25 ނޮވެންބަރު 2025 - 14:54 2
މުހައްމަދު ޝަހްޒާން
އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު -- ފޮޓޯ: އަދަދު
25 ނޮވެންބަރު 2025 - 14:54 2
އެކައުންޓުގައި ފައިސާ ރޯލު ވާތީ ކަމަށް ބުނެ ޒަކާތް ނުލިބޭކަމުގެ ޝަކުވާ ކުރި އެކަނިވެރި މަންމަގެ ޒާތީ މައުލޫމާތު ސޯޝަލް މީޑިއާގައި ހާމަކުރެވުނީތީ އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު މާފަށް އެދިވަޑައިގެންފި އެވެ.
ފޭސްބުކްގައި ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް މީހެއްގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ އޭނާގެ މަގުސަދެއް ނޫން ކަމަށެވެ. އަދި އެ މައުލޫމާތު ހާމަކުރީ، އެ އަންހެން މީހާ ޒަކާތާ ގުޅިގެން ދެއްކި ވާހަކަތަކަކީ ހަގީގަތް އޮޅޭ ގޮތަށް ދެއްކި ވާހަކަތަކަކަށް ވާތީ ކަމަށެވެ.
"އަޅުގަނޑު އެ ބޭފުޅާގެ އިންސާނީ ޝުއޫރަށް އިހުތިރާމު ނުހަނު މަތީ ދަރަޖައަށް އިހުތިރާމުކުރަން. އަޅުގަނޑު އެކަމާ ގުޅިގެން ދެންނެވި ވާހަކައިން މި ނޫން މާނައެއް ނެގުނު ނަމަ، ނުވަތަ އެ ފަރާތުގެ ޒާތީ މައުލޫމާތު ހާމަކުރެވުނުކަމަށް ވާނަމަ، އެ ކަމަށް ނިހާޔަތަށް މައާފަށް އެދެން،" ޝަހީމް ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ޝަހީމް ހާމަކުރެއްވީ އުމުރުން 37 އަހަރުގެ އައިޝާ ނަމަކަށް ކިޔާ މީހެއްގެ ޒާތީ މައުލޫމާތެވެ. އެ މީހާއަށް މިދިޔަ އަހަރު ޒަކާތު ހައުސްއިން ދިން ފައިސާގެ އަދަދާއި އެކަނިވެރި މަޔަކަށް ވީތީ އޭނާއަށް ކޮންމެ މަހަކު ދައުލަތުން ލިބޭ އެހީ އާއި އޭނާގެ މުސާރައާއެކު ލިބޭ ޖުމުލަ ފައިސާގެ އަދަދު ވެސް ޝަހީމް ހާމަކުރައްވާފައިވެ އެވެ. އަދި އެ އަންހެން މީހާގެ އަތުގައި އެއްކޮށްފައި ހުރި ފައިސާގެ އަދަދު ވެސް ޝަހީމް ހާމަކުރެއްވި އެވެ.
ޝަހީމް ކުރެއްވި އެ ޕޯސްޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވި އެވެ. އެގޮތުން ފާޑުކީ ބައެއް މީހުން ވަނީ ޝަހީމް ކުރެއްވީ ވަރަށް ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި އެއީ މިނިސްޓަރެއްގެ ފެންވަރުގައި ހުންނަ މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް ގިނަ ބަޔަކު ބުނެފައިވެ އެވެ.
ޝަހީމްގެ ޕޯސްޓަށް ގިނަ ބަޔަކު ފާޑުކިޔަން ފެށުމުން އޭނާ ވަނީ އެ ޕޯސްޓު ޑިލީޓުކުރައްވައިފަ އެވެ.
ޝަހީމް ވިދާޅުވީ އެ ޕޯސްޓު ކުރެއްވީ ރާއްޖޭގެ ރައްޔިތުން ޒަކާތު ފަންޑާ ހަވާލުކުރާ އެތައް މިލިއަން ރުފިޔާގެ އަމާނާތް އެ ތަނުން އަދާކުރަމުން ދަނީ އަދުލުވެރިކަމާއި އިންސާފުންކަމާއި އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިންކަން ކަށަވަރު ކޮށްދިނުމަށް ކަމަށެވެ.
އެ ޕޯސްޓު ކުރެއްވި އަނެއް ބޭނުމަކީ ފަގީރުންގެ ދަފުތަރުގައި ހިމަނަނީ އެކަމަށް ޝަރުއީ ގޮތުން ޝަރުތު ފުރިހަހަމަވާ ހައްގު މީހުންކަން ބަޔާންކޮށްދިނުމާއި ރާއްޖޭގައި ޒަކާތުގެ ނިޒާމު ހިންގަން ތިބި މުވައްޒަފުން ކަންކަން ކުރަނީ ތެދުވެރިކަމާއެކު ބުނެދިނުމަށް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ރާއްޖޭގެ ޒަކާތު ފަންޑުން އެއްވެސް މީހަކަށް ދެރަކޮށް ކަންކަން ނުކުރާނެ ކަމަށެވެ.
އައިޝާގެ ވާހަކަ ތިލަވީ ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އާދިއްތަ ދުވަހުގެރޭ ރައީސުލްޖުމްހޫރިއްޔާ ވިލިނގިއްޔަށް ވަޑައިގެން ބޭއްވި ޖަލްސާގައި އޭނާ ދެއްކި ވާހަކަ ވައިރަލް ވުމުންނެވެ.
އައިޝާ ބުނީ އޭނާގެ ފަސް ދަރިން ތިބޭ ކަމަށާއި އޭގެތެރެއިން އެންމެ ހަގު ކުއްޖާ އުފަންވިއިރު ވެސް ލޮލަށް ނުފެންނަ ކަމަށެވެ. އެހެންކަމުން ރާއްޖެއިން ބޭރަށް ގޮސް 2023 ވަނަ އަހަރު އެ ކުއްޖާގެ ލޮލަށް ފަރުވާ ކުރުމަށްފަހު ރާއްޖެއަށް އައުމުން، ދެންތިބި ހަތަރުކުދިންނަށް އިހުމާލުވެފައިވާ ކަމަށް ބުނެ އެ ކުދިންގެ ބައްޕައާ ހަވާލުކުރި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ކުދިންގެ ބައްޕައަކީ ބޮޑު ކުށްވެރިއެއް ކަަމަށް އައިޝާ ބުންޏެވެ.
އަދި، އޭގެފަހުން އެ ހަތަރު ކުދިން މިހާރު އޭނާއާ ހަވާލުކޮށްފައިވާ ކަމަށާއި އެ ހުރިހާ ކަމެއްގެ ތެރޭގައި އޭނާ އުޅެމުން ދަނީ ވަރަށް ދަތި ހާލުގައި ނަމަވެސް، މިއަދާ ހަމައަށް ވެސް އޭނާއަށް ޒަކާތުގެ އެހީ ނުލިބޭ ކަމަށް އައިޝާ ބުންޏެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ އޭނާގެ އެކައުންޓުގައި ފައިސާ ރޯލު ކުރުން ކަމަށް އައިޝާ ބުންޏެވެ.
"މިހާރު ވެސް އަޅުގަނޑުމެން މި ތިބެނީ، ގާތްގަނޑަކަށް ހަތް ވަރަކަށް ދުވަސްވީ ފެނާ ނުލައި މި އުޅެނީ ހުރިހާ ކުދިން ގޮވައިގެން، ހުރިހާ ކުދިން މިހާރު ވެސް އެ ދަނީ މިސްކިތަށް ބީޗަށް ފާހާނާ ކުރަން، އެކަމަކު އިސްލާމިކް މިނިސްޓްރީއަށް ޒަކާތުގައި ޖެހުނީމާ މި ބުނަނީ ހައްގެއް ނޫނޭ، އެކައުންޓު ރޯލްވެފައޭ މި ބުނަނީ، ކޮބައިތޯ އެކަނިވެރި މައިންގެ އިހުސާސްތަކަކީ؟" އައިޝާ ބުންޏެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment