މިއުނިކް (ނޮވެމްބަރު 25) - ޖަރުމަނުގެ މިޑްފީލްޑަރު، ޖަމާލް މުސިއާލާގެ ސިއްހީ ހާލަތާ މެދު ހާއްސަ އަހައްމިއްޔަތުކަން ދޭ ކަމަށް ބަޔާން މިއުނިކުން ބުނެފި އެވެ.
ބަޔާނުން މިހެން ބުނެފައި މި ވަނީ، މަދުން ނުފެންނަ ނާރުގެ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ އުމުރުން 23 އަހަރުގެ މުސިއާލާއާ ބެހޭގޮތުން، ބަޔާންގެ އިސްވެރިން ދެއްކި ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކުށްވެރިކޮށް، ކުޅުންތެރިންގެ ހައްގުގައި ވަކާލާތު ކުރާ ޖަމިއްޔާ، ފިފްޕްރޯ އިން ބަޔާނެއް ނެރުނު ފަހުންނެވެ.
މުސިއާލާ ވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި، ހަފްތާއެއް ތެރޭ ބަޔާނުން ކުޅުނު ދެ މެޗެއްގައި ދަނޑުމައްޗަށް ސިއްހީ ހާލަތު ގޯސްވެގެން ވެއްޓެން ގޮސްފަ އެވެ. ފަހުން ހެދި ޓެސްޓްތަކުން އެނގުނު ގޮތުގައި މުސިއާލާ އަށް ވަނީ މަދުން ނޫނީ ނުފެންނަ ނާރުގެ ބައްޔެއް ޖެހިފަ އެވެ. އެ އަށް ފަރުވާ ހޯދުމުގެ ގޮތުން، ބަޔާނުގެ ޓްރެއިނިން ކަންކަމުން މުސިއާލާ ވަނީ ބްރޭކެއް ނަގައިފަ އެވެ.
މުސިއާލާގެ ސިއްހީ ހާލަތަށް ނުބަލައި ބަޔާންގެ ވެރިން ވާހަކަ ދެއްކުމުން ފިފްޕްރޯ ހިތްހަމަނުޖެހިއްޖެ
ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާއަށް ނާރުގެ ބައްޔެއް ޖެހިފައިވަނިކޮށް، އޭނާގެ ކޮންޓްރެކްޓާ މެދު އެ ކްލަބުގެ އިސްވެރިން ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތަކަށް ފިފްޕްރޯ އިން ފާޑުކިޔައިފިއެވެ. އެ ޖަމިއްޔާއިން ބުނީ ބަލި ހާލަތެއްގައި ހުރި ކުޅުންތެރިއެއްގެ މުސްތަގުބަލާ މެދު ވާހަކަދެއްކުމުގައި ބަޔާނުން މިއަށްވުރެ ބޮޑަށް ސިއްހީ ހާލަތަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ.
ސެޕްޓެމްބަރު މަހު 18 ވަނަ ދުވަހު ޔޫނިއަން ބާލިންއާ ދެކޮޅަށް ބަޔާން ކުޅުނު މެޗުގެ ފަހުން، މުސިއާލާ ބަޔާންގެ މެޗުތަކުގައި ނުކުޅެ އެވެ. އޭގެ ފަހުން، ކުޅުނު ފުރަތަމަ މެޗަކީ، މިދިޔަ ހުކުރު ދުވަހުގެރޭ ޖަރުމަނު ލީގުގައި ބަޔާނުން 1-1 އިން ކޮލޯންއާ އެއްވަރުވި މެޗުގަ އެވެ.
މި މަހު ކުރީކޮޅުގައި ބަޔާންގެ އޮނޮރަރީ ރައީސް، އުލީ ހޮއޭނެސް ވިދާޅުވީ ދިމާވެފައިވާ ކަންތައްތަކަށް ބަލާއިރު، މުސިއާލާ ދެން ދުވަހަކު ވެސް ކުރިން ދެއްކި ލެވަލްގެ ކުޅުމެއް ނުދެއްކިދާނެ ކަމަށެވެ. އޭގެ ފަހުން، ބަޔާންގެ ޗީފް އެގްޒެކްޓިވް، ޖެން-ކްރިސްޓިއަން ޑްރީސެން ވަނީ، މިދިޔަ އަހަރު މުސިއާލާ، ބަޔާނާ އެކު ސޮއިކުރި 2030ގެ ނިޔަލަށް އޮތް ކޮންޓްރެކްޓަށް ވާނެ ގޮތަކާ މެދު ވާހަކަ ދައްކައިފަ އެވެ. އަދި، ކުރީގެ ޗީފް އެގްޒެކްޓިވް، ކާލް ހެއިން ރުމެނިގާ ވަނީ މުސިއާލާއާ އެކު ހަދާފައިވާ އެއްބަސްވުން އަލުން މުރާޖާ ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ފިފްޕްރޯ އިން މި ކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަނިޔާގެ ކަމެއް ތަހައްމަލު ކުރަމުން އަންނަ ކުޅުންތެރިއެއްގެ ކޮންޓްރެކްޓާ މެދު ގޮތެއް ނިންމުމުގެ ވާހަކަތައް ދައްކަން ޖެހޭނީ ޒިންމާދާރު ގޮތެއްގައި ކަމަށެވެ. އަދި، ބަޔާންގެ ވެރިންގެ ފަރާތުން މުސިއާލާގެ ވާހަކަތައް މި ދެކެވުނީ އެންމެ ރަނގަޅަށް ނޫން ކަމަށް ފިފްޕްރޯ އިން ވަނީ ބުނެފަ އެވެ.
އެއާ އެކު، ބަޔާނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުސިއާލާ އަށް ދިމާވެފައިވާ ސިއްހީ ހާލަތުގެ ކަންކަން ފުރަތަމަ ކުރިމަތިވީ މި އަހަރުގެ އޭޕްރީލް 22 ވަނަ ދުވަހު ކަމަށެވެ. އޭގެ ފަހުން، މުސިއާލާގެ ސިއްހީ ކަންކަމުގައި ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ބަޔާންގެ މެޑިކަލް ޑިޕާޓްމަންޓާއި ޓެކްނިކަލް ޑިޕާޓްމަންޓުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން، ބަޔާނުން ބުނެފައިވަނީ، މުސިއާލާ ތަމްސީލްކުރާ 11ވިންސް އެޖެންސީއާ އެކު ވެސް މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށާއި، އެއީ، މުސިއާލާގެ މުސްތަގުބަލާ ގުޅޭގޮތުން، ނިންމަން ޖެހޭ ކަންކަން ހުރެފިނަަމަ، އެކަމާ ގުޅޭގޮތުން ވެސް ތައްޔާރުވެ ތިބުމުގެ ގޮތުން ކަމަށެވެ.
މުސިއާލާ ވަނީ މި ސީޒަނުގައި މިހާތަނަށް ފަސް މެޗު ކުޅެ، ދެ ގޯލު ޖަހައި، އެއް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ފިފްޕްރޯ އިން ބުނީ، ބަޔާންގެ މައްޗަށް މި ވަގުތު އޮތް އެއް ޒިންމާ އަކީ މުސިއާލާ އަށް ނަފްސާނީ ގޮތުން ވެސް ދެވެން އޮތް އެހީތެރިކަމެއް ދިނުން ކަމަށެވެ. އާންމު ގޮތެއްގައި ދިމާނުވާ ފަދަ ކަމެއް ތަހައްމަލު ކުރަމުން އަންނަ ކުޅުންތެރިއެއްގެ މުސްތަގުބަލާ ބެހޭގޮތުން، ކްލަބަކުން ވާހަކަ ދައްކަން ޖެހޭނީ ޒިންމާދާރުގޮތެއްގައި، އެކަމުގެ މަސްލަހަތަށް ވެސް ފުރިހަަމަ އަށް ބެލުމަށް ފަހު ކަމަށް ފިފްޕްރޯ އިން ވަނީ ބުނެފަ އެވެ.
ޗެލްސީގެ އެކަޑަމީން ވިދާލި މުސިއާލާ ބަޔާނަށް ސޮއިކުރީ 2019 ވަަނަ އަހަރު އެވެ. އިނގިރޭސި ޒުވާން ގައުމީ ޓީމުތަކަށް ކުޅުނު މުސިއާލާ، ސީނިއާ ލެވަލްގައި ޖަރުމަނަށް ކުޅެން ނިންމީ ބަޔާނަށް ބަދަލުވުމަށް ފަހު އެވެ.
ސިއްހީ ހާލަތެއް ދިމާވުމުން، ފަރުވާ ހޯދަމުން އަންނަ މުސިއާލާ ފުޓްބޯޅައިން ރިޓަޔާކުރަން އުޅޭ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް އެ ހަަބަރުތަކުގެ ސައްހަ ކަަމެއް އަދި ނެތެވެ.







