިވިޝަނުގައި 16 ޓީމާއި ފިރިހެން ޑިވިޝަނުގައި 17 ޓީމެވެ. އަންހެން ޑިވިޝަން ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕެއްގައި ހަަތަރު ޓީމު ހިމެނޭނެ އެވެ. ފިރިހެން ޑިވިޝަން ވެސް ކުރިއަށްދާނީ ހަތަރު ގްރޫޕަކަށެވެ. ތަފާތަކީ ފިިރިހެން ޑިވިޝަނުގެ އެއް ގްރޫޕްގައި ފަސް ޓީމު ހިމެނޭއިރު، ދެން އޮތް ތިން ގްރޫޕްގެ ތެރެއިން ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު އޮތުމެވެ.

މާލެ ސިޓީ ޕާކް ވޮލީބޯޅަ މުބާރާތުގެ ގުރުއަތުލުމުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ކޮންމެ ގްރޫޕަކުން ވެސް ގަދަ ދެ ޓީމު އަނެއް ބުރަށް ހޮވޭނެ އެވެ. މުބާރާތުގައި އެންމެ މޮޅު ފަސް ޓީމު، ކޮންމެ ޑިވިޝަނަކުން ވެސް ހޮވާނެ އެވެ. އެހެންވެ، ތިން ވަނަ ހޮވާ މެޗާއި ފަސް ވަނަ ހޮވާ މެޗެއް ވެސް ކުޅޭނެ އެވެ.
ކޮންމެ ޑިވިޝަނެއްގެ އެއްް ވަނަ ޓީމަށް 45،000 ރުފިޔާ ދޭ ގޮތަށް ނިންމާފައިވާއިރު، ދެ ވަނަ ޓީމަށް 25،000 ރުފިޔާ ދޭނެ އެވެ. ތިން ވަނަ އަށް 15،000 ރުފިޔާ ދޭއިރު، ހަތަރު ވަނަ ޓީމަށް 10،000 ރުފިޔާ ދޭނެ އެވެ. އަދި ފަސް ވަނަ ހޯދާ ޓީމަކަށް 5000 ރުފިޔާ ދޭނެ އެވެ. މީގެއިން ކޮންމެ ވަނަ އަކަށް ފައިސާގެ އިނާމާއި ސެޓްފިކެޓެއް ދޭނެ އެވެ. ޓްރޮފީ ދޭނީ ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް އެކަންޏެވެ.
މުބާރާތުގެ ގަވާއިދުގައިވާ ގޮތުން މުބާރާތުގައި ބައިވެރިވެވޭނީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވެފައިވާ ކްލަބް/ޖަމިއްޔާތަކަށެވެ.
ދެ ޑިވިޝަނުގެ ގްރޫޕްތައް ބެހިފައިވާ ގޮތް
އަންހެން ޑިވިޝަނުގެ، ޕޫލް އޭ ގައި އޮތީ ސްޕޯޓްސް ކްލަބް ޖައިޝާ، އަލްމާ ސްޕޯޓްސް ކްލަބް، ޖީޖީ ސްޕޯޓްސް ކްލަބް ޕާކް ވިމެންސް އަދި މޯލްޑިވްސް ވޮލީބޯލް ވެޓެރަންސް އެވެ. ޕޫލް ބީގައި އޮތީ ޑީވީވީއޭ ވެޓެރަންސް، ވޮލީބޯލް ޔޫތު ޖެނެރޭޝަން، ޑީވީވީއޭ ނިއު ސްޓާސް އަދި އެލްކިއު ސްޕޯޓްސް ކްލަބް އެވެ. ޕޫލް ސީގައި ހިމެނެނީ ޕޮލިސް ކްލަބް ބީ، ސްޕޯޓްސް ކްލަބް ސިޓީ، އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބް އަދި ޑީވީވީއޭ ސްޓާސް އެވެ. އަދި ޕޫލް ޑީގައި ހިމެނެނީ ކްލަބް ވޮލީބޯލް، ޕޮލިސް ކްލަބް އޭ، ވޮލީބޯލް އެކެޑަމީ އަދި ޕޮލިސް ކްލަބް ސީ އެވެ.

މާލެ ސިޓީ ޕާކް ވޮލީބޯޅަ މުބާރާތުގެ ގުރުއަތުލުމުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ފިރިހެން ޑިވިޝަނުގެ ޕޫލް އޭގައި ހިމެނެނީ ކްލަބް ޓީނޭޖް، ކުޑަހެންވޭރު ޔުނައިޓެޑް، ސްޕޯޓްސް ކްލަބް ސިޓީ އަދި މޯލްޑިވްސް ވޮލީބޯލް ވެޓެރަންސް އެވެ. ޕޫލް ބީގައި އޮތީ ކްލަބް ވޮލީބޯލް، ގުޑީސް ސްޕޯޓްސް ކްލަބް 2، ޖީޖީ ސްޕޯޓްސް ކްލަބް ޕާކް ބޯއީސް ޖޭއާރް އަދި ޕޮލިސް ކްލަބް އޭ އެވެ. ޕޫލް ސީގައި ހިމެނެނީ ޖީޖީ ސްޕޯޓްސް ކްލަބް ޕާކް ބޯއީސް، ޕޮލިސް ކްލަބް ބީ، ގުޑީސް ސްޕޯޓްސް ކްލަބް އަދި ޑީވީވީއޭ ޝޫޓާސް އެވެ. ފަސް ޓީމު ހިމެނޭ ޕޫލް ޑީގައި އޮތީ، ކްލަބް ޔޫތު ސިޓީ، ޑީވީވީއޭ ސުޕަސްޓާސް، ޕޮލިސް ކްލަބް ސީ، ޑީވީވީއޭ ބުލްސް އަދި ޑީވީވީއޭ ސްކައިސް އެވެ.
ރާއްޖޭގެ ވޮލީބޯޅައިގެ އެހާރާއި މިހާރުގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް މި ފަހަރުގެ މުބާރާތުން ފެނިގެންދާނެ އެވެ. މީގެ ކުރިން އެޗްޑީސީން ވަނީ ދެ ފަަހަރެއްގެ މަތިން ޕާކް ވޮލީ މުބާރާތް ބާއްވައިފަ އެވެ. މި ފަހަރު މާލެ ސިޓީ ކައުންސިލުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އާ ގުޅިގެން މި ބާއްވާ ޕާކް ވޮލީ މުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ އަގުބޮޑު ޕާކް ވޮލީ މުބާރާތެވެ.
މިރޭ 21:15 ގައި މާލޭ ބީޗްވޮލީބޯޅަ ކޯޓުގައި މުބާރާތް ފަށާނެ އެވެ. ފުރަތަމަ ކުޅޭ ފިިރިހެން ޑިވިޝަނުގެ މެޗުގައި ކުޑަހެންވޭރު ކުޅޭނީ ސިޓީއާ އެވެ. ހަމަ އެ ވަގުތު އަންހެން ޑިވިޝަނުގެ މެޗުގައި ސްޕޯޓްސް ކްލަބް ޖައިޝާ ނުކުންނާނީ ޖީޖީ ސްޕޯޓްސް ކްލަބް ޕާކް ވިމެންސްއާ ދެކޮޅަށެވެ. މުބާރާތުގައި މިރޭ ޖުމްލަ އެކު އަށް މެޗެއް ކުޅޭނެ އެވެ. އެއީ ކޮންމެ ޑިވިޝަނަކުން ހަތަރު މެޗެވެ.












