ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިޔުމަށްޓަކައި، ތާއަބަދަށް ކުލީގެ އެއްބަސްވުން އާކުރެވޭ ގޮތަށް ހިމަނައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ރިއަލް އެސްޓޭޓް ބިލު ހިމެނޭހެން ހަތަރު ބިލުގެ އިބްތިދާއީ ބަހުސް މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފި އެވެ.
ރަސްމާލެ ވިއްކާލުމަށްޓަކައި ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު، އަހުމަދު އައިފާން ހުށަހަޅުއްވާފައިވާ ރިއަލް އެސްޓޭޓް ބިލުގެ އިތުރުން، މާދަމާގެ އެޖެންޑާގައި ހިމަނައިފައި ވަނީ މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ބިލާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލުގެ އިތުރުން ދިވެހިރާއްޖޭގެ އިމިގްރޭޝަނުގެ ބިލުގެ ބަހުސް އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފައިވާ ރިއަލް އެސްޓޭޓް ބިލުގެ 89 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ހާއްސަ ޒޯނުގައިވާ އެޕާޓްމަންޓްތަކާއި ޕްރޮޕަޓީތަކުގެ ލީސްހޯލްޑް ބޭރު މީހުންނަށް 99 އަހަރަށް ވިއްކޭނެ ކަމަށެވެ. އަދި ބޭރު މީހަކު މާސްޓާ ޑިވެލޮޕަރުގެ އަތުން ތަނެއް ގަތުމުން، ލިބެނީ ކުރީގެ ލީސްގެ ބާކީ އޮތް މުއްދަތެއް ނޫނެވެ.
ގާނޫނުއަސާސީއާ ހިލާފަށް ތާއަބަދަށް ކުލީގެ އެއްބަސްވުން އާވާގޮތަށް ރަސްމާލެ ބިލު މަޖިލީހަށް
ރިއަލް އެސްޓޭޓް ބިލުގެ ދަށުން "ސަރެންޑާ އެންޑް ރީ-ގްރާންޓް" މޮޑެލް މެދުވެރިކޮށް، ބޭރު މީހުންނަށް ދޫކުރާ ލީސްގެ މުއްދަތު ކޮންމެ ފަހަރަކު އާވާގޮތަށް ހަދައި ތާއަބަދަށް ބިން މިލްކުކުރެވޭނެ އިންތިޒާމެއް ސަރުކާރުން ވަނީ ހުށަހަޅާފައެވެ. މި ބަދަލުގެ ސަބަބުން ގާނޫނުއަސާސީގައި ބިން ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް އޮންނަ އޮތުމުގެ ހިމާޔަތް ގެއްލިގެންދާނެ ކަމަށް ބެލެވެއެވެ. ސަރުކާރުން މިކަން ސިފަކުރަނީ ރިއަލް އެސްޓޭޓް މާކެޓަށް ގެންނަ ލުޔެއްގެ ގޮތުގައެވެ.
އޭގެ ބަދަލުގައި، ކުރީގެ ލީސް ސަރުކާރަށް ދޫކޮށްލުމުން، ގަތް ފަރާތަށް ސީދާ އާ 99 އަހަރުގެ ލީސްއެއް އޮތޯރިޓީން ދޫކުރަން ޖެހޭނެ އެވެ. ބިލުގެ 78 ވަނަ މާއްދާގެ ށ. ގައިވާ ގޮތުން، މާސްޓާ ޑިވެލޮޕަރުގެ މުއްދަތު ހަމަވި ނަމަވެސް އެ ގޮތަށް ދޫކުރާ ލީސް ދެމިއޮންނާނެ އެވެ.
މި މޮޑެލްގެ ދަށުން ގަންނަ ބޭރު މީހުންނަށް އެ ޕްރޮޕަޓީ އެހެން ފަރާތްތަކަށް އަލުން ވިއްކުމާއި، ބޭންކުތަކަށް ރަހުނުކުރުމުގެ ފުރިހަމަ އިހުތިޔާރު ލިބިގެންދެ އެވެ. އެހެންކަމުން މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް ގެނައި އިންތިޒާމެއް ކަމަށް ބެލެވެ އެވެ.
އޭގެ އިތުރުން، އީގަލް ހިލްސްއަށް ރަސްމާެލެއިން ދޫކޮށްލާ 500 ހެކްޓަރު ބިމުން އެއް ގައުމެއްގެ ރައްޔިތުންނަށް އެންމެ ގިނަވެގެން ގަނެވޭނީ 25 ޕަސެންޓުގެ ބިންކަމަށް އެ ބިލުގައި ވަނީ ހިމަނައިފަ އެވެ.
ވިލިމާލެ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއިލް މަޖިލީހަށް ހުށަހަޅުއްވައިފައިވާ އަބުރުގެ ބިލުގައި ވަނީ އަބުރާ ބެހުމުގެ އަމަލުތަކުގެ ގޮތުގައި ބެލެވޭނެ ވަރަށް ބައިވަރު ކަންކަން ހިމަނައިފަ އެވެ.
އެގޮތުން، ބުނާ ބަސްތަކަކެއްގެ ސަބަބުން، ދައްކާ ފޮޓޯއެއް ނުވަތަ ކުރެހުމެއްގެ ސަބަބުން ވެސް އަބުރުގެ ދައުވާ ކުރެވިދާނެ ކަމަށް އެ ބިލުގައި ހިމަނައިފައިވެ އެވެ. އޭގެ އިތުރުން، ވަކި މީހަކު ސިފަވާގޮތަށް ހަދާފައި ހުންނަ ތަކެތި މެދުވެރިކޮށް ނުވަތަ ހަދާ ފިލްމަކުން ނުވަތަ ތަމްސީލެއްގެ ސަބަބުން ވެސް އަބުރުގެ ދައުވާ ކުރެވިދާނެ ކަމަށް އެ ބިލުގައި ހިމަނައިފައިވެ އެވެ.
އޭގެ އިތުރުން، މީހަކު ކުރާ އިޝާރާތެއްގެ ސަބަބުން ނުވަތަ ކުރާ ހަރަކާތެއްގެ ސަބަބުން ވަކި ފަރާތެއްގެ އަބުރާބެހެވޭ ފަދަ އެއްޗެއް ސިފަކުރެވިފެން ނުވަތަ ވިސްނި، ދޭހަވިޔަސް އެ ބިލުގައި ވާގޮތުން އަބުރުގެ ދައުވާ ކުރެވެ އެވެ.
އެ ބިލުގައި ވާގޮތުން އަބުރުގެ ދައުވާއެއް އުފުލޭނީ އަބުރާ ބެހުމުގެ އަމަލުތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކީ، އޭގައި ހަގީގަތެއް އެކުލެވިގެން ނުވާ ދޮގަކަށް ވެއްޖެ ނަމަ އެވެ.
އަބުރުގެ ދައުވާއެއް ސާބިތުވެއްޖެ ނަމަ، ބަދަލުގެ ގޮތުގައި 50،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދެއްގެ ބަދަލެއް ނަގައިދެވިދާނެކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެ ބިލުގައި ވާގޮތުން، އަބުރާ ބެހުމަކީ މަދަނީ ކުށެކެވެ.
މާދަމާގެ އެޖެންޑާގައި ދެން ހިމަނައިފައިވާ މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ބިލުގައި ވަނީ މަރުގެ އަދަބު ތަންފީޒު ކުރާނީ ދަންޖައްސައިގެން ކަމަށާއި އެ އަދަބު ތަންފީޒުކުރުމަށްޓަކައި ބޭނުންކުރާ އާލަތްތަކާއި ތަކެތި، އަދި އެކަން ކުރާނެ ގޮތް، އެއީ، ކުށްވެރިޔާއަށް އެންމެ ވޭން ކުޑަވާނެ ގޮތަކަށް އަދި ވީއެންމެ އަވަހަކަށް އަދަބު ތަންފީޒުކުރެވޭނެ އާލާތްތަކާއި ތަކެއްްޗަށް އަދި ގޮތަކަށް ކަމުގައި ވާންވާނެ ކަމަށެވެ.
ދަން ޖައްސައިގެން މަރުގެ އަދަބު ތަންފީޒު ކުރާ ގޮތަށް ބިލު މަޖިލީހަށް
މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ބިލުގައިވާ ގޮތުން، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރާނީ އެންމެ ވޭން ކުޑަވާނެ ގޮތަށް ބަލައިގެން ދަންޖައްސައިގެން. މި ހުކުމް ތަންފީޒުކުރާނީ ޝަރުއީ ހުރިހާ މަރުހަލާއެއް ނިމި ވާރިސުންގެ ރުހުން ލިބުމުން، ކަރެކްޝަންސްއިން އެކުލަވާލާ ހާއްސަ ޕެނަލެއްގެ ބެލުމުގެ ދަށުން.
އެގޮތުން، ދަންޖެއްސުމަށް ބޭނުންކުރެވޭ ތަކެއްޗާއި، އާލާތްތަކާއި، ދަންޖެއްސުމުގެ ތަފްސީލީ އުސޫލުތަކާއި އިޖުރާއަތްތައް މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރަން ޖެހޭނެ އެވެ.
ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުމާއެކު އަދި ވާރިސުންގެވެސް ރުހުމާއެކު ކުށްވެރިޔާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކަންކަން ހިންގާ ބަލަހައްޓާނީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލަކުންނެވެ. އެ ޕެނަލް ކޮންމެ މައްސަލައަކަށް ވަކިން އެކުލަވާލާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިންނެވެ.








