ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
އަބްދުﷲ ހަނީފް (ބެންޖޯ)ގެ ކޯޗުކަމުގައި ކުޅޭ އީގަލްސް އަކީ މި ފަަހަރުގެ ސީޒަނުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވި ހަމައެކަނި ޓީމެވެ. އީގަލްސް އިން ފުރަތަމަ މެޗުގައި 3-1 އިން ބިސް ބުރު ސްޕޯޓްސް ކްލަބް ބަލިކުރިއިރު، ދެ ވަނަ މެޗުގައި ވަނީ ގދ. ގައްދޫ އަތުން 2-0 އިން މޮޅުވެފަ އެވެ. އީގަލްސް އިން މިރޭގެ މޮޅާ އެކު، ނުވަ ޕޮއިންޓް ވަނީ ހޯދައިފަ އެވެ.
ލީގު ތާވަލުގެ ދެ ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް އޮޑި ސްޕޯޓްސް ކްލަބާއި ފަހެއްގައި އޮތް ބިސް ބުރު އަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ހަތް ވަނައިގައި އޮތް ހއ. ދިއްދޫ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ ތިން މެޗު ކުޅުނުއިރު، ދިއްދޫން ވަނީ ހަތަރު މެޗު ކުޅެފަ އެވެ.
އަށް ވަނައިގައި އޮތް ޓީސީން ތިން މެޗުން ތިން ޕޮއިންޓް ހޯދިއިރު، ނުވަ ވަނައިގައި އޮތް ބުރު ސްޕޯޓްސް ކްލަބާއި އެންމެ ފުލުގައި އޮތް ގައްދޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ގައްދޫ ވަނީ ހަތަރު މެޗުން ބަލިވެފަ އެވެ. ބުރު ވަނީ ކުޅުނު ތިން މެޗުން ބަލިވެފަ އެވެ. ލީގުގައި އެންމެ އަވަހަށް ދެން އޮތީ އަންގާރަ ދުވަހު ހަވީރު ގައްދޫ އާއި ބުރުން ބައްދަލުކުރާ މެޗެެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި އީގަލްސްގެ ލަނޑު ޖެހީ 44 ވަނަ މިނިޓްގައި ލައިބީރިއާގެ ފޯވާޑް، ވެން ޑޭމް ހާމޮން އެވެ. އީގަލްސް އަށް ކުޅޭ މިސްރުގެ އެލް ސަޑެކް މުހައްމަދު ހިލޭ ޖެހުމަކުން ނެގި ބޯޅައަކުން، ވެން ޑޭމް ހާމޮން މި ލަނޑު ޖެހީ ބޮލުންނެވެ.
ދެ ވަނަ ހާފުގައި ޓީސީން ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރިއިރު، އެ ޓީމުގެ ބްރެޒިލް ފޯވާޑް، ހަޑްސަން ޑިއާޒް ފޮނުވާލި ބޯޅައެއް ވަނީ ގޯލު ކުރިމަތިން ހުރަސްވެގެން ގޮސްފަ އެވެ. އަދި، ޓީސީން ދެ ވަނަ ހާފުގައި ފޮނުވާލި ގިނަ ބޯޅަތަކެއް އީގަލްސްގެ ގޯލުގައި ހުރި ޕާކިސްތާންގެ ގޯލްކީޕަރު، ހަނީފް ސާގިބް ވަނީ ހުއްޓުވައިފަ އެވެ.
މެޗުގައި އީގަލްސް އިން ދެ ވަނަ ލަނޑު ޖެހީ ވެސް ހިލޭ ޖެހުމަކުންނެވެ. އެ ގޮތުން، އީގަލްސްގެ އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) ނެގި ބޯޅައެއް އެ ޓީމުގެ ސާބިއާ ކުޅުންތެރިޔާ މާކޯ އިވަނޮވިޗް ވަނީ ބޮލުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ. އަދި، އީގަލްސް އިން ވަނީ 84 ވަނަ މިނިޓްގައި، ތިން ވަނަ ލަނޑު ޖަހައިފަ އެވެ. ކޯނަރަކުން ޒައިން ޒަފަރު ނަގައިދިން ބޯޅައެއް އޭރިއާތެރެއިން އިވަނޮވިޗް ޖައްސާލުމާ އެކު، ހުސްކޮށް އޮތް ގޯލަށް ބޯޅަ ވައްދާލީ ވެން ޑޭމް އެވެ.












