އެފްއޭއެމް ވިމެންސް ލީގު ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ބޮޑު މޮޅެއް ހޯދައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މި ފަަހަރުގެ މުބާރާތުގެ ވަރުގަދަ ފޯމު ދަމަހައްޓައިފި އެވެ.
ނިއު އިން ވަނީ އިއްޔެ ހަވީރު ކުޅުނު މެޗުން 10-0 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. މި މުބާރާތުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވި، ނިއު އެއް ވަނައިގައި އޮތީ 12 ޕޮއިންޓް ހޯދައިގެންނެވެ.
އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ ރޭ ކުޅުނު މެޗުގައި، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސް މޭޓްސް) އަތުން 3-0 އިން މޮޅުވެފަ އެވެ. މާޒިޔާ، ދެ ވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް އެމްއެސް މޭޓްސް އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ދަ ގްރާންޑޭ ވަނީ ކުޅުނު ހަަތަރު މެޗުން ވެސް ބަލިވެފަ އެވެ.
މުބާރާތުގެ ފޯމެޓް އޮތްގޮތުން، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ދެ ފަހަރު ކުޅޭނެ އެވެ. އެހެންކަމުން، ކޮންމެ ޓީމަކަށް ބާކީ އޮތީ ދެ މެޗެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި ނިއުގެ ލަނޑުތައް ޖެހީ، ބަންގްލަދޭޝްގެ ސަބީނާ ކަތުން ހެޓްރިކެއްގެ އިތުރުން، ބަންގްލަދޭޝްގެ މަސޫރާ ޕަރްވީން ދެ ގޯލާއި، ބަންގްލަދޭޝްގެ މަތުސުޝިމާ ސުމައްޔާ ގޯލެކެވެ. ދެން، ލަނޑުތައް ޖެހީ ނީޝާ ސަމީރު ދެ ގޯލާއި މަރިޔަމް ނޫރާ އަދި ފާތިމަތު އަފްޒާ، ކޮންމެ ކުޅުންތެރިއަކު ލަނޑެެކެވެ.
މުބާރާތުގައި ރޭ މާޒިޔާ އިން ކުޅުނު މެޗުގައި، ހަ ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ނައިޖީރިއާ ގައުމީ ޓީމުގެ ޗިނޯނިޔެރެމް މެކްލޭންްސް އެވެ. އެ ލަނޑުން ފުރަތަަމަ ހާފު ނިންމާލީ ލީޑުގައި އޮވެ އެވެ. ލީޑުފުޅާކޮށްދިން ލަނޑު ވެސް ދެ ވަނަ ހާފުގައި ޖެހި މެކްލޭންސް އެވެ. އަދި، ފަހު ލަނޑު ޖެހީ އުޒްބެކިސްތާން ކުޅުންތެރިޔާ، ސަފީނާ ރުޝާނިޔާ އެވެ.
އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގެ މެޗުތައް ދެން އޮތީ އާދިއްތަ ދުވަހު އެވެ. އެ ދުވަހު ހަވީރު ނިއު އިން އެމްއެސް މޭޓްސްއާ ކުޅޭއިރު، އެ ރޭ މާޒިޔާ އިން ދަ ގްރާންޑޭއާ ވާދަކުރާނެ އެވެ. ފުރަތަމަ ބުރުގައި ނިއު އިން އެމްއެސް މޭޓްސް އަތުން 3-0 އިން މޮޅުވިއިރު، ދަ ގްރާންޑޭގެ މައްޗަށް މާޒިޔާ އިން ކުރިހޯދީ 9-0 އިންނެވެ.







