Advertisement

ފެނެކައިގެ ކުރީގެ އެމްޑީ ސައީދު ހަތަރު އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

28 ސެޕްޓެންބަރު 2025 - 17:13 2

އަމަން ހަލީމް

އަމަން ހަލީމް

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު: އޭނާގެ މައްޗަށް އެހެން މައްސަލަތަކުގައި ވެސް ތުހުމަތުކުރެވޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ފެނެކައިގެ ކުރީގެ އެމްޑީ ސައީދު ހަތަރު އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

28 ސެޕްޓެންބަރު 2025 - 17:13 2

ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާ އެކީ ސެޓްލްމަންޓް އެއްބަސްވުމެއް ސޮއިކުރި މައްސަލައިގައި ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށް ސާބިތުވެ، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަތަރު އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސައީދު ހަތަރު އަހަރަށް ޖަލަށް ލާން ހުކުމް ކުރި އިރު، މިއީ އަދަބާ މެދު ވާހަކަ ދައްކަން ދިން ފުރުސަތުގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އެދުނު ކުރި އެއް އަހަރާއި ހަތް މަހަށް ވުރެ ވެސް ދިގު މުއްދަތެކެވެ. އަދި ސައީދުގެ ކުށުގެ ރެކޯޑެއް ނެތުމާއި ދިފާއުގެ ބޮޑު ބައި ސާބިތުކޮށްދެވިފައިވާތީ، އަދަބު ކުޑަކޮށްދޭން ދިފާއި ވަކީލުން ވެސް އެދިފައި ވަނިކޮށެވެ.

މި މައްސަލައިގައި ސައީދަށް ކަނޑައެޅި އަދަބަކީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށްތަކަށް ކަނޑައެޅޭ އެންމެ ބޮޑު އަދަބެވެ. މިހާ ހަރުކަށި އަދަބެއް ކަނޑައެޅި ކަމަށް ގާޒީ ވިދާޅުވީ، ރާއްޖޭގައި ކޮރަޕްޝަނުގެ އަމަލުތައް އިތުރުވަމުންދާތީ އެކަން ކުރާ މީހުންނަށް މެސެޖެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

މި މައްސަލައިގައި ހިމެނޭ އެއްބަސްވުމަކީ ސައީދު ފެނަކައާ ހަވާލުނުވަނީސް، އެ ކުންފުނީގެ އޭރުގެ މެނޭޖުމަންޓުން ޖެނުއަރީ 30، 2018 ގައި ހެދި އެއްބަސްވުމެކެވެ. މިއީ ފެނަކައިގެ މޫނުމަތި ރީތިކުރަން، ޕަބްލިކް ރިލޭޝަންސް މަސައްކަތް ކުރަން ބްލޭޒަންއަށް 1.3 މިލިއަން ރުފިޔާ ދޭ ގޮތަށް ސޮއިކުރި އެއްބަސްވުމެކެވެ.

މި މުއާމަލާތުގެ ތެރެއިން ސައީދު ގޯސް ހެދި ކަމަށް މި މައްސަލަ ތަހުގީގު ކުރި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމާ އޭނާ ހަވާލުވުމަށް ފަހު ބްލޭޒަންއާ އެކީ ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށް، ބަދަލުގެ ގޮތުގައި 848،000ރ. އެ ކުންފުންޏަށް ދިނުމުންނެވެ. މި އެއްބަސްވުމުގައި ސޮއިކުރީ އޭޕްރިލް 25، 2019 ގަ އެވެ.

ސައީދު ބުނި ގޮތުގައި ބްލޭޒަންއާ އެކީ ސެޓްލްމަންޓް އެއްބަސްވުމަކަށް ދާން ޖެހުނީ، އެއްބަސްވުން އުވާލައިގެން ކޯޓަށް ގޮސްފި ހާލަތެއްގައި ބްލޭޒަންއަށް ބޮޑު ބަދަލެއް ދޭން ޖެހިދާނެތީ، ފެނަކައަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތް ކުރުމަށެވެ.

ނަމަވެސް ގާޒީ ވިދާޅުވީ، ބްލޭޒަންއިން ބުނާ ބުނުން ފިޔަވައި އެއްބަސްވީ ގޮތަށް އެއްވެސް މަސައްކަތެއް ކުރާ ކަން ކަށަވަރުނުވާކަން ސާފު ނުވާ ކަމަށާއި އަދި ބްލޭޒަންއިން ކުރި މަސައްކަތެއް ފެންނަ އެއްވެސް ލިޔެކިޔުމެއް އަދި އެހެން ހެއްކެއް ވެސް ނެތީސް ކަމަށް ގާޒީ ވިދާޅުވި އެވެ.

މި ނޫނަސް އެހެން މައްސަލަތަކެއްގައި ވެސް ސައީދުގެ މައްޗަށް ތުހުމަތުކުރެވެ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ދައުވާ ކުރަން ފޮނުވާފައިވާއިރު، އެހެން މައްސަލަތަކުގެ ތަހުގީގު ދަނީ ކުރިއަށެވެ. މި ފަހުން ނެރުނު ފެނަކައިގެ ޕްރޮކިޔުމަންޓު އޮޑިޓުގައި ވެސް ކޮރަޕްޝަނަށް ތުހުމަތުވާ އެތައް މައްސަލައެއް ހިމެނޭ ކަަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށް، އެ މައްސަލަތައް ތަހުގީގުކުރަން ލަފާދީފައި ވެ އެވެ.