ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން އޯގަސްޓު މަހު ގާނޫނަށް ގެނައި ބަދަލު އުވައިލަން މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ގާނޫނަށް ގެނައި ބަދަލު އުވައިލައި، ޖީއެސްޓީ ނަގާ އާމްދަނީ 1.5 މިލިއަން ރުފިޔާއަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އެ އިސްލާހު ގެނައުމަށް ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވި ޖުމުލަ މެންބަރުންގެ އިއްތިފާގުންނެވެ.

ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތިވަމުންދަނިކޮށް އޮކްޓޫބަރު 1، އިން ފެށިގެން ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން 17 ޕަސަންޓުގެ ޓެކްސް ނަގަން ފަށަން ގާނޫނަށް އިސްލާހު ގެނައީ އޯގަސްޓު 23، ގަ އެވެ. ނަމަވެސް އެ ޓެކްސް ނެގުން ހުއްޓާލަން ރައީސް މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ސަރުކާރުން ވަނީ، ޓެކްސް ނަގަން ފެށިތާ ތިން ވަނައަށް ވީ ދުވަހު އިއުލާނުކޮށްފަ އެވެ.

ޖީއެސްޓީ ނަގާ އާމްދަނީ އެއް މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރަން އެ ބިލަށް އިސްލާހު ހުށަހެޅީ ކޮމިޓީ މަރުހަލާގަ އެވެ. ފޭދޫ އުތުރު ދާއިރާގެ މެންބަރު، އިސްމާއިލް ނިޒާރު ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ ޖީއެސްޓީ ނަގާ އާމްދަނީ 1.5 މިލިއަން ރުފިޔާއަށް އިތުރުކޮށް، އެ އިސްލާހަށް ޖެނުއަރީ 1، 2027، އިން ފެށިގެން އަމަލުކުރުމަށެވެ. އެ އިސްލާހުތައް ގެންނަކަން ނިމިދިޔަ ހަފްތާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވަނީ ހާމަކުރައްވާފަ އެވެ.

ނިޒާރު ވިދާޅުވީ މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް މި އިސްލާހުތައް ގެންނަން ނިންމީ ކުދި ވިޔަފާރިތައް ކުރިއަރުވައި، ވިޔަފާރިކުރުމަށް ހުރި ގޮންޖެހުންތައް މަދުކުރުމަށް ކަމަށެވެ.

އޭނާ ކޮމިޓީގައި ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި 1.5 މިލިއަނަށްވުރެ ދަށް އާމްދަނީއެއް ލިބޭ ކުންފުނިތަކަށް ޖީއެސްޓީގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ޝަރުތުތަކެއް ވަނީ ކަނޑައަޅާފަ އެވެ. 

އެ ޝަރުތުތަކަކީ އެއްވެސް މަހެއް ނިމޭއިރު ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި އެ ކުންފުންޏަކުން ފޯރުވައިދިން މުދަލާއި ހިދުމަތުގެ ޖުމުލަ އަގު 750.000ރ. މަދުވުން އަދި ކުރިއަށް އޮތް ބާރަ މަސްދުވަހުގެ ތެރޭގައި އެ ފަރާތްތަކުން ފޯރުވައިދޭނެ މުދަލާއި ޚިދުމަތުގެ ޖުމުލަ އަގު 750.000ރ. މަދުވާނެ ކަމަށް އަންދާޒާވުމެވެ. 

ނަމަވެސް އެއްވެސް ކުންފުންޏަކުން ޖީއެސްޓީ ދެއްކުމުން އެއްކިބާވުމުގެ މުއާމަލާތެއް ހިންގައިފިނަމަ ނުވަތަ އެފަދަ މުއާމަލާތެއްގައި ބައިވެރިވެއްޖެނަމަ، އެ ކުންފުންޏަކުން ދައްކަންޖެހޭ ޓެކްސް ހިސާބުކުރުމުގެ ބޭނުމަށް އެ މުއާމަލާތެއް ހިންގާފައިނުވާ ކަމުގެ ނުވަތަ އެ މުއާމަލާތުގައި ބައިވެރިވެފައިނުވާ ކަމުގައި ބެލުމުގެ އިހްތިޔާރު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ލިބިގެންވާ  ކަމަށްވެސް ނިޒާރު ވަނީ އިސްލާހު ހުށަހަޅުއްވާފަ އެވެ. 

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވައިލަން މަޖިލީހުން މިއަދު ފާސްކުރިއިރު، މިދިޔަ އޯގަސްޓު މަހު އެ ބަދަލު ގާނޫނަށް ގެނައުމުގެ ކުރިން ވެސް ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރި އެވެ. އެގޮތުން ރަޝިޔާގެ އެންމެ ބޮޑު ޓުއާ އޮޕަރޭޓަރު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ދިވެހި ސަރުކާރަށް ސިޓީއެއް ފޮނުވާފަ އެވެ. އަދި އިންޑިއާގެ ޓުއާ އޮޕަރޭޓަރުން ވެސް އެކަމާ ކަންބޮޑުވުން ފާޅު ކުރި އެވެ.

އެހެންނަމަވެސް، ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ނިންމީ އެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމެއް ނެތި އެވެ. އަދި، އެ ބިލު ތަސްދީގުކުރެއްވުމަށް ފަހު، ރައީސް މުއިއްޒު ވެސް ވަނީ އެއީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި ދިރާސާކުރައްވާފައި ފާސްކުރި ގެނައި ބަދަލެއް ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަނދަރު ހަދަން ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކާއި މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ޔޫއޭއީގެ ސަހު ގްރޫޕާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީކުރުން ވެސް ހިމެނޭއިރު، މިއީ ރާއްޖޭގެ އެންމެ އުތުރުގައި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މާދަމާރޭގެ ޖަލްސާއަށް ދާން ސަރުކާރު މުވައްޒަފުންނަށް އަންގައިފި

މާދަމާރޭ ބާއްވާ ޖަލްސާއަށް، ސަރުކާރުގެ ހުރިހާ މުވައްޒަފުން އެމީހުންގެ އަނބިން ނުވަތަ ފިރިންނާއެކު ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުވަތު އަރުވާފައެވެ. މި ޖަލްސާއަށް ދާ މުވައްޒަފުންނާއި އެމީހުންގެ އަނބިފިރިންގެ މައުލޫމާތު މިއަދު މެންދުރުގެ ކުރިން ރައީސް އޮފީހަށް އެންގުމަށް ވުޒާރާތަކަށް ވަނީ އަންގާފައެވެ.

އަދާލަތުން ސަރުކާރަށް ތާއީދުކުރުމުން އަލީ ޒާހިރު ފާޑުވިދާޅުވެއްޖެ

އޭނާ ވިދާޅުވީ މިއީ ގިނަ ބައެއްގެ އުއްމީދުތަކާއި ބުރަ މަސައްކަތް ފޮހެވިގެންދާނެ ހިތާމަވެރި ނިންމުމެއް ކަމަށެވެ. އަދާލަތުން މި ނިންމުން ނިންމާފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ތާއީދުކުރުމުގެ ގޮތުންނެވެ.

ބަޖެޓު ރާވާފައި ވަނީ މުވައްޒަފުން ނުނަގާ ހިންގޭ ގޮތަށް: ފިނޭންސް

މަޖިލީހަށް މައުލޫމާތު ދެމުން ފިނޭންސުން ބުނީ އަންނަ އަހަރުގެ ބަޖެޓު ރާވާފައި ވަނީ އާ މުވައްޒަފުން ނުނަގާ ދައުލަތް ހިންގޭ ގޮތަށް ކަމަށް. އަދި މުސާރަ ކަނޑައެޅުމުގައި ބަލަނީ ދައުލަތުގެ ފޯރުންތެރިކަން ހުރި މިންވަރަށް ކަމަށް.

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން ޝިއުނާ ވަކިކޮށްފި

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން މަރިޔަމް ޝިއުނާ ވަކިކޮށްފައިވަނީ، އެ އޮފީހުގެ ޗެއާޕާސަނާ ގުޅޭ މައްސަލަތަކެއް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމާއި ސަރުކާރުން ފައިސާ ޗާޕުކުރި މުއާމަލާތާ ދެކޮޅު ހެދުމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ސަސްޕެންޝަނުގައި ހުރި ޝިއުނާ އެ މަގާމުން ވަކިކުރިއިރު، އޭނާއަކީ މީގެ ކުރިން އޭސީސީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ގޮވާލައިފި

ބޭރުގެ ބަޔަކަށް 99 އަހަރަށް ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އެމްޑީޕީން އެކަތިގަނޑެއްގެ ގޮތުގައި އިހުތިޖާޖަށް ނުކުތުމަށް މެންބަރު މީކާއިލް ގޮވާލައްވައިފިއެވެ. މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން ގަރާރެއް ހުށަހަޅާފައިވާއިރު، އެކަމުގައި ޕާޓީގެ ޒިންމާ ބޮޑުކަމަށް މީކާއިލް ފާހަގަކުރެއްވިއެވެ.

ޕީއެންސީއާއެކު އަދާލަތުން ކޯލިޝަން ހަދައިފި

މި އެއްބަސްވުމުގެ ދަށުން ސަރުކާރުގެ އިސް މަގާމުތައް އަދާލަތު ޕާޓީގެ މެންބަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދާލަތު ޕާޓީއަކީ މީގެ ކުރިން އެމްޑީޕީ އަދި ޕީޕީއެމްގެ ސަރުކާރުތަކުގައިވެސް ކޯލިޝަން ބައިވެރިއެކެވެ.

Newsletter

Get the latest news delivered straight to your inbox