އަލިމަނިކަކީ ހަރުކަށި ފިކުރު މީހުންގެ ތެރޭގައި ހުކުމް ކަނޑައަޅާ ގާޒީއެއް: ސިއްރު ހެކި

އަލިމަނިކު: އޭނާއަކީ އައިއެސް ދައުލަތުގެ ގާޒީއެއް ގޮތުގައި ހަރަކާތްތެރިވި މީހެއް ކަމަށް ހެކިން ބުނޭ -- ފޮޓޯ: އަދަދު ފައިލް

އަލިމަނިކު: އޭނާއަކީ އައިއެސް ދައުލަތުގެ ގާޒީއެއް ގޮތުގައި ހަރަކާތްތެރިވި މީހެއް ކަމަށް ހެކިން ބުނޭ -- ފޮޓޯ: އަދަދު ފައިލް

އިސްލާމް ދީނުގެ ނަމުގައި ޓެރަރިޒަމަށް ހިތްވަރުދެވޭ ގޮތަށް ހަރުކަށި ފިކުރު ފަތުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ އަބްދުﷲ އަލިމަނިކަކީ އެފަދަ ފިކުރު ގަބޫލުކުރާ ދިވެހިންގެ މެދުގައި އުފެދޭ މައްސަލަތަކުގައި ގާޒީއެއް ގޮތުގައި ވެސް މަސައްކަތް ކުރި މީހެއް ކަމަށް ސިއްރު ހެކިވެރިއަކު ޝަރީއަތުގައި މަޖިލީހުގައި މިއަދު ބުނެފި އެވެ.

ހއ. މޮޅަދޫ ބަހާރުގޭ، އަބްދުﷲ އަލިމަނިކު އެންމެ ފަހުން ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގެ މެއި 6، ގައި ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ.

އެހެން ނަމަވެސް މިހާތަނަށް އޭނާގެ މައްޗަށް އުފުލީ ޓެރަރިޒަމް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާއަށް އޭނާ އިންކާރު ކުރުމުން، ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތުގައި މިހާރު ކުރިއަށް ދަނީ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ.

އެގޮތުން މިއަދު ކޯޓުގައި ނެގީ ދައުލަތުން ހުށަހަޅާފައިވާ ސިއްރު ދެ ހެކިވެރިއެއްގެ ހެކިބަހެވެ. ހެކިވެރިޔާއާ ވާހަކަ ދެއްކީ އޭނާ އެހެން މާލަމެއްގައި ބަހައްޓައިގެން، ޓެކްނޮލޮޖީ މެދުވެރިކޮށް ކާކުކަން ނޭނގޭ ގޮތަށް ހެކިވެރިޔާގެ އަޑު ބަދަލުކޮށްގެންނެވެ.

ފުރަތަމަ ހެކިވެރިޔާ ކިޔައިދިން ގޮތުގައި އޭނާއަށް އަލިމަނިކު ދިމާވީ 2019 ވަނަ އަހަރުގެ ތެރޭގައި އަލިމަނިކު ނަގައިދިން ކްލާހަކަށް ހާޒިރުވުމުން އެ ކްލާސް ތެރެއިންނެވެ. "ތައުހީދު ކްލާސް" ނަމުގައި ހިނގަމުން ދިޔަ އެ ކްލާސްތައް މެދުވެރިކޮށް ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމާއި އެ ދައުލަތް ގަބޫލު ކުރާ މީހުންގެ ލޭ ހުއްދަވާނެ ކަން އަލިމަނިކާއި ކްލާހުގެ ބައިވެރިން ކިޔައިދެމުން ދިޔަ ކަމަށް ހެކިވެރިޔާ ބުންޏެވެ.

ހަރުކަށި ފިކުރު ގަބޫލުކުރާ ދިވެހިންގެ ތެރޭގައި އުފެދޭ ހިޔާލުތަފާތުވުންތަކާއި އެއިން ބައެއް މީހުންނަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަތައް ބަލާ "ގާޒީންގެ" ގޮތުގައި ކަނޑައަޅާ މީހުންގެ ތެރޭގައި އަލިމަނިކު ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

"ހަރުކަށި ފިކުރުގެ މީހުންގެ ތެރޭގައި އުފެދޭ ކޮންފްލިކްޓްތައް، މައްސަލަތައް ހައްލުކުރަން ގާޒީއެއްގެ ގޮތުގައި ވެސް އަލިމަނިކު އިސްކޮށްފައި އެބަ ހުރި،" އެ ހެކިވެރިޔާ ބުންޏެވެ.

މިސާލެއް ކިޔައިދެމުން އޭނާ ބުނީ ޓެރަރިޒަމްގެ ދައުވާތަކެއް އުފުލައިގެން މިވަގުތު އެމީހެއްގެ މައްޗަށް ޓެރަރިޒަމްގެ ޝަރީއަތް ހިނގަމުންދާ މީހެއްގެ މައްޗަށް ހިޔާނާތުގެ ތުހުމަތެއް ކުރެވުމުން އެ މައްސަލަ ގާޒީއަކަށް ހުރެ އަލިމަނިކު ބެލި ކަމަށެވެ. އެއީ ސީރިއާގައި ތިބި ދިވެހިންނަށް ފޮނުވަން ހުރި ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ހެކިވެރިޔާ ބުންޏެވެ.

"..އައްމަޑޭ ކިޔައި މީހަކު އެ ފަހަރު އަލިމަނިކުގެ ނަން ހުށަހެޅީ. [ތުހުމަތު ކުރެވޭ މީހާ] ވެސް އަލިމަނިކު ހުންނަން އިއުތިރާޒެއް ނުކުރޭ. އެ ކަމަށް ހާޒިރުކުރަން އުޅުނު ދެ ހެކިން ހާޒިރުނުވުމުން އަލިމަނިކު ނިންމީ ހެއްކެއް ނެތީމަ [ތުހުމަތު ކުރެވޭ މީހާގެ] މައްޗަށް އެ ކަން ސާބިތުނުވާކަން،" ހެކިވެރިޔާ އިތުރަށް ކިޔައިދިނެވެ.

އަލިމަނިކަކާއި ތަސްލީމަށް ކުރާ ތުހުމަތުތައް

މީގެ ކުރިން، އަލި މަނިކާއި ތަސްލީމުގެ އިންޓެލިޖެންސް ރިޕޯޓް ތައްޔާރުކުރި އޮފިސަރުންގެ ހެކިބަސް ވަނީ ޝަރީއަތުގައި ނަގައިފަ އެވެ.

އެ ގޮތުން، ތަސްލީމަކީ އައިއީޑީ ތައްޔާރު ކުރުމުގެ މާހިރެއް ކަމަށާއި ނަޝީދަށް ހަމަލާ ދޭން ގޮއްވާލި އައިއީޑީ ތައްޔާރުކުރަން އޭނާގެ "އެކްސްޕާޓް އޮޕީނިއަން" ހޯދި ކަމަށް ތަސްލީމާ ގުޅޭ ގޮތުން އިންޓެލިޖެންސް ރިޕޯޓް ތައްޔާރު ކުރި ފުލުސް އޮފިސަރު ހެކިބަސް ދީފައިވެ އެވެ.

މީގެ ކުރިން 2020 ވަނަ އަހަރުގެ ކުރީކޮޅު ހުޅުމާލޭގައި ތިން ފަތުރުވެރިޔަކަށް ދިން ހަމަލާގެ ފަހަތުގައި ހުރީ އަބްދުﷲ އަލިމަނިކު ކަމަށާއި، އޭނާ އެ ކަން ކުރީ އޭނާގެ ދަރިން ދައުލަތަށް ނެގުމުން އެ ކަމުގެ ބަދަލު ހިފުމެއްގެ ގޮތުގައި އޭނާގެ މައްޗަށް ރިޕޯޓް ތައްޔާރު ކުރި އޮފިސަރު ހެކިބަސް ދީފައިވެ އެވެ.

ހަމަލާގެ ތުހުމަތާ ގުޅިގެން އަލި މަނިކު ހައްޔަރުކުރީ މެއި 18، 2021 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އޭނާއަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ފުލުހުންނާ ސިފައިންނާ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކާ ހިނގައިދިޔަ ކުރިމަތިލުންތަކެއްގައި އިސްކޮށް އުޅުނު މީހެކެވެ. އަލިމަނިކު އެ މައްސަލައިގަ ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ޖަލުން ވެސް ފިލާފައިވެ އެވެ.

ތަސްލީމަކީ ވެސް ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތު ކުރެވިފައި އޮތް މީހެކެވެ. އަދި، މއ. އެނބޫގޭގެ އެޕާޓްމަންޓެެއްގައި އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ހިންގަމުން ގެންދިޔަ އޮފީސް ތެރޭގައި އައިއީޑީއެއް ހެދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަނިކޮށް އޭނާ ކުރިން ހައްޔަރުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox