ބްރުސެލްސް، ބެލްޖިއަމް (ނޮވެމްބަރު 26) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކްލަބް ބްރޫޖް އަތުން 3-0 އިން ލިވަޕޫލް މޮޅުވިއިރު، ސްޕޯޓިން ލިޒްބަން ދަނޑުގައި ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް 2-2 އިން އެއްވަރުވެއްޖެ އެވެ.
ލިވަޕޫލުން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލީޑުނެގީ ޑޮމިނިކް ސޮބޯސްލާއި ދިން ބޯޅައަކުން އަލެކްސަންޑަ އިސާކް ޖެހި ގޯލުންނެވެ. ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާގެ ރަނގަޅު ކުޅުމާ އެކު ފުރަތަަމަ ހާފުގައި އެ ޓީމުން ލީޑުގައި އޮވެ ނިންމާލި އެވެ.
ލީޑުފުޅާކުރާ ގޯލު ޖަހަން ލިވަޕޫލްގެ ކެޕްޓަން ބޭންޑް އަޅައިގެން ރޭ ކުޅުނު ޑޮމިނިކް ސޮބޯސްލާއި ފޮނުވާލި ހަމަލާ ބްރޫޖްގެ ކީޕަރު، ޔެން ސޮމާ ވަނީ މަތަކޮށްފަ އެވެ. ލިވަޕޫލުން ދެ ވަނަ ލަނޑު ޖެހީ 79 ވަނަ މިނިޓްގަ އެވެ. މިއީ، މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ފްލޯރިއަން ވާޓްޒް ޖެހި ގޯލެކެވެ. އޭރިއާ ރޮނގުކައިރިން ވާޓްޒް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު، ސޮމާ އަތުގައި ޖެހިފަ އެވެ.
މެޗުގައި ލިވަޕޫލްގެ ފަހު ލަނޑު ޖެހީ އިސާކް އެވެ. މިއީ، 82 ވަނަ މިނިޓްގައި އެލިސަން ފޮނުވާލި ބޯޅައެއް ހިފައިގެން އޭރިއާތެެރެއަށް ވަދެ، ހަމަޖެހިލައިފައި ގޯލަށް ފޮނުވާލައިގެން އިސާކް ޖެހި ގޯލެކެވެ.
މައުރީސިއޯ ޕޮޗެޓީނޯ، ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗުން ލިވަޕޫލް އަތުން ބަލިވި ނަމަވެސް ރޭގެ މެޗުގައި ޔުނައިޓެޑުން ވަނީ ތަފާތު ހިތްވަރެއް ދައްކައިފަ އެވެ.
ސްޕޯޓިންގެ ލުއިސް ސުއަރޭޒް ފޮނުވާލި ޕެނަލްޓީއެއް މެޗުގެ 30 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ކީޕަރު ސެން ލަމެންސް މަތަކުރި އެވެ. އެކަމަކު، އޭގެ 79 ސިކުންތު ފަހުން ލަމެންސް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ މި ފަހަރު ސުއަރޭޒް ވަނީ ކާމިޔާބުކޮށްފަ އެވެ.
ފުރަތަަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑްގެ އަމަދު ޑިއާލޯ ޖެހި ގޯލެއް ބަލައިނުގަންނަން ނިންމީ، އެ ގޯލު ޖެހުމުގެ ކުރިން ޔުނައިޓެޑްގެ ޔޫރީ ޓީލަމަންސް ފައުލެއް ކުރި ކަމަށް ނިންމައިފަަ އެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ލިބުނު ޕެނަލްޓީ އަކުން ބްރޫނޯ ފެނާންޑޭސް ވަނީ ޔުނައިޓެޑަށް އެއްވަރުކޮށްދީފަ އެވެ. އޭގެ ދެ މިނިޓް ފަހުން، ދަނޑުގައި އޮތް ޑިވޮޓެއްގައި ޖެހި މިސްރާބު ބަދަލުވެ، ފެނާންޑޭސް ވަނީ ޔުނައިޓެޑަށް ލީޑުނަގައިދީފަ އެވެ.
މެޗުގެ 80 ވަނަ މިނިޓްގައި ލަމެންސް ހެދި ގޯހެއްގެ ފައިދާނަގައި، ސުއަރޭޒް ވަނީ ސްޕޯޓިން އަށް އެއްވަރުކޮށްދީފަ އެވެ. ޔުނައިޓެޑުން ވަނީ މެޗުގެ ފަހު ވަގުތު ލަނޑެއް ޖަހައިފަ އެވެ. އެކަމަކު، މި ލަނޑު ބަލައިނުގަތެވެ. އެއީ، ޔުނައިޓެޑްގެ ޕެޓްރިކް ޑޯގޫ އަރައި ސްޕޯޓިން ކީޕަރު ކައިގޭ ޕެރޭރާ އަށް ފައުލު ކޮށްފައިވާތީ އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ އިންޓަ މިލާނުން 2-0 ސްޓުޓްގާޓް ބަލިކުރިއިރު، އެތުލެޓިކޯ މެޑްރިޑް ވަނީ 2-0 އިން ވައިކިން އަތުން މޮޅުވެފަ އެވެ. ފެނަބާޗޭ އިން ވަނީ 1-0 އިން ޝަހުތަރު ޑޮނެސްކް ބަލިކޮށްފަ އެވެ.







