ސްރީލަންކާއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ލަންކާގެ ކޯޓުން ކޮށްފައިވާ މަރުގެ ހުކުމުން ސަލާމަތްވި ގއ. ވިލިނގިލި، އަލިތަރި، ޔުގީތު އިބްރާހިމް ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުން ހައްޔަރުކޮށްފި އެވެ.
ނޭޕާލްގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުގެ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަތަމަންޑޫގެ ހޮޓަލެއްގައި ހިންގި މި އޮޕަރޭޝަނުގައި ޔުގީތުގެ އިތުރުން ދެން ހައްޔަރުކުރީ އޭނާއާއެކު ހުރި ނޭޕާލަށް ނިސްބަތްވާ ސްނޭހާ ރިމާލް އެވެ.
އެ ދެ މީހުން އުޅުނު ކޮޓަރީގައި ފޮރުވާފައި ހުއްޓާ ފަސް މިލިއަނަށްވުރެ ގިނަ ނޭޕާލީސް ރުޕީ އާއި 4,000 އަށްވުރެ ގިނަ އޮމާނީ ރިޔާލު އަދި 55 ޔޫއޭއީ ދިރުހަމް ފެނިފައިވާ ކަމަށް ނޫސްތަކުން ބުންޏެވެ.
ލަންކާއިން 1.2 ކިލޯގެ ޑްރަގާއެކު 2018 ވަނަ އަހަރު ޔުގީތު ހައްޔަރުކުރި މައްސަލައިގައި އިއްވި މަރުގެ ހުކުމް ނިގަމްބޯ ހައި ކޯޓުން ބާތިލުކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
އެ މައްސަލައިގައި ޔުގީތު މެރުމަށް ކުރި ހުކުމުން ސަލާމަތްވީ ދަށު ކޯޓުގެ ނިންމުމުގައި ގާނޫނީ އަދި އިޖުރާއީ ބޮޑެތި ގޯސްތައް ހުރިކަން ފާހަގަކުރެވިފައިވާތީ އެވެ.
މިއާއެކު، ލަންކާ ޖަލުގައި އަށް އަހަރު ދުވަސް ހޭދަކުރުމަށްފަހު ޔުގީތު މިނިވަންކުރިތާ ތިން މަސްދުވަސްވެސް ނުވެ އެވެ.








