ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމާ ދެކޮޅު ހަދާނެ ބައެއް ތިބޭނެ ކަމަށާއި އެކަމަކު މައްސަލައެއް ނެތް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރުމުގެ މަސައްކަތް ފެށުމާއެކު އެކަމާ ބަޔަކު ދެކޮޅު ހެދިޔަސް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
"ރާއްޖޭގައި މި ސަރުކާރުގެ ސިޔާސަތަކީ ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން މަރުގެ އަދަބު ތަންފީޒުކުރުން. އަޅުގަނޑަށް އެނގޭ މިކަމުގެ ސަބަބުން ދެކޮޅު ހަދާ ފަރާތްތަކެއް ތިބޭނެ. އަޅުގަނޑަށް މައްސަލައެއް ނެތް އެކަމަކު،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި މަރުގެ ހުކުމް ތަންފީޒުކުރުމުގެ މަރުހަލާއަށް ގޮސްފައިވާ މީހުންނާމެދު ހުކުމް ތަންފީޒުނުކޮށް ހިފެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ހައްގެއް ނޫން ކަމަށެވެ.
މަރުގެ އަދަބު ދިނުމާ ގުޅޭ ހުރިހާ ކަމެއް ވަރަށް ތަފްސީލުކޮށް މަޖިލީހަށް ހުށަހެޅި ބިލުގައި ބަޔާންކޮށްފައިވާނެކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އެ ބިލުގައި ހުރިހާ ހައްގުތަކެއް ކަށަވަރުކުރެވި އެންމެ ފަހުވަގުތާ ޖެހެންދެންވެސް މާފު ދެވޭނެ ގޮތަށް ބަޔާންކޮށްފައިވާނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ބިލު މަޖިލީހަށް މިއަދު ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު އެވެ. އެ ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނީ ކުށްވެރިޔާގެ ފުރާނަ ނެތިކޮށްލުމަށްޓަކައި އޭނާގެ ކަރުގައި މަޅިއެއް އަޅުވައި ބާރުކުރުމަށްފަހު، އެ މަޅީގައި އޭނާ އެލޭނެ ގޮތަށް ދަންޖައްސައިގެން ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުމާއެކު އަދި ވާރިސުންގެވެސް ރުހުމާއެކު ކުށްވެރިޔާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކަންކަން ހިންގާ ބަލަހައްޓާނީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލަކުންނެވެ. އެ ޕެނަލް ކޮންމެ މައްސަލައަކަށް ވަކިން އެކުލަވާލާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިންނެވެ.
މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ މަރުގެ މައްސަލަތަކުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގަ އެވެ.
މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ ތެރެއިން ވަކި ބަރުދަނެއް ހަމަވާ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން ހުކުމް ކުރާ ހާލަތުގައި ޑްރަގުގެ ބޮޑުންނަށް މަރުގެ އަދަބު ދިނުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް މި ސަރުކާރުން ވަނީ ބަދަލު ގެނެސްފަ އެވެ.
ރާއްޖޭގައި 1954 ވަނަ އަހަރުގެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައި ނުވެ އެވެ. އަދި 2024 ވަނަ އަހަރުގެ ނިޔަލަށް ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިމި މަރުގެ އަދަބު ދޭ ހިސާބުގައި ހަތަރު މީހަކު ތިބި ކަމަށް ސަރުކާރުން 2024 ވަނަ އަހަރު ހާމަކުރި އެވެ.
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެންނަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ނިންމި އެވެ. އެހެން ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ސިޔާސަތު 2018 ގައި ބަދަލުކުރި އެވެ.
މަރުގެ އަދަބު ތަންފީޒު ކުރަން ކުރިން ވަކާލާތު ކުރެއްވި ނަމަވެސް، ޝަރުއީ ދާއިރާއަށް އިތުބާރު ނެތުމުން އެކަމަށް މިހާރު ތާއިދު ނުކުރައްވާ ކަމަށް ޔާމީން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ވިދާޅުވި އެވެ.








