ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ކަމަށް ބުނެ ހިއްކަމުންދާ ރަސްމާލޭގައި މި ސަރުކާރުން ހިންގަން އުޅޭ ރެޒިޑެންސީ ޕްރޮގްރާމް ރައީސް މުހައްމަދު މުއިއްޒަށް ނުހިންގޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ޔޫއޭއީގެ އީގަލް ހިލްސްއަށް ރަސްމާލެއިން އެއްބައި ދޫކޮށްލުމުގެ ކުރިން ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާގައި ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ސިޔާސަތުތައް ގެނެސްގެން އެ ސިޔާސަތުތައް ކާމިޔާބުކުރާ ބައެއް ކަމަށާއި މުއިއްޒަށް ރަސްމާލޭގައި ހިންގަން އުޅޭ ރެޒިޑެންސީ ޕްރޮގްރާމް ހުއްޓުވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަކީ ސިޔާސަތެއް ގެނެސްގެން އެ ސިޔާސަތުގެ ދަށުން ކާމިޔާބުކުރާ ބައެއް. އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުމެންނަށް މިކަން ވާނެ. އިރާދަކުރެއްވިއްޔާ ރައީސް މުއިއްޒަކަށް މި ފުށިދިއްގަރުގައި މި ޕްރޮގްރާމެއް ނުހިންގޭނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރަސްމާލެ މައްސަލައިގައި އަޑު އުފުލަން ބޭނުންވާ އެންމެން އެކަމުގައި ރަނގަޅު ނަތީޖާއެއް ނެރެން ބޭނުންވާނަމަ އެމްޑީޕީގެ ފަހަތަށް އަރަން އެދޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަކީ ތަންދޮރު ދަންނަ ބައެއް ކަމަށައި އެ ޕާޓީ ތެރޭގައި ތިބީ ހަމައެކަނި ހަޅެއް ލަވަން ދަންނަ ބައެއް ނޫން ކަމަށެވެ.
"މިކަމުގައި އަޑު އުފުލާން ބޭނުންފުޅުވާ ބޭފުޅުން، މިކަމުގައި ހަގީގީ ނަތީޖާއެއް ނެރެން ބޭނުންފުޅުވާ ބޭފުޅުން އަޅުގަނޑުމެންގެ ފަހަތަށް އަރުއްވާ. އަޅުގަނޑުމެންގެ ފަހަތަށް އަރުއްވާ، އަޅުގަނޑުމެންނަކީ ތަންދޮރު ދަންނަ ބައެއް. އަޅުގަނޑުމެންނަކީ މިކަން ކުރަން އެނގޭ ބައެއް. އަޅުގަނޑުމެންނަކީ ތަނެއްގައި ތިބެ ހަމައެކަނި ހަޅޭލަވަން އެކަނި އުޅޭ ބައެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މާލެ ސަރަހައްދަށް މީހުން ޖަމާކުރަން ފުށިދިއްގަރު ފަޅުގައި ރެޒިޑެންސީގެ އެ ޕްރޮޖެކްޓް ހިންގައިގެން ނުވާނެ ކަމަށާއި އެތަނުގައި އެކަން ކޮށްފިނަމަ ރާއްޖެ ހަލާކުވާނެ ކަމަށެވެ.
މީގެއިތުރުން ގައުމުތަކުން ދަރަނީގެ ތުންފަތްމައްޗަށް އައުމުން ފައިސާ ހޯދަން ނުއަގުގައި ކަންކަން ކުރަމުންދާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ މުއިއްޒު ކުރައްވާ ކަންތައްތައް ކުރައްވަން ދޫކޮށްނުލެވޭނެ ކަމަށެވެ.
ރަސްމާލޭގެ ބިމުން 500 ހެކްޓަރުގެ ބިން، ޔޫއޭއީގެ އީގަލް ހިލްސް އަށް ދިނުމަށް ސަރުކާރުން ނިންމާފައިވަނީ ކުރިން އިއުލާން ކުރުމަކާ ނުލައި ބިޑު ވެސް ނުކޮށް، ކަމުގެ ހަގީގަތް ނޭނގޭ ސިއްރު ވެރި ގޮތެއްގަ އެވެ. އެ ބިން އީގަލް ހިލްސް އަށް ކުއްޔަށް ދެނީ 99 އަހަރަށް ކަމަށް ސަރުކާރުން ބުންޏަސް، އީގަލް ހިލްސް އިން ބުނެފައިވާ ގޮތުގައި އެ ކުންފުންޏަށް ރަސްމާލެ ލިބެނީ ދާއިމީ ގޮތެއްގަ އެވެ.
އެއީ 99 އަހަރަށް ކުއްޔަށް ހިފުމަށް ފަހު، އެ ބިން ވާރުތައިން ނުވަތަ ވިއްކައިގެން ވިޔަސް އެހެން ބަޔަކަށް ދިނުމާ އެކު އިތުރު 99 އަހަރުގެ މުއްދަތެއް ގުނަންޖެހޭ ގޮތަށް އޮތުމުން ކަމަށް، އީގަލް ހިލްސް ކުންފުނިން ވަނީ ބުނެފަ އެވެ. ރާއްޖޭގެ އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ވެސް ބުނެފައިވަނީ، ހައުސިން މިނިސްޓަރު ބްދުﷲ މުއްތަލިބުގެ އެ ގުޅުމުގެ މެމްބަރުންނަށް މައުލޫމާތު ދެއްވި އިރު ވެސް، އެކަން ބަޔާންކުރައްވާފައިވާ ކަމަށް އެ ގުޅުމުން ބުނެ އެވެ.








