Advertisement

ޑޮލަރު މާރުކުރުން ލާޒިމުކުރި ފަހުން ބޭންކުތަކަށް 362 މިލިއަން ޑޮލަރު މާރުކޮށްފި

25 އޮގަސްޓު 2025 - 13:16 0

ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު


ޑޮލަރު މާރުކުރުން ލާޒިމުކުރި ފަހުން ބޭންކުތަކަށް 362 މިލިއަން ޑޮލަރު މާރުކޮށްފި

25 އޮގަސްޓު 2025 - 13:16 0

ބޭރު ފައިސާ ގަވާއިދާއި ބޭރު ފައިސާ ގާނޫނު ބަދަލުކޮށް ކަނޑައެޅި އުސޫލުތަކުގެ ދަށުން މިދިޔަ ޖޫންގެ ނިޔަލަށް ޓޫރިޒަމް ވިޔަފާރިތަކާއި ގިނައިން ޑޮލަރު ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް 362 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މައުލޫމާތު ދީފި އެވެ.

އެމްއެމްއޭއިިން ބުނި ގޮތުގައި ބޭންކުތަކަށް މާރުކުރި 362 މިލިއަން ޑޮލަރުގެ ތެރެއިން 247 މިލިއަން ޑޮލަރު މާރުކުރީ އެމްއެމްއޭއަށެވެ. މި ޑޮލަރުތަކުގެ ތެރެއިން ވެސް ބޮޑު ބަޔެއް ވަނީ ވިޔަފާރިތަކާއި އާންމުންގެ ބޭނުންތަކަށް އަނބުރާ ބޭންކުތަކަށް ވިއްކާފައި ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މާރުކުރި ޑޮލަރުތަކާއެކީ ދައުލަތުގެ ރަސްމީ ރިޒާވަށް އޭގެ މަންފާ އަންނަނީ ކުރަމުންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖޫން ނިމުނުއިރު ރަސްމީ ރިޒާވުގައި 832 މިލިއަން އަދި ބޭނުންކުރެވޭ ރިޒާވުގައި 203 މިލިއަން ޑޮލަރު ހުއްޓެވެ. އަހަރު ފެށުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 708 މިލިއަން ޑޮލަރެވެ.

ޑޮލަރުން ލިބޭ އާމްދަނީ އާއި މާރުކުރާ ޑޮލަރުތަކާއެކީ، ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ ވަނީ އެއް ބިލިއަން ޑޮލަރު ފަހަނައަޅައި ގޮސްފަ އެވެ. މިހެން ނަމަވެސް ޑޮލަރަށް ހުރި ޑިމާންޑާ އެއްވަރަށް ސަޕްލައި ނުއުފުލޭތީ ޑޮލަރު ތާށިކަމަށް އަވަސް ހައްލެއް ނެތް ކަމަށް އެމްއެމްއޭއިން ބުނެފައި ވެ އެވެ.

ޑޮލަރަށް އޮތް ޑިމާންޑާއި ސަޕްލައިއާ އަޅާކިޔާއިރު، އެމްއެމްއޭއިން ބުނީ ޖޫންގެ ނިޔަލަށް އެކިއެކި ބޭނުންތަކަށް 703 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ. މިއީ އެ މުއްދަތުގެ ތެރޭގައި ޑޮލަރު އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ އާއި ޑޮލަރު މާރުކޮށްގެން ލިބުނު އަދަދު އެއްކޮށްލުމުން ޖެހޭ އެއް ބިލިއަން ޑޮލަރުގެ 70 ޕަސެންޓެވެ.

މާރުކުރި ޑޮލަރުތަކާއެކީ ސަރުކާރަށް ލިބުނު ޑޮލަރު އިތުރުވީ ނަމަވެސް، އާންމުންނަށް ޑޮލަރެއް ގަންނަން ލިބެނީ 20ރ. އަށްވުރެ ބޮޑުކޮށެވެ. ކަޅު ބާޒާރުގައި މި ވަރަށް ޑޮލަރެއްގެ އަގު އުފުލިފައި ހުންނަތާ މިހާރު ދެ މަސް ދުވަސް ވެއްޖެ އެވެ.