މިއުނިކް (އޮކްޓޫބަރު 10) - ޖަރުމަނު ބުންޑަސްލީގާގައި މިރޭ އޮއުގްސްބާގާ 2-2 އިން އެއްވަރުވެ، ލީގުގެ އެއް ވަނަ އަށް ޖެހިލަން ލިބިފައި އޮތް ފުރުސަތު އެންމެ ފަހުގެ ޗެމްޕިއަން، ބަޔާން މިއުނިކުން ނަގާލައިފި އެވެ.
ޖަރުމަނު ލީގުގެ އެއް ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑުން ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ވަނީ 2-2 އިން ވާޑާ ބްރެމެންއާ އެއްވަރުވެފަ އެެވެ. އެހެންވެ، މިރޭގެ މެޗުން މޮޅުވެގެން ބަޔާނަށް އެއް ވަނަ އަށް ޖެހިލަން ފުރުސަތު އޮތީ ހުޅުވިފަ އެވެ. އެކަމަކު، އޮއުގްސްބާގާ އެއްވަރުވެ، ޕޮއިންޓެއް ލިބި ބަޔާން އަނެއްކާ ވެސް އޮތީ ޑޯޓްމަންޑަށް ވުރެން ދެ ޕޮއިންޓް ފަހަތުގަ އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ޑޯޓްމަންޑަށް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ބަޔާންގެ އޮތީ ފަސް މެޗުން 11 ޕޮއިންޓެވެ.
އޮއުގްސްބާގު ދަނޑުގައި ކުޅުނު މެޗު ފަށައިގެން، އަށް ސިކުންތު ތެރޭގައި އޮއުގްސްބާގުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ، ރޮބިން ފެލަހައުއާ އެވެ. އޭނާ ޖެހި މި ލަނޑަކީ ޖަރުމަނު ލީގުގެ މިދިޔަ 63 އަހަރު ތެރޭ ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެ. އެ ލަނޑާ އެކު، އޮއުގްސްބާގުން ފުރަތަމަ ހާފުގައި ލީޑުގައި އޮވެގެން ނިންމާލި އެވެ. އެކަމަކު، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 10 މިނިޓް ތެރޭ ބަޔާނުން އެއްވަރުކުރި އެވެ. މިއީ، ހެރީ ކޭން ދިން ބޯޅައަކުން މޮރޮކޯގެ ފޯވާޑް، އިސްމާއިލް ސައިބާރީ ޖެހި ލަނޑެކެވެ.
ބަޔާނުން އެއްވަރުކުރިތާ މާ ލަސްތަކެއް ނުވެ، މެޗުގެ 64 ވަނަ މިނިޓްގައި އޮއުގްސްބާގުން އަލުން ލީޑުނެގި އެވެ. މި ލަނޑު ޖަހައިދިނީ ރޮޑްރީގޯ ރިބެއިރޯ އެވެ. ބަޔާނުން މެޗުގައި ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށް ވެފައި ހުއްޓަ އެވެ. ކޭންގެ މޮޅު ކުޅުމަކަށް ފަހު، ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖެހީ ނެތަނިއަލް ބްރައުން އެވެ.
ބާކީ ވަގުތުގައި ލަނޑެއް ޖަހައިގެން މޮޅުވާން ކުރި މަސައްކަތް ބަޔާނަށް ކާމިޔާބުނުވެ، އަނެއްކާ ވެސް އޮއުގްސްބާގާ އެކު މޮޅެއް ނުލިބި ނިންމާލަން ޖެހުނީ އެވެ. މިދިޔަ ސީޒަނުގައި ބަޔާނުން ލީގު ހޯދިއިރު، ބަލިވީ ހަމައެކަނި އޮއުގްސްބާގް ދަނޑުގަ އެވެ.












