އަންނަ އަހަރުގެ އޭޕްރީލް މަހު ޕާކިސްތާންގެ ތިން ސިޓީއެއްގައި ބާއްވާނެކަން އިއުލާނުކޮށްފައިވާ ދެކުނު އޭޝިއާގެ ގައުމުތަކުގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފި އެވެ.
އެންމެ ފުރަތަމަ 2023 ވަނަ އަހަރު ބާއްވަން ނިންމި ސައުތު އޭޝިއަން ގޭމްސްގެ 14 ވަނަ އެޑިޝަން، އެކި ސަބަބުތަކާ ހުރެ ހަ ފަހަރެއްގެ މަތިން މި ވަނީ ފަސްކޮށްފަ އެވެ.
ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލުން މި ފަހުން ބޭއްވި ބައްދަލުވުމުގައި ޕާކިސްތާން އޮލިމްޕިކް ކޮމިޓީން ވަނީ، އަންނަ އަހަރުގެ އޭޕްރީލް މަހު 3-11 އަށް ޕާކިސްތާންގެ ތިން ސިޓީއެއްގައި ގޭމްސް ކުރިއަށްދާނެކަން އިއުލާނުކޮށްފަ އެވެ. އެ ތިން ސިޓީ އަކީ، އިސްލާމްއާބާދު، ލާހޯރް އަދި ޕެޝާވަރު އެެވެ.
ގޭމްސް ފަސްކުރި ސީދާ ސަބަބެއް ބަޔާންކޮށްފައިނުވި ނަމަވެސް، ރިޕޯޓްތައް ބުނާގޮތުން، ސައުދީ އަރަބިއްޔާގައި، އަންނަ މަހު ބާއްވަން ނިންމި އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް (އައިމެގް) ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހާ ދިމާވާ ގޮތަށް ތާވަލުކުރުމުން، ސައުތު އޭޝިއަން ގޭމްސް ބާއްވާން ކަނޑައަޅާފައިވާ ތާރީހާ ދިމާވުމުން، ސައުތު އޭޝިއަން ގޭމްސް ފަސްކުރަން ނިންމީ އެވެ.
ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް އަންނަ އަހަަރަށް ފަސްކޮށްފި
ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި
މީގެ ކުރިން، އައިމެގް ބާއްވަން ތާވަލުކޮށްފައި އޮތީ، ޑިސެމްބަރު، 13-21 އަށް ސައުދީގެ ވެރި ރަށް ރިޔާދުގަ އެވެ. އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އިން އިއުލާނުކުރި ގޮތުގައި، ހަ ވަނަ އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް (އައިމެގް) މިހާރު ޝެޑިއުލްކޮށްފައި އޮތީ އަންނަ އަހަރުގެ މާޗް 28 އިން އޭޕްރީލް 8 އަށެވެ.
މީގެ ކުރިން، ސައުތު އޭޝިއަން ގޭމްސްގެ އަންނަ އަހަރުގެ އެޑިޝަންގައި ޖުމްލަ އެކު، 27 ކުޅިވަރު ހިމަނާފައިވާ ކަމަށް ޕާކިސްތާން އޮލިމްޕިކް އެސޯސިއޭޝަން (ޕީއޯއޭ)އާ ހަވާލާދީ އެ ގައުމުގެ މީޑިއާ އިން ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމަކު، މިހާރު، އެކި ކުޅިވަރުތަކުން، ފިރިހެން އެތުލީޓުންނަށް 28 އިވެންޓް އަދި އަންހެން އެތުލީޓުންނަށް 25 އިވެންޓް ބާއްވާއިރު، މި ކުޅިވަރުތަކުގައި ބައިވެރިވުމަށް ޕާކިސްތާނަށް 4200 އެއްހާ އެތުލީޓުން އަންނާނެ ކަމަށް ބެލެެވެ އެވެ.
އެންމެ ފަހުން، ސައުތު އޭޝިއަން ގޭމްސް ބޭއްވީ 2019 ވަަނަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލްގެ ކަތުމަންޑޫ އާއި ޕޮކާރާގަ އެވެ. މީގެ ކުރިން، ޕާކިސްތާނުގައި ސައުތު އޭޝިއަން ގޭމްސް ބޭއްވީ 1989 ވަނަ އަހަރާއި 2004 ވަނަ އަހަރު އެވެ.
ރިޕޯޓްތައް ބުނާގޮތުން، އަންނަ އަހަރުގެ ނޮވެމްބަރު މަހު، ސައުތު އޭޝިއަން ގޭމްސް ބޭއްވޭތޯ ޕާކިސްތާނުން މަސައްކަތް ކުރަމުން އަންނައިރު، އެކަން ކާމިޔާބުނުވެއްޖެނަަމަ، 2028 ވަނަ އަަހަރުގެ ކުރީކޮޅުގައި މުބާރާތް ބާއްވަން ހުށަހަޅާނެ އެވެ.







