މާލެ ސިޓީ ކައުންސިލުން ބާއްވާ އަގުބޮޑު ޕާކް ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލުން މެޗަކުން ބަލިނުވެ، ތިން ޓީމެއް ފުރުސަތު ހޯދައިފި އެވެ.
ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ސެމީން ފުރުސަތު ހޯދީ ފިރިހެން ޑިވިޝަނުގައި ޑީވީވީއޭ ޝޫޓާސް، އަންހެން ޑިވިޝަނުގައި ޕޮލިސް ކްލަބް އޭ އާއި މޯލްޑިވްސް ވޮލީބޯލް ވެޓެރަންސް އެވެ.
ވޮލީބޯލް ވެޓެރަންސް އަންހެން ޓީމުގައި ތިބީ އައިމިނަތު އަރީޝާ، ހައްވާ ސަހާ، އައިޝަތު މާޖިދާ، ފާތިމަތު މަޒިއްޔާ އަދި އައިޝަތު ހަސްނާ އެވެ. ޕޮލިސް ކްލަބް އޭގެ އަންހެން ޓީމުގައި ތިބީ އަދި ފިރިހެން ޑިވިޝަނުގައި އެންމެ ރެކޯޑް ރަނގަޅު ޓީމު، ޑީވީވީއޭ ޝޫޓާސް ޓީމުގައި ހިމެނެނީ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)، އިބްރާހިމް ފަލާހު އަބޫބަކުރު، ސޯދިގު މޫސާ، މުހައްމަދު އަދި އިސްމާއިލް ޝިހާބް އެވެ.
ފިރިހެން ޑިވިޝަނުގެ ފުރަތަމަ ސެމީ ފައިނަލުގައި ކުޅޭނީ ޑީވީވީއޭ ބުލްސް އާއި ޑީވީވީއޭ ސްކައިސް އެވެ. ދެ ވަނަ ސެމީ ފައިނަލުގައި ބައްދަލުކުރަނީ ޑީވީވީއޭ ޝޫޓާސް އާއި މޯލްޑިވްސް ވޮލީބޯލް ވެޓެރަންސް އެވެ. އަދި ފަސް ވަނަ ހޮވަން ކުޅޭ ރޭންކިން މެޗުގައި ބައްދަލުކުރާނީ ގުޑީސް ސްޕޯޓްސް ކްލަބް 2 އާއި ކުޑަހެންވޭރު ޔުނައިޓެޑް އެވެ.

ޕާކް ވޮލީ މުބާރާތުގެ އަންހެން ޑިވިޝަނުގެ މެޗެއްގެ ތެރެއިން-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އަންހެން ޑިވިޝަނުގެ ފުރަތަމަ ސެމީގައި ޑިވީވީއޭ ކުއީންސް ކުޅޭނީ ވޮލީބޯލް ވެޓެރަންސްއާ އެވެ. ދެ ވަަނަ ސެމީ ފައިނަލުގައި ޕޮލިސް ކްލަބް އޭ ބައްދަލުކުރާނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންއާ އެވެ. އަންހެން ޑިވިޝަނުގެ ފަސް ވަނަ ހޮވަން ކުޅޭ ރޭންކިން މެޗުގައި ބައްދަލުކުރަނީ ކްލަބް ވޮލީބޯލް އާއި އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބް އެވެ.
މުބާާރާތުގެ ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 45،000 ރުފިޔާ ދޭ ގޮތަށް ނިންމާފައިވާއިރު، ދެ ވަނަ ޓީމަށް 25،000 ރުފިޔާ ދޭނެ އެވެ. ތިން ވަނަ އަށް 15،000 ރުފިޔާ ދޭއިރު، ހަތަރު ވަނަ ޓީމަށް 10،000 ރުފިޔާ ދޭނެ އެވެ. އަދި ފަސް ވަނަ ހޯދާ ޓީމަކަށް 5000 ރުފިޔާ ދޭނެ އެވެ. މީގެއިން ކޮންމެ ވަނަ އަކަށް ފައިސާގެ އިނާމާއި ސެޓްފިކެޓެއް ދޭނެ އެވެ.
މުބާރާތް އިއުލާނުކުރިއިރު، އިންޑިވިޖުއަލް ޓްރޮފީ ދޭން ނިންމާފައިނުވި ނަމަވެސް މިހާރު ވަނީ ކޮންމެ ޑިވިޝަނަކުން އެންމެ މޮޅު ހަތަރު ކުޅުންތެރިން ހޮވައި، ކޮންމެ ޑިވިޝަނަކުން އެންމެ މޮޅު ކުޅުންތެރިޔާ ހޮވަން ނިންމައިފަ އެވެ. އެ ގޮތުން ޑިވިޝަނުގެ އެންމެ ކުޅުންތެރިޔާ އަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ވަނީ ނިންމައިފަ އެވެ.












