Advertisement

ފެނަކަ ސައީދަށް ކުރި ހުކުމް؛ އިންސާފުވެރިތަ؟

29 ސެޕްޓެންބަރު 2025 - 09:58 16

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ފެނަކަ ސައީދަށް ކުރި ހުކުމް؛ އިންސާފުވެރިތަ؟

29 ސެޕްޓެންބަރު 2025 - 09:58 16

އިއްޔެގެ ވަގުތެއްގައި ކްރިމިނަލް ކޯޓުން ވަނީ ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށެއް ސާބިތުކޮށް ހަތަރު އަހަރު ދުވަހު ޖަލު އަދަބެއް ކަނޑައަޅާފަ އެވެ. މި ހުކުމާ މެދު އިތުރު ވިސްނުމަކަށް ދާންޖެހެނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅުވައި، އޮޑިޓަ ޖެނެރަލް ނެރުއްވި ސިޔާސީ ރިޕޯޓަށް ދެތިން ދުވަހަށް ފަހު މި ހުކުމް ކުއްލިއަކަށް އައުމުންނެވެ. އަދި ދައުލަތުން އެދުނު އަދަބަށް ވުރެ ވެސް ބޮޑު އަދަބެއް ކަނޑައަޅައި މި ހުކުމުގައި އެ ކުށަށް ދެވެން އޮތް އެންމެ ބޮޑު އަދަބު ކަނޑައަޅާފައިވުމެވެ.

ސާބިތުކުރި ކުށުގެ ދައުވާގެ ސަބަބުގައި ބުނަނީ ކީކޭ؟

އަހުމަދު ސައީދުގެ މައްޗަށް ދައުވާކުރި މައްސަލައިގެ ދައުވާގެ ސަބަބުގައި އޮތް އިބާރާތް މިތަނުގައި އޮތްގޮތަށް ނަކަލުކޮށްލުމަކީ މުހިންމު ކަމެކެވެ. "އަހުމަދު ސައީދު މުހައްމަދު، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރެ 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުން (31 ޖަނަވަރީ 2018) އެއްބަސްވެފައިވާ މަސައްކަތް ފުރިހަމަވެފައި ނުވަނީސް، އަދި ބްލޭޒަން އިންކް އިން މަސައްކަތް ނިންމިކަމުގެ ލިޔުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ހުށަހަޅާފައި ނުވަނީސް އެ މަސައްކަތް ކުރިކަން ކަށަވަރުކުރުމަކާ ނުލައި، އެ ކުންފުންޏާއެކު 25 އޭޕްރީލް 2019 ގައި އިތުރު އެއްބަސްވުމެއް އެކުލަވާލައި ސޮއިކޮށްފައި ވާތީ އެ އަމަލުގެ ސަބަބުން ބްލޭޒަންއަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާތީ."

ދައުލަތުގެ ދައުވާގައި ބުނެފައިވާ މި ސަބަބަށް ބަލާއިރު، އަހުމަދު ސައީދުގެ މައްޗަށް ދައުވާކުރީ 2019 ވަނަ އަހަރު ބްލޭޒަން ކިޔާ ކުންފުންޏާއެކު ހެދި ސެޓްލްމަންޓް އެގްރިމަންޓަކާ ގުޅުވައިގެންނެވެ. ދައުލަތުން ބުނަމުން ގޮސްފައިވަނީ ސެޓްލްމަންޓް އެގްރިމަންޓާ ހަމައަށް ދިޔައީ، އޭގެ ކުރިން 2018 ވަނަ އަހަރު ފެނަކަ އާއި ބްލޭޒަންއާ ދެމެދު ހެދުނު އެއްބަސްވުމުގެ ދަށުން ބްލޭޒަންއިން ކުރަންޖެހޭ މަސައްކަތްތައް ކޮށްފައި ނުވަނީސް، އަނެއްކާ ވެސް ބްލޭޒަންއަށް ލާރިތަކެއް ދިނުމުގެ ބޭނުމަށް ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ ހުކުމުގައި ވެސް ބުނަނީ މިހެންނެވެ.

އަހުމަދު ސައީދު ބުނަނީ ކީކޭ؟

އަހުމަދު ސައީދުގެ ދިފާއުގައި މައިގަނޑު ގޮތެއްގައި އޭނާ ފާހަގަކޮށްފައި ހުރީ އަންނަނިވި ނުކުތާތަކެވެ.

  • 2018 ވަނަ އަހަރު ބްލޭޒަންއާ އެކު ފެނަކައިން ފުރަތަމަ އެއްބަސްވުމެއް ވެފައިވަނީ ސައީދުގެ އެމްޑީކަމުގައި ނޫންކަން؛
  • އަދި 2018 ވަނަ އަހަރު ވެވުނު މި އެއްބަސްވުމަށް ވަކި ހިސާބަކުން އަމަލުކުރުން ހުއްޓިގެންދިޔައީ ފެނަކަ ކޯޕަރޭޝަންގެ ސަބަބުންކަން؛
  • ފެނަކަ ކޯޕަރޭޝަންގެ ސަބަބުން އެއްބަސްވުމަށް މަސައްކަތް ނުކުރެވޭ ގޮތް މެދުވެރިވެފައިވީ ނަމަވެސް ފެނަކައިގެ ފަރާތުން އެއްބަސްވުން އުވާލާފައި ނުވާކަން؛
  • އޭގެ ފަހުން އެމްޑީ ބަދަލުވެ، އެމްޑީކަމާއި ލައްމާން ހަވާލުވެ ހުރި ދުވަސްވަރު ވެސް މިކަމަށް އެއްވެސް ހައްލެއް ގެނެސްފައިނުވާކަން؛
  • ސައީދު އެމްޑީކަމާ ހަވާލުވިއިރު، މިކަމަކީ ގޮތެއް ނިންމަންޖެހިފައިވާ ކަމެއްކަން؛ ގޮތެއް ނުނިންމުމަކީ އޭރު އޮތް އޮޕްޝަނެއް ނޫންކަން؛
  • 2018 ވަނަ އަހަރު ގެ އެއްބަސްވުމުގެ ދަށުން ފުރަތަމަ ތިން މަސް ދުވަހު މަސައްކަތްކުރެވިފައިވާކަން؛
  • ސެޓްލަމަންޓް އެގްރިމަންޓަކަށް ގޮސްފައިވަނީ އިތުރަށް މިކަމުގައި އޮތް ގާނޫނީ ހައްލަކީ ކޮބައިކަން ލީގަލް ޑިޕާޓްމަންޓްގެ މަޝްވަރާ ހޯދައިގެންކަން؛
  • ސެޓްލްމަންޓް އެގްރިމަންޓްގެ ދަށުން ފެނަކައިގެ ފަރާތުން ދޭން އެއްބަސްވެފައިވާ ފައިސާގެ އަދަދަކީ އިތުރު 17 މަސް ދުވަހު އަލުން ބްލޭޒަންއިން މަސައްކަތްކުރުމުން ދޭން އެއްބަސްވެފައިވާ ފައިސާގެ އަދަދުތަކެއްކަން؛
  • ސެޓްލްމަންޓް އެގްރިމަންޓްގެ ދަށުން އަހުމަދު ސައީދުގެ އެމްޑީކަމުގައި މަސައްކަތް ފުރިހަމައަށް ކުރިއަށް ގޮސްފައިވާކަން,
  • ބްލޭޒަން އިންކްއަކީ އަހުމަދު ސައީދުއާ އެއްވެސް ވިޔަފާރީގެ އަދި އެނޫންވެސް މަސްލަހަތެއް އޮންނަ ކުންފުންޏެއް ނޫންކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާކަން.

ސައީދު އަމަލުކުރީ ގާނޫނީ ކަމެއްގައި ގާނޫނީ ލަފާ ލިބުނު ގޮތަށް

އަމަލުނުކޮށް ހުންނަ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައި ހުންނަ މައްސަލަތަކަކީ ގާނޫނީ މައްސަލަތަކެވެ. އެ ކަންކަމަކީ ގާނޫނީ ހައްލު ބޭނުންވާ ކަންކަމެވެ. ސައީދަކީ ފެނަކައިގެ އެމްޑީކަމަށް ވާއިރު، ސައީދުގެ އެންމެ މުހިންމު ޒިންމާއަކީ މިކަމުގައި ގާނޫނީ ލަފާ ހޯދުމެވެ.

އެކަން ސައީދުކޮށްފައިވާ ކަމަށް ދިފާއުގައި ބުނެ އެވެ. ޝަރީއަތަށް އޭރުގެ ފެނަކައިގެ ލީގަލް ޑިޕާޓްމަންޓްގެ ހެޑް ހާޒިރުވެފައިވެއެ އެވެ. އަދި އޭނާ ހެކިބަސް ދެމުން، ސެޓްލްމަންޓް އެގްރިމަންޓަކަށް ނުގޮސްފިނަމަ، ފެނަކައިގެ މައްޗަށް ބްލޭޒަންއިން ކޯޓުގައި ގެއްލުމުގެ ބަދަލަށް ދައުވާކޮށްފިނަމަ، ފެނަކައިން ދައްކަންޖެހޭ ފައިސާގެ އަދަދު ބޮޑުވެދާނެކަމަށް ލީގަލް ޑިޕާޓްމަންޓްގެ ހެޑްގެ ހައިސިއްޔަތުން އަހުމަދު ސައީދަށް ލަފާދިނިންކަމަށް ބުނެ ހެކިބަސް ދީފައިވެ އެވެ.

އަހުމަދު ސައީދަށް މިގޮތަށް ލީގަލް އޮޕީނިއަން ދިންކަމަށް އޭރުގެ ލީގަލް ޑިޕާޓްމަންޓްގެ ހެޑް ބުނެފައި ވާއިރު، އޭނާ ބުނަނީ އެގޮތަށް ލަފާދިނީ ލީގަލް ޑިޕާޓްމަންޓްގައި އޭރު މަސައްކަތްކުރި ލޯޔަރެއް ކަމަށްވާ އަމްޖަދު އަލީ ދިން ލަފަޔެއްގެ މައްޗަށް ކަމަށެވެ.

އަމްޖަދު އަލީވެސް ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ އެއީ ތެދެއްކަން ކަށަވަރުކޮށްދިނުމުގެ އިތުރަށް އެ ލަފާ ދިފާއުކޮށް ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެ އެވެ. އެގޮތުން އޭނާގެ ލަފާ ބިނާ ކުރި ކަންކަމުގެ ގޮތުގައި އޭނާ ފާހަގަކޮށްދޭ ކަންކަމަކީ؛

ކުރިން ހެދުނު އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވަނީ، ފެނަކައިން އެއްބާރުލުން ނުދީގެންކަން އެތެރޭގެ ލިޔެކިޔުމުން ވެސް އެނގެން އޮންނައިރު، އަދި ފެނަކައިގެ ފަރާތުން އެއްބަސްވުން އުވާލާފައިނުވާއިރު، ބްލޭޒަންގެ ފަރާތުން ދައުވާއެއްކޮށްފިނަމަ، ބްލޭޒަންއިން މިކަމާ ގުޅިގެން އަލަށް މުވައްޒަފުން އިތުރުކުރިކުރުން ފަދަ އެފަރާތުން ކުރި އިތުރު ހަރަދުތަކާ ވެސް ގުޅިގެން ގެއްލުމުގެ ބަދަލު ދޭންޖެހިދާނެ ހާލަތެއް އޮތްކަމަށެވެ. އޭރަށް ފެނަކައިން ހަރަދުކުރަންޖެހޭ ވަރު މާ ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށެވެ.

ސެޓްލަމަންޓް އެގްރިމަންޓަށް ބަލާއިރު އެ އެގްރިމަންޓް އޮތީ އިތުރު ފައިދާއެއް ބްލޭޒަންއަށް ނުލިބޭ ގޮތަށްކަން އެގްރިމަންޓުން ސާފުވާކަން

އަހުމަދު ސައީދު އެމްޑީކަމުގެ މަގާމުގައި ހުރެ ހެދި ސެޓްލްމަންޓް އެގްރިމަންޓަކީ ލިޔުމުން ފެންނާން އޮތް އެގްރިމަންޓެކެވެ. އެ އެގްރިމަންޓަށް ބަލާއިރު، އެ އެގްރިމަންޓްގައި ބްލޭޒަންއަށް ދޭން އެއްބަސްވެފައި އޮންނަ ފައިސާއަކީ، 2018 ވަނަ އަހަރުގެ އެއްބަސްވުމުގެ ދަށުން ބްލޭޒަން އަށް ލިބެން ޖެހޭކަމަށް ބްލޭޒަންއިން ބުނަމުންދިޔަ ފައިސާއެކެވެ. އެއީ ޖުމުލަ 699،600ރ. އެކެވެ.

ނަމަވެސް އެ ފައިސާ ބްލޭޒަންއަށް ދިނުމުގެ ބަދަލުގައި، ސެޓްލްމަންޓް އެގްރިމަންޓްގައި އެއްބަސްވެފައިވަނީ އެފައިސާ ލިބޭނީ އިތުރު 17 މަސް ދުވަހަށް މަސައްކަތްކޮށްދިނުމުން އެކަމުގެ ބަދަލެއްގެ ގޮތުގައެވެ. މާނައަކީ ހުކުމުގައި ސިފަކުރާ 2018 ވަނަ އަހަރުގެ އެއްބަސްވުމުގެ ދަށުން މަސައްކަތް ހުއްޓުނު ހިސާބުން ދެން ބާކީ އަރަމުންދިޔަ ފައިސާ ނުދޭ ގޮތަށް އަހުމަދު ސައީދު ނިންމީ އެވެ.

އޭގެ ބަދަލުގައި ސެޓްލްމަންޓް އެގްރިމަންޓްގެ ދަށުން ނިންމާފައިވަނީ ކުރީ އެއްބަސްވުމުގެ ދަށުން ލިބެން ހުރި ފައިސާ ލިބޭނީ އިތުރު 17 މަސް ދުވަހަށް މަސައްކަތްކޮށްދިނުމުން އެކަމުގެ ބަދަލެއްގެ ގޮތުގައި މަހުން މަހަށް ބަހައިގެން މަހަކު ސާޅީސް ދެހާސް ރުފިޔާގެ ރޭޓުން ފައްޓައިގެން ކަމަށެވެ. މިއީ ލިޔެކިޔުމުން ފެންނަންހުރި ކަންކަމެވެ.

މި އެންމެހާ ކަމެއް މިގޮތަށް ފެންނާން ހުއްޓާ ކޯޓުން ބުނީ ކީކޭ؟

ގާނޫނީ ލަފަޔާ ގުޅިގެން ކޯޓުން ބުނެފައިވަނީ، ގާނޫނީ ލަފަޔާ ގުޅިގެން ލީގަލް އޮޕީނިއަން ދިންކަމަށް ބުނާ ދެފަރާތުން ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެ ދެފަރާތުން ގާނޫނީ ލަފާދީފައި ވަނީ، އެ ލަފާ ދިނުމުގެ ކުރިން އެއްބަސްވުމާ ގުޅޭ ކަންކަން ތަންފީޒުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާންޖެހޭނެ ކަމާބެހޭ ޑިޕާޓްމަންޓްތަކާ މަޝްވަރާކުރުމަކާ ނުލައިކަން އެނގެން އޮންނަ ކަމަށެވެ. އަދި އެލަފާ ދިނުމުގެ ކުރިޔަށް ކުރިން ހެދުނު އެއްބަސްވުމުގެ ދަށުން އެއްވެސް މަސައްކަތެއް ކުރިޔަށް ދިޔަކަން ސާފުކޮށްފައި ނުވާކަން ވެސް މި ދެ ހެކިންގެ ވާހަކައިން ޝަރީއަތަށް އެނގޭ ކަމަށާއި މި ގޮތަށް ގާނޫނީ ލަފާދިނުމަކީ ގާނޫނީ ލަފާދިނުމުގެ އާންމު ހަމަތަކާ ވެސް ހިލާފު ކަމެއް ކަމަށެވެ.

އަދި މިއީ ގާނޫނީ ލަފަޔަކަށްވާއިރު، މި ލަފާ ލިޔުމުން ފެންނާން ނެތްކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ލީގަލް ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި އޭރު ހުރި ފަރާތަކީ، ލޯޔަރެއް ނޫންކަމަށް އޭނާ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

އާންމު ހިދުމަތް ދޭ ސަރުކާރު ކުންފުންޏަކުން ޕީއާރު މަސައްކަތް އައުޓް ސޯސްކުރަންޖެހޭތޯ؟

ކޯޓުން ސުވާލު އުފައްދާ އަދި އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ މައްސަލަ ސާބިތުކުރުމަށް ކޯޓުން ދައްކާފައި އޮންނަ އަނެއް ހުއްޖަތަކީ މިއީއެވެ. ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ކޯޓުން ބުނެފައިވަނީ، ސެޓްލްމަންޓް އެއްބަސްވުމާއި އެއެއްބަސްވުމުގެ ކުރިން ހެދުނު އެއްބަސްވުމަކީ ވެސް ކޮރަޕްޝަންގެ އަމަލުތަކެއް ކަމަށެވެ.

ކޯޓުން ބުނެފައިވަނީ، މި ދެ އެއްބަސްވުން ހެދިފައިވަނީ ފެނަކައިގެ މޫނުމަތި ރީތިކުރުމަށް ބަޔަކަށް ލާރިދީގެން މަސައްކަތްކުރުވުމަށްކަމަށާއި، ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ހަދާފައިވާ ސަރުކާރު ކުންފުނިތަކުގެ މޫނުމަތި ރީތިކުރުމަށް ބަޔަކަށް ލާރިދޭ ގޮތަށް ހިންގޭ ޕްރޮޖެކްޓްތަކަކީ ކޮރަޕްޝަން ކަމަށެވެ. އޭގެ ސަބަބެއް ގޮތުގައި ކޯޓުން ފާހަގަކުރަނީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭން ހަދާފައި ހުންނަ ސަރުކާރު ކުންފުނިތަކުގެ މޫނުމަތި ރީތިކުރަންޖެހޭނީ ރައްޔިތުންނަށް އަގުހެޔޮކޮށް ހިދުމަތް ދީގެންނާއި ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ލިބޭނޭ ގޮތް ހަދައިގެން ކަމަށެވެ.

ފެނަކައިގެ މޫނުމަތި ރީތިކުރުމަށްކަމަށް ބުނެ އަމިއްލަ ފަރާތްތަކަކަށް ދީފައިވާ މި ފައިސާއަކީ އޭގެ ބަދަލުގައި ރައްޔިތުންނަށް ދެވޭ ހިދުމަތް ރަނގަޅުކުރުމަށް މިފައިސާ ބޭނުންކުރިނަމަ، މިއަށްވުރެ ރަނގަޅު ހިދުމަތެއް ދިނުމަށް ހަރަދުކުރެވިދާނެ ފައިސާކަން އެނގޭކަމަށެވެ.

އަހުމަދު ސައީދު ކުރީ ޖިނާއީ ކުށެއްތަ؟

އަހުމަދު ސައީދުގެ މައްޗަށް ސާބިތުކޮށްފައިވަނީ ޖިނާއީ ކުށެކެވެ. ޖިނާއީ ކުށެއްގައި ނުބައި ނިޔަތް ނުވަތަ ކުށުގެ ނިޔަތް އޮތްކަން ކޯޓަށް ސާބިތުވާންޖެހެއެވެ.

ކޮރަޕްޝަން ގެ މައްސަލައެއްގައި ދައުލަތުގެ މުވައްޒަފަކަށް ހުންނަ މީހާ އެ ކުށުގެ ސަބަބުން މަންފާ ލިބޭ ބަޔަކާ ހާއްސަ މަސްލަހަތެއް އޮތުމަކީ ޖިނާއީ ނިޔަތް އޮތްކަމަށް ބެލިދާނެ ސަބަބެކެވެ. އަހުމަދު ސައީދުގެ މައްޗަށް ސާބިތުކޮށްގެން އުޅޭ މައްސަލާގައި، އެންޓި ކޮރަޕްޝަން ކޮމިޝަނުން ހަދާފައި އޮންނަ ތަހުގީގު ރިޕޯޓުގައި ބުނެފައި އޮންނަނީ، ބްލޭޒަން އިންކް ކުންފުންޏާ އަހުމަދު ސައީދުއާ ހާއްސަ ގުޅުމެއް އޮތްކަން ތަހުގީގަށް ފެނިފައި ނުވާ ކަމަށެވެ.

ކޮރަޕްޝަންގެ ކުށުގެ ނިޔަތް އޮތްތޯ ބެލިދާނެ އަނެއް ކަމަކީ ދައުލަތުގެ އިސް މަގާމެއްގައި ހުރެގެން ދަށުގައި ތިބޭ މުވައްޒަފުންނަށް ވަކި ގޮތަކަށް ކަންކަން ކުރުމަށް ބާރުއަޅައި ވަކި ކަމެއް ވަކި ގޮތަކަށް ހިންގުމަށް މަސައްކަތްކޮށްފައިވާކަމަށް މުވައްޒަފުން ބުނާ ބުނުންތަކެވެ. އެފަދަ ގޮތަކަށް ފެނަކައިގެ ކުރީގެ މުވައްޒަފަކު ހެކިބަސްދިންކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ނުވެއެވެ.

ކޮރަޕްޝަންގެ ނިޔަތެއް އޮތްކަމަށް ބެލިދާނެ އިތުރު ގޮތްތައް ވެސް ހުރެއެވެ. މިސާލަކަށް ސިއްރުސިއްރުން ކަންކަން ކުރުމެވެ. އަހުމަދު ސައީދު ކުރި ކަމެއް ކޮށްފައި އޮތްތަން ފެންނަނީ ގާނޫނީ ބޭފުޅުންގެ ލަފާ ވެސް އަހައިގެންކަމަށެވެ. އަދި އަދަދު ނޫހަށް ލިބިފައިވާ ޑޮކިއުމަންޓްތަކަށް ބަލާއިރު، އަހުމަދު ސައީދު ބައިވެރިވެފައި ނުވާ އެކަމަކު ފެނަކައިގެ މެނޭޖްމަންޓްގެ ސީނިއަރ އެހެން ބޭފުޅުންތަކެއް ބައިވެރިވެފައިވާ ބައްދަލުވުމެއްގައި ވެސް ސެޓްލްމަންޓަކަށް ދާންޖެހޭކަމުގެ މަޝްވަރާތައް ކޮށްފައިވާކަން ލިޔުމުން ފެންނާ އޮވެއެވެ.

ދައުލަތުން އެދުނީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ހުކުމަކަށް

އާންމުކޮށް ޖިނާއީ މައްސަލަތަކުގައި ފެންނަނީ އަދަބު ބޮޑުކުރުމަށް ދައުލަތުން ވަކާލާތުކުރާ ތަނެވެ. ނަމަވެސް އިއްޔެ ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގައި ދައުލަތުގެ ވަކީލުންވެސް ފާހަގަކޮށްފައިވަނީ އަދަބު ބޮޑުކުރާނެ ސަބަބެއް ފެންނާން ނެތްކަމަށެވެ. ނަމަވެސް ކޯޓުން ބުނެފައިވަނީ، ދައުލަތުން އެހެން ބުނިނަމަވެސް އަދަބު ބޮޑުކުރަންޖެހޭ އެތައް ސަބަބެއް އެބަހުރިކަމަށެވެ.

އެޔާއެކު ފަސް ދަރަޖައަށް އަދަބު މަތިކޮށް ކޯޓުން ނިންމާފައިވަނީ އަހުމަދު ސައީދު ހަތަރު އަހަރު ދުވަހަށް ޖަލަށްލުމަށެވެ. އޭނާގެ ދިފާއީ ވަކީލުގެ ފާހަގަކުރި އަދަބު ދަށްކުރަންޖެހޭ 3 ސަބަބަށްވެސް ކޯޓުން ރިއާޔަތްކޮށްފައިނުވެއެވެ. އޭގެ އިތުރަށް ކޯޓުން ބުނެފައިވަނީ ކޮރަޕްޝަންގެ ކުށް ސާބިތުވަނީ މަދުން ކަމަށާއި އެފަދަ ކުށްތަކުގައި ކުޑަ އަދަބުދިނުމަކީ ކޮރަޕްޝަން ހިންގާ މީހުންނަށް ދެވޭ ހިތްވަރެއްކަމަށެވެ.