މިހާރު ކުރިއަށްދާ ފޯރިގަދަ ޕާކްވޮލީބޯޅަ މުބާރާތުގައި ރޭ ދެ ވަނަ ބުުރުގެ ކުޅުން ފެށިއިރު، ފުރަތަމަ ބުރުގައި ރަނގަޅު ރެކޯޑެއްގައި ނިންމާލި ގިނަ ޓީމުތައް ދެ ވަނަ ބުރުގެ ފުރަތަމަ މެޗުތަކުން މޮޅުވެއްޖެ އެވެ.
އެ ގޮތުން ދެ ވަނަ ބުުރުގެ ފުރަތަމަ މެޗުތަކުގައި މޮޅުވުމުގެ ރެކޯޑް ދެމެހެއްޓި ޓީމުތަކަކީ ފިރިހެން ޑިވިޝަނުގައި، މޯލްޑިވްސް ވޮލީބޯލް ވެޓެރަންސް، ޑީވީވީއޭ ޝޫޓާސް އަދި ޑީވީވީއޭ ސްކައިސް އެވެ. ފުރަތަމަ ބުރުގެ މެޗަކުން ބަލިނުވެ އައި، ގުޑީސް ސްޕޯޓްސް ކްލަބް 2 ވަނީ މުބާރާތުގައި ފުރަތަމަ ފަަހަރަށް ބަލިވެފަ އެވެ. ރޭ އެ ޓީމު ބަލިވީ ޑީވީވީއޭ ބުލްސްއާ ވާދަކޮށް، ދެ ސެޓު އެއް ސެޓުންނެވެ. ސެޓުތައް ދިޔައީ 5-21، 21-15 އަދި 11-15 އިންނެވެ.
ވޮލީބޯލް ވެޓެރަންސް އިން ވަނީ ގުޑީސް ސްޕޯޓްސް ކްލަބް އަތުން 21-0، 21-0 އިން މޮޅުވެފަ އެވެ. ޑީވީވީއޭ ޝޫޓާސް އިން ކުޑަހެންވޭރު ޔުނައިޓެޑް ބަލިކުރީ 21-15، 22-20 އިންނެވެ. އަދި ޑީވީވީއޭ ސްކައިސް ވަނީ 2-1 ސެޓުން ޕޮލިސް ކްލަބް އޭ ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ 6-21، 21-12 އަދި 15-11 އިންނެވެ.
އަންހެން ޑިވިޝަނުގައި މޯލްޑިވްސް ވޮލީބޯލް ވެޓެރަންސް ޓީމުން ވަނީ 21-06، 21-16 އިން ޕޮލިސް ކްލަބް ބީ ބަލިކޮށްފަ އެވެ. ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އިން ވަނީ 21-14، 21-18 އިން ކްލަބް ވޮލީބޯލް ބަލިކޮށްފަ އެވެ.

ރޭގެ މެޗުގެ ތެރެއިން ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ ކުޅުންތެރިއަކު ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން ވަނީ 21-14، 21-17 އިން ޖީޖީ ސްޕޯޓްސް ކްލަބް ޕާކް ވިމެންސް ބަލިކޮށްފަ އެވެ. އަދި ޕޮލިސް ކްލަބް އޭ އިން ދެ ވަނަ ބުރު ވެސް މޮޅަކުން ފެށީ ޑީވީވީއޭ ކުއީންސް 21-17، 21-18 އިން ބަލިކޮށްގެންނެވެ.
މުބާރާތުގައި މިރޭ ވެސް އަށް މެޗެއް ކުޅޭނެ އެވެ. ފިރިހެން ޑިވިޝަނުގައި އޮތީ ވޮލީބޯލް ވެޓެރަންސް އާއި ގުޑީސް ސްޕޯޓްސް ކްލަބް 2 ކުޅޭ މެޗާއި ޑީވީވީއޭ ބުލްސް އާއި ގުޑީސް ސްޕޯޓްސް ކްލަބްގެ މެޗާއި ޑީވީވީއޭ ޝޫޓާސް އާއި ޑީވީވީއޭ ސްކައިސްގެ މެޗު އަދި ޕޮލިސް ކްލަބް އޭ އާއި ކުޑަހެންވޭރުގެ މެޗެވެ.
އަންހެން ޑިވިޝަނުގައި މިރޭ އޮތީ، ވޮލީބޯލް ވެޓެރަންސް އާއި ޔޫތު ނިއުޖެނެރޭޝަން މެޗާއި ކްލަބް ވޮލީބޯލް އާއި ޕޮލިސް ކްލަބް ބީގެ މެޗާއި އާއި ސްޕޯޓްސް ކްލަބާއި ޕޮލިސް ކްލަބް އޭގެ މެޗު އަދި ކުއީންސް އާއި ޖީޖީ ސްޕޯޓްސް ކްލަބް ޕާކް ވިމެންސް ބައްދަލުކުރާ މެޗެވެ.
ދޮންގަނޑު ބީޗްވޮލީބޯޅަ ކޯޓުގައި ކުޅޭ މިރޭގެ މެޗުތައް ފަށާނީ 21:15 ގަ އެވެ.












