ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ރަޝިއާއާއަށް ފައިސާ ފޮނުވާށާއި އެ ގައުމުން ފޮނުވާ ފައިސާގެ މުއާމަލާތެއް ޕްރޮސެސް ނުކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމާފައިވާ ކަމަށް، އެ ބޭންކުގެ އޮފިޝަލުން ރަޝިޔާގެ އާރުބީސީ ނޫހަށް މައުލޫމާތު ދީފި އެވެ.
ބީއެމްއެލްއާ ހަވާލާދީ އެ ނޫހުގައި ރިޕޯޓުކޮށްފައި ވަނީ އެ ބޭންކުގެ ރެމިޓެންސް ރެސްޓްރިކްޓް ކޮށްފައިވާ ގައުމުތަކުގެ ލިސްޓުގައި ރަޝިއާ ހިމެނޭ ކަމަށެވެ. މިހެންކަމުން ގާނޫނާއި ގަވާއިދުތަކުން ލާޒިމުކުރާ ގޮތުގެ މަތިން ރަޝިޔާއާ ގުޅުން ހުރި އެއްވެސް މުއާމަލާތެއް، އެތެރެވާ އަދި ބޭރުވާ ފައިސާ ވެސް، އެ ބޭންކުން ބަލައިނުގަތުން ކަމަށް އެ ބޭންކުން ބުންޏެވެ.
އާރުބީސީ ނޫހުން ބުނީ މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ރަޝިއާގެ ޓޫރިސްޓުން ރާއްޖޭގައި ތިބުމަށް ހަމަޖައްސަން ދައްކަން ޖެހޭ ފައިސާ ޕްރޮސެސް ކުރުމުގައި ދަތިތަކެއް ކުރިމަތިވެގެން، ރަޝިޔަން ޔޫނިއަން އޮފް ޓްރެވަލް އިންޑަސްޓްރީ (އާރުޔޫޓީއައި) އިން ރިޕޯޓު ކުރުމާ ގުޅިގެން ކަމަށެވެ.
އެ ޖަމިއްޔާއިން އާރުބީސީއަށް ކިޔައިދިން ގޮތުގައި، ރަޝިއާއާ ގުޅޭ ޕޭމަންޓްތައް އަނބުރާ ރައްދުކުރާނެ ކަމުގެ އިންޒާރު ބީއެމްއެލްއިން ދެމުންދެ އެވެ. އެގޮތުން ބޭރުގެ ކުންފުނިތަކުގެ ނަމުގައި މިދިޔަ މަހުގެ 18 ގައި، ހޮޓާތަކުގެ ރިޒަވޭޝަންތަކަށް ދެއްކި ފައިސާ ބަލައިގަތުމަށް ވެސް ބޭންކުން ވަނީ ދެކޮޅު ހަދައިފަ އެވެ.
މި މައްސަލައިގައި ރަޝިއާގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ވަނީ މައްސަލަ ހައްލުކުރުމަށްޓަކައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީއަށާއި ރަޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ހުށަހެޅުމަށް އެ މިނިސްޓްރީން ދަނީ ތައްޔާރުވަމުން އަންނަ ކަމަށް ބުނެފަ އެވެ. މީގެ އިތުރުން ދެ ގައުމުގެ މަރުކަޒީ ބޭންކުތަކުގެ މެދުގައި ވެސް މި މައްސަލައިގައި މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އާރުބީސީގެ ރިޕޯޓަށް އާރުޔޫޓީއައިއިން ބުނެފައިވާ ގޮތުގައި، ޕޭމަންޓްތައް އަނބުރާ ފޮނުވާލުމަކީ ޓުއާ އޮޕަރޭޓަރުންނަށް އިތުރު ހަރަދުތަކެއް ހިނގައި، ޓޫރިސްޓުން ބޭތިއްބުމަށް ދަތިތަކެއް ކުރިމަތިވާނެ އެވެ. މީގެ އިތުރުން ފައިސާ އަނބުރާ ފޮނުވާ ސަބަބު ސާފުނުވެ ދިގުލައިގެންދާނަމަ، ރާއްޖެއަށް އަންނަ ރަޝިއާގެ ޓޫރިސްޓުންގެ އަދަދު ދަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ބުންޏެވެ.
ނަމަވެސް އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް އޮފް ރަޝިއާ (އޭޓީއޯއާރު) އިން ބުނެފައި ވަނީ ބައެއް އޮޕަރޭޓަރުންނަށް ދަތިތަކެއް ހުރި ނަމަވެސް، މިއީ މަދު ހާލަތްތަކެއްގައި ދިމާވި މައްސަލައެއް ކަމަށެވެ. އަދި ޓޫރިސްޓުން ޗުއްޓީތައް ދަނީ ޕްލޭންކޮށްފައިވާ ގޮތަށް އޮމާންކަމާ އެކު ކަމަށާއި، އެތެރޭގެ މައްސަލަތައް ހައްލުކުރަމުން ދަނީ ފަތުރުވެރިންނަށް އެކަމުގެ އަސަރު ނުފޯރާނެ ގޮތަށް ކަމަށް އެ ޖަމިއްޔާއިން ވަނީ ޔަގީންކަން ދީފަ އެވެ.
ފައިސާ ނުފޮނުވޭ މައްސަލަ މިހާރު ފެންމަތިވެގެން އުޅޭއިރު، ބީއެމްއެލްއިން ވަނީ ޔޫކްރެއިން ހަނގުރާމަ ފެށިތަނާހެން މާޗު، 2022 ގައި ރަޝިއާއަށް ރެމިޓަންސް ހިދުމަތްތައް ހުއްޓޭނެ ކަމަށް ބުނެފަ އެވެ. އަދި، އެ ބޭންކުގެ ކާޑުތައް ވެސް ބޭނުންނުކުރެވޭނެ ކަމަށް އޭރު ބުންޏެވެ.
އޭރުން ފެށިގެން މި ހުރަސްތައް ހުރި ނަމަވެސް ރަޝިއާއިން އަންނަ ޓޫރިސްޓުންގެ ނަމްބަރުތަކަށް އަސަރެއް ނުކުރެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ގައުމުން 229،236 ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޒިޔާރަތްކުރި 199،566 ޓޫރިސްޓުންނަށް ވުރެ 14.9 ޕަސެންޓުގެ އިތުރުވުމެކެވެ.








