ނޭޕާލަށް 240 ބިލިއަން ނޭޕާލީ ރޫޕީޒް (1.62 ބިލިއަން ޑޮލަރު) ގެ އިގްތިސާދީ އެހީގެ ޕެކޭޖެއް ދިނުމަށް އިންޑިއާ އިން ނިންމައިފި އެވެ.
މިގޮތަށް ނިންމީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ނޭޕާލްގެ ބޮޑުވަޒީރު ބަލެންދުރަ ޝާހް އާ ދެމެދު ނިއުދިއްލީގައި ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހު އެވެ.
މިދިޔަ މާޗް މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ބޮޑުވަޒީރު ޝާހް އިންޑިއާގެ ވެރިރަށަށް ވަޑައިގެންފައި ވަނީ ދެ ދުވަހުގެ މުއްދަތަށެވެ.
މި ދަތުރުފުޅު މި ކުރައްވަނީ މިދިޔަ އޯގަސްޓް މަހު ހިމަލަޔާ ސަރަހައްދަށް ކުރިމަތިވި ހިތާމަވެރި ފެންބޮޑުވުމުގެ ކާރިސާގައި 1،500 އެއްހާ މީހުން މަރުވެ، އިތުރު 5،200 މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ދަނޑިވަޅެއްގަ އެވެ.
މަޝްވަރާތަކަށް ފަހު ބޮޑުވަޒީރު ޝާހް އަރިހުގައި ހުންނަވައި މީޑިއާތަކާ ވާހަކަދައްކަވަމުން މޯދީ ވިދާޅުވީ، ނޭޕާލް އަލުން އާރާސްތުކުރުމަށާއި ދިގުމުއްދަތުގެ ތަރައްގީއަށް އާ ދިރުމެއް ދިނުމުގެ ގޮތުން 24،000 ކްރޯޑް (240 ބިލިއަން) ނޭޕާލީ ރޫޕީޒްގެ ތަރައްގީގެ އެހީގެ ޕެކޭޖެއް އިއުލާނު ކުރައްވާ ކަމަށެވެ.
މޯދީ އިތުރަށް ވިދާޅުވީ، އިންޑިއާގެ އަމާޒަކީ ކާރިސާގެ އަސަރުކުރި އާއިލާތަކުގެ ދިރިއުޅުން އާންމު ހާލަތަށް ރުޖޫއަކުރުމަށް އެހީތެރިވުމާއި، އާ ފުރުސަތުތައް ފަހިކޮށްދިނުމުގެ އިތުރުން ކުރިމަތިވެދާނެ ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ނޭޕާލްގެ ގާބިލުކަން އިތުރަށް ވަރުގަދަކުރުން ކަމަށެވެ.
ގުދުރަތީ ކާރިސާތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ނޭޕާލަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމުގެ ގޮތުގައި އިންޑިއާ އިން އަދާކުރާ ދައުރަށްޓަކައި ބޮޑުވަޒީރު ޝާހް ވަނީ އިންޑިއާއަށް ޝުކުރު އަދާކުރައްވާފަ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގައުމުގެ އިގްތިސާދީ ތަނަވަސްކަމަށްޓަކައި ނޭޕާލްގެ މަޝްރޫއުތަކުގައި ބައިވެރިވުމަށް އިންޑިއާގެ އިންވެސްޓަރުންނަށް ޝާހް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އަދި ނޭޕާލަށް ޒިޔާރަތްކުރެއްވުމަށް ބޮޑުވަޒީރު މޯދީއަށް ދައުވަތު އެރުވި އެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާއިރު، މޯދީ އާއި ޝާހް ވަނީ ދެ ގައުމު ގުޅުވައިދޭ ރޭލު ދަތުރުފަތުރުގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފަ އެވެ.







