ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ހއ. ދިއްދޫ ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް އޮޑި ސްޕޯޓްސް ކްލަބުން ލީގު ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
ފުރަތަމަ ޑިިވިޝަނުގައި މިދިޔަ އަހަރު އަލަށް ވާދަކޮށް ލީގުގެ ދެ ވަނައިގައި ނިންމާލި އޮޑި، މި ފަަހަރުގެ ލީގުގެ ތިން ވަނަ އަށް މި ޖެހިލީ އަށް މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ. މިއަދުގެ މެޗަކީ މި ފަހަރު ލީގުގައި އޮޑިން މޮޅުވި ހަތަރު ވަނަ މެޗެވެ.
އެކަމަކު، މި ހަފްތާގެ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން އޮޑި އަށް ތިން ވަނަ މަގާމު ގެއްލުމުގެ ފުރުސަތު އެބައޮތެވެ. އެއީ، އެއް މެޗުން ޓީމާ ހަމަކުރެވޭ ހިސާބުގައި، ބިސް ބުރު ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި ކްލަބް އީގަލްސް އޮތުމުންނެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އޮޑިން ފުރަތަމަ ހާފު ވެސް ނިންމާލީ ލީޑުގައި އޮވެ އެވެ. އެ ގޮތުން، މެޗުގެ 30 ވަނަ މިނިޓްގައި އޮޑި އަށް ލީޑުނަގައިދިން ލަނޑު ޖެހީ ބްރެޒިލްގެ ހަޑްސަން ޑިއާޒް އެވެ. މިއީ، އަރިމަތިން އޮޑީގެ މުހައްމަދު ސާމިރު ނެގި ހުރަހަަކަށް އަރައި ހަޑްސަން ބޮލުން ޖެހި ގޯލެކެވެ.
ދެ ވަނަ ހާފުގައި ކުޅުން ފަށައިގެން ދިއްދޫން ލަނޑެއް ޖަހައި އެއްވަރުކުރެވޭތޯ ބަލަމުންދިޔަ އެވެ. އެކަމަކު، އޮޑީގެ ގޯލު، މި މެޗުގައި ބަލަހައްޓަމުން އައި ޒުވާން ގައުމީ ޓީމުގެ ކީޕަރު، މުހައްމަދު މާއިލް މޫސާ ކައިރިން ގޯލެއް ޖެހޭގޮތެއްނުވި އެވެ.
އޮޑިން ލީޑުފުޅާކުރީ މެޗުގެ 64 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ކައުންޓަ އެޓޭކުގައި އަހުމަދު އައިހަމް (އައިހު) އެވެ. އައިހު، މި ލަނޑު ޖެހީ ދިއްދޫގެ ކުޅުންތެރިއަކު ކައިރިން. ނައްޓާފައި އޭރިއާތެރެއަށް ވަދެ، ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ. މި ލަނޑު ޖެހުމުގެ ހަތް ވަަރަކަށް މިނިޓް ކުރިން އައިހު އަށް ލަނޑު ޖަހަން ލިބުނު ރަނުގެ ފުރުސަތެއްގެ ބޭނުންނުހިފިދިޔަ އެވެ. އެއީ، އޮޑީގެ އަހުމަދު އަޔާޒް (އަޔާ) ނަގައިދިން ހުރަހަކަށް ގޯލު ކުރިމައްޗަށް މުޅިން ހުސްކޮށް އެރުމަށް ފަހު، އައިހު ޖެހި ބޯޅަ އަމާޒުވީ ދިއްދޫގެ ކީޕަރު މުހައްމަދު ޝިފާން އަތަށެވެ.
އޭގެ ފަހުން، އޮޑިން ތިން ވަނަ ލަނޑެއް ޖަހަން، އައިހު އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް ލިބުނު ފުރުސަތުތަކުގައި ބޭނުމެއް ނުހިފުނެވެ.
ކުޅުނު އަށް މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު، ދިއްދޫ މި ވަގުތު އޮތީ 10 ޓީމު ވާދަކުރާ ލީގުގެ ނުވަ ވަނައިގަ އެވެ. ދިއްދޫން ކުޅުނު އަށް މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، ދެ މެޗުން އެއްވަރުވިއިރު، ފަސް މެޗުން މި ވަނީ ބަލިވެފަ އެވެ.







