ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ދުވަސްތައް މަދުވުމުގެ ސަބަބުން، ސެޕްޓެމްބަރު މަހު ރާއްޖޭގެ އިގުތިސޯދު ހަތަރެއް ޕަސެންޓު ކުރިއެރި އިރު އެންމެ މައި ސިނާއަތް ކަމަށްވާ ޓޫރިޒަމްގެ ދުވެލި މަޑުޖެހި، ކުރިއެރުން ގެނެސްދިނީ މާލީ ދާއިރާ އާއި އިމާރާތްކުރުމުން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާންމުކޮށްފައިވާ މަންތުލީ އިކޮނޮމިކް އިންޑިކޭޓާސްއިން އެނގޭ ގޮތުގައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރާ އަޅާބަލާއިރު ޓޫރިޒަމް ދާއިރާގެ އުފެއްދުންތެރިކަން ވަނީ 0.4 ޕަސެންޓު ދަށަށް ގޮސްފަ އެވެ.
އެހެންކަމުން މުޅި އިގުތިސޯދީ ކުރިއެރުމަށް ޓޫރިޒަމުން އެއްވެސް ކުރިއެރުމެއް އިތުރެއް ނުކޮށްދެ އެވެ. އަދި މުޅި ޖީޑީޕީގައި އެ ދާއިރާގެ ބައިވެރިވުން ވަނީ 19.3 ޕަސެންޓުން 18.5 ޕަސެންޓަށް ދަށްވެފަ އެވެ. މިހެން ނަމަވެސް އަދިވެސް އެއީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތެވެ.
ޓޫރިޒަމް ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ރާއްޖެ އަންނަ ޓޫރިސްޓުން ހޭދަކުރާ މުއްދަތު ކުރުވުމެވެ. ރިސޯޓުތަކުގެ އެނދުގެ އަދަދު އިތުރުވި ނަމަވެސް، ޓޫރިސްޓުން ހޭދަކުރި ރޭގެ އަދަދު ވަނީ 3.2 ޕަސެންޓު ދަށަށް ގޮސްފަ އެވެ. މިއާ އެކު ރިސޯޓުތަކުގެ އޮކިއުޕަންސީ ވަނީ ކުރީ އަހަރުގެ 69 ޕަސެންޓުން 65 ޕަސެންޓަށް ވެއްޓިފަ އެވެ. ރެކޯޑުތަކުން ދައްކާ ގޮތުގައި، މިއީ މި އަހަރުގެ މާޗް މަހުން ފެށިގެން ބޮޑުބައިގައި ޓޫރިޒަމް އޮތް ހާލަތެވެ.
ޓޫރިޒަމް މަޑުޖެހުނުއިރު، ޖީޑީޕީ މައްޗަށް ޖެއްސީ ބޭންކިން އާއި މާލީ ދާއިރާއިންނެވެ. ސެޕްޓެމްބަރު މަސް ނިމުނުއިރު ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނު 19.1 ޕަސެންޓު އިތުރުވެ، މާލީ ދާއިރާގެ އުފެއްދުންތެރިކަން ވަނީ 20.8 ޕަސެންޓަށް އަރައިފަ އެވެ. ހަމައެއާ އެކު، އިމާރާތްކުރުމުގެ ދާއިރާ 16.6 ޕަސެންޓު އަދި ވިޔަފާރީގެ ދާއިރާ 8.8 ޕަސެންޓު ކުރިއެރި އެވެ.
މާލީ ދާއިރާއަށް އައި މި ކުރިއެރުންތަކާ އެކީ، އިގުތިސޯދުގައި އެ ދާއިރާގެ ހިއްސާ ވަނީ 8.8 ޕަސެންޓަށް މަތިވެފަ އެވެ. އަދި، އެ ދާއިރާގެ އުފެއްދުންތެރިކަން ވަނީ ޓޫރިޒަމް ސިނާއަތުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް (48 ޕަސެންޓަށް) އަރައިފަ އެވެ.
ޓޫރިޒަމްގެ އިތުރުން، މަސްވެރިކަމުގެ ދާއިރާ 48 ޕަސެންޓު ދަށަށް ގޮސް ޖީޑީޕީއަށް ވަނީ ބޮޑު ލޮޅުމެއް އަރާފަ އެވެ. ސެޕްޓެމްބަރު މަހު މަސް އެކްސްޕޯޓްކުރި އަދަދު ދަށްވުމާ ގުޅިގެން ޖުމްލަ ކުރިއެރުމުން 1.5 ޕަސެންޓް ޕޮއިންޓު ވަނީ އުނިވެފަ އެވެ. މަސްވެރިކަން ނުހިމަނައި ބަލައިފިނަމަ، ރާއްޖޭގެ އެހެން ދާއިރާތަކުގެ އުފެއްދުންތެރިކަން 5.7 ޕަސެންޓު ކުރިއެރި އެވެ.
މި ސަބަބުތަކާ ހުރެ މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ރާއްޖޭގެ ޖީޑީޕީ ކުރިއެރީ އެންމެ 2.5 ޕަސެންޓުންނެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ރެކޯޑުކުރި 5.5 ޕަސެންޓާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.
ސަރުކާރުން އަންދާޒާކުރަނީ މި އަހަރުގެ ތެރޭގައި ޖީޑީޕީ ކުރިއަރާ މިންވަރު މިއަށް ވުރެ ވެސް ދަށް ވާނެ ކަމަށެވެ. އެންމެ ފަހުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި، ކުރިން މި އަހަރަށް އަންދާޒާކުރި 5.3 ޕަސެންޓުގެ ކުރިއެރުން ވަނީ 0.6 ޕަސެންޓާއި 1.8 ޕަސެންޓާ ދެމެދުގެ ދަށް މިންވަރަކަށް ރިވައިޒްކޮށްފަ އެވެ.
މިއީ އިރާނު ހަނގުރާމައާ ގުޅިގެން، ވާލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ފަދަ ބައިނަލްއަގުވާމީ އިދާރާތަކުން ލަފާކުރި މިންވަރެވެ.








