ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތައް އެމަނިކުފާނުގެ ދަރިކަލުން ޔާމީން ޝާހިދު ދޮގުކުރައްވައިފި އެވެ.
ޝާހިދު ހައްޔަރުކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ޔާމީން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ބައްޕަގެ އަހުލާގާއި، ގަބޫލުކުރައްވާ އުސޫލުތަކާއި، އެއީ ކޮންކަހަލަ ބޭފުޅެއްކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.
"އަހަރެންގެ ބައްޕަގެ މިޒާޖާއި، ގަބޫލުކުރާ އުސޫލުތަކާއި އަދި އެއީ ކޮންކަހަލަ މީހެއްކަން އަހަރެންނަށް އެނގޭ. އޭނާގެ މައްޗަށް އެ ކުރެވޭ ތުހުމަތުތަކަކީ އޭނާ ދުވަހަކުވެސް ކުރާނެ ކަމެއް ނޫންކަން އަހަންނަށް އެނގޭ،" ޔާމީން ވިދާޅުވި އެވެ.
ފުލުހުން ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، އަދި ބައެއް މީޑިއާތަކުން އޭނާ ހައްޔަރުކޮށްފި ކަމަށް ބުނެފައި ވަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތުހުމަތުތައް އޭނާ ދޮގުކުރެއްވި އެވެ.
"އަޅުގަނޑުގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެވެ. މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދެމެވެ." ޝާހިދު އެކްސްގައި އެންމެ ފަހުން ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އޭނާގެ ބައްޕަ ހައްޔަރުކުރި މަންޒަރުން ހިތްދަތިވި ކަމަށާއި "މިކަން ހިނގައިދިޔަ ގޮތުން ބޮޑެތި ސުވާލުތަކެއް އުފެދޭ" ކަމަށެވެ.
ޝާހިދު އަށް އިންސާފާއި، ފުރިހަމަ ގާނޫނީ އިޖުރާއަތްތަކާއި، އަދި އަމިއްލަ ނަފްސު ދިފާއުކުރުމަށް ލިބެންޖެހޭ ކޮންމެ ފުރުސަތެއް ހައްގުވާ ކަމަށް ވެސް ޔާމީން ވިދާޅުވެފައިވެ އެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާއި އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ޝާހިދު ހައްޔަރުކުރީ އޭނާ ދިރިއުޅޭ ހުޅުމާލެ އޯޝަން ފްރޮންޓު ރެޒިޑެންސްގެ އެޕާޓްމަންޓު ބަލައި ފާސްކުރުމަށްފަހުގަ އެވެ. މި ހާދިސާ ހިނގާފައިވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝާހިދު ތައްޔާރުވަމުންދަނިކޮށެވެ.
މި މައްސަލައިގައި ޝާހިދު ހައްޔަރުކޮށްގެން ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށެވެ. އެތަނުން އޭނާ ގެންދިޔައީ ދޫނިދޫ ޖަލަށެވެ. ބަންދުގެ އިތުރުކުރުމުގެ މުއްދަތު ޖެހުމަށް މިއަދުގެ ވަގުތެއްގައި ޝާހިދު ކޯޓަށް ހާޒިރުކުރާނެ އެވެ.











