24 ސެޕްޓެންބަރު 2022 - 06:15 0
ސާއިފް ޝިޔާދު
24 ސެޕްޓެންބަރު 2022 - 06:15 0
ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި ޗެއާމަން މުހައްމަދު ރަޝީދަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށް ފަހު، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުން އިބްރާހީމް ވަހީދު (އެންސްޕާ އިބްރޭ) އިސްތިއުފާ ދެއްވީ ނިމިދިޔަ ހަފުތާގަ އެވެ.
އޭނާގެ ތުހުމަތުތަކާ ގުޅިގެން މެނޭޖިން ޑިރެކްޓަރު ސައީދު ވަނީ ހޫނު ރައްދެއް ދެއްވާފަ އެވެ.
އިބްރާހިމް ވަހީދުގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ ކުންފުނީގެ ދަރަނި ބޮޑުވެފައިވަނީ ޗެއާމަން އާއި އެމްޑީގެ ނާގާބިލް ކަމުންނެވެ. އެ ދެ ބޭފުޅުން ފެނަކަ ހިންގުމާ ހަވާލުވެވަޑައިގެންނެވި އިރު އެ ކުންފުނީގެ ދަރަނީގެ ގޮތުގައި އޮތީ 680 މިލިޔަން ރުފިޔާ ކަމަށް ވިޔަސް މިހާރު ދަރަނި 1.3 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"އެއީ ރަނގަޅު އަދަދެއް ވެސް ނޫން، ރަނގަޅު ވާހަކައެއް ވެސް ނޫން. އަޅުގަނޑުމެން ފެނަކައާ ހަވާލުވިއިރު ވެސް އެތަނުގައި ވަރަށް ބޮޑު ދަރަންޏެއް އޮތް. އިތުރެއް ނުވޭ. ގަވާއިދުން ނުދެއްކުނު ނަމަވެސް އަޅުގަނޑުމެން މިދަނީ ދައްކަމުން. ކުރީގެ ދަރަނި އެދަނީ ބޮޑުވަމުން،" އެ ތުހުމަތުތަކާ ގުޅޭގޮތުން "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވި އެވެ.
އިސްލާމް ދީނުގެ ނަމުގައި ޓެރަރިޒަމަށް ހިތްވަރުދެވޭ ގޮތަށް ހަރުކަށި ފިކުރު ފަތުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ އަބްދުﷲ އަލިމަނިކަކީ އެފަދަ ފިކުރު ގަބޫލުކުރާ ދިވެހިންގެ މެދުގައި އުފެދޭ މައްސަލަތަކުގައި ގާޒީއެއް ގޮތުގައި ވެސް މަސައްކަތް ކުރި މީހެއް ކަމަށް ސިއްރު ހެކިވެރިއަކު ޝަރީއަތުގައި މަޖިލީހުގައި ބުނީ ވެސް މިދިޔަ ހަފްތާގަ އެވެ.
ވެރިކަން ހިންގާ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމުގެ މަސައްކަތް ހުއްޓާލާނީ އެކަން ކާމިޔާބު ކުރުމަށް ފަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިދިޔަ ހަފްތާގަ އެވެެ. ރިޔާސީ އިންތިހާބަށް ވުރެ އަހައްމިޔަތު ކަން ދޭން ޖެހޭނީ ނިޒާމު ބަދަލުކުރުމުގެ ވޯޓަށް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ރައީސްކަން ކޮށްގެން އަނެއްކާ ލިބޭނީ ބޮނޑިއެއް، އެކަމަކު ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް، ޕާލަމެންޓަރީ ނިޒާމެއް ނޫން ގޮތަކަށް މި ރާއްޖޭގެ ވެރިކަން ހިންގޭނެ ކަމަކަށް އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ،" ނަޝީދު ވިދާޅުވި އެވެ.
ނިމިދިޔަ ހަފްތާގައި ޑރ. މުހައްމަދު މުއިއްޒު "އަދަދު" އަށް ދެއްވި އިންޓަވިއެއްގެ ތެރެއިން މި ސުވާލު ކުރިމަތިކުރުމުން ޖަވާބު ފެއްޓެވީ ވެސް "ވަރަށް ބޮޑަށް އޮޅޭ ކަމެއް މިއީ، އަޅުގަނޑުމެން ނޫޅެމޭ ވެމްކޯގެ މެންޑޭޓް ތެރެއަށް ވަންނާކަށެއް،" މިހެން ވިދާޅުވުމަށްފަހު އެވެ. މުއިއްޒު ފާހަގަ ކުރެއްވި ގޮތުގައި ވެމްކޯގެ ބިޒްނަސް މޮޑިއުލް އަކީ ގޭގެއާއި އިމާރާތްތަކުން ކުނި އެއްކުރުމެވެ. އެ މަސައްކަތަށް އަދިވެސް އެ މުވައްޒަފުން ބޭނުން ކުރެވޭނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. އަދި ސިޓީ ކައުންސިލުން ކުނި ގެންގޮސްދޭނީ ވެސް ވެމްކޯގެ ކުނި ޖަމާކުރާ ސައިޓަށް ކަމަށް ވިދާޅުވި އެވެ.
ދިރިއުޅޭ މީހުންނާއި ވެހިކަލުން ތޮއްޖެހިފައި އޮތް ވެރިކަން ހިންގާ މާލެއިން އަމިއްލަ މީހުންގެ ވެހިކަލް ޕާކު ކުރުމަށް 1770 އަށް ވުރެ ގިނަ ޖާގަ ކުއްޔަށް ދީފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނީ ނިމިދިޔަ ހަފްތާގަ އެވެ. ޕްރައިވެޓް ޕާކު ކުރުމަށް މާލެއިން ބައެއް ތަންތަން ކުއްޔަށް ދޫކުރުމަށް ސިޓީ ކައުންސިލުން ނިންމީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެގޮތަށް ޖާގަ ދެނީ ޓެކްސީއެއް ނަމަ މަހަކު 750ރ. އަށް އަދި ޕްރައިވެޓް ވެހިކަލެއް ނަމަ މަހަކު 1500ރ. އަށެވެ.
ފުލުހުންގެ ބޯޑު މިހާރު ހިނގަމުން އަންނަ ގޮތުން އެ ބޯޑުގެ ބޭނުން އެންމެ ބޭނުންތެރި ގޮތުގައި ނުހިފޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ނިމިދިޔަ ހަފްތާގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވި ގޮތުގައި ބޯޑުން ބޭނުންވާ ގިނަ ކަންކަމަށް މިނިސްޓްރީއަށް އެއްބަސްނުވެވެ އެވެ. އެގޮތުން ބޯޑުން ބޭނުން ވަނީ މިނިސްޓްރީގެ ދަށުން ވަކިވެ މިނިވަން ގުނަނެއްގެ ގޮތުގައި ހިންގައި އަމިއްލަ ވެބްސައިޓަކާއި ސިއްކައެއް ބޭނުން ކުރުމަށް ކަމަށް އިމްރާން ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަކު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވާ ކަންތައްތަކަކީ ސަރުކާރުތަކުންވާ ވައުދުތަކެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިދިޔަ ހަފްތާގަ އެވެ. އެމަނިކުފާނު ވިދާޅުވީ އިންތިހާބުތަކުގައި ޕާޓީތަކުން ދައްކާ ބައެއް ވާހަކަތައް އެއީ ކެމްޕޭނަށް ދަމާފައި ހުންނަ ބެނާތަކުގައި، އެ ބެނާތައް ތައްޔާރުކުރި "ކުދިން އަމިއްލައަށް ލިޔެފައިވާ ވާހަކަތައް" ކަމަށް ވެސް ބައެއް ޕާޓީތަކުން ކުރިން ބުނެފައިވާ ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ވަޒީރުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ނުފޫޒު ފޯރުވާ ކަމަށް ބައެއް މެންބަރުން ވިދާޅުވި ނަމަވެސް ޕާލިމެންޓްރީ ގްރޫޕްގައި ބައިވެރިވާ މެންބަރުންނަށް އެފަދަ ކަމެއް ނެތް ކަން އެނގޭނެ ކަމަށް އެ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ވެސް މިދިޔަ ހަފްތާގަ އެވެ. "އަދަދު"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އެފަދަ އެއްވެސް ނުފޫޒެއް ޕީޖީ ގްރޫޕަށް ފޯރުވާފައި ނެތް ކަމަށެވެ. އަދި ޕީޖީ ގްރޫޕްގެ ބައްދަލުވުންތައް ގަވައިދުން ބާއްވައި، މައްސަލަތަކުގެ ބަހުސްތައް ހިންގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މަސްވެރިކަން ރަނގަޅުވި ނަމަވެސް މަސް ކިރުވުން ލަސްވާ ކަމަށާއި މިފްކޯގައި ކެޕޭސިޓީ ނެތް ކަމުގެ ޝަކުވާ މަސްވެރިން އަންނަނީ ނިމިދިޔަ ހަފްތާއިން ފެށިގެން ކުރަމުންނެވެ. މަސްވެރިކަމުގެ ފަހި މޫސުން ފެށި، އެކި ހިސާބުތަކުން ދަނީ ގިނަ އަދަދަކަށް މަސް ބާނަމުންނެވެ. އެގޮތުން ބައެއް ދޯނިތަކުން 30 ޓަނު، 40 ޓަނުވެސް ދަނީ ބާނަމުންނެވެ.
އަމީނީ މަގު ގާ އަތުރައިގެން ތަރައްގީ ކުރުމުގެ ބަދަލުގައި ތާރު އަޅަނީ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ކޮންސަލްޓަންޓުގެ ލަފަޔާ ހިލާފަށް ކަން ހާމަވީ މިދިޔަ ހަފްތާގަ އެވެ. އަމީނީ މަގުގައި ތާރު އެޅުމަކީ އެންމެ ދެމެހެއްޓެނިވި ގޮތެއް ނޫން ކަން ފާހަގަކޮށް ރިޕޯޓުގައި ބުނީ މެއިންޓެއިން ކުރަން ފަސޭހަވާނެ އަދި އެންމެ ހަރަދު ކުޑަ ވާނެ ގޮތަކީ ގާ އަތުރައިގެން ހެދުން ކަމަށެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މަޝްރޫއާ ގުޅިގެން އެންމެ މައިގަނޑު އެއް ކަންބޮޑުވުމަކީ ފެން ހިންދާ ނިޒާމު ރަނގަޅަށް މަސައްކަތް ނުކުރުމުގެ ސަބަބުން ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ނުލިބިދާނެ ކަމުގެ ކަންބޮޑުވުމެވެ.
Comment