އިންސާފުވެރިކަމާއެކު މަރުގެ ހުކުމް ތަންފީޒު ކުރެވިދާނެތޯ ސުވާލު އުފައްދަވައި ޖިންސީ ގޯނާގެ މައްސަލަތަކުގައި ޖަލަށް ހުކުމްކޮށްފައި ތިބި އެތައް ބަޔަކު ތިބީ ގޭގައި ކަމަށް ވިދާޅުވެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސްކުރައްވަމުން ކުޑޫ ވިދާޅުވީ މަރުގެ ހުކުމަކީ ތަންފީޒު ކުރަންޖެހޭ ކަމެއް ކަމަށާއި އެކަމާ ދެކޮޅު ނުހެދޭނެ ކަމަށެވެ. ނަމަވެސް، ރާއްޖޭގެ ކަންކަން ހުރިގޮތުން، އިންސާފުވެރިކަމާއެކު އެ އަދަބު ތަންފީޒު ކުރެވިދާނެތޯ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖިންސީ ގޯނާ ކޮށްގެން ހުކުމް ތަންފީޒުކުރަންޖެހޭ މީހުންގެ ތެރެއިން، 240 މީހުންގެ ތެރެއިން 20 މީހުން ތިބީ ގޭގައި. އަޅުގަނޑުމެންގެ މި މާލެ ސަރަހައްދުަގައި އޭގެ މީހުން ގިނައިން ތިބީ، އެމީހުން ސައިހޮޓާ ކެފޭ ރެސްޓޯރެންޓުތަކަށް ވަންނަމުން އެބަދޭ، މިއީ އަޅުގަނޑުމެންގެ ކަންބޮޑުވުން އޮތްކަމެއް، މިހައި ހިސާބުން އަޅުގަނޑުމެންގެ އެބަ ސުވާލަކީ އަދުލު އިންސާފު ގާއިމުކުރެވޭތޯ އޭ އެބަ އަޅުގަނޑުމެންނަށް،" ކުޑޫ ވިދާޅުވި އެވެ.
އެފަދަ މީހުން މާލޭގެ މި ބައިބީ މާހައުލުގައި މިހާރު ވެސް އުޅެމުން ދަނީ ކުޑަކުދިންނާއެކު ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ ކަންކަން އެހެން ހުރުމުން، މަރުގެ ހުކުމް އިންސާފުވެރިކަމާއެކު ތަންފީޒު ކުރެވިދާނެތޯ ޝައްކު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަން އާންމުވެފައި އޮތީ މިސްކިތްތައް އެޅުމާއި ހައްޖު ކޯޓާއިން ވެސް ވައްކަން ކުރާ މިންވަރަށް ކަމަށެވެ. އެކަން އެހެން އޮއްވައި މަރުގެ ހުކުމް ތަންފީޒު ކުރާނަމަ، އެ އަދަބު ތަންފީޒުކުރަން ގަންނަންޖެހޭ ވާގަނޑު ގަތުމުގައި ވެސް ކޮރަޕްޝަން ހިންގާނެކަމަށް ކުޑޫ ވިދާޅުވި އެވެ.
މަރުގެ ހުކުމް ތަންފީޒު ކުރެވެން ޖެހޭނީ ވަރަށް އިންސާފުވެރިކަމާއެކު ހިންގޭ ޝަރީއަތެއްގެ ދަށުން ކަމަށް ކުޑޫ ވިދާޅުވި އެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅައިފައިވާ މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ބިލުގައި ވަނީ މަރުގެ އަދަބު ތަންފީޒު ކުރާނީ ދަންޖައްސައިގެން ކަމަށާއި އެ އަދަބު ތަންފީޒުކުރުމަށްޓަކައި ބޭނުންކުރާ އާލަތްތަކާއި ތަކެތި، އަދި އެކަން ކުރާނެ ގޮތް، އެއީ، ކުށްވެރިޔާއަށް އެންމެ ވޭން ކުޑަވާނެ ގޮތަކަށް އަދި ވީއެންމެ އަވަހަކަށް އަދަބު ތަންފީޒުކުރެވޭނެ އާލާތްތަކާއި ތަކެއްްޗަށް އަދި ގޮތަކަށް ކަމުގައި ވާންވާނެ ކަމަށެވެ.
އެގޮތުން، ދަންޖެއްސުމަށް ބޭނުންކުރެވޭ ތަކެއްޗާއި، އާލާތްތަކާއި، ދަންޖެއްސުމުގެ ތަފްސީލީ އުސޫލުތަކާއި އިޖުރާއަތްތައް މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރަން ޖެހޭނެ އެވެ.
ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުމާއެކު އަދި ވާރިސުންގެވެސް ރުހުމާއެކު ކުށްވެރިޔާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކަންކަން ހިންގާ ބަލަހައްޓާނީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލަކުންނެވެ. އެ ޕެނަލް ކޮންމެ މައްސަލައަކަށް ވަކިން އެކުލަވާލާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިންނެވެ.








