މެޑްރިޑް (އޮކްޓޫބަރު 11) - ސްޕެނިޝް ލީގުގައި ރޭ ގެޓަފޭ އަތުން 3-0 އިން ކުރިހޯދައި ބާސެލޯނާ އިން މޮޅުވުމުގެ ފޯމު ދެމެއްޓިއިރު، ވިނީޝިއުސް ޖޫނިއާގެ ރަތް ކާޑާ އެކު ވެސް ރެއާލް މެޑްރިޑުން 1-0 އިން ވިޔަރެއާލް އަތުން މޮޅުވެއްޖެ އެވެ.
ސްޕެނިޝް ލީގުގެ ތާވަލުގެ އެއް ވަނައިގައި އޮތީ ކުޅުނު އަށް މެޗުން ވެސް މޮޅުވެ، 24 ޕޮއިންޓް ހޯދާފައިވާ ބާސެލޯނާ އެވެ. ދެ ވަނައިގައި އޮތީ ޑިޕޯޓިވޯ އަަލަވޭސް އަތުން 2-1 އިން މޮޅުވެ، އަށް މެޗުން 19 ޕޮއިންޓް ހޯދާފައިވާ އެތުލެޓިކޯ މެޑްރިޑް އެވެ. ތިން ވަނައިގައި އޮތް ރެއާލަށް ވަނީ އަށް މެޗުން 18 ޕޮއިންޓް ލިބިފަ އެވެ.
ބާސެލޯނާ އަށް މި ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ރަފީނިއާ އަނިޔާގައި ހުރުމުން އެ ޓީމުގެ އެޓޭކަށް ބަދަލުތަކެއް ގެންނަން ކޯޗު ހަންސީ ފްލިކަށް ވަނީ މަޖުބޫރުވެފަ އެވެ. މެޗުގެ ދެ ވަނަ މިނިޓްގައި ގެޓަފޭ ކޮޅަށް ލަނޑު ޖަހައި އެންތަނީ ގޯޑަން ވަނީ ބާސެލޯނާ އަށް ލީޑުނަގައިދީފަ އެވެ. މިއީ، ބޮޑުއަގުގައި ނިއުކާސަލް ޔުނައިޓެޑުން ބާސެލޯނާ އަށް ބަދަލުވި ފަހުން ގޯޑަން ޖެހި ފުރަތަމަ ގޯލެވެ.
މެޗުގެ 30 ވަނަ މިނިޓްގައި ބާސެލޯނާގެ ދެ ވަަނަ ލަނޑު ޖެހީ ގަބްރިއެލް ޖީސޫސް އެވެ. އަދި، މެޗުގެ ދެ ވަނަ ހާފުގައި ލަމީން ޔަމާލް ދިން ބޯޅައަކުން ޖޫލްސް ކޫންޑޭ ވަނީ ބާސެލޯނާގެ ތިން ވަނަ ލަނޑާ އެކު އެ ޓީމަށް ތިން ޕޮއިންޓް ޔަގިންކޮށްދީފަ އެވެ.
ވިޔަރެއާލާ ދެކޮޅަށް ރެއާލުން ކުޅުނު މެޗުގައި އެ ޓީމުން ފުރަތަމަ 20 މިނިޓް ތެރޭ ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތެއް ހޯދި އެވެ. މި ހަމަލާ ވެސް ފޮނުވާލީ ރެއާލްގެ ކީލިއަން އެމްބާޕޭ އެވެ. ފުރަތަމަ ޝޮޓް އަރިމަތިން ބޭރަށް ދިޔައިރު، ދެ ވަނަ ހަމަލާ އަމާޒުވީ ވިޔަރެއާލް ކީޕަރު، ޕީޓަ ގުލާކްޝީ އަތަށެވެ.
ރެއާލުން މި މެޗުން މޮޅުވި ލަނޑު ޖެހީ 62 ވަނަ މިނިޓްގަ އެވެ. މިއީ، ފެޑެރީކޯ ވަލްވޭޑޭ ދިން ބޯޅައަކުން ޔަން ޑިއޮމަންޑޭ ޖެހި ގޯލެކެވެ. މި ލަނޑު ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ. މިއީ، އާރްބީ ލައިޕްޒިގުން ބޮޑު ޓްރާންސްފާ ފީ އަކަށް ރެއާލަށް ބަދަލުވެ، ޑިއޮމަންޑޭ އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.
މެޗުގައި މައްސަލަ ދިމާވީ 72 ވަނަ މިނިޓްގައި ރެއާލްގެ ދެ ވަނަ ލަނޑު ވިނީޝިއުސް ޖެހި ނަމަވެސް އެ ގޯލު ޖަަހަން ދިޔަ އެޓޭކުގައި އޭނާ ކުރި ފައުަލެއް ވީއޭއާރް އިން ބަލައި އޭނާ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. ބަދަލަކަށް ކުޅެން އެރި ވިނީޝިއުސް އަށް ރަތެއް ދެއްކީ ވިޔަރެއާލްގެ ސަލީބާ ބޮލުގައި ހިފުމުންނެވެ.
މި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ބައިވެރިނުވެ އެވެ. އެއީ، ރެފްރީގެ ނިންމުންތަކާ ހެދި ހިތްހަމަނުޖެހިގެންނެވެ.












